...

Support Us

ކޮލަމް މާޒީ: ޖުމްހޫރީ ރިޔާސަތުގެ އާ ދައުރެއް ފެށޭ ހިނދު!

ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހު 11 ވަނަ ދުވަހަކީ ޤައުމީ ޙަޔާތުގައި މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ކުރީން ކޮންމެ އަހަރެއްގެ ޖުމްހޫރީ ދުވަހަކީ ޤައުމުގެ ރިޔާސަތުގެ އާ ދައުރަކަށް ޓަކައި، ރައީސް-މުންތަޚަބު ހުވާކުރައްވާ ދުވަހެވެ. ނަމަވެސް އެ އަހަރު ދިމާވި ސަބަބުތަކަކާހުރެ ރިޔާސީ އިންތިޚާބު ނިމުނީ ނޮވެންބަރު މަހު 16ވަނަ ދުވަހުއެވެ. އެ ފަހަރު އިންތިޚާބުވެވަޑައިގަތް އިންތިޚާބީ ރައީސަށް ވެރިކަން ހިންގަވާނެ ގޮތާ މެދު ފިކުރުފުޅު ހިންގަވައިލައްވާނޭ ކުޑަ ވެސް ފުރުޞަތެއް ލިބިވަޑައިނުގެން ޖެހިވަޑައިގަތީ ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާށެވެ. އޭގެ ކުރީން ވެސް އަދި އޭގެ ފަހުން ވެސް ކޮންމެ ރައީސަކަށް ވެސް އިންތިޚާބަށް ފަހު ޤައުމުގެ ކަންކަން ތަންޒީމުކުރައްވާން މަހެއް ދޮޅުމަހެއްހާ ދުވަސް ލިބިވަޑައިގަނެއެވެ. ކޮންމެއަކަސް އެ އަހަރު އިންތިޚާބުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ ރައީސްކަމުގެ ހުވާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކުރެއްވީ ނޮވެންބަރުމަހު 17ވަނަ ދުވަހުއެވެ. އެހެންކަމުން އޭގެ ފަހުން ފަސް އަހަރުގެ ރިޔާސީ ދައުރު މި ހަމަވަނީ ނޮވެންބަރު މަހު 17 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖުމުހޫރީ ދުވަހަކީ ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔަތު ގާއިމު ކުރެވުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެއްކަމަށް ވާތީ ޖުމުހޫރީ ދުވަހަކީ ނޮވެންބަރު 11ކަމުގައި ދެމި އޮންނާނެއެވެ.

އާދޭހެވެ! ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމަށް 55 އަހަރު ފުރުނީއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޖުމްހޫރިއްޔަތުގެ ހިޔަލުގައި އަޅުގަނޑުމެން ތިބޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވީއެވެ. ނަމަވެސް،… މާފުކުރެއްވުން އެދެމެވެ! ދުވަހުގެ މުހިންމުކަން ދިވެހީންގެ ހިތަށް މާ ބޮޑަށް ވަދެފައި ވެޔެކޭ ދެންނެވޭކަށް ނެތެވެ. ދައުލަތުން ބާއްވާ ރަސްމިއްޔާތެއް ނުވަތަ މީޑިއާއިން ފޮނުވާ ޕްރޮގްރާމެއް ފިޔަވައި، އެ ދުވަސް ފާހަގަވާ މާ ޚާއްޞަ ކަމެއް ނުފެނެއެވެ. މި ފަދަ ދުވަސްތަކަށް އާންމުންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ލިބޭކަމަކަށް ދެންނެވޭކަށް ވެސް ނެތެވެ. ބައެއް އަހަރުތަކުގައި ބައެއް އިސްކޫލުތަކުން ވެސް ކޮންމެވެސް ވަރަކަށް މި ދުވަސް ފާހަގަކުރޭމެވެ. ނަމަވެސް މި ދުވަސް މުހިންމުވަނީ ހަގީގަތުގައި ރައްޔިތުންނަށެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވުމުގެ ހުރިހާ ވެސް ލާބައަކާއި މަންފާއެއް އޮތީ ރައްޔިތުންނަށެވެ. ދެ ނިޒާމުގެ ސިފަތަކަށް ބަލާ ނަމައެވެ. ނިޒާމުގެ ފަލްސަފާއަށް ރިޢާޔަތްކުރާނަމައެވެ.

އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ބައްޓަންކުރެވިފައި އޮތް ގޮތުން ކިޔަވާ ކުދީންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާވާ ގޮތެއް ނެތެވެ. ތަޢުލީމީ ފުރާޅުގެ ދަށުން މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަށް ޤައުމީ ބަޠަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރާކަށް ނޭނގެއެވެ. ގައުމީ ބަހުގެ މުހިންމުކަން ޢަމުދުން ނޭނގެއެވެ. ދިވެހިވެށީގައި ހުންނަ ތަކެއްޗަށް ކިޔާ ނަންތަކެއް ނޭނގެއެވެ. ކުރުކޮށް ދަންނަވާނަމަ، ޤައުމިއްޔަތަކީ ކޮބައިކަމެއް، އޭގެ މުހިންމުކަމެއް ޢަމުދަކުން ނޭނގެއެވެ. މި ކަންކަން އިޙުސާސްކުރައްވައި ދިވެހި ޤައުމީ ބަހާއި ދިވެހި ޤައުމިއްޔަތަށް މި ފެށޭ ރިޔާސީ ދައުރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސް-މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވެފައިވާތީ އަޅުގަނޑުމެން މި ތިބީ ވަރަށް އުންމީދުގައެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅޭން ފެށީ، ވަކި މިވެނި ތާރީޚަކުންކަން ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ނަމަވެސް އެނގޭ ހަގީގަތްތަކެއް އެބަ ހުށްޓެވެ. ދިވެހިރާއްޖޭގައި ދިވެހީން އުޅޭތާ އެތައް ހާސް އަހަރެއްވެއްޖެކަމެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ، ދިވެހީންގެ އަމިއްލަ ވެރިކަމެއް ކުރަމުން އައިކަމެވެ. އެބައިމީހުންގެ މުސްތަޤިއްލު ރަސްކަމެއް ހިންގި ކަމެވެ. ތާރީޚުން ފެންނާން އޮތް އެންމެ ދުރަކަށް ދާއިރު 12ވަނަ ޤަރުނުގެ ވަރަށް ކުރީން ފެށިގެން ދިވެހިރާއްޖޭގައި ރަސްކަމެއް އޮތެވެ. ގިނަ ފަހަރަށް ވިރާސީ ރަސްކަމެއްގެ ސިފައިގައެވެ. އަނެއްބައި ފަހަރު އިންތިޚާބީ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގެ މަތީން 1952ވަނަ އަހަރުގެ ނިޔަލަށް މި ރަސްކަން ދެމި އޮތެވެ. ކޮންމެއަކަސް، އަށް ޤަރުނަށްވުރެ ގިނަ ދުވަހަށް ދެމިގެން އައި ރަސްކަން 1953ގައި ޖުމްހޫރިއްޔަކަށް ބަދަލުކުރީ މި ސަބަބުތަކާ ހުރެ ކަމެއް ނޭނގެއެވެ. ފެންނާންހުރި ލިޔުންތަކަށް ބަލާއިރު، އެ ގޮތަށް އެ ބަދަލު ގެނައީ ރާއްޖޭގެ އެންމެ މަތީ ވަލީ (ވެރިކަން)، ސުމުއްވުލްއަމީރު މުޙަންމަދު އަމީނަށް އަރުވާންވެގެންނެވެ. މުޙަންމަދު އަމީން ރަސްކަން ބޭނުންފުޅު ނުވީއެވެ. ސަބަބަކީ ރަސްކަލަކީ ޢަމަލީ މަޤާމަކަށްވުރެ ޝަރަފުވެރި މަޤާމަކަށްވުމެވެ. ރަސްކަމުގައި ނަމަ، ރަދުންގެ ނަންފުޅުގައި ސަރުކާރު ހިންގަވާން ޙަވާލުވެވަޑައިގެން ހުންނަވާނީ ބޮޑުވަޒީރެވެ. އަމީނަކީ ވަރަށް ޙަރަކާތްތެރި ޢަމަލީ ބޭފުޅެކެވެ. ޒަމާނީ ވިސްނުންފުޅެއްގެ ވެރި ބޭފުޅެކެވެ. ތަޢުލީމީ ބޭފުޅެކެވެ.

ރައްޔިތުން ނުވަތަ ބޮޑުން "ބޭނުންވީ" ރާއްޖޭގެ އެންމެ މަތީ ވެރިކަން މުޙަންމަދު އަމީނާ ޙަވާލުކުރާށެވެ. ވެރިކަމަށް ކިޔާ ނަމެއް އެ މީހުންނަށް މުހިންމެއް ނޫނެވެ. އަމީންދީދީ ބޭފުންފުޅުވި ނަމަ، ރަސްކަމަށް އިސްވެވަޑައިގެން އަރާމާއި ޢިއްޒަތުގައި ހުންނެވުނީހެވެ. ނަމަވެސް ވިލާތުންނާއި ބޭރު ކަރަކަރައިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަމީނުދީދީގެ ޤައުމީ ތަޞައްވުރެއް އޮތެވެ. ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިގުތިސާދީ ރޮނގުތަކުން ރާއްޖެ ކުރިއަށް ގެންދަވާނޭ އަމާޒެއް ހިތްޕުޅުގައި އޮތެވެ. އެހެންކަމުން މުޙަންމަދު އަމީނަށް އެންމެ މަތީ ވެރިކަމުގައި ހުންނަވައިގެން މި ކަންކަން ކުރެއްވޭން އޮތީ ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައިގެން ކަމަށް ވާތީ، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅައިލެއްވީއެވެ. މި ކަމުގައި ތަފާތު ޚިޔާލުފުޅުތައް ގެންގުޅުއްވާ ބޭފުޅުން ތިއްބަވައިފާނެއެވެ. ނަމަވެސް ތާރީޚީ ލިޔުންތަކުން އަޅުގަނޑަށް ފެންނާން ހުރީ މި ހަގީގަތްތަކެވެ.

