Support Us

ކޮލަމް: ހަވާސް

"ޢިލްމީ ޚަޒާނާ" އާއި ޢަލީ ރަމީޒު އަދި އަޅުގަނޑު

"ޢިލްމީ ޚަޒާނާ…. މި ޕްރޮގްރާމަކީ ސަން.އެފް.އެމާއި ޖަމިއްޔަތުއްސަލަފު ގުޅިގެން ގެނެސްދޭ ޕްރޮގްރާމެއް. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 9:00 އިން 10:00 އަށް އިންޝާﷲ. މި ޕްރޮގްރާމާއެކު ތިޔަ ބޭފުޅުންނާ މި ބައްދަލުކުރަނީ އަޅުގަނޑު އަލީ ރަމީޒު."

އެއީ މީގެ 14 އަހަރު ކުރިއެވެ. އެއީ 2009 ވަނަ އަހަރުގެ މާޗު މަހުގެ ނުވައެއް ވީ ހުކުރު ދުވަހުގެ ރެއެވެ. ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަލީ ރަމީޒުގެ ރަން އަޑުން ލައިވްކޮށް ރޭޑިއޯ ޕްރޮގްރާމެއް ގެނެސްދޭން ފެށީއެވެ.

އެއީ ދީނީ މައުލޫމާތުގެ ޚަޒާނާއިން ފުރިފައިވާ ޕްރޮގްރާމެކެވެ. ދީނީ މައުލޫއަކަށް ޝެއިޚުން ވާހަކަ ދައްކަވައި، އެހުންތެރިން ބޭނުންވާ ސުވާލުތައް ވަގުތުން ކޮށްލައި، ވަގުތުން ޖަވާބު ވެސް ގެނެސްދޭ ވަރަށް ޝައުގުވެރި ޕްރޮގްރާމެކެވެ.

އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ އަލީ ރަމީޒަށް ރޭޑިއޯ ޕްރޮގްރާމެއް ގެނެސްދެވިދާނެ ހެއްޔެވެ؟ އޭނާ އެކަން ކުރާނީ ކިހިނެއްހެއްޔެވެ؟

ޝެއިޚުންނާއެކު ޢިލްމީ ޚަޒާނާގެ ޕްރޮގްރާމެއް އަލީ ރަމީޒު (ވ) ހުށަހަޅައިދެނީ

"ހަވީރު" ނޫހުގައި ވިއްސަކަށް އަހަރު މަސައްކަތް ކުރުމަށްފަހު "ސަން އެފް.އެމް" ރޭޑިއޯއާ އަޅުގަނޑު ގުޅުނީ 2009 ވަނަ އަހަރުގެ ޖަނަވަރީގައެވެ. އޭރު، މަޝްހޫރު ވިޔަފާރިވެރިޔާ، ސަން އަހުމަދު ސިޔާމުގެ އެ ރޭޑިއޯ ސްޓޭޝަންގެ އުމުރުން ވާނީ އަހަރެއްހައި ދުވަހެވެ.

