Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ރާއްޖެއާ ބެހޭ ތާރީޚީ ސަފްހާތަކެއް- 2

ސަރުކާރާއި މުޖުތަމަޢު

ދިވެހިރާއްޖޭގެ ސަރުކާރަކީ ތިއަރީގެ ގޮތުން މުޅިން ރަސްކަމެއް ނަމަވެސް އަމަލީ ގޮތުން އެއީ ވެރިރަށް މާލޭގައި ވަކި އާއިލާތަކެއް ކޮންޓްރޯލްކުރާ އޮލިގާޗީއެކެވެ. ވެރިކަންކުރާ ކައުންސިލްގައި ހިމެނެނީ ހަ ވަޒީރުންނާއި، މީހުން ދިރިއުޅޭ 200 ޖަޒީރާގެ ގިނަ ޖަޒީރާތަކުގެ ހިންގުން ބަލަހައްޓާ ބޮޑުންނެވެ.

ރާއްޖޭގައި ގާތްގަނޑަކަށް 100 އެއްހާ މީހުންގެ ކުޑަ ލަޝްކަރެއް ދަނޑިބުރިތަކާއި މުގުރި ދީފައި ތިބެއެވެ. އެމީހުންނާ އެކު ގާތްގަނޑަކަށް 500 އެއްހާ ޚާދިމުން ރަސްގެފާނަށް ޚިދުމަތްކުރަން ތިބެއެވެ. ކޮންމެ ރަށެއްގައިވެސް ރަށްވެރިއަކާއި ނައިބަކާއި މުދިމެއް ހުރެއެވެ. ހުރިހާ ރަށްރަށުގެ މީހުން ވެސް ސުލްތާނަށް އެކި ގޮތްގޮތުން ޝުކުރުއަދާ ކުރުމުގެ ގޮތުން، ހިކި މަހާއި، ކާށި، ނުވަތަ ބޮލި ފަދަ ތަކެތި ވެދުމަށް ފޮނުވައެވެ. ކުރިން ކާޑުގެ ބާވަތެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ ބިންބިއެވެ. މިހާރު އެތެރެކުރަނީ ހަނޑުލެވެ.

ބައެއް މީހުން ކުނާވިޔެ، އަދި އުއިން ފޮތި ވިޔެ، ވަޑާންކޮށް، ލާޖެހުމުގެ މަސައްކަތްކޮށް ހަދައެވެ. އަދި ހިލަ ކަނޑައި ކުރެހުން އަޅައި، ރަން ރިހީގެ މަސައްކަތް ފަދަ ކަންކަން ކޮށްހަދައެވެ. އަދި އޮޑިފަހަރު ބަނދެގެން ފާރިސީ ކަރައާއި ރަތް ކަނޑާ ހަމައަށް ދޭތެރެދޭތެރެއިން ދަތުރުކޮށް ހެދުމުގެ ފަޚުރު ދިވެހިންނަށް ލިބިފައިވެއެވެ.

ދިވެހީން ކުނާވިޔައި ހަދަނީ ކޭ ފަތުންނެވެ. އަދި ކާށީގެ ބޮނބިން ރޯނުވަށައި އެތަކެތީގެ ވިޔަފާރިކޮށް ހަދައެވެ. އެމީހުން ބޭނުން ކުރަމުން އަންނަ ފައިސާއަކީ ރުފިޔާ ކަމުގައި ވިޔަސް ކުރިން ގެންގުޅުނީ ބުޅީގެ ބައްޓަމަށް ހުންނަ ރިހި ފައިސާ ފޮއްޗެވެ. ދަތުރު ފަތުރުކުރުމަށް މިހާރުވެސް ބޭނުން ކުރަނީ ނިޔަމިކަމުގެ ފިލަ އެވެ.

