...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު

މާތްކުރެއްވި ބިމުގެ ތާރީޚާއި އެބިމުގެ މާތްކަން

އަޅުގަނޑުމެން މުސްލިމުން މިއަދު މިތިބީ ވަރަށް ބޮޑު ޣާފިލުކަމެއްގައި ނިދާށެވެ. އަޅުގަނޑުމެންގެ ކަންތައް ހުރީ ތަކާޘުރު ސޫރަތުގައި ﷲ ބަޔާންކުރައްވާ ފަދައިންނެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެންގެ މިއްލަތް އެނގެނީ ކުޑަކޮށެވެ. މާތްކުރެއްވި ބިމަކީ ކޮބައިކަމެއް އަޅުގަނޑުމެންނަށް މާބޮޑަކަށް ނޭނގެއެވެ. މުޤައްދަސް ބިމުގެ ހުރުމަތްކަނޑައި ޔަހޫދީން އެތަނުގައި ހިންގާ ޖަރީމާތަކާމެދު ވިސްނައި ކަންބޮޑުވާކަށް އަޅުގަނޑުމެންނަކަށް ވަގުތެއް ނުލިބެއެވެ. މި ލިއުމުގެ މަގުސަދަކީ ޣާފިލުކަމުގެ ނިދިން އަޅުގަނޑުމެން ހޭއްލެވުމެވެ. މިއީ އިސްލާމީ އުއްމަތުގެ ކަމެއްކަން ގޭ ފެންޑާއާއި ކާ މޭޒު ދޮށުގައި ދަރިންނަށް އަންގައިދޭން މަގުފަހިކުރުމެވެ. އަދި އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރު ނިއުޅެމުންދާ ޑްރާމާއިން ފިލާވަޅު ހޯދައި އަޅުގަނޑުމެންގެ އީމާންކަން ދިރުވުމެވެ.

ޢިލްމީ ނަޒަރަކުން މާތްކުރެއްވި ބިން ޔަޢުނީ ހޮލީ ލޭންޑް ނުވަތަ އަރުޟުލް މުޤައްދަސާއަކީ ދިގު ތާރީޚެއް އޮތް ބިމެކެވެ. ކީރިތި ޤުރްއާނުން ﷲ، އެ ބިން މާތްކުރައްވާފައިވާކަން އެނގެއެވެ. ޔަހޫދީންނާއި ނަޞާރާއިން ތަބާވާ ފޮތް ބައިބުލްގައިވެސް މިބިމަކީ މާތްކުރެއްވި ބިމެކެވެ. މިކަން ބައިބުލްގެ ބުކް އޮފް ޒެކަރަޔާގައި އައިސްފައިވެއެވެ. ހޮލީ ލޭންޑް ނުވަތަ މާތްކުރެއްވި ބިމަކީ ބާވައިލެއްވި ދީންތަކުގެ އަހުލުވެރިން ކަމަށް ދަޢުވާކުރާ އެންމެނަށްވެސް މުޤައްދަސް ބިމެކެވެ. އޭގެތެރޭގައި ޔަހޫދީންނާއި ނަޞާރާއިން ހިމެނެއެވެ. ކީރިތި ޤުރްއާނުން އެނގޭގޮތުގައި އަރުޟުލް މުޤައްދަސާއަކީ އަލްޤުދުސްއާއި އެ ރަށުގެ ވަށައިގެންވާ ބިމެވެ. ޕްރޮފެސަރ ޑރ. ނޫރް މަޞާލްޙާ، އޭނާގެ ފޮތް 'ޕެލަސްޓައިން، އަ ފޯރ ތައުސަންޑް އިޔަރ ހިސްޓްރީ' ގައި ބަޔާންކުރާގޮތުގައި މިބިމުގެ ހުޅަނގުގައި އޮންނަނީ މެދުތެރޭ ކަނޑު ނުވަތަ މެޑިޓެރޭނިއަން ސީއެވެ. އަދި މިބިމުގެ އިރުމަތީގައިވަނީ އުރުދުން ކޯރެވެ.