"ސަން އެފް.އެމް" އަށް އަޅުގަނޑު ދިޔައީ އޭރު އެ ސްޓޭޝަންގެ ސީ.އީ.އޯގެ މަގާމުގައި ހުންނެވި އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސިނާން އަލީގެ ހުށަހެޅުއްވުމަކަށް، ވަރަށް ޚާއްސަ ޕެކޭޖެއްގެ ދަށުންނެވެ. ލަފާކުރެވޭ ގޮތުން "ސަން އެފް.އެމް" އިން އަޅުގަނޑަށް ހުށަހެޅި ޕެކޭޖަކީ މީޑިއާގައި އޭރު މަސައްކަތްކުރި މުވައްޒަފުންނާ އަޅާބަލާއިރު، އާދަޔާޚިލާފަށް ބޮޑު ޕެކޭޖެކެވެ. އޭގެ ކުރީ ވިއްސަކަށް އަހަރު އަޅުގަނޑު މަސައްކަތްކުރީ ޕްރިންޓް/ އޮންލައިން މީޑިއާގައި ކަމަށްވެފައި، ކުއްލިއަކަށް ބްރޯޑްކާސްޓް މީޑިއާއަށް ބަދަލުކޮށްލުން އެއީ ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެކަން އެނގޭ އިރުވެސް، އަދި އެ ތަނަކުން އަޅުގަނޑުގެ މީޑިއާ ކެރިއަރު ފަށައި، އެތައް ފިލާވަޅަކާއި ކުރިއެރުމަކާއި ތަޖުރިބާއެއް ލިބުނު، އެންމެ ލޯބިވާ "ހަވީރު" ދޫކޮށް "ސަން އެފް.އެމް"ގެ ހުށަހެޅުމަށް އާނބަސް ބުނަން މަޖުބޫރުވީ ވެސް އެ ހިސާބުންނެވެ.

"ސަން އެފް.އެމް"ގެ ސްޓޭޝަން އިންޗާޖު އަދި ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި އަޅުގަނޑާ ހަވާލުކުރި އެންމެ ބޮޑު ޒިންމާއަކީ ނިއުސް ޑިޕާޓްމަންޓާއި ޕްރޮގްރާމް ޑިޕާޓްމަންޓު ކުރިއަރުވައި ތަރައްގީކުރުމެވެ. އަޅުގަނޑު މަސައްކަތްކުރީ، ލިބިފައިވާ ވަސީލަތްތަކާއެކު، އެކަން ހާސިލްކުރެވޭތޯއެވެ.

"ސަން އެފް.އެމް"ގައި މަސައްކަތް ކުރަންފެށި ފުރަތަމަ ދުވަހުން ފެށިގެން، މުހިންމު ހަބަރުތައް އެންމެ ފުރަތަމަ ނިއުޅުވާލާ ތަނަކަށް "ސަން އެފް.އެމް" ހަދައިފީމެވެ. ކުއްލި ހަބަރެއް ލިބުމުން، އެހެން ސްޓޭޝަންތައް ގޮތަށް، އެކަމަށް އިތުރު ހުއްދަތަކެއް ހޯދަން ނުޖެހި، މަރުހަލާތަކެއް ކަޑައްތުނުކޮށް، ސީދާ އަޅުގަނޑު ކުރާ ކަމެއްގެ ގޮތުގައި އެކަން ހަމަޖައްސައި، ބައެއް ފަހަރު ސްޓޫޑިއޯއިން އަނެއް ބައި ފަހަރު ފޯނުން ވެސް "ބްރޭކިން ނިއުސް"ތައް އޭގެ އެންމެ ހޫނުކަމާއި ތާޒާކަމާއެކު ގެނެސްދޭން ފަށައިފީމެވެ. ދުވާލެއް، ރޭގަނޑެއް، މެންދުރެއް، މެންދަމެއް ނެތިއެވެ. ނަތީޖާއެއްގެ ގޮތުން "ސަން އެފް.އެމް ބްރޭކިން ނިއުސް" އަކީ އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ އެއްޗަކަށްވެ، މާލޭ އާއި އަތޮޅުތެރޭގައި، "ސަން އެފް.އެމް" ރޭޑިއޯގެ މަގުބޫލްކަން އިތުރުވާން ފެށިއެވެ.

"ސަން އެފް.އެމް" ބްރޭންޑުކޮށް، "ސަން އެފް.އެމް" އަށް އާންމުންގެ ލޯތްބާއި ތަރުހީބު އިތުރުކުރުމަށް، މަގުބޫލް އެކިއެކި ޝަހުސިއްޔަތުން ހުށަހަޅައިދޭ ޕްރޮގްރާމްތަކެއް ގެނެސްދޭން އަޅުގަނޑު ހިތަށް އެރިއެވެ. އެހެންވެ، އެކަމާ މެދު ވިސްނައިލުމަށްފަހު ސިނާނާ މަޝްވަރާކޮށްލީމެވެ. ސްޓެލްކޯ ކައިރީ ކަންމަތީގައި ހުންނަ ކޮފީ ކަޑައެއްގައި، ކޮފީއެއްގައި ތިބެގެންނެވެ. "ހަވީރު"ގެ ދުވަސްވަރު ވެސް އެ ކޮފީ ކަޑައަށް އަޅުގަނޑުމެން ދެ މީހުން އަބަދުވެސް ކޮފީ ބޯން ދަމެވެ. "ސަން އެފް.އެމް" ޑީލް ނިންމީ ވެސް އެތަނުގައި ކޮފީ ބޯން ތިބެގެންނެވެ.

ސިނާން އަލީ (ކ) އާއި ޝަހީބު ސަން.އެފް.އެމްގެ ޕްރޮގްރާމެއް ހުށަހަޅުއްވަނީ (2009 ގައި)

އަޅުގަނޑު: މަގުބޫލް އެކިއެކި ޝަހުސިއްޔަތުތައް ހުށަހަޅައިދޭ ޕްރޮގްރާމްތަކެއް "ސަން އެފް.އެމް" އިން ގެނެސްދޭންވީ. އޭރުން "ސަން އެފް.އެމް" ބްރޭންޑުކުރެވި، އެހުންތެރިންގެ މަގުބޫލްކަން އިތުރުވާނީ.

ސިނާން: އެކަހަލަ ކޮން ބައެއް ތިބީ ރޭޑިއޯ ޕްރޮގްރާމެއް ހުށަހެޅޭ ކަހަލަ؟

އަޅުގަނޑު: އެތަނުން އެކަކަށް އަލީ ރަމީޒު ކިހިނެއް ވާނީ؟

ސިނާން: އަލީ ރަމީޒު އަންނާނެތަ؟ އޭނާ އެހާ މަޝްހޫރު މީހަކު މިކަހަލަ ތަނަކަށް އައިސް ޕްރޮގްރާމް ހުށަހަޅައިދޭނެތަ؟

އަޅުގަނޑު: އަލީ ރަމީޒާއި އަޅުގަނޑާ ވަރަށް ގާތް ގުޅުމެއް އޮންނާނެ. އޭނާއަކީ މިކަހަލަ ކަމަކަށް ވަރަށް އެކަށީގެންވާ މީހެއް. އަޅުގަނޑު ބުނެފިއްޔާ އޭނާ އެކަން ކޮށްދޭނެ. އަޅުގަނޑަށް ނުކޮށްދިން ކަމެއް އެހެން މީހަކަށް ވެސް އޭނާ ނުކޮށްދޭނެ. އެ ޔަގީންކަން އެބައޮތް.

ސިނާން: ތިޔައީ ވަރަށް ރަނގަޅު އައިޑިއާއެއް. އަލީ ރަމީޒު އޯކޭވެއްޖިއްޔާ ވަރަށް ބެސްޓްވާނެ. އަވަހަށް އެކަމާ އުޅޭ.

އެ ދުވަހުގެ ކޮފީއަށް ފަހު ވަގުތުން އަލީ ރަމީޒާ ފޯނުން ގުޅައި ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނުމުން، އެ ގެއަށް އައުމަށް އޭނާ ދައުވަތު ދިނެވެ.

"އިލްމީ ޚަޒާނާ 500″ ހަފުލާގައި ސަން މީޑިއާގެ ވެރިންނާއި އަލީ ރަމީޒާއެކު ޝަހީބު (ވ) ސެލްފީ ނަންގަވަނީ

އަޅުގަނޑު: މިހާރު މި މަސައްކަތް ކުރަނީ "ސަން އެފް.އެމް" ރޭޑިއޯގައި. އެހެންވެ "ސަން އެފް.އެމް"ގެ ޕްރޮގްރާމެއް އައްޔަ އެބަޖެހޭ ހުށަހަޅައިދޭން. އައްޔައަށް އެކަން ވާނެ. އެކަން ކޮށްދޭންވީނުން.