ފެންނާން ހުރި ހެކިތަކަށް ބަލާއިރު، ދެންނެވޭން އޮތީ ރާއްޖޭގައި އޮތް ރަސްކަމުގެ އެންމެ އާންމު ސިފައަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ވުރެ ބޮޑަށް ރައްޔިތުން ވެރީންނަށް ޚިދުމަތްކުރުމުގެ ސިފައެވެ. ރަސްގެފާނުގެ އަރިހަށް މަޤާމުތަކާ ޙަވާލުވާން އަންނަ މީހުން ވެސް އަންނާން ޖެހެނީ "ވެދުމަކާއިގެން"ނެވެ. ބޭރުގެ ޢިއްޒަތްތެރިއަކު ރަދުންގެ ފައިވާންޕުޅު ދެކޭން އަޔަސް "ވެދުން" ގެންނާންޖެހެއެވެ. މި ޒަމާނުގައި ނަމަ އެ "ވެދުމަށް" ކިޔާނީ އެހެން ނަމެކެވެ. ނަމަވެސް މިއީ މިއަދުގެ މައުޟޫއާ ގުޅޭ ވާހަކައަކަށް ނުވާތީ ތަފުޞީލަކަށް ދާކަށް ނެތީމެވެ. ރަދުންގެ ފަރާތްޕުޅުން ރައްޔިތުންނަށް "އިއްވަވާ" އަމުރުފުޅުތަކުގައި ވެސް ރައްޔިތުންނާ މުޚާޠަބުކުރައްވައިފައި ހުންނަނީ "އަޅުތަކުން"ގެ ގޮތުގައެވެ. ރަސްގެފާނުގެ މަތިވެރިކަމާއި ބާރުވެރިކަން ބަޔާންކުރެއްވުމަށްފަހުގައެވެ. ރައްޔިތުންނަށް އެހެން ގޮތެއް، އެހެން ނިޒާމެއް ފެނިފައެއް ނެތެވެ. ރާއްޖޭގެ ތަޢުލީމީ ޙާލަތު އޮތީ ވަރަށް ދަށުގައެވެ. ރަށެއްގައި ދިރިއުޅޭ، ރަށްރަށުގައި ތިބި، ލިޔާންކިޔާން ދަންނަ މީހުންގެ ޢަދަދު އަތުގެ އިނގިލިތަކުން ވިޔަކޮށްލެވޭހައި މަދެވެ. ރައްޔިތުން ތިބީ ރަސްކަމަށް ހޭނިފައެވެ. އެއީ އެ ކަން އޮންނާން ޖެހޭ ގޮތް ކަމަށް ގަބޫލުކޮށްގެންނެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރާއި ޤަދަރު ދެވިފައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ، ރައްޔިތުން ބޭނުންވެގެންނެކޭ ދެންނެވޭކަށް ނެތެވެ. ޢަމުދުން ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއްކަމެއް ވެސް ރައްޔިތުންނަކަށް ނުވެސް އެނގޭ ޙާލުގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ އެންމެ އިސްވެރިޔާގެ ގޮތުން ވަލިއްޔުލްއަމްރުކަމާ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު، 1953 ޖަނަވަރީ 1ގައި ޙަވާލުވެވަޑައިގަތީ، ކުރީން ދެންނެވި ތަޞައްވުރީ ވިސްނުންފުޅާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ކުރީން ދިވެހީންނަށް ނުފެންނަ ކިތަންމެ ކަމެއް، އަވަސްއަވަހަށް ފެންނާން ފަށައިފިއެވެ. އަންހެނުންނަކީ ގޭގައި ތިބޭންޖެހޭ ބަޔެއްކަމަށް ދުށް މުޖުތަމަޢުގެ އިސް ސަފަށް އަންހެނުން ނެރުއްވާން ފައްޓަވައިފިއެވެ. އަންހެނުންނަކީ ފިރިހެނުންނެކޭ އެއް ފަދައިން ތަޢުލީމު ލިބޭން ޖެހޭ ބަޔެއްކަމަށް ކަނޑައަޅުއްވައި އެ މީހުން މަދުރަސީ ތަޢުލީމުގެ ތެރެއަށް ނެރުއްވައިފިއެވެ. ރާއްޖޭގައި ބިޑި-ސުއްޓާ ސިނގިރެޓާއި ގުޑުގުޑާއަށް އާދަވެފައި ތިބި ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ޓަކައި، ރާއްޖެއަށް ދުންފަތް އެތެރެކުރުން މަނާކުރައްވައިފިއެވެ. ރާއްޖެއަށް އަވަސް ބަދަލުތަކެއް ގެންނަވާން ހިތްޕުޅުގައި އަޅުއްވައިގެން ހުންނެވި ވެރިއެއްގެ ޒަޢާމަތުގައި އެތައް ޤާނޫނުތަކެއް އަވަސްއަވަހަށް ފާސްކުރައްވާން ފައްޓަވައިފިއެވެ. އަދި މި ފަދަ ބަދަލުތަކަށް ހޭނިފައި ނެތް ރައްޔިތުންނަށް މި ކަންކަން ވީ ނުރުހެވޭ ތަކުލީފުތަކަށެވެ. ތަޙައްމަލުކުރާން ދަތި އުނދަގޫތަކަކަށެވެ. މި ބަދަލުތަކާ ދިމާވީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއާއެވެ. ހުރި ތަނަވަސްކަމެއް ބޭނުންކޮށްގެން ވެސް ދަތުރުފަތުކޮށް، ރާއްޖެއަށް ކާޑު އެތެރެކުރެވޭނެ މާޙައުލެއް ނެތް ބިރުވެރި ދުވަސްވަރަކާއެވެ. އެހެންކަމުން ހޭލުންތެރިކަމެއް ނެތް ރައްޔިތުން ދުށީ ނުވަތަ ބަޔަކު ވިސްނައިދިނީ މިއީ ޖުމްހޫރިއްޔަތެއްގެ ސަބަބުން ރައްޔިތުންނަށް ޖެހުނު މުޞީބާތެއްކަމުގައެވެ.

މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނު އަދި އިބްރާހީމް މުޙައްމަދު ދީދީ (ކ)

ވެރިކަމުގެ ދަހިވެތިކަމުގައި ތިބި ބަޔަކު މި ފުރުޞަތު ދުށީ ރައްޔިތުން ރުޅިއަރުވައިލައިގެން ވެރިކަމަށް އައުމަށް ފަހިވި ތަނަވަސް މަގެއްކަމުގައެވެ. ކުރީގެ މިނިވަންކަމާއި އުއްސަކުރު ޒަމާނާއި ތަނަވަސްކަމާއި ޖުމްހޫރިއްޔާ އައި ފަހުން، ދިމާވި ދަތިތައް އަޅައި ބަލައި، ރައްޔިތުން ރަނގަޅަށް ރުޅިއަރުވައިލިއެވެ. އަދި "ވަލިއްޔުލްއަމްރު" މުޙަންމަދު އަމީން، ޞިއްޙީ ބޭނުންފުޅަކަށް އޮޅުދޫކަރައަށް ވަޑައިގެން ހުންނަވަނިކޮށް، ކުރީން އެ މަނިކުފާނު އެންމެ އިތުބާރުކުރެއްވި ބޭފުޅުން އިސްވެ ތިއްބަވައި 1953 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ވެރިކަން ފުރޮޅައިލިއެވެ. އިންގިލާބެއް ގެނައީއެވެ. ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާއަށް އެންމެ ހަތްމަހާއި 17 ދުވަސް ވީ ތަނާއެވެ. ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް ނުވަތަ ވަލިއްޔުލްއަމްރުގެ ނިމުން ދިވެހި ޤައުމު ދުށީ ލަދުވެތި އަނިޔާތަކަކަށް ފަހުގައެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވި، ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކޮމިޓީއަކުން ހިންގެވުމަށް ފަހު، ދިވެހިރާއްޖޭގައި އަލުން ރަސްކަމެއް ޤާއިމުކުރެވުނެވެ. މި ފަހަރު ތަޚުތުގައި ވެޑުވުނީ އަންނަބީލް މުޙަންމަދު ފަރީދުދީދީއެވެ. އެއީ ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނު ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލު ކީރިތި މަހާރަދުންނެވެ. ރަސްކަމަކަށް އަލުން ރުޖޫއަވިޔަސް ކުރީގެ ރަސްކަންތަކާ ޚިލާފަށް މި ފަހަރު ފެނުނީ ބަރުލަމާނީ ސިފަތަކެކެވެ. ސަރުކާރު ހިންގެވުމުގައި ބޮޑުވަޒީރުގެ ދައުރާއި މިނިވަންކަން ބޮޑުވެފައި އިޚުތިޔާރާއި ބާރު އިތުރުވެފައި ރަސްގެފާނުގެ ދައުރު ހަމައެކަނި ރަމްޒީ އެއްޗަކަށް ބަދަލުވެގެން ދިޔަ މަންޒަރެވެ. އެކަމަކު ހުރިހާ ކަމެއް ހިންގުން އޮތީ ރަސްގެފާނުގެ ނަންފުޅުގައެވެ. މި ގޮތަށް ދެ ބޮޑުވަޒީރަކު ސަރުކާރު ހިންގެވިއެވެ. އެއީ ސުމުއްވުމްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނާއި ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނެވެ. އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އައްޑޫ ގަން އިނގިރޭސީންނަށް ސަތޭކަ އަހަރަށް ދިނުމަށް ކިލެގެފާނު ނިންމެވި ނިންމެވުމަކާ ގުޅިގެން އުފެދުނު ހައިޖާނުގެ ތެރޭގައެވެ.

ނާސިރަކީ ވެސް އަމީނުދީދީ ފަދައިން ތަޞައްވުރީ ބޭފުޅެކެވެ. އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ވަރަށް ގިނަގުނަ ބަދަލުތައް ރާއްޖެއަށް ގެންނަވާން ނާސިރު ބޭނުންފުޅުވިއެވެ. ރާއްޖޭގެ އިގުތިސާދުގައި ވަކި ހިއްޕައިލައިފައި އޮތް، އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ ފުށުން ގައުމު ސަލާމަތްކުރައްވާން އެ މަނިކުފާނު ބޭނުންފުޅުވިއެވެ. އެކި ކަންކަމުގެ ފަންނީ މީހުން އުފައްދަވައިގެން ނޫނީ، ހަރުދަނާ، ފުދުންތެރި އިގުތިސާދެއް ނޫފެއްދޭނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. ބަޔަކު ހެދިހާ ގޮތެއް ހެދިގެން އިނގިރޭސީންގެ އުނގުގައި ނިކަމެތިކަމާއެކު އަބަދު އޮންނާކަށް ނާޞިރެއް ބޭނުންފުޅެއް ނުވިއެވެ. ދުނިޔެއަށް ލޯހުޅުވިފައިވާ، ވަކި ބަޔަކަށް ބަރޯސާނުވާ، ތަރައްޤީވެފައިވާ ފުދުންތެރި މިނިވަން ދިވެހިރާއްޖެއަކީ އެ މަނިކުފާނުގެ ގައުމީ ތަޞައްވުރެކެވެ. އެހެންކަމުން ރަސްކަލެއްގެ ނަންފުޅުމަތީގައި ވެރިކަންކުރެއްވުމުގެ އެދުންފުޅު ކުޑަވެއްޖެއެވެ. ހުރިހާ ބާރުތަކެއް ލިބިވަޑައިގެން އަމިއްލަ ބާރާއި އިޚުތިޔާރުގައި ވެރިކަން ކުރެއްވުމުގެ އެދުންފުޅު ބޮޑުވެއްޖެއެވެ. މި ކަން ކުރެއްވޭން އޮތީ އެންމެ މަގެކެވެ. އެއީ ރަސްކަން އުވައިލައި ޖުމުހޫރިއްޔަތަކަށް ބަދަލުކުރެއްވުމެވެ.

