Support Us

ކޮލަމް މާޒީ: މިނިސްޓަރުގެ ސިޓީއެއް ފެނި އަޅުގަނޑުގެ ހިތުގައިޖެހިއްޖެއެވެ. ރޮވެނީއެވެ!

އެ ދާއިރާއެއްގައި އަޅުގަނޑުގެ މުޅި ޒުވާން އުމުރު ހޭދަކުރެވުނު ދާއިރާގެ އެންމެ އިސް މުއައްސަސާ، އަދި އެ ވުޒާރާއެއްގައި އަޅުގަނޑަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެވުނު ވުޒާރާގެ ސިޓީއެއްގެ ނަމުގައި އޮތް ސާކިޔުލަރެއް، ދާދިފަހުން މީސްމީޑިއާގައި ވިރަވިއެވެ. ދެކުނުގެ ކޮންމެވެސް އަތޮޅެއްގެ އިސްކޫލެއްގައި މުދައްރިސުން ގޮވައިގެން އިސްކޮށް ހުންނަވާ އެދުރަކު ދެއްވައިގެން ލިބިވަޑައިގަތް އެއްޗެއްކަމަށް ވެސް ކޮންމެވެސް އޮޅިއެއްގައި ކޮންމެވެސް ބޭފުޅަކު ލިޔުއްވައިފައި އޮއްވައި ދުށީމެވެ. އެއީ އަސްލު ސިޓީއެއްކަމެއް ނުވަތަ ހެދި ސިޓީއެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މި "ސިޓީ" މީސްމީޑިއާގައި ހިއްސާކުރި ގިނަ މީހުން ހިއްސާކޮށްފައިވަނީ މިނިސްޓްރީގެ ޣައިރުޒިންމާދާރުކަމާއި ފެންވަރެއް ނެތްކަން ހާމަކުރާށެވެ. ނަމަވެސް އެ ސިޓީއިން އަޅުގަނޑަށް ފާހަގަކުރެވުނީ އެހެން ކަމެކެވެ. ޤައުމުގެ ހާލަތެވެ. މުޅި ތަޢުލީމީ ނިޒާމުގެ މައްސަލައެވެ. ދައުލަތުގެ ސިޔާސަތުގެ މައްސަލައެވެ.

އެއީ އަސްލެއް ނަމަ، (ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.) އެ "ސިޓީ"އިން އަންގައިދެނީ، އަޅުގަނޑު ކުރީން ވެސް ދެންނެވި ފަދައިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޣައިރުޒިންމާދާރުކަމެއް ނޫނެވެ. އެ މިނިސްޓްރީގެ ފެންވަރު ދަށްކަމެއް ވެސް ނޫނެވެ. އެ "ސިޓީ"އިން އަންގައިދެނީ ދިވެހި މުޖުތަމަޢުގެ އަދުގެ ޙާލަތެވެ. ދިވެހި ގައުމިއްޔަތު ނިކަމެތިވެފައި އޮތް މިންވަރެވެ. މި ކަންކަން ހިތްމައްޗަށް އައުމުން އަޅުގަނޑުގެ ހިތުގައިޖެހުނެވެ. ރޮވުނެވެ. އަމިއްލަ ނަފުސު ވެސް ކުށްވެރިކުރެވުނެވެ.

ގައުމެއްގެ އަމިއްލަ މާދަރީ ބަހުން ރަނގަޅަށް ލިޔެކިޔައި ހަދާން ދަންނަ މީހުން އެ ގައުމެއްގައި ނެތިއްޖެ ނަމަ، އެ އޭގެ މާނައަކީ ކޮބައިތޯއެވެ؟ އޭގެ މާނައަކީ އެ ގައުމެއްގެ ގައުމިއްޔަތު ފުނޑުފުނޑުވެފައިވާކަމެވެ. އެހެނީ ޤައުމީ ބަހަކީ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބެވެ. އެ ތަނބު ޙިމާޔަތްކޮށްގެން ނޫނީ ޤައުމިއްޔަތު ޙިމާޔަތްކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ފަޚުރުވެރި މާދަރީ ބަހަކީ އާދަޔާ ޚިލާފު ބަހެކެވެ. އެ ބަޔެއްގެ ކާބަފައިން އަމިއްލައަށް އީޖާދުކުރި އަކުރަކުން ލިޔެކިޔައި ހަދާ ބަހެއް ދިވެހިބަސް ނޫނީ ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވަމުތޯއެވެ؟ ތިޔަ ވިދާޅުވީ ނޫނެކޭކަން އަޅުގަނޑަށް އެނގިއްޖެއެވެ.