ގިނަ ޢިލްމުވެރިންގެ ރައުޔުގައި ބަޔާންކުރެވުނު ސަރަހައްދަކީ އަރުޟުލް މުޤައްދަސާ ނުވަތަ މާތްކުރެއްވި ބިމެވެ. ޔަހޫދީން އެމީހުންގެ ފޮތް ކަމަށް ބުނާ ތަލްމޫދު ބަޔާންކުރާ ގޮތުގައި މުޤައްދަސް ބިމަކީ މިސްރުގެ ނީލަ ކޯރާއި ޢިރާޤުގައި ފުރާތު ކޯރާ ދެމެދު އޮތް ސަރަހައްދެވެ. ތަލްމޫދަކީ ތައުރާތުގެ ބައިތައް ހިމަނައިގެން ޔަހޫދީން އުފައްދައިގެން އުޅޭ އެމީހުންގެ ފޮތެވެ. ތަލްމޫދުގެ އެންމެ ފަހުގެ ޢަދަދުގައި ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައް ނަކަލުކޮށްފައިވެއެވެ. މިކަމުގެ ބޭނުމަކީ އެމީހުންގެ ތާރީޚާއި ދީން އިތުރަށް އޮޅުވައިލުމެވެ.

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި މާތްކުރެއްވި ބިމުގެ ތާރީޚް ރަސޫލުންގެ ބަފައިކަލުން އަދި ފުރަތަމަ މުސްލިމް އިބުރާހީމްގެފާނާ ހަމައަށް ދެއެވެ. އެކަލޭގެފާނު، އުފަން ރަށް ބާބިލްގެ އޫރު ދޫކުރައްވައި ﷲ ގެ އަމުރުފުޅަށް ފުރަތަމަ ހިޖުރަކުރެއްވީ އަރުޟުލް މުޤައްދަސާއަށެވެ. މިކަމަށް ސޫރަތުލް އަންބިޔާގެ 71 ވަނަ އާޔަތް ހެކިވެއެވެ. ބައިބުލްއަށް ބަލާއިރުވެސް އިބުރާހީމް ޢަލައިހިއްސަލާމް ހިޖުރަކުރެއްވީ މިބިމަށެވެ. މިވާހަކަތައް އައިސްފައިވަނީ ޖެނެސިސްގައެވެ. ބައިބުލް ބަޔާންކުރާގޮތުގައި އޭރު އެ ބިމުގެ ނަމަކީ ކަންޢާންއެވެ. އެއީ މީގެ ގާތްގަނޑަކަށް 3445 އަހަރު ކުރިއެވެ. އެއީ ޢީސާގެފާނު ވަޑައިގަތުމުގެ ގާތްގަނޑަކަށް 1430 އަހަރު ކުރިއެވެ.

ތާރީޚީގޮތުން އަލްޤުދުސް ނުވަތަ އެ ރަށުގެ ވަށައިގެންވާ ބިމުގެ މާތްކަން ވަރަށްބޮޑެވެ. ﷲ އަށް އަޅުކަންކުރުމަށްޓަކައި ބިނާކުރެވުނު ދެވަނަ މިސްކިތް އަލްމަސްޖިދުލް އަޤުޞާ ހުންނަނީ ޤުދުސްގައެވެ. މުސްލިމުންގެ މަސްދަރުތަކުން އެނގޭގޮތުގައި މައްކާގެ މަސްޖިދުލް ޙަރަމަށް ސާޅީސް އަހަރުން މި މިސްކިތް ބިނާކުރެވުނެވެ. މިއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. މިއީ ރަސޫލުﷲ ﷺ އިސްރާ ދަތުރުފުޅުގައި ވަޑައިގެންނެވި މިސްކިތެވެ. މިއީ އަދިވެސް މުސްލިމުންގެ ކުރިމަތީގައި ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތެވެ. މި މިސްކިތުގެ ކައިރީގައި ﷲ އަށް އަޅުކަން ކުރައްވަން ސުލައިމާން ޢަލައިހިއްސަލާމް ބައިތުލް މަޤްދިސް ބިނާކުރެއްވިއެވެ.