ނުފޫޒު ގަދަ ބޮޑުވަޒީރު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. މި މައްސަލައާ މެދު، މަޖިލީހުގައި ބަހުސްކުރައްވައި، ރާއްޖޭގައި އޮންނާން ފެނިވަޑައިގަންނަވަނީ ޖުމްހޫރިއްޔަތެއްކަމަށް 1967 ނޮވެންބަރު 15ގައި އެ މަޖިލީހުން ފާސްކުރެއްވިއެވެ. ޖުމްލަ 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރު ބޭނުންފުޅުވީ ރައްޔިތުންގެ ޚިޔާލާއެކު ނިޒާމު ބަދަލުކުރައްވާށެވެ. އެހެންނަމަވެސް ފުރަތަމަ ޖުމްހޫރިއްޔަތާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ނުރުހުންތެރިކަން އޭރު ވެސް ކުޑައެއް ނުވެއެވެ. އެހެންކަމުން އެ ކަން ކުރެއްވުމަކީ މާ ފަސޭހަފުޅުކަމަކަށް ނުވާނެކަން ވެސް ނާޞިރަށް އެނގިވަޑައިގަނެއެވެ. އެހެނީ ނާޞިރަކީ ފުރަތަމަ ޖުމުހޫރިއްޔަތު ނާކާމިޔާބުކޮށްލެއްވުމުގެ ވެސް ފުރިހަމަ ބައިވެރިއެކެވެ.

ރައްޔިތުންގެ ވިސްނުން ބަދަލުކުރެއްވުމަށް ޓަކައި ވިސްނުންފުޅު ތޫނު ނާޞިރު ބޭނުންފުޅުކުރެއްވީ ނަފުސާނީ އުކުޅެކެވެ. ފެންނަ ނުފެންނަ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ބޭނުންފުޅުކުރެއްވީ ދެ ބާވަތެއްގެ ލޯގޯއެކެވެ. ރަސްކަމާ ދިމާގައި ވަނީ ތަރިއެކެވެ. ޖުމްހޫރިއްޔަތާ ދިމާގައި ދިވެހި ރުކެކެވެ. ނިޒާމީ (ފެންނަ ނުފެންނަ) ވޯޓުގައި ކެންޕޭނުކުރެއްވުމެއް ނެތި ރައްޔިތުންގެ ހިތްތަކަށް ވައްދަވައިދެއްވީ ތަރިއަކީ އިންސާނުންންނަށް އަތްނުލެވޭހާ މަތީގައި ހުންނަ އެއްޗެއް ކަމާއި ދިވެހި ރުކަކީ ދިވެހީންގެ ދުވަހީ ބޭނުންތަކުގެ ބައިވެރިއެއްކަމެވެ. އެހެންކަމުން ގިނަ ދިވެހީން ފާހަގަލީ ރުކާ ދިމާގައެވެ. ވޯޓުދިނީ ޖުމްހޫރިއްޔަތަށެވެ. މި ގޮތުގެ މަތީން ރައްޔިތުންގެ ވަރަށް މަތީ އަޣުލަބިއްޔަތަކުން ޖުމްހޫރިއްޔަތަކަށް ލިބުމުނު ރުހުމާއި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި އިބްރާހިމް ނާޞިރު ހުންނަވަން ފެނޭތޯ ނެގުނު ފެންނަ-ނުފެންނަ ވޯޓުގައި ނާޞިރަށް ލިބިވަޑައިގަތް ބޮޑު ތާއީދާއެކު ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވާ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) ކުރެއްވީ 1968 ނޮވެންބަރު 11ގައެވެ. އެ ދުވަހު ސުންގަޑި ސުންމިނިޓުގައެވެ. މެންދަމު 12ޖެހިވަގުތުގައެވެ. އާދޭހެވެ! އެއީ 1954 މާރޗް 7ގައި އިޢުލާނުކުރެވުނު ރަސްކަން، 14 އަހަރާއި އަށް މަހާއި ހަތަރު ދުވަހަށް ފަހު އުވި ދިޔައީއެވެ. މިއީ ދެވަނަ ޖުމުހޫރިއްޔަތުގެ ފެށުމެވެ. އެ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުން މި އަންނީ ޖުމްހޫރީ ނިޒާމުގެ ވެރިކަމެވެ. ދިވެހިރާއްޖޭގައި ޖުމުހޫރީ ދުވަސް ފާހަގަކުރަނީ މި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ނޮވެންބަރު މަހު 11ގައެވެ.

މިއަދު ދުނިޔޭގައި އޮތް، މިނިވަން، ސިޔާދަތީ، އިސްތިޤުލާލީ 206 ޤައުމެއްގެ ތެރެއިން 159 ޤައުމެއްގެ ރަސްމީ ނަމުގެ ބައެއްގެ ގޮތުގައި ޖުމްހޫރިއްޔާ (ރިޕަބްލިކް) ބޭނުންކުރެއެވެ. ތަފާތު ވައްތަރުތަކުގެ ޖުމްހޫރިއްޔާތަކެވެ. ނަމަވެސް މީގެ ތަފުސީލަކަށް ނުގޮސް ޖުމުހޫރިއްޔަތުގެ މާނައާއި ޖުމުހޫރިއްޔަތުން ޙާޞިލުކުރާން ބޭނުންވާ ކަންކަމުގެ މައްޗަށް ބަލައިލުން މުހިންމެވެ. ޢަރަބިބަހުން ޖުމްހޫރުގެ މާނައަކީ ގިނަ މީހުންނެވެ. ދިވެހި ބަސްފޮތުގައި ވާ ގޮތުން "ޖުމުހޫރިއްޔާ"ގެ މާނައަކީ ޖުމުހޫރީ ވެރިކަމެވެ. އިނގިރޭސިބަހުން "ޖުމުހޫރިއްޔާ"އަށް ކިޔަނީ "ރިޕަބްލިކް"އެވެ. ލެޓިންބަހުގެ "ރެސް ޕަބްލިކާ"އިން ގެނެވިފައިވާ މި ލަފުޒުން ދޭހަވަނީ "ރައްޔިތުންގެ ކަންކަމަށް އިސްކަންދޭ"، ނުވަތަ "ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރާ" ފަދަ މާނަތަކެކެވެ. އެހެންވީމާ ޖުމުހޫރިއްޔަތުގެ އެންމެ ސާދާ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. ޤައުމަކީ ވެރިކަންކުރާ ވެރީންގެ މިލްކެއްކަމަށް ނުބަލާ ވެރިކަމެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރެވުނީ "ރައްޔިތުންގެ ވޯޓުން"ކަމަށް ފެންނާން އޮތަސް އެ ބަދަލު ގެނެވުނީ، ތަޞައްވުރީ ދެ ޤާއިދެއްގެ، ދެ އިސްވާރެއްގެ ޤައުމީ ތަރައްޤީގެ ވިސްނުންފުޅެއް އޮވެގެންނެވެ. ފުރަތަމަ ޖުމްހޫރިއްޔަތާއި ދެ ވަނަ ޖުމްހޫރިއްޔަތުގައި ވެސް މެއެވެ.

