...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 2

ބަނީ އިސްރާއީލާއި ޔަހޫދީންނާއި އެމީހުންގެ ތާރީޚާއި ދީން

ބަނީ އިސްރާއީލް ފެށެނީ އިބުރާހީމްގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބް ޢަލައިހިއްސަލާމާ ހިސާބުންނެވެ. އިސްރާއީލް މިނަމަކީ ޔަޢުޤޫބްގެފާނުގެ އެއް ނަންފުޅެވެ. އެހެންކަމުން ބަނީ އިސްރާއީލަކީ ޔަޤޫބްގެފާނުގެ ދަރިފަސްކޮޅެވެ. މި ދަރިފަސްކޮޅު ފެށުނީ އިބުރާހީމް ޢަލައިހިއްސަލާމާ ހަމައިންނެވެ. ޔަޢުޤޫބްގެފާނުގެ 12 ދަރިކަލުންނަކީ ބަނީ އިސްރާއީލްގެ ބާރަ ގަބީލާއެވެ. އިސްރާއީލްގެ ދަރިފަސްކޮޅު ބެހިފައިވަނީ މިދެންނެވި ބާރަ ގަބީލާއަށެވެ. މިގަބީލާތަކުން ދަރިކޮޅުތަކާއި ވެރިކަމާއި ރަސްކަން އުފެދުނެވެ. ބައިބުލްގައިވެސް މިބަޔާންކުރިގޮތަށް އިސްރާއީލްގެ ދަރިފަސްކޮޅުގެ ވާހަކަ ތަފުސީލުކޮށް އޮވެއެވެ.

ކީރިތި ޤުރްއާން އަންގާގޮތުގައި ބަނީ އިސްރާއީލަކީ ﷲ އަށް އީމާންވި މުސްލިމް ދަރިފަސްކޮޅެކެވެ. މިދަރިފަސްކޮޅަށް ނިސްބަތްވާ ރަސޫލުންނާއި ނަބިއްޔުން ވަރަށް ގިނައެވެ. މޫސާ ޢަލައިހިއްސަލާމާއި ޢީސާ ޢަލައިހިއްސަލާމަކީ މިދަރިފަސްކޮޅުން ވަޑައިގަތް މަތިވެރި ދެ ރަސޫލުންނެވެ. ދާވޫދު ޢަލައިހިއްސަލާމާއި ސުލައިމާން ޢަލައިހިއްސަލާމަކީވެސް ބަނީ އިސްރާއީލްގެ ނަބިއްޔުންނެވެ. މި އެންމެ ބޭކަލުންނާއި އެބޭކަލުންނަށް ތަބާވި މީހުންނަކީ އެއްވެސް ހާލެއްގައި ޔަހޫދީން ކީއްކުރަން ނަޞާރާއިންނެއްވެސް ނޫނެވެ. އެކަމަކު އެއީ ﷲ އަށް އީމާންވި މުސްލިމުންނެވެ. މިއީ ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް ދައްކާ ތެދުމަގެވެ. ބަނީ އިސްރާއީލްގެ ދަރިފަސްކޮޅުން ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލަކީ ޢީސާގެފާނުއެވެ. ރަސޫލުﷲ ފޮނުއްވުމާ ހަމައަށް މިދަރިފަސްކޮޅަކީ ﷲ އެންމެ މާތްކުރެއްވި އުއްމަތެވެ.

ﷲ، ބަނީ އިސްރާއީލްގެ މަގާމާއި ދަރަޖަ މަތިކުރެއްވިއެވެ. އަދި އެމީހުންނަށް ގިނަގުނަ ނިޢުމަތް ދެއްވިއެވެ. މިކަން ކީރިތި ޤުރްއާނުން އެނގެއެވެ. އެމީހުންގެ ތާރީޚަށް ބަލާއިރު އެމީހުންނަކީ ޝުކުރުވެރިވުން ކުޑަ ނޭއްގާނީކަމާއި ފަސާދަކުރުން ބޮޑު ބައެކެވެ. އެމީހުންގެތެރެއިން ބައެއް މީހުން ނިކުމެ ނަބިއްޔުން ގަތުލުކުރިއެވެ. އެމީހުން ﷲ ބާވައިލެއްވި ފޮތްތައް ބަދަލުކޮށް އެފޮތްތައް ގަޑުބަޑުކުރިއެވެ. ބަނީ އިސްރާއިލަކީ އެމީހުންގެ ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތައް އަވަހަށް ހަނދާން ނައްތާލި ބައެކެވެ. އަދި ޝަރީކުކުރުމުގައި އަވަސްވެގަތް ބައެކެވެ.

ޔަހޫދީންނަކީ ބަނީ އިސްރާއީލުގެތެރެއިން ނިކުތް ބައެކެވެ. އެއީ ބަނީ އިސްރާއީލުން ފެޅި ކުރިއެއް ކަމުގައި ބެލިދާނެއެވެ. ކީރިތި ޤުރްއާން، ޔަހޫދީންގެ ވާހަކަ ބަޔާންކުރާއިރު އެމީހުންނަކީ ޔަހޫދީންނަށްވި މީހުން ކަމުގައި ބަޔާންކުރެއެވެ. މާނަޔަކީ އެމީހުންނަކީ ބަނީ އިސްރާއީލްގެތެރެއިން އިސްލާމް ދީނުން ބައެއް ދޫކޮށް އަމިއްލަ ގޮތްތަކެއް އުފެއްދި މީހުންނެވެ. ޔަޢުނީ ﷲ ބާވައިލެއްވި ދީން އަމިއްލައަށް ގަޑުބަޑުކުރި މީހުންނެވެ. އެހެންކަމުން ހަގީގަތުގައި ބަނީ އިސްރާއީލާއި ޔަހޫދީންނަކީ ގުޅުން ހުރިކަމުގައިވިޔަސް މުޅިން ދެބައެކެވެ.

ސުލައިމާނުގެފާނުގެ ނަބީކަމުގައި އެކަލޭގެފާނަކީ ފަސާދަކުރާ ބޭކަލެއްކަމަށާއި އެކަލޭގެފާނަކީ ޝަރީކުކުރާ ބޭކަލެއްކަމަށް ބުނެ ބަނީ އިސްރާއީލުންގެތެރެއިން ބަޔަކު އެކަލޭގެފާނާ ދެކޮޅުވެރިވިއެވެ. ސުލައިމާނުގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ރަސްކަން ދެބައިވިއެވެ. އެއްކޮޅުން އުފެދުނީ އެކަލޭގެފާނު ނިސްބަތްވި ބަނީ އިސްރާއީލްގެ ރަސްކަމެވެ. އަނެއްކޮޅުން އުފެދުނީ ޔަޢުޤޫބުގެފާނުގެ ދަރިކަލެއް ކަމުގައިވާ ޔަހޫދާ ޔަޢުނީ ޖޫޑާގެ ނަމުން ނަން ދެވުނު ރަސްކަމެވެ. ޔަޢުޤޫބްގެފާނުގެ ކޮންމެ ދަރިކަލަކު ނިސްބަތްވީ ވަކި ގަބީލާއަކަށެވެ. އެއިން ކޮންމެ ގަބީލާއެއްގެ ވަކި ވެރިކަމެއް އޮތެވެ. ސުލައިމާނުގެފާނާ ދެކޮޅުވެރި މީހުން ބައިއަތު ހިފީ ޔަހޫދާ ނުވަތަ ޖޫޑާގެ ރަސްކަމަށެވެ. މި ރަސްކަމުގައި ތިބި މީހުންނަކީ ޔަހޫދީންނެވެ. މިއީ ޔަހޫދީންގެ ފެށުމެވެ. ޔަހޫދީ މިބަސް އައިސްފައިވަނީ ޔަހޫދާ މިބަހުންނެވެ. ޔަހޫދީ މަސްދަރުތަކުން ދޭހަވާގޮތުގައި ޔަހޫދީން އުފެދުނީ ޢީސާގެފާނު ފޮނުއްވުމުގެ ގާތްގަނޑަކަށް 930 އަހަރު ކުރިންނެވެ. ހަގީގަތުގައި ޔަހޫދީންނަކީ ބާވައިލެއްވި ޙައްޤު ދީނެއް ނޫނެވެ. އެކަމަކު އެމީހުން ﷲ އަށް އީމާންވެ ތައުރާތަށް އީމާންވާކަމަށްޓަކައި އެމީހުން ލޭބަލްވެފައި އޮންނަނީ ބާވައިލެއް ދީނެއްގެގޮތުގައެވެ.

