Support Us

ހިނގާ ބަގަރާ ސޫރަތުގެ ތަފުސީރަށް ދަތުރުކޮށްލަން

ބަޤަރާ ސޫރަތަކީ އަހަރެމެން ގިނައިން ކިޔައި ހަދާ ސޫރަތެކެވެ. އަދި މި ސޫރަތަކީ ގިނައިން ކިޔަވަންޖެހޭ ސޫރަތެއްވެސް މެއެވެ. މި ސޫރަތުގެ ދިގުކަމުން ސޫރަތުގައިވާ ބަސްފުޅުގެ މާނައަށް އަހަރެމެންނަށް ގިނަފަހަރު ސަމާލުކަން ނުދެވެއެވެ. ނަތީޖާއަކަށް ވަނީ ސޫރަތުގައި ﷲ އަންގަވާގޮތަށް އަހަރެމެންނަށް ނޫޅެވުމެވެ. އެހެންވެ ޢަމަލުތައް ސީދާކޮށް ތެދުމަގުގައި ސާބިތުވެ ތިބުމަށްޓަކައި މިސޫރަތުގެ މާނައަށް ވިސްނާލުމަކީ ބޭނުންތެރިކަމެކެވެ.

މިއީ ރަސޫލުﷲގެފާނުގެ ރަސޫލުކަމުގެ ފަހުކޮޅުގައި ބާވައިލެއްވި މަދަނީ ސޫރަތެކެވެ. މިސޫރަތާ ބެހޭގޮތުން ރަސޫލުﷲ ހަދީޘްފުޅު ކުރެއްވި ގޮތުގައި ކޮންމެ އެއްޗެއްގައިވެސް އެންމެ މަތީ ހިސާބެއްވެއެވެ. އެގޮތުން ކީރިތި ޤުރްއާނުގެ އެންމެ އުސް ހިސާބަކީ ނުވަތަ ޕީކަކީ ބަޤަރާ ސޫރަތެވެ. މި ޙަދީޘްފުޅުން އެކަނި ބަޤަރާ ސޫރަތުގެ މަތިވެރިކަމާއި އެސޫރަތުން އަހަރެމެން މަންފާ ލިބިގަތުމުގެ ބޭނުންތެރިކަން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނުގެ އެންމެ ދިގު ސޫރަތަކީ ބަޤަރާ ސޫރަތެވެ. މިސޫރަތް ނުވަ ބަޔަކަށް ބަހާލެވެއެވެ. ތިރީގައިވ ަނީ އެބައިތަކެވެ.

  • ކީރިތި ޤުރާއާން ރައްދުވާ ނުވަތަ އަމާޒުކުރެވިފައިވާ މީހުންގެ ވާހަކަ
  • އާދަމް ޢަލައިހިސަލާމްގެ ވާހަކަ
  • އިސްރާއީލުގެ ދަރިންގެ (ބަނޫ އިސްރާއީލްގެ) ވާހަކަ
  • އިބުރާހީމް ޢަލައިހިސަލާމްގެ ވާހަކަ
  • އިސްމާޢީލް ޢަލައިހިސަލާމްގެ ވާހަކަ
  • ކަޢުބާގެ ވާހަކަ
  • މުޅިން އާ އުއްމަތެއްގެ ގޮތުގައި މުސްލިމް އުއްމަތުގެ ވާހަކަ
  • އުއްމަތުގެ ކަންކަމުގެ ވާހަކަ
  • މުސްލިމް އުއްމަތް ބިނާވާ ޝަރީޢަތާއި ޤާނޫނާއި ނިޒާމްތަކުގެ ވާހަކަ

ކީރިތި ޤުރްއާން ރައްދުވާ މީހުން

ބަޤަރާ ސޫރަތުގައި ޤުރްއާން ރައްދުވާ މީހުން ﷲ ތިން ބަޔަކަށް ބެއްސެވިއެވެ. ތިރީގައި ވަނީ އެބައިތަކެވެ.

  • އީމާންވި މީހުން
  • ކާފިރުވި މީހުން (އީމާންނުވި މީހުން)
  • އީމާންވިކަމަށް ހެދިގެން އުޅުނު މީހުންގެ (މުނާފިގުންގެ) ވާހަކަ

އާދަމް ޢަލައިހިސަލާމްގެ ވާހަކަ

ﷲ ޚަލްޤުކުރެއްވި މަޚުލޫޤުން ގިނަގުނައެވެ. އޭގެތެރޭގައި މަލާއިކަތުންނާއި ޖިންނީންނާއި އިންސާނުން ހިމެނެއެވެ. މިހުރިހާ ބައެއްގެ ތެރެއިން ﷲ އެންމެ މާތްކުރެއްވީ އާދަމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު އިންސާނުންނެވެ. އާދަމް ޢަލައިހިސަލާމް ޚަލްޤުކުރެއްވުން ވަރަށް ތަފުސީލުކޮށް މިސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ.

