Support Us

ކޮލަމް ކަލާވެހި: ޤައުމުގެ މުހިންމު ރައުސްމާލެއް އަނެއްކާވެސް ބާކީވެ، ހަވާސާވާން ވެއްޖިއްޔާ

ބުނާ އަޑު އިވެއެވެ. ޤައުމެއް ހިންގުމުގައި ހީވާގިކަމާއެކު މަސައްކަތްކުރެވޭނީ ގައިބާރު ހުރި، ޒުވާންކަމުގެ ޖޯޝް ހަށިގަނޑުން އަދި ނުފިލާ، ޖޯރު ހުރި، ހިތްވަރާއި ފަންވަރު ހުރި މީހުންނަށެވެ. އިހުގެ މިސާލަކުން ދަންނަވާ ނަމަ، ދަންބެރު ހުއްޓައި، މުނާޖާ ގޮވާން އެރި މީހާވެސް އެކަން ނިންމައިފައި ގެޔަށް ދާ ފަހުން ނޫނީ ނިދާ އަށްޓާ ހަމަޔަށް ނުގޮސް ޤައުމުގެ ކަންކަމައިގެން އުޅެވޭނޭ މީހުންނަށެވެ. ފަތިސްނަމާދުން ފައިބައިގެން އަނެއްކާ މަސައްކަތައިގެން މަޝްޣޫލުވާން ހޭވައްލާ ތައްޔާރޭ ގޮވައިލައިފައި އުފަލާއެކު މައިދާނަށް ރުޖޫޢަވާ ޒާތުގެ މީހުންނަށް މެއެވެ. ދެން އެކަމަކު މިހައިރު…

ބުނާ އަޑު އިވެއެވެ. ބަލަގަ ތިޔަބުނާ ދަންބެރެއް، މުނާޖާއެއް، އެކަހަލަ އެހެން އެއްޗެއް މިހައިރަކު ނުއިވޭނެއެވެ. އެކަމަކު، އެ ވަގުތުތައް އަދިވެސް އާދޭ، އެހެންނޫންތޯއެވެ! ފަތިސްނަމާދަށް ވެސް ގޮވައި، އެހެން ނޫންތޯއެވެ! އަދި އެ ދެ ވަގުތު ދޭތެރޭ ކުޑައިކޮށް ނިދައިލައިފައި ޤައުމީ މަސައްކަތައިގެން އުފަލާއެކު މަސައްކަތްކުރާނޭ ޢިއްޒަތްތެރި މުވާޠިނުން މިއަދުވެސް އެބަ ތިބި، އަޅެ އެހެން ނޫންތޯއެވެ! ދެން އެކަމަކު މިހައިރު…

ދެން އެކަމަކު މިހައިރޭ މި ދަންނަވަނީ ސާޢަތާއި ދަނޑިވަޅަށް ބަލައިފައެވެ. އެހެނީ، ވަކި ޒާތެއްގެ ފިކުރެއްގެ ދިރުމަކުން ދިރި، ކުލަޔަކުން ފެވި، ވަކި ބާވަތެއްގެ ފަތިހަކަށް އަލިވިލިފައި އޮތް ދުވަހެއްގެ އިރު އަދި މުޅީން ނުއޮއްސުނަސް، އޮއްސޭނޭ ކަން ޔަޤީން ވެފައިވާ ސާޢަތެއް މިއޮތީ ކުރިމަތީގައެވެ. އެހެން ބާވަތެއްގެ ފިކުރެއް އިސްކުރެވޭ، އެހެން ކުލަޔެއް ޖެހި، އެހެން ފަތިހެއްގެ އުޖާލާ އަލިކަމަކަށް އެންމެން ކެތްމަދުވެފައި ތިބެ އިންތިޒާރުކުރަމުންދާ ދަނޑިވަޅެއް މިއޮތީ އަރައިހަމަވެފައި މެއެވެ. ދެން މިހައިރު…

ދެން މިހައިރު ދައްކާން ޖެހޭ ވާހަކަ އޮތީއެވެ. ވާހަކަތަކެއް ވެސް އޮތީއެވެ. ދައްކާން މުހިންމު ވާހަކަތަކެއް ވެސް އޮތީއެވެ. އެތަނުން އެއް ވާހަކަ އައްސަވާށެވެ! ވަގުތު ފާއިތުނުވަނީސް، މިހައިރުއެވެ.