ދެވަނަ ޖުމްހޫރިއްޔަތު ބައި ޤަރުނު ފަހަނަޅައި ޤަރުނަކާ ދިމާއަށް މިޞްރާބު ހިފައިފައި ވާ އިރު، ތަފާތު ފެންވަރުގެ ތަފާތު ސިޔާސަތުގެ ތަފާތު ވިސްނުންފުޅުގެ ހަ ބޭފުޅެއްގެ ރިޔާސަތު އަޅުގަނޑުމެން ތަޖުރިބާ ކޮށްފީމުއެވެ. މި ކުރަނީއެވެ. އެއީ 19 އަހަރު ރައީސްކަންކުރެއްވި، އަދި ކުރީން 10 އަހަރު ބޮޑުވަޒީރުކަން ކުރައްވައިފައިވާ އިބްރާހީމް ނާޞިރާއި 30 އަހަރު ރައީސްކަންކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމާއި ތިން އަހަރެއްހާ ދުވަހު ރައީސްކަންކުރެއްވި މުޙަންމަދު ނަޝީދާއި ދެ އަހަރެއްހާ ދުވަހު ރައީސްކަން ކުރެއްވި ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކާއި ފަސް އަހަރު ދުވަހު ރައީސްކަންކުރެއްވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިހާރު ރައީސްކަމުގައި ހުންނެވި އިބްރާހީމް މުޙަންމަދު ޞާލިޙެވެ. މީގެ ތެރެއިން އަމީންދީދީއާއި އިބްރާހީމް ނާޞިރާއި ރައީސް ޔާމީން ފެނުނީ ތަޞައްވުރީ އިސްވާރުންގެ ގޮތުގައެވެ. އަދި ވަކީން ޚާއްޞަކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވަރުގަދަ ތަޞައްވުރަކާއެކު އަވަސް ބަދަލުތަކެއް ގެންނެވުމުގެ ޢަޒުމުގައެވެ. އަވައްޓެރި ޤައުމުތަކަށް ބަރޯސާވާން ނުޖެހޭ ވަރަށް، ސިންގަޕޫރު ފަދައިން ކުރިއަރައިފައި އޮތް ޤައުމަކަށް ރާއްޖެ ހެދުމުގެ ވަރުގަދަ ތަޞައްވުރާއެކުގައެވެ. އެ މަނިކުފާނުގެ ޒަޢާމަތުގައި މި ކަމުގެ ހެކި ފެނިވަޑައިގަންނަވާނެއެވެ. އެމަނިކުފާނުގެ މި ސިޔާސަތަކީ އަވައްޓެރީންނަށް، ރާއްޖޭގެ ދުޝްމަނުންނަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ. ރިޝްވަތުގެ ކެހިވެރި ދަޅައިގައި، ޣައްދާރުންނާއި ޚާއިނުންގެ އެހީތެރިކަމާއެކު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި "ވިސްނި ބަޔަކު" ވިސްނީ އެހެންވެގެންނެވެ. ޤާނޫނު ހަދާ މަޖިލީހުގެ އެހީގައި އެކަން ކުރާން އުޅުނެވެ. ޖުޑީޝަރީގެ ތެރެއިން އެކަން ކުރުމުގެ މަސައްކަތް ކުރިއެވެ. ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބާ ގުޅިގެން ފާޅުވި ކަންތަކާއި ލީކުވި އޯޑިއޯތަކާއި އިންތިޚާބީ ޝަކުވާތައް ހުށަހެޅިފައި ވަނިކޮށް، އަދި ޤައުމީ އަރުޝީފުގެ ހުއްދަ ނުހޯދައި ޤާނޫނާ ޚިލާފަށް އަވަސް އަރުވައިލައިގެން ވޯޓުކަރުދާސްތައް އަންދައިލުމާއި، މިއިން އެއްވެސް ކަމަކާ މެދު، ސަލާމަތީ ބާރުތަކުންނާއި ޖުޑީޝަރީއިން އަޅުއްވައި ނުލެއްވުމާއި ހުށަހެޅުނު ޝަކުވާތައް ވެސް އެއްވެސް ސީރިއަސް ކަމެއް ނެތި ރައްދުކުރި ގޮތާއި، ރައީސް ޔާމީންގެ މައްޗަށް އަޞްލެއް، އަސާސެއް ނެތް ދަޢުވާއެއް އުފުލައިގެން ކުޅުނު އަދި ކުޅެމުން ގެންދާ ޑުރާމާއާއި، މައްސަލަ ބެއްލެވި ފަނޑިޔާރު އެއްފަރާތްކުރި ގޮތާއި، ކުއްލިއަކަށް ގެނައި ފަނޑިޔާރަކު މައްސަލައިގެ ތެރެއަށް ވަންނާނެ ވަގުތު ނުލިބެނީސް އިއްވި، މުޅި ޖުޑިޝަރީ ލަދުގަންނާނެ ފަދަ، ދަށު ދަރަޖައިގެ ޙުކުމާއި، އެ ކަމުގައި ކަން ހިނގި ނާއިންސާފު ގޮތާއި މި ކަންކަމަށް އަޅުގަނޑުމެން ފަދަ އާދައިގެ ރައްޔިތެއްގެ އާދައިގެ ސިކުނޑިއަކުން ވިސްނައިލިޔަސް ހަގީގަތް ހާމަވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަމަލުކުރެއްވި ގޮތާއި މިހާރުގެ ރައީސް ޢަމަލުކުރައްވާ ގޮތުގެ ތަފާތު ރައްޔިތުންނަށްނަށް ވެސް ވަޒަންކުރެވޭ އިރު، ކުރީގެ ރައީސަށް އިތުބާރު ނެތިފައި މިއަދުގެ ރައީސަށް ފުރިހަމަ އިތުބާރު އޮތީ ކީއްވެގެންކަން ވިސްނޭނެއެވެ. އަދި މި އޮތްހާ ދުވަހު އިތުބާރު އޮވެފައި ކުއްލިއަކަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ވެއްދުމަށް ފަހު، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުމާއެކު އެ މައްސަލަ އަނބުރައި ގެންދަވައި އަލުން އިތުބާރު ދެއްވި ގޮތާއި ރިޔާސީ އިންތިޚާބުގެ ފަހުބުރުން މިހާރުގެ ރައީސް ސޯލިހަށް ލިބިވަޑައިގަތް ނާކާމިޔާބީއާއެކު، އަނެއްކާ އިތުބާރު ނެތް މައްސަލަ އަލުން ހުށަހެޅުނު ގޮތާއި މިހާރު މަޖިލީސްގައްޔާއި ކޯޓުގައި ހިނގާ ކަންކަމަށް ބެލުމުން ވިސްނާ ބަޔަކަށް ޢިބްރަތްތަކެއް ލިބޭނެއެވެ. މީގެ ކުރީން "ޓަކައިޓަކައި" ގޮވި އަނގަތަކުގައި ވަރަށް ވަރުގަދަ ޓޭޕެއް އަޅައި ބަންދުކޮށްފައިވާތީ ރައްޔިތުންނަށް މިއަދު ފެންނާނެއެވެ. ނޫސްވެރީންގެ ބަސްމަގާއި ރާގާއި އެ މީހުންގެ ޙާލަތު ވެސް ވަޒަންކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ. އެ ކަމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއްކަން އެއީ އެންމެން ދަންނަ ކަންކަމެވެ. އެ ވާހަކަ ދައްކާކަށް ނެތީމެވެ.