މި ވާހަކައިން ޖިންނީންނާއި އާދަމްގެ ފާނާއި ކުރިމަތިކުރެވުނު އިމްތިހާންތައް ސާފުވެއެވެ. ﷲ، އެއިލާހުގެ ޚަލީފާކަމުގައި ލެއްވި އާދަމްގެފާނު އިމްތިހާންކުރެއްވިއެވެ. މި އިމްތިހާނުން އެކަލޭގެފާނު ފޭލުވެވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު އަމިއްލަ އިޚުތިޔާރުގައި މަޢާފަށް އެދިވަޑައިގެން ތައުބާވެވަޑައިގަތެވެ. މިއިމްތިހާނުން އިބުލީސް ފޭލްވިއެވެ. އިބުލީސް ފޭލްވުމުން އޭނާގެ އަމިއްލަ އިޚުތިޔާރުގައި އޭނާ ﷲ އަށް އުރެދުނީ ކިބުރުވެރިކަމާއި ބޮޑާކަން އިޚުތިޔާރުކޮށްގެންނެވެ.

ބަނޫ އިސްރާއީލުގެ ވާހަކަ

މަޚުލޫޤެއްގެ ގޮތުގައި އިންސާނާ އެންމެ މާތްކުރެއްވި ފަދައިން އުއްމަތެއްގެ ގޮތުގައި ﷲ އެންމެ މާތްކުރެއްވި ފުރަތަމަ އުއްމަތަކީ ބަނޫ އިސްރާއީލެވެ. އެއީ އިބުރާހީމްގެފާނު ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިކަލުން ޔަޢުޤޫބްގެފާނުގެ ދަރިފަސްކޮޅެވެ. މިދަރިފަސްކޮޅުން ﷲ ގިނަގުނަ ނަބިއްޔުން ފޮނުއްވިއެވެ. ޔަހޫދީ އުއްމަތް އެންމެ މާތް ކުރެއްވުމުގެ ޙިކުމަތަކީ އެމީހުން މުޅި އިންސާނިއްޔަތަށް ހެޔޮ ނަމޫނާއަކަށްވުމެވެ. ﷲގެ އިމްތިހާނުން ބަނޫ އިސްރާއީލު ނުވަތަ ޔަހޫދީން ފޭލްވިއެވެ. އިބުލީހެކޭ އެއްފަދައިން އެމީހުންވެސް އަމިއްލަ އިޚުތިޔާރުގައި ތެދުމަގަށް ފުރަގަސްދިނެވެ. ﷲ އަށް ގޮންޖަހައި ނަބީ ބޭކަލުން ގަތުލުކުރިއެވެ. އެމީހުންނަކީ ޚާއްޞަ ބައެއް ކަމުގައި ދެކި، ދެން ތިބީ އެއްވެސް ބައެއް ނޫން ކަމަށް އެމީހުންނަށް ގަބޫލުކުރެވުނެވެ. އެމީހުންގެ ވާހަކަ އެހާ ތަފުސީލުކޮށް ބަޔާންކޮށްދެއްވުމުގެ ޙިކުމަތަކީ އަހަރެމެން މުސްލިމުން އެކަމުން އިބުރަތް ހާސިލުކުރުމެވެ. ﷲ އަށް އީމާންވެ ތެދުމަގުގައި ފައިތިލަ ސާބިކޮށްގެން ތިބުމެވެ.

