Support Us

ޣައްޒާގެ ހަސްފަތާލުތައް ހައެއްކަ ގަޑިއިރުގެ ތެރޭގައި ބަންދުކުރަން މަޖްބޫރުވާނެ  

އިސްރާއީލުން ކުރިއަށް މި ގެންދާ ހަނގުރާމައިގައި ޣައްޒާގެ ހަސްފަތާލުތަކަށް އުނދަނަ ނުލިބުމުގެ ސަބަބުން އެ ތަންތާނގެ މަސައްކަތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ހުއްޓިގެންދާނެ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުނެފިއެވެ.

އިސްރާއީލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި ހަކަތައާއި އުނދަނަ ކަނޑައިލައިފައެވެ.

އިސްރާއީލުން ޣައްޒާގެ ހަސްފަތާލުތަކަށާއި މަދުރަސާތަކަށާއި މިސްކިތްތަކަށާއި ޢާންމު ބޯހިޔާވަހިތަކަށް ދެމުންގެންދާ ޢުދްވާނުގައި ރޭގެ އަމާޒަކަށް ހަދައިފައި ވަނީ ހަސްފަތާލުތައް ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުންޏެވެ.

އިސްރާއީލުން ރޭ ޣައްޒާގެ ރަންތީސީ ހަސްފަތާލު ކައިރިއަށް ބޮންއެޅުމުގެ ސަބަބުން އެ ތާނގައި އަލިފާން ރޯވިއެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ހަސްފަތާލެކެވެ. އިސްރާއީލުން ރޭ ބޮންއެޅި ހަސްފަތާލުތަކުގެ ތެރޭގައި ޝިފާ ހަސްފަތާލާއި އިންޑޮނޭޝިޔާ ހަސްފަތާލު ވެއެވެ.

ބައިންލައަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި ހަނގުރާމައިގެ ތެރޭގައި ވެސް ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތައް ޙިމާޔަތް ކުރަން ޖެހޭނެއެވެ. އެތަންތަނަށް ބޮންއަޅައި ޙަމަލާތައް ދީގެން ނުވާނެއެވެ. އިސްރާއީލުން ބުނާގޮތުގައި އެމީހުން އެންމެ އިސްކަންދެނީ ޙަމާސް ނައްތައިލުމަށެވެ. މިކަމުގައި ހަސްފަތާލުތަކަށް ބަލާކަށް  ނުޖެހޭނެއެވެ. އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގެ ޢަސްކަރިއްޔާގެ އިންޖިނޭރުން ދަނީ ޙަމާސްގެ ބިންގަރާސް ވިއުގަތައް ހަލާކުކޮށް ނައްތައިލުމަށް ޓަކައި ބާރުގަދަ ގޮވާ އެއްޗެހި ބޭނުން ކުރަމުންނެވެ. 

ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދްވާނުގެ ސަބަބުން މިހައިތަނަށް 10,800 މީހުން ވަނީ ޝަހީދުވެފައެވެ. 

އިންސާނީ ޙައްޤުތަކާބެހޭ އދގެ ހައިކަމިޝަންގެ ތަރްޖަމާނު  ލިޒް ތްރޮސެލް ވިދާޅުވިއެވެ. "ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން އަހުރެމެން ދަންނަ ގޮތުގައި ހަސްފަތާލުތަކަކީ ޙިމާޔަތްކުރެވިފައިވާ ޢިމާރާތްތަކެކެވެ." 

އޭނާ ވިދާޅުވިއެވެ. "ހަނގުރާމަކުރާ ދެ ފަރާތުންކުރެ އެއްފަރާތުން ހަސްފަތާލުތައް ޢަސްކަރީ ބޭނުންތަކަށް އަނަފާ ކުރިއަސް އަނެއް ފަރާތުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެގެން ނުވާނެއެވެ." 

ޣައްޒާގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުންޏެވެ. "ޞިއްޙީ ޢަމަލުތައް ފޯރުކޮށްދިނުމަށް ޓަކައި އަހުރެމެން ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުރިހާ ދޮރުތަކެއް ބަންދުވެއްޖެއެވެ. ޣައްޒާގެ ހަސްފަތާލުތަކަށް ލިބިފައި ވަނީ އެންމެ ހައެއްކަ ގަޑިއިރުގެ ވަގުތުކޮޅެކެވެ. ކަރަންޓާއި ހަކަތައާއި އުނދަނަ ހުސްވުމުގެ ސަބަބުން އެތަންތަން ބަންދުވެގެންދާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *