ހުޅުމާލޭގެ ބިންތަކާ ބެހޭ ވިޔަފާރީގެ މުއާމަލާތްތަކެއް އާބަންކޯއިން ކުރަން އުޅޭ ކަމަށް ބުނެ އެފަދަ މުއާމަލާތްތައް މި ދަނޑިވަޅުގައި ކުރިއަށް ގެންދިއުން މަޑުޖައްސާލަން އިންތިގާލީ ރައީސްގެ އޮފީހުން އިލްތިމާސްކޮށްފި އެވެ.
އިންތިގާލީ ރައީސް އޮފީހުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ހިނގަމުންދާ ދަނޑިވަޅެއްގައި އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުން ގެންދާ މަސަައްކަތުގެ ތެރެއިން އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ހުޅުމާލޭގެ ބިންތަކަކީ ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު އެސެޓް ކަމުގައިވާއިރު އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން އެ ބިންތަކާ ބެހޭ މަސައްކަތްތައް ކުރުމަކީ ކަންބޮޑުވާ ކަމެއް" ކަމުގައި އެ ބަޔާނުގައިވެއެވެ. "ވަކިން ހާއްސަކޮށް އެ މުއާމަލާތްތަކުގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިންތަކެއް ދިނުމާ ބެހޭ މުއާމަލާތްތަކެއް ހިމެނޭތީ ވަކިން ކަންބޮޑުވޭ."
އިންތިގާލީ ރައީސް އޮފީހުން ބުނީ އަލަށް އުފެދޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް މިކަމުގެ ސަބަބުން ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެކަމުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މި މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި ކުންފުނިތަކުން އިންތިގާލީ މަރުހަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަން،" އެ ނޫސްބަޔާނުގައިވެ އެވެ.
މިކަމާ ގުޅިގެން އާބަންކޯގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.



advertisment