އިބުރާހީމް ޢަލައިހިސަލާމްގެ ވާހަކަ

އެނގިތިބެ ޔަހޫދީން ރަސޫލުﷲ ދޮގުކުރިއެވެ. އެހެންވެ މިވާހަކައިން ﷲ މިއަންގަވަނީ ރަސޫލުﷲ ގެ ދަރިފަސްކޮޅަކީވެސް އިބުރާހީމުގެ ދަރިފަސްކޮޅުކަމެވެ. ރަސޫލުﷲ ގެ ނަސަބު ނިމެނީ އިބުރާހީމް ޢަލައިހި ސަލާމަށެވެ. އިސްލާމް މިނަންވެސް އައިސްފައިވަނީ އެކަލޭގެފާނާ ހަމައިންނެވެ. އަހަރެމެން މުސްލިމުންނަކީ އެކަލޭގެފާނުގެ މިއްލަތެވެ. އިސްލާމް ދީނުގެ ފަސް ރުކުން ގުޅިފައި ވަނީ އެކަލޭގެފާނުގެ ތަރިކަޔާއެވެ. އެހެންކަމުން ޔަހޫދީންނަށްވުރެ އެންމެ ތަންކޮޅެއްވެސް މުސްލިމުން އިބުރާހީމްގެފާނާ ދުރެއް ނުވާނެކަން ﷲ މިއަންގަވަނީއެވެ. ނުވިތާކަށް ރަސޫލުﷲ އަކީ އިބުރާހީމާއި ދަރިކަލުން އިސްމާޢީލް ކުރެއްވި ދުޢާ އިޖާބަކުރެއްވުންކަންވެސް މިވާހަކައިން އެނގެއެވެ. ރަސޫލުﷲ އާއި އިބުރާހީމް ވަކިނުކުރެވޭނެ ކަމާއި ހަމަ އެގޮތަށް މުސްލިމް އުއްމަތް އެކަލޭގެފާނާއި ވަކިނުކުރެވޭނެކަން މިވާހަކައިން އެނގެއެވެ.

އިސްމާޢީލް ޢަލައިހި ސަލާމްގެ ވާހަކަ

އިބުރާހީމް ޢަލައިހި ސަލާމްގެ ދަރިކޮޅު ބެހުނީ ދެގޮތްޕަކަށެވެ. އެއީ އިސްމާޢީލާއި އިސްޙާޤެވެ. އިސްމާޢީލްގެ ދަރިކޮޅުން ވަޑައިގަތް ހަމައެކަނި ނަބިއްޔަކީ ރަސޫލުﷲ އެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އެބެއިކަލުންގެ ދަރިފަސްކޮޅުން މުސްލިމް އުއްމަތެއް އުފަންކުރެއްވުމަށް ﷲ އަށް ދުޢާކުރެއްވިއެވެ. އަދި އެދަރިކޮޅުން ނަބިއްޔަކު ފޮނުއްވައި ﷲގެ އާޔަތްތައް ދެއްވުމަށްވެސް ދުޢާކުރެއްވިއެވެ. މައްކާއަކީ އަމާންކަން ލިބިގެންވާ ރަށެއް ކަމުގައި ލައްވައި މައްކާއަކީ ބާއްޖަވެރި ރަށެއްކަމުގައި ލެއްވުމަށްވެސް އެބެއިކަލުން ދުޢާކުރެއްވިއެވެ. މިހުރިހާ ދުޢާތަކެއް އިޖާބަކުރައްވައި ރަސޫލުﷲ ފޮނުއްވައި އެކަލޭގެފާނަށް ﷲ ކީރިތި ޤުރްއާން ބަޔާންކުރެއްވިއެވެ.

ކަޢުބާގެ ވާހަކަ

މިއީ ބިމުގައި ﷲ އަށް އަޅުކަންކުރުމަށް ބިނާކުރެވުނު ފުރަތަމަ ގެކޮޅެވެ. ﷲ ގެ އަމުރުފުޅަށް ކަޢުބާ ބިނާކުރެއްވީ އިބުރާހީމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްއެވެ. އެއަށްފަހު އެ ދެބެއިކަލުން ﷲ އަށް ގިނަގުނަ ދުޢާކުރެއްވިއެވެ. އަދި ކަޢުބާއަކީ ﷲ އަށްޓަކައި އަޅުކަންކުރުމަށް ދަތުރުކުރާ ތަނެއް ކަމުގައި އެކަލާނގެ ލެއްވިއެވެ. އިބުރާހީމާއި އެކަލޭގަފާނުގެ ދަރިކަލުން އިސްމާޢީލް ދުއާކުރެއްވި ގޮތަށް އެކަން ފަހިކުރެއްވިއެވެ. މިވާހަކައިން ލިބޭ އެއް ފިލާވަޅަކީ ބަނޫ އިސްރާއީލުގެ ބަފައިކަލުން ކަމުގައިވާ އިބުރާހީމްގެފާނު ކަޢުބާ ބިނާކުރައްވައި ޙައްޖުގެ އަޅުކަން ފެއްޓެވިކަމެވެ. އެހެންކަމުން ޙައްޖުގެ މަތިވެރި އަޅުކަން ގުޅިފައިވަނީވެސް އިބުރާހީމްގެ ތަރިކަޔާއެވެ.

