Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ތިމާވެއްޓާ ބީރައްޓެހި މޯލްޑިވިއަން

މާލެ އަންނަން މޯލްޑިވިއަންގެ ފްލައިޓަށް އެރުމާއެކު މަރުހަބާ ކިއުމަށްޓަކައި ފުރަތަމަ ދިނީ ކުޑަކުޑަ ދެ ޕެކެޓެވެ. އެތެރޭގައި އޮތީ ކާއެއްޗެއްހެން ހީވާ ކަހަލަ ގޮތަކަށް ވަރަށް ލޯބިކޮށް އޮތް އެ ދެ ޕެކެޓުގައި، އެކަމަކު އޮތީ މޫނު ފުހެލައި ތާޒާވެލުމަށް އޮތް ވެޓް ޓިޝޫއެކެވެ. އެކަމަކު އެ ދެ ޕެކެޓް ކެނޑުމުގެ ބަދަލުގައި، ގޮނޑީ މޭޒު ހުޅުވައިލައިފައި އޭގެ މަތީގައި ބާއްވައިލީމެވެ.

ބޯޓު އުދުއްސައިލުމާއެކު އަނެއްކާ ވެސް ދެ ޕެކެޓް ގެނެސްދިނެވެ.

މި ފަހަރު އެއީ ކެޑްބަރީ ކުޑަ ޗޮކްލެޓަކާއި ފުރުޓް އެންޑް ނަޓްސް ޕެކެޓެކެވެ. ދެން ޖޫސްތައްޓެކެވެ. އެ ސާމާނުވެސް މޭޒުމަތީގައި ބެހެއްޓީއެވެ.

އަޅުގަނޑު ކުރިމަތީގައި މިހާރު އަތުރައިލައިފައި މިހިރީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން ފްލައިޓުން ދެންމެ ލިބުނުހާ ސާމާނެވެ. މީކީ އަގުގެ ގޮތުން އެހާ ބޮޑު އެއްޗިއްސިއްވެސް ނޫނެވެ. އެކަމަކު ގަޑިއެއް ނުވަތަ ދޮޅު ގަޑިއެއްހާއިރުގެ ދަތުރެއްމަތީ ހަފާލަން ހަމަ ރަނގަޅު އެއްޗެކެވެ. އެކަމަކު ވެސް އެކަމަށްޓަކައި އަޅުގަނޑު ހެވިފައި ޝުކުރިއްޔާއޭ ބުނާ ހިތެއްނުވިއެވެ. ވަރަށް ބޮޑޫ ސަބަބެއްވެސް އޮވެގެންނެވެ.

މޫނު ފޮހެލައި، ތާޒާވެލުމަށް ދިން ވެޓް ޓިޝޫއަކީ ކަރުދާސްކޮޅެކެވެ. އެކަމަކު އެ ޓިޝޫ ލައިފައި އޮތީ ޕްލާސްޓިކް އުރައަކަށެވެ. ހަމަ އެ ގޮތަށް ޗޮކްލެޓް ބަންދުކޮށްފައި ވަނީވެސް ޕްލާސްޓިކް އުރައެއްގައެވެ. އަދި ނަޓްސް ބަންދުކޮށްފައި ވަނީ ވެސް ޕްލާސްޓިކް އުރައެއްގައެވެ. ނަސީބަކުން ޖޫސް އަޅާ ތައްޓަކީ ކަރުދާސް ތައްޓެކެވެ.

މޭޒުމަތީގައި އަތުރައިފައި ހުރި ސާމާނަށް ބަލަހައްޓައިގެން އެކަމާ ވިސްނަން އިންދާ ފެނުނީ، ފަސިންޖަރުން ދެންމެ ބޭނުންކުރި ހުސް ޕެކެޓްތަކާއި ތަށިތައް އެއްޗަކަށް އަޅައިގެން ކެބިން ކްރޫއަކު އަންނަ ތަނެވެ. އޭނާ އަޅުގަނޑާ އަރައި ހަމަވުމުން، ފޮޓޯއެއް ނަގަން ބޭނުން ކަމަށް ބުނެ، އޭގެ އެތެރޭގެ ފޮޓޯއެއް ނެގީމެވެ. އެކަމަކު އެ ފޮޓޯ ނެގުމުން ކެބިން މަންޖެ ވަރަށް ނުހުރުނެވެ. ފޮޓޯ ނެގީ ކޮން ބޭނުމަކުތޯ އާއި އޭނާގެ ހުއްދަ ނެތި ފޮޓޯ ނުނެގޭނެ ކަމަށާއި ފޮޓޯ ވަގުތުން ޑިލީޓްކޮށްލަން އޭނާ ހަރު އަޑުން އެންގިއެވެ. އެކަމަކު އަޅުގަނޑު ބުނަމުން އައީ ފްލައިޓުތެރެއަކީ ފޮޓޯ ނެގުން މަނާ ތަނެއް ނޫން ކަމަށެވެ. އެހެންވެ އެ ފޮޓޯ ޑިލީޓްނުކުރާނެ ކަމަށެވެ. ކެބިން ކްރޫއެއްގެ މޫނުމަތިން މީގެ ކުރީން ދުވަހަކުވެސް ނުފެންނަ ފަދަ ރުޅިވެރި މޫނެއް ދައްކައިފައި އެ މަންޖެ ހިނގައްޖެއެވެ. ފްލައިޓުން ފައިބަމުން އަޅުގަނޑު ޝުކުރިއްޔާއޭ ބުނެ ހީނލުމުން ވެސް ބަލައިވެސް ނުލިއެވެ.