އިންތިޚާބާ ހަމައަށް ދާއިރު، ދިއްކޮށްލާ "ހަދިޔާ"ގެ މަސްތުގައި ވޯޓު ވިއްކައިލުމަށްފަހު، އޭގެ ގެއްލުންތައް ތަޙައްމަލުކުރާން ޖެހުމުން ޝަކުވާކުރުމަކީ މައްސަލައެކެވެ. ވޯޓު ވިއްކާ މީހަކަށް އެ ޙައްޤެއް ނެތެވެ. އޭނާ ބޭނުންވީ އެ ވަގުތު ލިބޭ ފައިސާއެވެ. އެ ހޯދުމަށްފަހު އޭނާގެ ވޯޓު ވިއްކައިލީއެވެ. ވީމާ ފައިސާކޮޅު ލިބިފައިވާ ނަމަ، އޭނާއަށް އަގު ލިބުނީއެވެ. އިތުރު މަންފާއަކަށް ނުވަތަ ހެވަތަކަށް ވަކާލާތު ކުރުމަކީ އޭނާގެ ޙައްޤެއް ނޫނެވެ.

ވިސްނައިވަޑައިގަތުން ހުއްޓެވެ! ފާފު މަޝްރޫޢާއި އިހަވަން މަޝްރޫޢާ ދެކޮޅަށް އަޑު އުފުލީ "ދިވެހީން"ކަމަށް ވިޔަސް އެއީ ދިވެހީންގެ އަޑެއް ނޫނެވެ. ސައޫދީ ރަސްގެފާނާ އިދިކޮޅަށް މީސްމީޑިއާގައި ފާޅުކުރި ދަށު ދަރަޖައިގެ ޝުޢޫރުތަކާއި މި ހުރިހާ ކަމަކީ ވެސް އެއީ ދުޝްމަނުން "ޖެހި ބެރަކަށް ދިވެހީން ނެށި ނެށުމެކެވެ." މެލޭޝިއާ ކައިރީގައި ސިންގަޕޫރެއް އުފެދުނު ފަދައިން ބޮޑުބޭބެގެ ބަނޑުދޮށުގައި އޮވެ ބޮޑުވި ކުއްޖަކު ބޮޑުބޭބެއަށްވުރެ މުއްސަނދިވާ ތަން ދުށުމަކީ އަމިއްލަ އެދުންބޮޑު މަކަރުވެރި ބޮޑުބޭބެއަކަށް ކެތްވާނޭ ކަމެއް ނޫންތާއެވެ! ހެޔޮއެދޭ އިޚުލާޞްތެރި ބޮޑުބޭބެއަކު ކޮއްކޮ މުއްސަނދިވާން އެދުނަސް، އަމިއްލަ އެދުންބޮޑު، ހިތްނުބައި، ޚަޞީލަތް ނުބައި ބޮޑުބޭބެއަކު މި ކަމަކަށް ނޭދޭނެއެވެ. މިހާވަރުން މި ވާހަކަ ވެސް ތިޔަ ބޭފުޅުންގެ ސިކުންޑިފުޅުތަކަށް ދޫކޮށްލާނަމެވެ.