އަޅެ ވިސްނާވަޑައިގެން ބައްލަވާށެވެ!

ފަށަމުންވެސް ދެންނެވި ފަދައިން، ޤައުމެއް ހިންގުމުގައި ހީވާގިކަމާއެކު މަސައްކަތްކުރެވޭނީ ގައިބާރުހުރި މީހުންނަށެވެ. ޒުވާންކަމުގެ ޖޯޝް ހަށިގަނޑުން އަދި ނުފިލާ، ޖޯރުހުރި، ހިތްވަރާއި ފަންވަރު ހުރި މީހުންނަށެވެ. ދަންބެރު ހުއްޓައި، މުނާޖާ ވެސް ގޮވާ ނިމޭ ވަގުތާ ހަމަޔަށް ޤައުމުގެ ކަންކަމައިގެން އުޅެވޭ މީހުންނަށެވެ. ފަތިސްނަމާދުން ފައިބައިގެން އަނެއްކާ މަސައްކަތައިގެން މަޝްޣޫލުވާން އުފަލާއެކު ނިކުންނަ މީހުންނަށެވެ! ދެން ވިދާޅުވެ ބައްލަވާށެވެ. އެ ޒާތުގެ މީހުން އެ ޒަމާނުގައިވެސް މި ރާއްޖޭގައި ތިއްބެވެ. އަދި، ތިޔައިގެ ތެރެއިން ތަންކޮޅެއް ޒުވާން، ނުވަތަ ތަންކޮޅެއް ތަނަވަސް، ނުވަތަ ތަންކޮޅެއް ބާރުވެރި ބޭފުޅުން މާބޮޑަށް ކޯފާ އިސްނުކުރައްވާނެންޏާ ދަންނަވާނަމޭ، މިދެންނެވި ސިފަތަކުގެ ތެރެޔަށް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމުގެ މަގުގައި މިހައިރު މި އުޅުއްވާ މަދު ބައެއް ބޭފުޅުންނަށްވުރެ މާ ކުރިޔަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ބޭބޭފުޅުންވެސް އެ ޒަމާނުގައި އުޅުއްވިއެވެ. ދެން މިހައިރު…

ދެން މިހައިރުވެސް އޭގެ ތެރެއިން ބައެއް ބޭބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެ ބޭބޭފުޅުންގެ ޢުމުރުފުޅާ އެކަށީގެންވާ މިންގަނޑަކުން ވަޒަންކޮށްލީމައި ގަދަވެ ހެޔޮޙާލުކޮޅުގައި ނޫންތޯއޭ އެތިއްބެވީ ދެންނެވޭނޭ އެތަކެއް ބޭފުޅުންވެސް އެބަ ތިއްބެވިއެވެ. އެބޭފުޅުން ޚިދުމަތުގެ މައިދާނަށް ނިކުމެވަޑައިގެން މަސައްކަތްޕުޅު ފެއްޓެވި ޒަމާނުގައި ދައުލަތުން އެބޭފުޅުންނަށް ވި ވަޢުދެއް ނުފުދި، ފަހުން އުފެދުނު ކޮންމެވެސް ހަމަތަކެއްގެ މަތީން ނަމަވެސް، އުންމީދުކުރެއްވި ޕެންޝަން ލިބިވަޑައިނުގެން، ނުވަތަ ދިމާވި ސަބަބަކަށްޓަކައި އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަތީމައި ރިޓަޔަރމަންޓެއް ނެތި، މިހަލަ ކަންކަން ކުރިމަތިވެވަޑައިގެން ބޭފުޅުންވެސް އެބަ ތިއްބެވިއެވެ. އޮފީހުގެ ނަން ބަދަލުވީމައި، ނުވަތަ ވަޒީފާގެ ނަން އިނގިރޭސިވީމައި އެހެން ދިމާވި ބޭބޭފުޅުންވެސް އޭގެތެރޭގައި ތިއްބެވުން އެކަށީގެންވެއެވެ. އަތްޕުޅުގައި ހޭކުނު އިރު، ދަތްޕުޅުގައި ހާއްކަވަން އެނގިވަޑައިނުގެން ”ބޯކުޑަކަމުން އަތުގައި މުކޮސްވެސް ނެތް“ ބޭބޭފުޅުންވެސް އެބަ ތިއްބެވި މެއެވެ. ފަޤީރު ޙާލުކޮޅުގައި، ”ނާށިގަނޑާ ރަޙުމަތްތެރި“ ޙާލުކޮޅުގައެވެ. ދެން އެބޭފުޅުން މިހައިރު…