ފިރިހެނުންގެ އާދައިގެ ހެދުމަކީ މުންޑު ކަހަލަ ފޮތިގަނޑަކާއި ފޮށައެކެވެ. އަންހެނުން ލައިގެން އުޅެނީ އަމިއްލައަށް ވިޔެފައި ހުންނަ ފޮތީގައި ގަތާފައި ހުންނަ ކަސަބުބާދަލާ ފަދަ ފަށްއަޅައި ޒީނަތްތެރިކޮށްފައި ހުންނަ ހެދުންތަކެވެ. ރާއްޖޭގެ ޖުމްލަ އާބާދީއަކީ ގާތްގަނޑަކަށް 80،000 އެވެ. ގޭގައި ގެންގުޅޭ ޖަނަވާރުތައް އެމީހުންނަކަށް ނުބެލެހެއްޓެއެވެ. އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން ތުއްތު ކުދިން މަރުވާ މިންވަރު ނިސްބަތުން ވަރަށް މައްޗެވެ.

ވިޔަފާރިއާއި ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް

ރާއްޖެއިން ކުރާ ވިޔަފާރިތަކުގައި، މުހިންމު ގޮތެއްގައި ބޭނުން ކުރަނީ ކޮފުރާއާއި، ރޯނާއި، އަދި ހިކި މަހެވެ. މި ހިކި މަހަކީ އިންޑިއާގެ ރަށްވެހިންގެ ކެއުމުގެ ބާވަތްތަކުގައި ގިނައިން ބޭނުންކުރާ މަހެކެވެ. އިމްޕޯޓް ކުރާ ތަކެތީގެ ތެރޭގައި ހަނޑުލާއި، ކޮޓަންގެ ބާވަތްތަކާއި، މަތީ ދަރަޖައިގެ ބޭފުޅުންނަށް ޚާއްޞަ ބައެއް ލަގްޒަރީ ތަކެތި ހިމެނެއެވެ.

ރާއްޖޭން ވަނީ ގައުމުގެ އާދަކާދަތަކާއި ގާނޫނުތައް ދަމަހައްޓައި، ގައުމުގެ ފުރިހަމަ މިނިވަންކަން ދަމަހައްޓައިފަ އެވެ. އަޅުވެތިކަމާއި، ބޮޑުންގެ ކިބައިން އަނިޔާ ލިބުން ފަދަ ކަންކަމެއް ނުހިނގައެވެ. އަދި ރަށްފުށުގައި ކުށްކުރުން ނުވަތަ ބަލިމަޑުކަން ފަދަ ކަންކަން ވަރަށް މަދެވެ. ރައްޔިތުންނަށް ދިރިއުޅެވޭ ވަރަށް ކާނާ ލިބެން ހުރެއެވެ. އިބްނު ބަޠޫޠާގެ ޒަމާނުން ފެށިގެން ރާއްޖޭގެ ޙާލަތު ނިސްބަތުން ބަދަލެއް ނާންނައިރު، މި ޒަމާނުގެ ޙަޟާރަތުގެ ޔަޤީންކަމެއް ނޯންނަ އެކި ކަހަލަ ފައިދާތަކެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި މޮޅު ގުދުރަތީ ބަނދަރުތަކެއް ހުރި ނަމަވެސް، ރާއްޖެއަކީ ޒަމާނީ ހަނގުރާމަތަކަށް އެކަށީގެންވާ ފަދަ ކިއްލާއެއް ނޫނެވެ. މުޅި ހުރިހާ ބާރެއް އޮންނަނީ ހަމައެކަނި ރަސްކަމުގެ ދަށުގައެވެ. ބައެއް ފަހަރު ލޭއޮހޮރުވާނުލާ އިންގިލާބުތައް ވެސް ހިނގައެވެ. އަލަށް އަރާ ރަސްކަލަކު އިސްކުރެވެނީ ސަގާފީ ގޮތުން ސިލޯން ސަރުކާރުގެ ބަލައިގަތުމާ އެކުގައެވެ.