ފިކުރުކޮށްލައްވާށެވެ! އިސްރާއީލޭ މި ކިޔާ ނިރުބަވެރި ދައުލަތް، ފަލަސްތީނުގެ މުޤައްދަސް ބިމުގައި ޤާއިމުކޮށް އެ މީހުން ޤައުމިއްޔަތެއް ބިނާކުރުމަށް ޓަކައި، ކުރި އެންމެ މުހިންމު ކަމަކީ ކޮބައިތޯއެވެ؟ އާދޭހެވެ! އޭރު ފައްޅިތަކުގައި ސަންދޯކުގައި އަޅައިފައިފައި އޮތް ހީބްރޫ ބަސް ސަންދޯކުން ނަގައި އެއަށް ފަރުވާދީ ހޭހަންކޮށްގެން އެ ބަސް ދިރުވައި ބާރުވެރިކުރުވީއެވެ. އެ މީހުންގެ ޤައުމީ ބަހަކީ އެއީކަމަށް ހެދީއެވެ. ޔަހޫދީ ޤައުމިއްޔަތަށް ޓަކައެވެ. މިއަދު އެއީ ޞިއްޙަތާއި ތަޢުލީމާއި ފަންނިއްޔާތާއި އަދި އެހެން ހުރިހާ ދާއިރާއެއް ހިމެނޭހެން އެ މީހުންގެ ޤައުމީ މުޢާމަލާތުގައި ބޭނުންކުރާ ބަހެވެ. ވީމާ، އަދި މަރުނުވެ ދިރިދެމި މި އޮތް ދިވެހިބަސް މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓޭން އަޅުގަނޑުމެން ދޫކޮށްލީ ކީއްވެގެންތޯއެވެ! މި ދައުލަތުގައި ސިޔާސަތު ކަނޑައަޅުއްވައި، ސިޔާސަތު ތަންފީޒުކުރައްވާ ބޭފުޅުން ކޮބައިތޯއެވެ؟ ޤައުމިއްޔަތުގެ އެންމެ މުހިންމު ތަނބު ފުނޑުފުނޑުވާކަން އެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ އަޅުގަނޑުމެން، ލިޔާ މީހުން، މި ކަމުގެ އިންޒާރުތައް ދެމުން ގެންދާތާ އެތައް ދަހަރެއް ވެއްޖެއެވެ. ފެންނަ ފެނުމުގައި ޙާލަތު ދަނީ ގޯހުން ގޯހަށެވެ. މާމައިންނާއި ކާފައިންނާއި، އެ މީހުންގެ ކާފަދަރީންނާއި މާމަދަރީންނާ ދެމެދު މިއަދު މުއާޞަލާތުގެ ހުސްކަމެއް އަތުވެއްޖެއެވެ. ދަރިފުޅު ކިޔާ އެއްޗެއް މާމައަކަށް ނޭނގެއެވެ. ކާފަ ބުނާ އެއްޗެއް ދަރިފުޅަކަށް ނުވިސްނެއެވެ. މާދަރީ ބަހުން ވާހަކަދައްކާން ނޭނގުމަކީ ކުއްޖާގެ މޮޅުކަންކަމުގައި ބެލެނިވެރީންނަށް ހީވާން ފަށައިފިއެވެ. ތިމަންނަގެ ދަރިފުޅަކަށް ދިވެހިބަހުން ވާހަކަދައްކާކަށް ނޭނގޭނެޔޭ ބުނުމަކީ ލަދުވެތި ކަމެއްގެ ބަދަލުގައި ފަޚުރެއްކަމުގައި ގިނަ ބެލެނިވެރީން ވެސް ދެކޭން ފަށައިފިއެވެ.

މި ދެންނެވި "ސިޓީ"އާ ގުޅިގެން މި ފަދަ ޝުޢޫރުތަކެއް އަޅުގަނޑުގެ ހިތަށް މި ވެރިވީ ކީއްވެގެންތޯއެވެ! ސަބަބު ދަންނަވައިލާނަމެވެ.