ދެން މިހައިރު މިދެންނެވި ޒާތުގެ ބޭފުޅުން ތިއްބާނީ ފަޤީރުކަމުގެ އިތުރުން، ޤައުމީ ކަންކަމުން ބާކީކޮށްލީމައި، ހަވާސައިގައެވެ. ނޫން! ހަމަ ޤަޞްދުގައި ބާކީ ކުރެވި، ހަވާސާ ކުރެވިފައެވެ! ވަކި ޒާތެއްގެ ނުކިއްސަރު ފަކުރު ތަހުޒީބެއްގެ ބަޔަކު ތިމާމެންގެ ޒުވާންކަމުގެ މައްޗަށް ފަޚުރުވެރިވެފައި އެ ގޮވާ ގޮތަށް، ”ބޮލުރޮދި ކެނޑި، ޢަޖޫޒުވެ، ބަލަދުއަރައިފައިހޭ“ ވެފައެވެ. އެހެނީ، އެހެން އެ ގޮވާ މީހުންނަކީ ދުވަހަކުވެސް މުސްކުޅި ނުވާނޭ، ދުވަހަކުވެސް ލޯބޯކޮށިނުވާނޭ، ދުވަހަކުވެސް ގައިބާރު ދެރަނުވާނޭ މީހުންކަމަށް އަމިއްލަޔަށް ނަމަވެސް ދެކޭ މީހުން ވިއްޔާއެވެ. ދެން އެހެންވީމާއި މިހައިރު…

ދެން މިހައިރު އައްސަވާށެވެ.

ޤައުމެއް ކުރިއަރުވަން ބޭނުމިއްޔާ، ފަހަރުގައި ޤައުމު ވެއްޓިދާނޭ ފުން އަނދަވަޅަކުން ސަލާމަތުގެ އައްސޭރިޔަކަށް ގެންދަން ބޭނުމިއްޔާ، ޤައުމު ހިންގުމުގައި ހީވާގިކަމާއެކު މަސައްކަތްކުރެވޭނީ، މަސައްކަތްކުރާން ވާނީ، މަސައްކަތްކުރާން ޖާގަޔާއި ފުރުޞަތު ދޭންވާނީ، ގައިބާރުހުރި މީހުންނަށް އެކަންޏެއް ނޫނެވެ. ޒުވާންކަމުގެ ޖޯޝް ހަށިގަނޑުން އަދި ނުފިލާ، ޖޯރުހުރި، ހިތްވަރާއި ފަންވަރު ހުރި މީހުންނަށް އެކަންޏެއްވެސް ނޫނެވެ. ހަތަރުދަމު މަސައްކަތުން އަތްވީއްލައިނުލައި އުޅެވޭނޭ މީހުންނަށް އެކަންޏެއްވެސް ނޫނެވެ. އަދި ކިއެއްތަ، ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަންވެސް ކުރިޔަށް ނެރެގެން އުޅޭ މީހުންނަށް މެއެވެ. އަދި އިހުގައި ޤައުމަށްޓަކައި އެތައް ދަލެއް އޮހޮރުވައި، އެތައް ގަލެއް ފުރޮޅައި، އެތައް ޤުރުބާނީއެއްވެގެން ޤައުމު މިހައިތަނަށް ގެނެސްދިން އަބްޠާލުން ދުނިޔޭގައި ތިބިއްޔާ އެމީހުންނަށް ލޯތްބާއި، އަޅައިލުމާއި، އަގަލާއި، ކުލުނާއި، އެމީހުންނަށް ދޭންޖެހޭ ޙައްޤު ބަހާތައް ދިނުމުގެ އިތުރުން، ޤައުމުގެ ކަންކަމުގައި އެމީހުންގެ ޙިއްސާއެއް އަދިވެސް އިސްކޮށް އެބައޮތްކަން ދުލުން އެކަނި ނޫން ގޮތްގޮތަށްވެސް އެންމެނަށް ދައްކައި ސާބިތުކޮށްދީގެންނެވެ!

