Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ރާއްޖެއާ ބެހޭ ތާރީޚީ ސަފުހާތަކެއް- 1

އެޖެންޓްސް އޮފް ދަ ނިއު އޯޑަރ ކިޔާ ޖަމާއަތަކުން ރާއްޖެ ހޯދުން

އިންޑިއާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1،200 މޭލު ދުރުގައި އޮންނަ ޖަޒީރާ ސިލްސިލާއެއް ކަމަށްވާ ދިވެހި ރާއްޖެއާ ބެހޭ ގޮތުން 1920 ވަނަ އަހަރު ދަ ޓައިމްސްގައި ޝާއިއުކުރި ލިޔުމަކުން ދުނިޔެއަށް މި ރާއްޖެ ތައާރަފްވެގެން ދިޔައެވެ. މޯލްޑިވް އާކިޕެލަގޯގެ ނަމުން މަޝްހޫރު މި ޖަޒީރާތަކަކީ އޭރު މުޅީން މިނިވަން ނޫން، ނަމަވެސް އަމިއްލަ ބަހަކާއި ގަދީމީ ޙަޟާރަތެއް ލިބިފައިވާ ވަކި ނަސްލެއްގެ މީހުން ދިރިއުޅޭ ރަށްތަކެކެވެ.

ރާއްޖެ އެކުލެވިގެންވަނީ އަނގޮޓިއެއްގެ ބައްޓަމަށް ހުންނަ އަތޮޅުތަކާއި މުރަކައިގެ ފަރުތަކެއް ވަށާލެވި، ރުއްތަކުން ފުރިފައިވާ ބިންތަކެއްގެ މައްޗަށެވެ. އަދި އެ ފަރުތަކުން އެ ރަށްތަކާއި ފަޅުތަކާއި ވިލުތައް ހިމާޔަތް ކުރެވިފައިވެއެވެ. ހާރެއް ފަދައިން ގެތިފައިވާ އަތޮޅުގެ ޗޭނު އޮންނަނީ ފުޅާމިނަށް ވުރެން ދިގު ބައްޓަމަކަށެވެ. މާލެ އެކުލެވޭ މިއަތޮޅުގެ ދިގުމިނުގައި ހުންނަނީ ގާތްގަނޑަކަށް 50 ވަރަކަށް މޭލެވެ. މާލެއަކީ މި އަތޮޅުގެ ހިތުގައި އޮންނަ ރަށެވެ. އެއީ ބަޣްދާދުގެ އަބާސީ ޚަލީފާތަކުގެ ތެރެއިން އައި މީހަކު އުފެއްދެވި މިނިވަން ރަސްކަމެއް ކަމަށް ދިވެހި ވާހަކަ ތަކާއި ރެކޯޑް ތަކުން ދައްކައެވެ.

ދިވެހިރާއްޖޭގައި ވާހަކަ ދައްކާ ބަހަކީ ޤަދީމީ ސިންގަޅަ ބަހާއި ގުޅުން ހުރި ބަހަކަށް ވީނަމަވެސް، މި ރާއްޖޭގައި ފަހުން އާންމުކޮށް ލިޔެކިޔުމުގައި ބޭނުންކުރަން ފެށީ އަރަބި ބަހާ ވައްތަރުގެ އަކުރުތަކެކެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ޢަރަބި ބަސް ބޭނުންކުރަމުން ދިޔައީ މަދު ބައެކެވެ. މިތަނުގެ މީހުންގެ ނަސްލު އައިސްފައިވަނީ ސީދާ މިވެނި ދިމާއަކުން ކަން ކަނޑައެޅުމަކީ ދަތިކަމެކެވެ. އެއީ ފަހުން އައި އަހަރުތަކުގެ ތެރޭގައި އަރަބި، އިންޑިއާ، އަދި ބަރުމާގެ ނަސްލު ތަކުގެ ނުފޫޒު ފޯރާފައިވާތީއެވެ.

ތާރީޚީ ފަސްމަންޒަރު

ރާއްޖޭގެ ތާރީޚަކީ ފުދޭވަރަކަށް ޝައުގުވެރި ތާރީޚެކެވެ. އެއީ ސިލޯން (މިހާރު ސިރީލަންކާގެ) ކައިރީގައި ދިރިއުޅޭ މިޖަޒީރާގެ މީހުން ޓޮލެމީ އާއި ޖޫލިއަންގެ އެމްޕެރަރުގެ ގާތަށް ސަފީރުން ފޮނުވާހެދި ޒަމާނުގެ ވާހަކައެވެ. ރާއްޖެއާ ބެހޭ ވާހަކަތައް ފުރިހަމަގޮތުގައި ގެނެސްދީފައިވަނީ ގާތްގަނޑަކަށް 1343 ވަނަ އަހަރު އެ ރަށްތަކުގައި އަހަރެއްހާ ދުވަސް ހޭދަކުރި އިބްނު ބަތޫތާއެވެ.

ޕޯޗުގީޒުން 1519 ވަނަ އަހަރު ކުރު މުއްދަތަކަށް މާލޭ ހިފި ފަހުން 1554 ވަނަ އަހަރު ގަދަފަދަ ކިއްލާއެއް ބިނާކުރުމާއެކު، ރަސްގެފާނާއި އަރިހުބޭކަލުން އައްޑޫއަށް ފިލައިގެން ދިޔައެވެ. އެހެން ނަމަވެސް އޭގެ ދިހަވަރަކަށް އަހަރުގެ ފަހުން ޕޯޗްގީޒުން ބޭރުކޮށްލެވުނެވެ. އޭގެ ފަހުން ރާއްޖޭގެ މިނިވަންކަން ކޮންމެވެސް ހައިސިއްޔަތު ދެމެހެއްޓިގެން ދިޔައެވެ. އެހެންނަމަވެސް ވަރަށް ގިނަ ފަހަރަށް ސިލޯންގައި އޮތްނަ ބާރުގެ ނުފޫޒު ފޯރައިފައިވެ އެވެ. މިކަން އޭރު އިންތިޒާމު ކުރެވިފައިވާ ގޮތުން ރަސްމީކޮށް 1645 ވަނަ އަހަރު ރާއްޖެއިން އަހަރަކު އެއްފަހަރު ސިލޯނަށް ޖިޒީ ހިފައިގެން ބަޔަކު ދާންޖެހެއެވެ. މިގޮތުން ކުރީކޮޅު ޑަޗުންނާއެކު ފަހުން އިނގިރޭސިންނާ އެކު 1796 ވަނަ އަހަރުން ފެށިގެން ދިފާއީ އިއްތިހާދެއް ގާއިމްކުރި އެވެ.

އިންޑިއަން މެރިންގެ ކެޕްޓަނެއް ކަމަށްވާ މޮރެސްބީ 1853 ވަނަ އަހަރު ރާއްޖެއާ ބެހޭ ސާވޭއެއް ކުރިއިރު، އޭނާގެ ޗާޓްތަކުން ބަލައިގެން، މުރަކަ އުފެދުމާ ބެހޭ ގޮތުން ޗާލްސް ޑާވިން ކުރި ދިރާސާގެ ތިއަރީގައި މުހިންމު ދައުރެއް އަދާކުރި އެވެ.

(ނުނިމޭ)