ފުރަތަމަ ކަމަކީ ދިވެހިރާއްޖޭގެ ޖީލުތައް، ހެޔޮ މަގަށް ބައްޓަންކުރުމުގެ މަތިވެރި ޒިންމާއާ ޙަވާލުވެފައިވާ ތަޢުލީމީ ވުޒާރާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ހުރިހައި އިސްކޫލްތަކަށް ފޮނުއްވި ސިޓީއެއްކަމަށް ބުނާ "ސިޓީ"އިން އަޅުގަނޑަށް ކުރެވުނު ތަރުޖަމާއެވެ. އެ ސިޓީގެ ފެންވަރެވެ. އެ "ސިޓީ"ގައި ރަތްކުލައިން ނުވަ ކުށެއް ފާހަގަކޮށްފައި އޮތް އިރު، ނޫކުލައިން މާ ގިނަ ކުށް ފާހަގަކޮށްފައި އެބަހުއްޓެވެ. އަތުކުށެވެ. އިމްލާ ކުށެވެ. ގަވާއިދު ކުށެވެ. މި ކަންކަމުން އަންގައިދެނީ ދިވެހިބަހުގެ ޙާލަތު މި މުޖުތަމަޢުގައި ވެއްޓިފައި އޮތް މިންވަރެވެ.

ހަގީގަތުގައި އެއީ، ސިޓީއެއްގެ އޮނިގަނޑަށް އެ ބައްޓަމަށް އޮތް ނަމަވެސް، ސިޓީއެއް ނޫނެވެ. އެއީ ސާކިޔުލަރެކެވެ. އެހެނީ ސިޓީއަކީ، އެކަކު ނުވަތަ އެއް އިދާރާއަކުން، އެކަކަށް ނުވަތަ އެއް އިދާރާއަކަށް ފޮނުވާ އެއްޗެކެވެ. މި ގޮތަށް އެކަކު ނުވަތަ އެއް އިދާރާއަކުން ގިނަ ބަޔަކަށް ނުވަތަ ގިނަ އިދާރާތަކަކަށް ފޮނުވާ ލިޔެކިޔުމުގެ ބާވަތަށް ކިޔާނީ ސިޓީއެއް ނޫނެވެ. ސާކިޔުލަރެވެ.

ދެވަނަ ކަމަކީ، އައިބައިފިލީގެ ހަމަތަކާއި ސުކުންކުރުމުގެ އުސޫލުތަކާއި ލަފުޒު ދުރުކުރާންޖެހޭ ތަންތަނާއި ކޮންމެހެން ނުކުތާ ޖަހާންޖެހޭ އަކުރުތައް އެ ސާކިޔުލަރު ލިޔުއްވި މުވައްޒަފަކަށް އެނގިވަޑައިނުގަންނަވާކަމެވެ. އެއީ އޭނާގެ މައްސަލައެއް ނޫނެވެ. ތައުލީމީ ނިޒާމުގެ ތެރެއިން ތަޢުލީމު ފުރިހަމަކުރެއްވުމަށް ފަހު މިނިސްޓަރު ސޮއިކުރައްވާ ސިޓީއެއް ލިޔުއްވާ އަދި ކުށްކަނޑުއްވާ ހިސާބަށް އެ މުވައްޒަފަކު ވަޑައިގެންފައި ހުންނަވާނީ އިމްތިޙާނުތަކަކުން ފާސްވެވަޑައިގެންކަމަށް ގަބޫލުކުރެވެއެވެ. ދަރަޖަތަކެއް ޙާޞިލުކުރައްވައިގެންނެވެ. ވީމާ، އެންމެ ފުރިހަމައަށް ދިވެހިބަހުން ލިޔުއްވާން އެ މުވައްޒަފަށް ދަސްކޮށް ނުދެވި ވަނީ ނިޒާމުގެ މައްސަލައަކުންކަމަށް ގަބޫލުކުރާންޖެހެއެވެ. އެއީ އެ މުވައްޒަފުގެ އެކަނި މައްސަލައެއް ނޫނެވެ.