އަލީ ރަމީޒު: އަސްތާ ތިއީ އަހަރެން ދުވަހަކު ވެސް ކުރި ކަމެއް ނޫން. ނުވެސް އެނގޭނެ ތިކަހަލަ ކަމެއް ކުރާކަށް. ވަރަށް ބޮޑު މައްސަލައެއް ތިއީ.

އަޅުގަނޑު: ދުވަހަކު ވެސް ނުކުރާ ކަންތައް ފުރަތަމަ ކުރީމަ ދެން ކުރެވޭނެ. އައްޔަ އަށް މިކަން ކުރެވޭނެ. އަހަރުމެން ސަޕޯޓް ދޭނަން. އައްޔަގެ އެބަހުރި ކޮލިޓީ. ސްޓައިލް.

އަލީ ރަމީޒު: އެއީ ކޮން ކޮލިޓީއެއް؟

އަޅުގަނޑު: ގަޑިއަށް ފަރުވާތެރިވުން. ކަމަށް ކަމޭހިތުން. ޒިންމާދާރުކަން. ތެދުވެރިކަން. އަމާނާތްތެރިކަން. ބަސްމޮށުންތެރިކަން. ލީޑުކުރުމުގެ ހުނަރު. ތަފާތު ސްޓައިލެއްގައި ކަންކަން ކުރުން. ނުވިތާކަށް ރީތި އަޑެއް.

އަލީ ރަމީޒު: ކޮން ކަހަލަ ޕްރޮގްރާމެއް ހުށަހަޅަންޖެހޭނީ؟

އަޅުގަނޑު: މިއުޒިކް ޕްރޮގްރާމެކޭ ނުބުނާނަން. އެކަމަކު ދީނީ ހޭލުންތެރިކަމާ ބެހޭ ރަނގަޅު ޕްރޮގްރާމެއް. ޓެކްނިކަލް ހުރިހާ ކަމެއްގައި އަހަރުމެންގެ ސަޕޯޓް ލިބޭނެ. އައްޔަ އަކީ ޕްރެސެންޓަރު. އައްޔަ މި ޕްރޮގްރާމް ގެނެސްދޭން ފަށައިފިއްޔާ ގިނަ ދުވަހެއް ނުވެ މި ޕްރޮގްރާމް ވާނެ ރާއްޖޭގެ ވަރަށް މަގުބޫލް ޕްރޮގްރާމަކަށް އިންޝާﷲ.

އަލީ ރަމީޒު: (ބޯ ކަހައިލައިފައި) ތިކަމާ ވިސްނާލަން ޖެހޭނީ. ކުއްލިއަކަށް އާނއެކޭ ބުނާކަށް ނުކެރޭނެ. އެކަމަކު ނޫނެކޭ ވެސް ބުނެވޭކަށް ނެތް ޝަހީބު އައީމާ.

އަޅުގަނޑު: ޝުކުރިއްޔާ. ނޫނެކޭ ނުބުނާތި އިނގޭ ފަހުން ވެސް. އެހެންވެ އައްޔަ މިކަމާ ވިސްނާލާ. އަދި އެހެން މީހުންނާވެސް ކުޑަކޮށް މަޝްވަރާކޮށްލާ! އެކަމަށް ދެ ދުވަސް ކިހިނެއްވާނީ؟

އަލީ ރަމީޒު: އެންމެ ރަނގަޅު.