އަޅުގަނޑު މިހެން މިދަންނަވަނީ، ޤައުމަށް އެތަކެއް ޚިދުމަތް ކޮށްދީފައި ތިބިމީހުންނަށް ހިލޭ ބައިވަރުތަކެއް ދެއްވާށޭ ދަންނަވާކަށް ނޫނެވެ. ނުވަތަ އެމީހުންގެ އަތުން ޕެންޝަން ފަންޑަށް ނެގި އެއްޗެއް އަނބުރާ ދޭށޭ ދަންނަވާކަށްވެސް ނޫނެވެ. އަޅުގަނޑު މިހެން މިދަންނަވަނީ މުޅީން އެހެން މަޤްޞަދެއްގައެވެ. އެއީ، މިފަހަކަށް އައިސް މި ޤައުމުގައި ބޭނުންނުކުރެވުމުގެ ސަބަބުން އިސްރާފަކަށް ނޫނީ ނުވެ ނުދާނޭ ޚަޒާނާއެއްގެ ވާހަކަ ދަންނަވާށެވެ. އަޅެ ވިސްނާވަޑައިގެން ބައްލަވާށެވެ! ޤައުމެއްގެ ކަންކަމުގައި، ވަކީން ޚާއްޞަކޮށް އިސްމީހުންގެ ގޮތުގައި އުޅެފައި ތިބި މީހުންގެ ތަޖުރިބާ ވާނީ ކުޑަ އެއްޗަކަށްތޯއެވެ؟ އެ މީހުންވެސް ކިޔަވައިގެން، އެ ކިޔެވުމުގެ މައްޗަށް ކުރި، އަދި މިހައިރުވެސް ކުރަމުން ގެންދާނޭ، ދިރާސާ ތަކަކީ އަގެއް ނެތް އެއްޗެއް ތޯއެވެ؟ އެމީހުންގައި ހުންނާނޭ ޙުއްބުލްވަޠަނާއި ހިތުގެ ޖޯޝަކީ ކުޑައެއްޗެއްތޯއެވެ؟ ހަމަ ހިލާވެސް ނޫނެކެވެ! އެކަމަކު އަދި މިހައިރު…

އެހެންނޫނީ، މިދެންނެވި އަގުހުރި، އަގުބޮޑު ރައުސްމާލަކީ ގޮނޑަށް އެއްލައިލާ އެއްޗަކަށް ހަދާންވީތޯއެވެ؟ އިހު ޤަވާޢިދުންނަމަ އެމީހުންނަށް ލިބެންވާ ޕެންޝަނާއި ރިޓަޔަރމަންޓުން އެމީހުން އަދި މިހައިރު މަޙްރޫމުވިޔަސް، އެމީހުންނަށް ލިބިހުރި ތަޢުލީމާއި ތަޖުރިބާ އެމީހުންނަކާ ވަތްކެއް ނުކުރެވޭނެއެވެ. އެހެންކަމުން، މިދެންނެވި ދިރިހުރި ޤައުމީ ރައުސްމާލު، އެފަދަ މީހުންގެ ތަޢުލީމާއި ތަޖުރިބާ، އިސްރާފުގެ މަގުން އަދިވެސް ބާކީކޮށް ހަވާސާކޮށްލާންވީތޯއެވެ؟ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއެކު، އަތުގައި ހޭކުނު އެތި ދަތުގައި ނުއުނގުޅައި އުޅުނީތީ އަތުގައި ”ދާމޫގަނޑެއް“ ނެތް، މިދަންނަވާ ޒާތުގެ ތަޢުލީމީ ތަޖުރިބާކާރުން މަހުޖަނުންގެ ފައިގައި ދޫލައިގެން މަސައްކަތެއް ދެއްވައިތޯ ސަލާންޖަހާން، ނުވަތަ ބާޒާރުމަތީގައި ދަމާކަނޑާން ދޫކޮށްލައިގެން، ބިދޭސީންގެ ހަނުހިމޭން ފުރައްސާރަ ދެން އަންނާން އޮތް އުޖާލާ ދުވަހަށްވެސް ލިބޭގޮތުން ކަންކަން ކރިޔަށް ގެންދާނީތޯއެވެ؟ ނޫނިއްޔާ މިހައިރު…

މިހައިރު، މި އަލިވިލޭ އައު ފަތިހު، ކުރިމަތީގައި މި އޮތް އައު ޒަމާނުގައި، ޤައުމުގެ މުހިންމު މި ރައުސްމާލު އަނެއްކާވެސް ބާކީވެ، ހަވާސާވާން ވެއްޖިއްޔާ…. ދެން އިހެކޭ މިހައިރެކޭ…