Support Us

ކޮލަމް މާޒީ: ރައީސް ޔާމީނަކީ ޕްރޯ-ޗައިނާ ބޭފުޅެކޭ ބުނެވިދާނެތޯ؟

އަޅުގަނޑު މި ވާހަކަ މި ލިޔަނީ މިހެން ރައީސް ޔާމީން ވިދާޅުވެގެންނެއް ނޫނެވެ. އަދި ރައީސް-މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވެގެންނެއް ވެސް ނޫނެވެ. މި ވާހަކަ މިހެން ދަންނަވާން ޖެހުނީ ޑރ. މުއިއްޒަކީ ޕްރޯ-ޗައިނާ، (ޗައިނާއަށް އިސްކަންދޭ، ޗައިނާއަށް ތާއީދުކުރައްވާ) ބޭފުޅެއްކަމަށް ދުނިޔޭގެ މީޑިއާތަކުން އަދި ޚާއްޞަކޮށް އިންޑިއާގެ ނޫސްތަކާއި ޓީވީތަކުން ޚަބަރު ފެތުރުމާ ގުޅިގެން، އެކަން ދޮގުކުރައްވައި ޑރ. މުއިއްޒު ވިދާޅުވާ ވިދާޅުވުން ރާއްޖޭގެ ޓީވީތަކުން ގެނެސްދޭ އިރު، "ރައީސް ޔާމީނަކީ ޕްރޯ-ޗައިނާ ބޭފުޅަކަށް ވިޔަސް"އޭ ކިޔައިގެން ޚަބަރު ފަތުރާތީ ބޮލަށް އުނދަގޫވެގެންނެވެ. އަދި އަޅުގަނޑު މި ވާހަކަ މި ލިޔަނީ ރައީސް ޔާމީންގެ ވެރިކަމުގެ ޚަބަރުތައް ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާގެ އަލީގައެވެ. މީހަކު ދިން މަޢުލޫމާތުގެ މައްޗަކަށް ނޫނެވެ. އަޅުގަނޑުގެ އަމިއްލަ ހޯދުންތަކުގެ އަލީގައެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި، ދިވެހިރާއްޖޭގެ 17 ފަޅުރަށެއް ޗައިނާއަށް ދީފިކަމުގެ ދޮގު ޚަބަރު، މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ފެތުރުއްވިއެވެ. މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އިންޑިއާއިން ވެސް މި ވާހަކަތައް ތަކުރާރުކުރިއެވެ. ނަމަވެސް އެ ބޭފުޅުން ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖެއިން ޗައިނާއަށް އެންމެ ވެލިފުކެއް ވެސް ދީފައިފައިވާކަމަކަށް ފެނިވަޑައެއްނުގަތެވެ. އަދި ޗައިނާ ސިފައިންގެ އެންމެ ބޫޓު ކިބައެއް ވެސް މި ރާއްޖެއަކު ނެތެވެ.

ރައީސް ޔާމީނަކީ އެހެން ބޭފުޅުންނާ ތަފާތުކޮށް ވެރިކަމާ ޙަވާލުވެވަޑައިގަންނަވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. އެކަމަކު ގިނަ މީހުން މި ކަން ހަނދާނެއް ވެސް ނެތެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މަނިކުފާނު އިންތިޚާބުވެވަޑައިގަތްކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެއްވީ ނޮވެންބަރު މަހު 16 ވަނަ ދުވަހުއެވެ. ރައީސްކަމުގެ ހުވާކުރެއްވީ 24 ގަޑިއިރު ވެސް ނުވަނީސް، ޖެހިގެން އައި 17 ވަނަ ދުވަހުއެވެ. ވެރިކަމުގެ ކަންކަން ތަންޒީމުކުރައްވާކަށް އެންމެ ހިނދުކޮޅެއް ވެސް ލިބިވަޑައެއް ނުގަންނަވައެވެ. އެހެން ބޭފުޅުން ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ދެމެދު ކަންކަން އިންތިޒާމުކުރައްވާން ދޮޅުމަހެއްހާ ދުވަސް ލިބިވަޑައިގަނެއެވެ.