އެ ބައްދަލުވުމަށްފަހު އަޅުގަނޑު ކެއްތެރިކަމެއްނެތި އިންތިޒާރުކުރަމުން އައީ ދެ ދުވަސް ވާނެ އިރަކަށެވެ. އެކަމަކު ޖެހިގެން އައި ދުވަހު އަލީ ރަމީޒު ގުޅައިފިއެވެ. ދެ ދުވަސް ވެގެން އަޅުގަނޑު ނުގުޅަނީސް އަލީ ރަމީޒު ގުޅުމުން، އެއީ ފެހި ބޮކި ދިއްލުނީ ކަމަށް ފުރަތަމައިނުން ވެސް އަޅުގަނޑު ނިންމީމެވެ. ކަން ވީވެސް އެހެންނެވެ.

އަލީ ރަމީޒުގެ އާނބަސް ލިބުމުން، އަޅުގަނޑުމެން ދެ މީހުން ސަން.އެފް.އެމްގައި ސިނާނާ ބައްދަލުކޮށް، ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރީމެވެ. އޭރު އަލީ ރަމީޒު ވަނީ ޕްރޮގްރާމަށް ކިޔާނެ ނަމެއް ވެސް ވިސްނައިފައެވެ. އެއީ "އިލްމީ ޚަޒާނާ" އެވެ. އެ ނަން އަލީ ރަމީޒަށް ދެއްވި ކަމަށް ވަނީ ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ކަމަށް އަލީ ރަމީޒު ބުންޏެވެ.

"އިލްމީ ޚަޒާނާ"ގެ ޓީމާއެކު ޝަހީބު (ވ)

އަލީ ރަމީޒު ބޭނުންވީ އެ ޕްރޮގްރާމުގައި ޖަމިއްޔަތުއްސަލަފުގެ ދީނީ އިލްމުވެރިން ބައިވެރިވާތީ، އެ ޕްރޮގްރާމަކީ ސަން.އެފް.އެމާއި ޖަމިއްޔަތުއްސަލަފު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ހެދުމަށެވެ. އެހެންވެ، ޖަމިއްޔަތުއްސަލަފާއެކު އެއްބަސްވުމަކަށް ދިޔައީއެވެ.

ސަން.އެފް.އެމާއި ޖަމިއްޔަތުއްސަލަފު ގުޅިގެން ލައިވްކޮށް ގެނެސްދޭ "އިލްމީ ޚަޒާނާ"ގެ ފުރަތަމަ ޕްރޮގްރާމް ސަން.އެފް.އެމުން ބްރޯޑްކާސްޓްކުރީ 2009 މާޗު ހައެއް ވީ ހުކުރު ދުވަހުގެރޭ 9:00 ގައެވެ. "އިލްމީ ޚަޒާނާ"ގެ ޕްރޮޑިއުސަރަކީ އަދި ހުށަހަޅައިދެނީ ވެސް އަލީ ރަމީޒެވެ. އޭގެ ފަހުން، ސަން.އެފް.އެމް ހުއްޓާލަންދެން، މެދުނުކެނޑި ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު 9- 10 އަށް އެ ޕްރޮގްރާމް ގެނެސްދެއެވެ. 

މި ޕްރޮގްރާމުގެ މަގުބޫލުކަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، އަދި އެހުންތެރިންގެ އެދުމުގެ ވެސް މަތީން، "އިލްމީ ޚަޒާނާ"ގެ ޕްރޮގްރާމްތައް ސީ.ޑީއަށް ރެކޯޑުކޮށް ވިއްކަން ވެސް ފެށީމެވެ.

ޚާއްސަ މައުލޫއެއް ނަގައި، އެ މައުލޫއަށް ޝެއިޚުން ވާހަކަ ދައްކަވައި، އަދި އެހުންތެރިން ލައިވްކޮށް ކުރާ އެކިއެކި ސުވާލުތަކަށް ޝެއިޚުން ޖަވާބު ދެއްވާ ގޮތަށް ފެށި "އިލްމީ ޚަޒާނާ"ގެ ސްޓައިލަށް އަލީ ރަމީޒު އައީ ތަފާތު ބަދަލުތައް ގެންނަމުންނެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރުމަށްޓަކައި ސަން.އެފް.އެމްގައި ޚާއްސަ ސްޓޫޑިއޯއެއް ގާއިމުކޮށް، "ދީނީ ޑިޕާޓްމަންޓު"ގެ ނަމުގައި ޑިޕާޓްމަންޓެއް ވެސް އުފެއްދީމެވެ. އަދި "އިލްމީ ޚަޒާނާ" ނޫނަސް ދީނީ ތަފާތު ޕްރޮގްރާމްތައް އެ ޑިޕާޓްމަންޓުން އުފައްދަމުން ގެންދިޔައެވެ.