މިނިސްޓަރަކު ސޮއިކުރައްވާ ސިޓީއެއް، މިނިސްޓަރުގެ އަތްޕުޅަށް އަރާނީ، އެތައް ލޯތަކަކުން ބަލައި ޗެކްކުރުމަށް ފަހުގައެވެ. އިދާރީ މުވައްޒަފަކު ލިޔުއްވައި، ޑިރެކްޓަރަކު ބައްލަވައި، މުދީރުޢާންމު ނުވަތަ ޕާމަނަންޓް ސެކްރެޓަރީ ޗެކުކުރައްވައިފައެވެ. ވީމާ، މި ހުރިހާ ފަރާތްތަކަކުން ޗެކުކުރެއްވި އިރު، އެ ހުރިހާ ކުށެއް، އެ ބޭފުޅުންގެ ނަޒަރުން ކައްސައިލައިގެން ދާނީ ހަމައެކަނި ފަރުވާ ކުޑަކަމަކުން ނޫންކަމަށް ގަބޫލުކުރާންޖެހެއެވެ. އެއީ ރަނގަޅު ގޮތް އެނގިވަޑައިގެންފައި ނުވާތީއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދައުލަތުގެ އިދާރާއަކުން ލިޔެ، އެހެން އިދާރާއަކަށް ފޮނުވާ ސިޓީއަކީ ނުވަތަ ގިނަ އިދާރާތަކަކަށް ފޮނުވާ ސާކިޔުލަރަކީ ވަރަށް ގިނަ މާނަތަކެއް އެއިން ދޭހަވާނޭ އެއްޗެކެވެ. އެއިން ދޭހަވާނީ އޭގެ ދެލިގަނޑުން ފެންނާން އޮންނަ މާނަ އެކަންޏެއް ނޫނެވެ. އެ ނޫން ވަރަށް ގިނަ މާނަ އެ ސިޓީއަކުން ދޭހަވާނެއެވެ. މުވައްޒަފުންގެ ބަހުގެ ފެންވަރެވެ. ޢިބާރާތްކުރުމުގެ ހުނަރެވެ. މަޢުލޫމާތުގެ މުއްސަނދިކަމެވެ. ކަމަށް ކަމޭ ހީކުރާ މިންވަރެވެ. އެ އިދާރާއެއްގެ ހަރުދަނާކަމެވެ.

މި ދެންނެވި "ސިޓީ" ފެނިވަޑައިގަތް ބޭފުޅުންގެ ތެރެއިން މި ކަންކަމަށް ނަޒަރެއް ދެއްވައިފި ކޮންމެ ބޭފުޅެއްގެ ހިތްޕުޅުގައި ވެސް ޤައުމީ ރޫޙުގެ ކުޑަ ވެސް މިންވަރެއް ހުރި ނަމަ، އަސަރު ނުކޮށެއް ނުދާނެއެވެ. ހިތްޕުޅުގައި ނުޖެހިއެއް ނުދާނެއެވެ. ޤައުމިއްޔަތަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ފިކުރުފުޅު ނުކުރެއްވިއެއް ނުދާނެއެވެ.

އަޅުގަނޑަށް ވެސް ވީ އެހެންނެވެ. އެ ކަމާ މެދު މާ ބޮޑަށް ފިކުރުކުރެވުނީއެވެ. އަސަރުކުރީ އެހެންވެގެންނެވެ. މިއީ މި ކަންކަން އިސްލާޙުކޮށް ޤައުމިއްޔަތަށް އިޙުތިރާމްކުރާ ޖީލެއް ބިނާކުރާން ވަރުގަދަ ކެނެޕޭނެއް ހިންގާންވީ ވަގުތެވެ. މާ ލަސްވެދާނެއެވެ. ޤައުމިއްޔަތުގައި މިހާރު އެޅިފައިވާ ރެނދުތަކާއި ލޯވަޅުތައް ނުބައްދައިފި ނަމަ، ޤައުމިއްޔަތުގެ ބިނާ މުޅީން ފުނޑުފުނޑުވެގެން ހިނގައިދާނެއެވެ. މި ކަންކަމާ މެދު ފިކުރު ހިންގަވައި، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވައިދެއްވާން ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާއަށާއި އިސްކޫލުތަކާއި ޔުނިވަރުސިޓީތަކާއި ކޮލެޖުތަކާއި ކޮލިފިކޭޝަން އޮތޯރިޓީއާއި ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަކަށް އަޅުގަނޑު، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، ވަރަށް އަދަބުވެރިކަމާއި އިޙުތިރާމާއެކު އިލްތިމާސްކުރަމެވެ. އާދޭސް ދަންނަވަމެވެ. ދިވެހި ޤައުމުގެ ރައީސް-މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދުގެ މަތީން ހަނދާންވުމުން ހިތަށް ލިބޭ ފިނިކަމާ ވެސް އެކީގައެވެ.

 

ބައެއް ލަފުޒުގެ މާނަ:

ވިރަވުން: ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިޔުން.

ޖާލު: ސާވަރުތަކަކުން ކޮންޕިޔުޓަރުތައް ގުޅުވައިދޭ ވިއުގަ

ނިރުބަވެރި: ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދައި ބިރުގަންނަވާ