ޝައިޚް ބިލާލް އައްސަދު ހާމަކުރާގޮތުގައި ޖޫޑާގެ ރަސްކަން އުފެދުނުފަހުން އެދުވަސްވަރުގެ ބޮޑެތި ބާރުތަކުން މުޤައްދަސް ބިމާ ހަނގުރާމައަށް އައެވެ. އޭގެތެރޭގައި ބާބިލްއާއި ފާރިސް ކަރައާއި ރޯމަނުންގެ ހަނގުރާމަވެރިން ހިމެނެއެވެ. މިދުވަސްވަރު ސުލައިމާނުގެފާނަށް ފަހު އުފެދުނު ދެ ރަސްކަން ނެތިދިޔައެވެ. ޒަމާންތަކަކަށްފަހު ބަނީ އިސްރާއީލުން ނަބިއްޔަކު ފޮނުއްވިއެވެ. އެއީ ޒަކަރިއްޔާ ޢަލައިހިއްސަލާމް އެވެ. އެކަލޭގެފާނު އަވަހާރަކޮށްލަން ބަނީ އިސްރާއީލުންގެތެރެއިން ބަޔަކު މަސައްކަތްކުރިއެވެ. އަދި މިބައިމީހުން ނިކުމެ އެކަލޭގެފާނުގެ ދަރިކަލުން ޔަހުޔާ ޢަލައިހިއްސަލާމް ގަތުލުކުރިއެވެ. ބަނީ އިސްރާއީލަށް އެންމެފަހުން ފޮނުއްވި ރަސޫލަކީ ޢީސާ ޢަލައިހިއްސަލާމްއެވެ. ބަނީ އިސްރާއީލުންގެތެރެއިން ބަޔަކު ޢީސާގެފާނު ގަތުލުކުރަން އުޅުމުން ﷲ، އެކަލޭގެފާނު އުފުއްލަވައި އެމީހުންގެ ކިބައިން އެކަލޭގެފާނު ރައްކާތެރިކުރެއްވިއެވެ.

މީލާދީން 70 ވަނަ އަހަރު ރޯމަނުން އަލްޤުދުސް ހިފުމަށްފަހު އެތަނުން ޔަހޫދީން ބޭރުކުރިއެވެ. އެއީ މީގެ 1953 އަހަރު ކުރިއެވެ. މިދުވަސްވަރު ޔަހޫދީން ދުނިޔޭގެ އެކި ކަންކޮޅަށް ހިޖުރަކުރިއެވެ. އެގޮތުން ބައެއް މީހުން ހިޖާޒު ކަރައަށްވެސް ދަތުރުކުރިއެވެ. އަދި އެމީހުންގެތެރެއިން ބައެއް ޢިލްމުވެރިންނާއި އެމީހުންނަށް ތަބާވި ބައެއް މީހުން އެންމެ ފަހުގެ ނަބިއްޔާގެ އިންތިޒާރުގައި މަދީނާއަށް ދިޔައެވެ. އެކަމަކު އެންމެ ފަހުގެ ނަބިއްޔާ ބަނީ އިސްރާއީލުގެ ބޭކަލަކަށްނުވުމުން އެމީހުން ރަސޫލުﷲ ގެ ރަސޫލުކަން ދޮގުކުރިއެވެ. ރޯމަނުން ޤުދުސް ހިފިތާ ގާތަގަނޑަކަށް 500 އަހަރު ފަހުން ޢުމަރުގެފާނުގެ ޚަލީފާކަމުގައި މުސްލިމުން އަނެއްކާވެސް ޤުދުސް ފަތަހަކުރިއެވެ. މިފަހަރުގެ މުސްލިމުންނަކީ ބަނީ އިސްމާޢީލްގެ ދަރިންނެވެ. އޭރުން ފެށިގެން ގާތްގަނޑަކަށް 1300 އަހަރު ޔަހޫދީން މުސްލިމުންގެ ދަށުގައި ސުލްހަވެރިކަމުގައި އުޅުނެވެ. މިކަމަށް ނިމުން އައީ މީލާދީން 1922 ވަނަ އަހަރު ފަލަސްޠީން، އިނގިރޭސި އިސްތިޢުމާރުގެ ދަށަށް ދިއުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.