އަޅުގަނޑު ހީކުރީ ބޯޓުން ފައިބާއިރު އަޅުގަނޑު ބިޑި އަޅުވަން ފުލުހުން އައިސް ތިބޭނެ ކަމަށެވެ. އެކަމަކު އެކަހަލަ އެއްވެސް ކަމެއް ނެތެވެ. އެބައި އެ ނިމުނީއެވެ.

ކުރީގެ ބަޔަށް ޖެހިލާނަމެވެ.

އަޅުގަނޑު ނެގި މި ފޮޓޯއިން ވެސް ފެންނަ ގޮތުގައި އޭގައި އެ ހުރީ އުކާލަންޖެހޭ ޕްލާސްޓިކް ހުސް އުރަތަކެކެވެ. ދެން ކަރުދާސް ތަށިތަކެކެވެ. އެއީ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން މިހާރު ބޭނުންކުރާ 72 ގޮނޑީގެ އޭ.ޓީ.އާރް މަރުކާގެ ބޯޓުގެ އެއް ދަތުރުން އުފެދުނު ޕްލާސްޓިކް ކުންޏެވެ. ކޮންމެ ދުވަހަކު މި ކަހަލަ އެތައް ފްލައިޓެއް އެތައް މަންޒިލަކަށް އުދުއްސާއިރު، މޯލްޑިވިއަނުން އުފައްދާ ޕްލާސްޓިކް ކުނިގޮނޑު މިހާރު ވަރަށް ބޮޑުވާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ޕްލާސްޓިކް ކުނި އުފައްދަމުން، ދިވެހި ދިދައާއެކު، ގައުމީ އެއާލައިނުން ކޮންމެ ދަތުރެއް ވެސް އެ ކުރަނީ، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކޮށް، ކޮންމެ ބާޒާރު ކޮތަޅަކުން ދެ ރުފިޔާގެ ޑިއުޓީއެއް ސަރުކާރަށް ނަގަމުން ދަނިކޮށެވެ. ކިތަންމެ ބޭނުންވިޔަސް ސުޕާރީ ޕެކެޓެއް ވެސް ރާއްޖެ އެތެރެކުރުން މިހާރު މަނަލެވެ.

ޕްލާސްޓިކާ ދުރުވުމަށް ހިންގާ ތަފާތު ކެމްޕޭންތަކުގެ ނަތީޖާއެއްގެ ގޮތުން އާންމުންގެ ގިނަ ބަޔަކު ވެސް މިހާރު ވަނީ އެކަމަށް ސަމާލުވާން ފަށައިފައެވެ. ގިނަ ސްކޫލްތަކަށް ޕްލާސްޓިކް ފެންފުޅިއެއް، ޕްލާސްޓިކް ކޮތަޅެއް ނުވެއްދެއެވެ. ގިނަ އޮފީސްތަކުން ވެސް މިހާރު ވަނީ ޕްލާސްޓިކް ފެންފުޅިއަށް ނޫނެކޭ ބުނަން ފަށައިފައެވެ. ނަމަވެސް މޯލްޑިވިއަން….

ޕްލާސްޓިކާ ދެކޮޅު ކެމްޕޭނުތައް ގައުމީ ފެންވަރުގައާއި ސްކޫލް، އޮފީސް އަދި ފަރުދީ ފެންވަރުގައި ހިންގަމުން އަންނައިރު، ގައުމީ އެއާލައިނުން މި ފެންނަނީ ތިމާވެއްޓާ ވަރަށް ބީރައްޓެހި ސިފައެކެވެ. ތިމާވެށި ހިމާޔަތްކުރުމާ ދިމާ އިދިކޮޅު ސިފައެކެވެ. އެކަމަކު އެއީ ހުރިހައި "ދިވެހީން"ގެ ސިފައެއް ނޫނެވެ. ވީއިރު "މޯލްޑިވިއަން"ގެ ސިފައަކަށް ވެސް އެކަން ވެގެންނުވާނެއެވެ. މޯލްޑިވިއަން ވެސް ވީ ޕްލާސްޓިކް ކުނިބުނި އުފެއްދުމާ ދުރުވެ، ތިމާވެއްޓާ ރައްޓެހި އެއާލައިނަކަށް ވާށެވެ. ޓިކެޓުގެ އަގަށް ލާރިކޮޅެއް ލައިގެން ނަމަވެސް، ތިމާވެއްޓާ ރައްޓެހި ޕެކެޓް ކާނާ ފޯރުކޮށްދޭންވީއެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރެވޭނީ އޭރުންނެވެ. ދިވެހީންގެ ލޯބި ލިބޭނީ ވެސް އޭރުންނެވެ.