މި ކަން ކޮންމެ ގޮތަކަށް އޮތަސް ރައީސް ޔާމީން ރައްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ބޭރު ގައުމަކަށް ވަޑައިގަތީ އިންޑިއާއަށެވެ. ޗައިނާއަކަށް ނޫނެވެ. އަދި ހުޅުލެޔާއި މާލެއާ ދެމެދު ބުރިޖެއް އެޅުމުގެ ކަންކަމުގައި އެހީއާއި އެއްބާރުލެއްވުމަށް ފުރަތަމަ އެދިވަޑައިގަތީ ޗައިނާއަކުންނެއް ނޫނެވެ. އިންޑިއާއިންނެވެ. އެހެންވީމާ ރައީސް ޔަމީނަކީ ޕްރޯ-އިންޑިއާ ބޭފުޅެކޭ ކިޔާނަމަ ހަގީގަތާ ތަންކޮޅެއް ކައިރިވީސްކަން ނޭނގެއެވެ. ނަމަވެސް އިންޑިއާއިން މި ކަމުގައި ކޮޅެއް މެދެއް ނުދައްކައި ފާޑުފާޑުގެ ޝަރުޠުތައް ހުށަހަޅާން ފެށީމާ، ޗައިނާގެ ކިބައިން އެ ކަމުގައި އެހީއަށް އެދިވަޑައިގަތީއެވެ. ޗައިނާއިން ބޮޑެތި ޝަރުޠުތަކެއް ހުށަނާޅައި ހަމައެކަނި ދެގައުމުގެ ރަޙުމަތްތެރިކަން ރަމްޒުކޮށްދޭ ބުރިޖެއްގެ ގޮތުގައި އެ ކަން ކޮށްދޭން ޗައިނާގެ ރައީސް އެއްބަސްވެވަޑައިގަތީއެވެ.

ދިވެހިރާއްޖެއަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާން ރައީސް ޔާމީން ދަޢުވަތުދެއްވީމާ ވަޑަގަންނަވާން ހަމަޖައްސަވައިފައި ވެސް އޭރުގެ އިދިކޮޅު (މިހާރު ސަރުކާރު) ޕާޓީގެ ފިއްތުންތަކާ ހުރެ ރާއްޖެ ވަޑައިނުގަންނަވާން ނިންމީ އިންޑިއާ ސަރުކާރުންނެވެ. ރާއްޖެއަކުން ޗައިނާއަކުންނެއް ނޫނެވެ. ދެން ޗައިނާގެ ރައީސަށް ދެއްވި ދަޢުވަތު ގަބޫލުފުޅުކުރައްވައި ވަޑައިގަތީއެވެ.

ރައީސް ޔާމީނަކީ އިގުތިސާދީ ބޭފުޅަކަށްވާތީއާއި އަދި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ބޭފުޅަކަށްވާތީ، ދިވެހި ގައުމުގެ ސިޔާދަތަށް އިޙުތިރަމްކުރުމާއެކު އިގުތިސާދީ ގޮތުން އެހީތެރިވާ ކޮންމެ ގައުމެއްގެ އެހީތެރިކަން ބޭނުންފުޅުކުރެއްވީއެވެ. މި ގޮތުން ޗައިނާގެ އިތުރަށް ސުޢޫދީ ޢަރަބިއްޔާއާއި އިސްލާމީ ކިތަންމެ ގައުމެއްގެ އެހީތެރިކަން ހޯއްދެވިއެވެ. ސަލްމާނު ރަސްގެފާނުގެ މިސްކިތަކީ ސަޢޫދީ ރަސްގެފާނުގެ އެހީގައި ބިނާކުރެއްވި ބިނާއެކެވެ. ޑޮކްޓަރުން ތަމްރީނުކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ސްކޫލް އޮފް މެޑިސިން ގާއިމުކުރައްވައި ޑޮކްޓަރުން ތަމްރީނުކުރައްވަން ފެއްޓެވީ ޕާކިސްތާނުގެ އެހީގައެވެ. މި ކަންކަން އަޅުގަނޑަށް މި އެނގެނީ ހަމަ މީޑިއާގައި އެ ދުވަސްވަރު އާންމު ވެފައި ހުރި ޚަބަރުތަކުންނެވެ. އަދި ޔުނިވަރސިޓީގެ ކައުންސިލްގައި އެ ދުވަސްވަރު އުޅުމުގެ ސަބަބުން ވެސް ވަރަށް ގިނަ މަޢުލޫމާތު ލިބުނެވެ. މި ކަންކަމުގެ މަޢުލޫމާތު މަގާމުގެ ހައިސިއްޔަތުން ޑރ. މުޢިއްޒަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވީމާ، މި ވާހަކަތައް ތަފުސީލުކޮށް އެ މަނިކުފާނު ވެސް ވިދާޅުވާން އެބަ ޖެހެއެވެ. އަދި މީޑީއާއިން ޚަބަރު ގެނެސްދޭ އިރު ވެސް ކަންކަން ދިރާސާކޮށް ހަގީގަތް ހާމަކުރާން އެބަޖެހެއެވެ. އިންޑިއާއިން ބުނާހައި އެއްޗަކަށް ބުރަވެގެން، ރައީސް ޔާމީނަކީ މިވެނި ގައުމަކާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެކޭ މިވެނި ގައުމަކާ ދުޝްމަނު ބޭފުޅެކޭ ކިޔައިގެން ޚަބަރު ގެނައުމަކީ ދޮގު ޚަބަރު ފެތުރުމެވެ. މީޑިއާއިން އެއަށްވުރެ ބޮޑަށް ޒިންމާދާރުވާން އެބަ ޖެހެއެވެ. ރައީސް ޔާމީން އަމިއްލަފުޅަށް ތިމަންމަނިކުފާނަކީ ޕްރޯ-ޗައިނާ ބޭފުޅެކޭ ވިދާޅުވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރާނަމެވެ. ސަބަބަކީ މީޑިއާއިން މި ކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ފެންނާން އޮތީތީއެވެ.

ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުގެ ސަރުކާރަކީ "އިންޑިއާ ފަސްޓް" ސިޔާސަތު ގެންގުޅޭ، ޕްރޯ-އިންޑިއާ ސަރުކާރެއްކަން އެ މަނިކުފާނުގެ ބަސްފުޅުންނާއި ސަރުކާރުގެ ޢަމަލުފުޅުތަކުން ސާބިތުވުމުގެ އިތުރަށް މި ސަރުކާރަކީ އިންޑިއާގެ ދަށުވެފައިވާ ސަރުކާރެއްކަން މީޑިއާގެ ޚަބަރުތައް ދިރާސާކޮށްލުމުން ސާފުވާނެއެވެ. ނަމަވެސް ރައީސް ޔާމީނަކީ ޗައިނާއަށް ވަކި އިސްކަމެއް ދެއްވި އަދި އިންޑިއާއަށް ފަސްކަމެއް ދެއްވި ބޭފުޅެއް ނޫނެވެ. ދިވެހިރާއްޖެއިން އެހީތެރިކަން ބޭނުންވި ކަންކަމުގައި އިންޑިއާއިން އެހީތެރިކަން ނުދިނުމާއި އެކަމުގައި ޗައިނާއިން އެހީތެރިކަން ދިނުމަކީ ޗައިނާއަށް އިސްކަން ދިނުމެއް ނޫނެވެ. ސަޢޫދީ ޢަރަބިއްޔާއާއި ޢަރަބި އެހެން ގައުމުތަކާއި ޕާކިސްތާނު ފަދަ އިސްލާމީ ގައުމުތަކުން ދިން އެހީތެރިކަން ރައީސް ޔާމީން ގަބޫލުފުޅުކުރެއްވީ ދިވެހީންގެ ސިޔާދަތު ޤުރުބާންކުރައްވައިފައެއް ނޫނެވެ. ރާއްޖޭގައި އެ ގައުމުތަކުގެ ސިފައިން ބައިތިއްބާން އެއްބަސްވެވަޑައިގެންފައެއް ނޫނެވެ. ނުވަތަ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި ބަދަލު ފައިސާ ދީގެންނެއް ނޫނެވެ. ދައުލަތުގެ މުހިންމު ހުރިހާ ޢިމާރާތްތަކެއް ރަހުނުކުރައްވައިފައެއް ވެސް ނޫނެވެ.

ޑރ. މުޢިއްޒު ވެސް ގެންގުޅުއްވާނީ ހަމަ އެ ސިޔާސަތުކަން ކަށަވަރެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމުކުރުމާއެކު އެހީތެރިކަން ދޭ ކޮންމެ ގައުމެއްގެ އެހީތެރިކަން އެ މަނިކުފާނު ވެސް ގަބޫލުފުޅުކުރައްވާނެކަން ކަށަވަރެވެ. ރައީސް ޔާމީނާއި ޑރ. މުޢިއްޒު ވެސް އިސްކަން ދެއްވަނީ ދިވެހި ޤައުމަށެވެ. ދިވެހި ރައްޔިތުންނަށެވެ. އެހެން ގައުމަކަށް ނޫނެވެ. އަމިއްލަ ފައިދާއާއި ޖާހަކަށް ނޫނެވެ. ރައީސް ޔާމީނަކީ ވެސް ޑރ. މުޢިއްޒަކީ ވެސް ވަކި ގައުމެއްގެ ޕަޕެޓަކަށް ވާނެ ބޭފުޅުންނެއް ނޫނެވެ. ޑރ. މުއިއްޒާއި ރައީސް ޔާމީނަކީ ވެސް ދިވެހި ޤައުމާއި ރައްޔިތުންނަށް އިސްކަންދެއްވާ ޕްރޯ-މޯލްޑިވްސް ބޭފުޅުންނެވެ. އެއީ މުޙިއްބުލްވަޠަނުންނެވެ. ޚާއިނުންނެއް، ޣައްދާރުންނެއް ނޫނެވެ. ވީމާ، ޑރ. މުއިއްޒު ފަދައިން ރައީސް ޔާމީނަކީ ވެސް ޕްރޯ-ޗައިނާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެއީ އެހެން ގައުމަކުން ވެސް "އެޅިހާ ބަތަކަށް ރިހަ" ވެގެން ޤައުމުގެ އަމިއްލަވަންތަކަމާއި އިސްތިގުލާލު ގުރުބާންކުރައްވާނެ ބޭފުޅުންނެއް ނޫނެވެ. އާދޭހެވެ! ރައީސް ޔާމީނަކީ ޕްރޯ-ޗައިނާ ބޭފުޅެކޭ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަން ކަށަވަރެވެ.