ސަން.އެފް.އެމަށްފަހު "އިލްމީ ޚަޒާނާ" ސަން ޓީވީން ވެސް ގެނެސްދިނެވެ. އެއީ އަޅުގަނޑު ސަން އިން ވަކިވި ފަހުންނެވެ. ސަން ޓީވީ ހުއްޓައިލުމުން އޭގެ ފަހުން "އިލްމީ ޚަޒާނާ" ގެނެސްދެމުން އައީ ވީ.ޓީ.ވީންނެވެ. އެއަށްފަހު މިހާރު "ދާރިސް ޓީވީ"ންނެވެ. އެއީ ޖަމިއްޔަތުއްސަލަފުގެ ޓީވީއެވެ.

ސާދަ އަހަރަށް ފަހު، "އިލްމީ ޚަޒާނާ"ގެ 500 ވަނަ ޕްރޮގްރާމާ ހަމައަށް ކާމިޔާބުކަމާއެކު ދަތުރުކުރުމަކީ އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެކަމުގެ ބިންގާ އަޅައިދިނުމުގެ ބައިވެރިއަކަށް ވެވުނީމައެވެ. ނަމަވެސް، "އިލްމީ ޚަޒާނާ"ގެ ކާމިޔާބުގެ ހަގީގީ މޭސްތިރިއަކީ އަލީ ރަމީޒެވެ. ޕްރޮގްރާމެއް ހުށަހަޅާލަން ނޭނގޭނެ ކަމަށް 2009 ވަނަ އަހަރުގެ ޖަނަވަރީގައި ބުނި އަލީ ރަމީޒު ފަހުން ވެފައިވަނީ އެ ދާއިރާގެ އެންމެ ކުޅަދާނަ އެކަކަށެވެ. އަދި ރޭޑިއޯ އާއި ޓީވީގެ ޕްރޮގްރާމުގައި ހިމަނާނެ އެކި ކަހަލަ ބައިތައް ކުރިން ރެކޯޑުކޮށް، އެޑިޓްކޮށް މިކްސް ކުރުމުގައި ވެސް އަލީ ރަމީޒު ފާހަގަވެފައި ވަނީ ހުނަރުވެރިއެއްގެ ގޮތުގައެވެ.

"ސަން.އެފް.އެމް އެވޯޑްސް"ގައި އެންމެ މަގުބޫލް ޕްރޮގްރާމުގެ ގޮތުގައި 2010 އަދި 2011 ގައި ވެސް ހޮވިފައި ވަނީ "އިލްމީ ޚަޒާނާ" އެވެ.

"އިލްމީ ޚަޒާނާ"ގެ 500 ވަނަ ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޚާއްސަ ހަފުލާއަށް އަޅުގަނޑަށް ދައުވަތު ދެއްވައި، އަގުވަޒަންކުރުމުގެ ފިލައެއް ދެއްވީތީ އަލީ ރަމީޒަށާއި ސަލަފަށް ޝުކުރު ދަންނަވަމެވެ. ސިނާނަށް އެރޭގެ ހަފުލާއަށް ވަޑައިނުގެންނެވުނީ ބޭރުގެ މެހެމާނުންތަކަކާއެކު ކުރިން ރޭވިފައި އޮތް ކަމަކަށް ވަޑައިގަންނަވަން ޖެހުމުންނެވެ. އެހެންވެ ސިނާންގެ ފަރާތުން ޝުކުރުގެ ދެތިން ބަހެއް އެރޭ އަޅުގަނޑު ދެންނެވީމެވެ.