ޑރ. ނޫރް މަޞާލްޙާ، ބަޔާންކުރާގޮތުގައި ރަންވަން ލޯ ބޭނުންކުރި ޒަމާން ނުވަތަ ބްރޯންޒް އޭޖުން ފެށިގެން ހޮލީ ލޭންޑްގެ ނަމަކީ ފިލަސްޠީންއެވެ. އޭނާ ހާމަކުރާގޮތުގައި ފިލަސްޠީން މިނަން ފުރަތަމަ ބޭނުންކޮށްފައިވަނީ މީގެ 3200 އަހަރު ކުރިންނެވެ. އެއީ ޢީސާ ޢަލައިހިއްސަލާމް އުފަންވެވަޑައިގަތުމުގެ 1177 އަހަރު ކުރިއެވެ. ފިލަސްޠީން މިނަން ބައިބުލްގައި އެކި ފަހަރުމަތިން އައިސްފައިވެއެވެ. އެހެންކަމުން ފަލަސްޠީނަކީ ނުހައްދަވާ ތަނެއްގެގޮތުގައި ދައްކަން ޔަހޫދީންނާއި ބައެއް ނަޞާރާއިން ކުރާ މަސައްކަތަކީ ކަނޑައެޅިގެން ދޮގުކަން ކަށަވަރުވެއެވެ.

އަރުޟުލް މުޤައްދަސާއަކީ އިބުރާހީމްގެ ފާނުގެ ދަރިކަލުން އިސްޙާޤު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ވަޑައިގަތް އެތައް ރަސޫލުން ވަޒަންވެރިވެވަޑައިގަތް މަތިވެރި ބިމެވެ. އެހުރިހާ ބޭކަލުންގެ ދީނަކީ އިސްލާމް ދީނެވެ. އެހުރިހާ ބޭކަލުންނަކީ މުސްލިމުންނެވެ. އެތައް ނަބީ ބޭކަލުން ފަސްދާނުލެވިފައިވަނީ މިބިމުގައެވެ. މިމަތިވެރި ބިން ޠާހިރު އަމާން ބިމެއްގެ ގޮތުގައި އޮތުމަށްޓަކައި އެތަނުގެ އަހުލުވެރިން ﷲ އަށް އީމާންވެ ﷲ ގެ ގާނޫނު އެބިމުގައި ހިންގާ ބަޔަކަށް ވާންޖެހެއެވެ. ބުއްދީގެ ހަމައިން ބަލާއިރު އަބަދުވެސް މިފުރުސަތު އޮންނާނީ މުސްލިމުންނަށް ޔަޢުނީ ﷲ އަށް އީމާންވި ބަޔަކަށެވެ.

ކީރިތި ޤުރްއާނުގައި އަރުޟުލް މުޤައްދަސާގެ ނަން ﷲ ފާހަގަނުކުރައްވައެވެ. މާނަޔަކީ އަލްޤުދުސް ނުވަތަ ފަލަސްޠީންފަދަ އެއްވެސް ނަމެއް އެފޮތުގައި ނެތުމެވެ. އެހެންވެ ބައެއް ޔަހޫދީ އަދި ނަޞާރާ ޢިލްމުވެރިން ދުށްގޮތުގައި ޤުދުސް ނުވަތަ ޖެރޫސެލަމްއަކީ މުސްލިމުންނާ ގުޅުން ހުރި ބިމެއް ނޫނެވެ. އަދި އެފަދަ މީހުން ދުށްގޮތުގައި ޤުދުސްގެ ވަށައިގެންވާ ބިމަކީވެސް އަރަބީންގެ ނުވަތަ މުސްލިމުންގެ ތަނެއްނޫނެވެ. މި ދޮގު ތުހުމަތަށް ބާރުދީ އެމެރިކާގެ ލިޔުންތެރިއެއް ކަމުގައިވާ ޑރ. ޑެނިއަލް ޕައިޕްސް މަޒުމޫނެއް ލިޔުނެވެ. ލޮސް އެންޖަލިސް ޓައިމްސްގައި ޝާއިޢުކުރި 'ޖެރޫސެލަމް މީންސް މޯރ ޓު ޖޫޒް ދޭން ޓު މުސްލިމްސް' އަށް ރައްދު ދެއްވައި ޝައިޚް ޢިމްރާން ޙުސައިން 'ޖެރޫސެލަމް އިން ޤުރްއާން' މިފޮތް ލިޔުނެވެ. ޝައިޚް ޢިމްރާނުގެ ފޮތުގައި ޔަހޫދީންނާއި ނަޞާރާއިންގެ ދަޢުވާތައް ނަފީކުރެއެވެ. އެހެނީ ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި މާތްކުރެއްވި ބިމުގެ ވާހަކަ ﷲ ތަކުރާރުކޮށް ބަޔާންކުރައްވާފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.