ކޮންމެއަކަސް ޒަމާންވީ ރަސްކަމުން ޖުމުހޫރިއްޔަތަކަށް ފުރޮޅައިލައި، ވެރީންގެ ވެރިކަމަކުން ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވެ، ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ރައްޔިތުންނަށް ލިބުނު ކުރިއެރުމާއި ހާސިލުވި އުންމީދުތަކުގެ މައްޗަށް ވާހަކަދެއްކުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. ރާއްޖެއާ އެއް ދުވަސްވަރެއްގައި މިނިވަންކަން އިޢުލާންކުރި، ރާއްޖެއަށްވުރެ ވަސީލަތްތައް މަދު ސިންގަޕޫރު ކުރިއަރައިގެން އައި ގޮތާއި ރާއްޖެ މި ޙާލަތުގައި އޮންނާން ޖެހުނީ ކީއްވެގެން ކަމާމެދު އަޅުގަނޑު ބަހުސްކުރާކަށް ނެތީމެވެ. އެ ކަމަށް އިންސާފުކުރައްވާނީ ތިޔަ ޢިއްޒަތްތެރި ރައްޔިތުންނެވެ. ޖުމްހޫރިއްޔަތުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނީ، ވޯޓު ގަނެވިއްކުމާއި ރިޝްވަތުގެ ނުބައި ބަލީން ރައްޔިތުން ސަލާމަތްވެ، އަމާނާތްތެރިކަމާއެކު ﷲއަށް ޓަކައި، އެންމެ ރަނގަޅު އެންމެ ޤާބިލު އެންމެ އަމާނާތްތެރި ކެންޑިޑޭޓުންނަށް ވޯޓުލާން ރައްޔިތުންނަށް ދަސްވި ދުވަހަކުންނެވެ. އެހެން ނޫންނަމަ، ދިގު ކިޔޫގައި ތިބެގެން ވޯޓުކަރުދާސްކޮޅުގައި ފާހަގައެއްލައި ވޯޓުފޮއްޓަށް ވޯޓު ވައްޓައިލުން ފިޔަވައި އިތުރު ހައްގެއް ރައްޔިތަކަށް ނުލިބޭނެއެވެ.

މި އަހަރު ޖުމުހޫރީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ދިވެހިވަންތަ ޖުމުހޫރީ ވެރިކަމެއް މި މަހު 17ގައި ފެށޭނެކަމަށް އުންމީދުކުރެވެއެވެ. ރައީސް މުންތަޚަބު ޑރ. މުޢިއްޒު ތަކުރާރުކޮށް އެކަމަށް އިޝާރާތްކުރައްވައިފައިވާތީއެވެ. ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް އެ މަނިކުފާނުގެ ޒަޢާމަތުގައި އިސްކަންދެއްވާނެކަމަށް ވިދާޅުވެފައިވާތީއެވެ. މި ދިޔަ މަހު 29ގައި އެ މަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި އަދަބީ ޚިދުމަތްތެރީންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް އެކަމުގެ ޔަގީންކަން ދެއްވިއެވެ. އެ ވާހަކަފުޅުތަކުގެ އަލީގައި އަޅުގަނޑު އުންމީދުކުރަނީ އެ ދުވަހުން ފެށިގެން ދިވެހިބަހަށް ސަރުކާރުން އިސްކަން ދެއްވާކަން މުޅި ދިވެހި ވެށީން ވެސް ފެންނާނެކަމަށެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައި ވާ ގޮތުން ދައުލަތުގެ އެންމެހައި އިދާރާތަކަށް ނަންކިޔުމުގައި ދިވެހިބަހަށް އިސްކަންދެއްވާނެކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން ދިވެހީންނާ ކުރެވޭ އަނގަބަހާއި ލިޔެކިޔުމުގެ މުޢާމަލާތު، ދިވެހިބަހުން ހުރުން ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުން ލާޒިމުކުރާތީ، މި ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނެކަމަށެވެ. އިންތިޚާބީ ރައީސް ވިދާޅުވެފައިވަނީ އެ ގާނޫނު، 100 އިންސައްތައަށް ތަންފީޒުކުރައްވާނެކަމަށެވެ. އަޅުގަނޑުމެން މި ތިބީ އެ ކަމަށް އުންމީދުކޮށްގެންނެވެ.

އާދޭހެވެ! ރައްޔިތުން ލިބިގަތް ރައްޔިތުންގެ ވެރިކަމުގެ ފުރިހަމަ ލާބައާއި މަންފާ ދިވެހިންނަށް ލިބުމަކީ އަޅުގަނޑުމެންގެ އަބަދުގެ އުންމީދެވެ. މި ކަންކަމާމެދު ވިސްނައި، ދިވެހީންނަކީ، ތަޖުރިބާއިން ޢިބުރަތް ޙާޞިލުކުރާ ބަޔެއްކަމަށް ވުމަކީ އަޅުގަނޑުމެންގެ އިޚުލާޞްތެރި ދުޢާއެވެ. މި ލޮބުވެތި ފަސްގަނޑު އިސްލާމް ދީނުގެ ހިޔަލުގައި މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށިއެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.