ސަން.އެފް.އެމްގެ ވާހަކަ ދައްކަން ފެށުމުން، ހުއްޓާލަން ވަރަށް އުނދަގުލެވެ. އެކަމަކު މި ވާހަކަ ދަންނަވާލުމަށްފަހު ނިންމާލާނަމެވެ. ސަން.އެފް.އެމް ބްރޭންޑުކުރުމަށް، މަޝްހޫރު މީހުން ލައްވާ ޕްރޮގްރާމްތައް ހުށަހަޅަން ފެށުމުގެ ގޮތުން، މަޝްހޫރު އެހެން ޝަހުސިއްޔަތުތައް ލައްވާ ވެސް ޕްރޮގްރާމްތައް ހުށަހަޅަން ފެށީމެވެ. މި ގޮތުން މަޝްހޫރު ޑޮކްޓަރު، ޑރ. އަހުމަދު ރާޒީ (މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި!) ގެ ޕްރޮގްރާމަކާއި މަޝްހޫރު ލިޔުންތެރިޔާ ފަރެސް މުހައްމަދު އާމިރާއި މަޝްހޫރު ކޯޗު އަލީ ސުޒެއިން ބައިވެރިވާ ޕްރޮގްރާމެއް ވެސް ފެށީމެވެ. އަދި ސީދާ ސީނާނާއި އަޅުގަނޑުގެ ޕްރޮގްރާމެއް ވެސް ފެށީމެވެ.

ސިނާނާއި އަޅުގަނޑާއެކު ކޮންމެ ދުވަހަކު ހެނދުނު "އާފެށުން" ލައިވް ޕްރޮގްރާމެއް ގެންނަން ފެށީމެވެ. އެ ޕްރޮގްރާމަށް "އާފެށުން" ކީ އަޅުގަނޑުގެ ކެރިއަރުގެ މުޅިން އާ ފެށުމަކަށް ސަން.އެފް.އެމް ވެފައި، ސިނާނާއި އަޅުގަނޑުގެ ވެސް އާފެށުމަކަށް އެ ޕްރޮގްރާމް ވީމައެވެ.

އަދި ޑރ. ރާޒީއާއެކު ސިއްހަތު ލައިވް ޕްރޮގްރާމެއް ގެންނަން ފެށީމެވެ. އަދި ސުޒެއިނާއި ފަރެސް އާމިރާއި އަޅުގަނޑާއެކު "ބޮނޑިތާން" ކިޔާ އެންޓަޓެއިންމަންޓް ލައިވް ޕްރޮގްރާމެއް ކޮންމެ ހުކުރު ދުވަހެއްގެ ރޭ ގެންނަން ފެށީމެވެ. އަދި ސިނާނާއި ދިއްދޫ އަބްދުއްލަތީފު (ލަތީ) އާއި އަޅުގަނޑާއެކު "އެކަނިވެރި މައިން" ކިޔާ ލައިވް ޕްރޮގްރާމެއް ވެސް ފެއްޓީމެވެ. އެއަށްފަހު "އެކަނިވެރި ފިރިން" ވެސް ގެނެސްދިނީމެވެ. އެންމެ ފަހުން އެ ދެ ޕްރޮގްރާމުގެ ނަން "އެކަނިވެރިން"ނަށް ބަދަލުކޮށް، އެއް ޕްރޮގްރާމަކަށް ހެދީއެވެ.

މިހާ ހިސާބުން "ޢިލްމީ ޚަޒާނާ"އާ ބެހޭ މި ހާއްސަ ޕްރޮގްރާމް ނިންމާލައިފައި އަޅުގަނޑު ވަކިވެލާނަމެވެ. ވައްސަލާމް އަލައިކުމް ވަރަހުމަތުﷲ ވަބަރަކާތުހ.