އިސްލާމީ އުއްމަތް

ބަނޫ އިސްރާއީލްގެ މަގާމަށް ﷲ މުޅިން އާ އުއްމަތެއް އިޚުތިޔާރުކުރެއްވިއެވެ. އެއީ މުސްލިމު އުއްމަތެވެ. މިއީ ރަސޫލުﷲ ގެ އުއްމަތެވެ. ހުރިހައި ގޮތަކުން މެދުމިނުގައި ލެއްވި އެންމެ ހެޔޮ އުއްމަތެވެ. ނަތީޖާއަކީ މިއުއްމަތުގެ މީހުންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތާއި ޒިއްމާގެ ބޮޑުކަމެވެ. ބަނޫ އިސްރާއީލް އިމްތިހާންކުރެވުނު ފަދައިން މިއުއްމަތްވެސް ﷲ އިމްތިހާންކުރައްވައެވެ. އެހެންވެ މިއިމްތިހާނުން ފާސްވުމަކީ އުއްމަތުގެ ޒިއްމާއެކެވެ. މިއުއްމަތަކީ އެއްވެސް ސިފައެއްގައި ޚާއްޞަ އުއްމަތެއް ނޫނެވެ. އެކަމަކު ﷲ އަށް އީމާންވެ އެންމެ ހެޔޮ ނަމޫނާ ދެއްކުމަކީ މިއުއްމަތުގެ ސިފައެވެ. މިއުއްމަތް ފޭލްވެއްޖެއްޔާ މި އުއްމަތުން އެހެން އުއްމަތެއް އުފަންކުރެއްވުމަށް ﷲ ކުޅަދުންވަންތަ ކަމަށް އެއިލާހު މުސްލިމުންނަށް އަންގަވެއެވެ. އެހެންވެ ޔަހޫދީންގެ މަގުން ނުގޮސް ކިޔަމަންތެރި ބައެއްގެ ގޮތުގައި ދާއިމަށް ދެމިތިބިމުގެ މުހިންމުކަން މިވާހަކަތަކުން އަހަރެމެންނަށް އެނގެއެވެ. މިވާހަކައިގެ ޙިކުމަތަކީ އަހަރެމެން މުސްލިމުން ފަރުވާތެރިވެ ޒިއްމާދާރުވެ ޝައިޠާނާގެ މަޅިން ނަޖާވުމަށް ތާއަބަދު މަސައްކަތްކުރުމެވެ.

މުސްލިމް އުއްމަތުގެ ކަންކަމުގެ ވާހަކަ

މިބައިގައި މުސްލިމުން އުޅެންވީ ގޮތާއި ކަންކުރަންވީ ގޮތް ﷲ ބަޔާންކުރައްވައެވެ. މުސްލިމް ފަލްސަފާއާއި މުސްލިމް ޝިޢާރުތައް އަންގަވައެވެ. މުސްލިމުން ރައްކާތެރިވާންޖެހޭ އަޅުކަންތައް ބަޔާންކުރައްވައެވެ. އިސްލާމީ އުއްމަތުގެ އަޚުލާޤާއި ސުލޫކު ހުންނަޖެހޭ ގޮތް ސާފުކޮށްދެއްވައެވެ. އަމާން ބައްޖަވެރި މުޖުތަމަޢުއެއްގެ ކަންކަން ހުންނަންވާގޮތް މިވާހަކަތަކުގައި ތަފުސީލުކުރައްވައެވެ. މިވާހަކަތަކުގެ ހިކުމަތަކީ މުސްލިމުން މަގުން ކައްސާލައިގެން ދިޔަނުދިނުމެވެ. އަދި އީމާންކަމުގެ އަހުލުވެރިންގެ ގޮތުގައި އެމީހުން ދެމިތިބުމެވެ.

އުއްމަތުގެ ޝަރީޢަތާއި ޙުކުމްތައް

މިބައިގައި އުއްމަތުގެ ކަންކަން ބިނާވާ ޝަރީޢަތާއި ޤާނޫނާއި ޙުކުމްތައް ބަޔާންކުރެއްވިއެވެ. މުސްލިމުން ދިރިއުޅުން ބައްޓަންކުރަންޖެހޭ އިންތައް ފާހަގަކުރައްވައެވެ. މިއިން އަންގައިދެނީ އުއްމަތް އާރާސްތުކުރެވިފައިވަނީ ޢަދުލުވެރި ފުރިހަމަ ނިޒާމަކަށްކަމެވެ. އަދި އިސްލާމް ދީނަކީ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމްކަން މިކަމުން ކަށަވަރުވެއެވެ.

(ނޯޓް: މި ލިޔުން ބިނާކޮށްފައި ވަނީ މުފައްޘިރު ނުޢުމާން ޢަލީ ޚާންގެ ތަޤުރީރުތަކުން ނަގާފައިވާ މައުލޫމާތަށެވެ.)