Support Us

ކޮލަމް މާޒީ: ޑރ. މުޢިއްޒުގެ ރިޔާސީ ކާމިޔާބީއާ ގުޅޭ އެންމެ ގިނަ ވާހަކަ ދައްކަނީ ކޮން ގައުމަކުން؟ ކީއްވެ؟

 އިންޑިއާގެ ނޫސްތަކާއި ޓީވީތަކުން، ޗައިނާއަށް ތާއީދުކުރާ ކެންޑިޑޭޓްގެ ނަމުން އަބަދުވެސް މުޚާޠަބުކުރާ ޑރ. މުޙަންމަދު މުޢިއްޒުގެ އިންތިޚާބީ ކާމިޔާބީއާ ވިދިގެން ޗައިނާއަކުން މާބޮޑު އިޖާބައެއް ނުދެއެވެ. މާނައަކީ ޗައިނާ ސަރުކާރަކުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވައިފައިވާ ސަފީރު ވަން ލިޒިން ވަނީ އެކްސް (ކުރީގެ ޓްވީޓާރ)ގައި މުއިއްޒުގެ ކާމިޔާބީގެ ރާއްޖޭގެ ފޮޓޯއެއް ލެއްވުމަށް ފަހު "ހޫނު ތަހުނިޔާތައް" (Warm Congratulations) މިހެން ލިޔުއްވައި އަތްތިލަބަޑީގެ ތިން އިމޯޖީ ލައްވައިފައިވެއެވެ. ޗައިނާއިން ޑރ. މުޢިއްޒަށް ތަހުނިޔާ ދެންނެވީ މި މިންވަރަށެވެ. ނަމަވެސް އާދީއްތަ ދުވަހު އެންމެ ފުރަތަމަ ޑރ. މުޢިއްޒުގެ އިންތިޚާބީ ކާމިޔާބީއަށް ތަހުނިޔާ ފޮނުއްވި އިސްވާރުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ހިމެނިވަޑައިގަތެވެ.

ނަރެންދްރަ މޯދީ އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ. "އިންޑިއާއިން ދިގު މުއްދަތެއްގައި ފައްސިކޮށް ތަޖުރިބާކޮށްފައިވާ، އަދި ދެ ފަރާތަށް ފައިދާހުރި އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް އިންޑިއާ ކަށަވެއްޗެވެ."

އެމެރިކާއިން ވެސް ވަނީ ޑރ. މުޢިއްޒުގެ އިންތިޚާބީ ކާމިޔާބީއަށް މަރުޙަބާ ދަންނަވައިފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ދެ ގައުމު ހިއްސާކުރާ، ދެ ގައުމަށް ފައިދާހުރި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ދެ ގައުމުގެ ދެމެދުގައި އޮތްކަން ފާހަގަކޮފައިވެއެވެ.

އެ މެސެޖްގައި އެމެރިކާއާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދިވެހީންނާއި އެމެރިކާ ރައްޔިތުންނާ ދެމެދު އޮތް ބަދަހި ގުޅުން ފުޅާކުރުމަށް އުންމީދުކުރާކަމަށް ބަޔާންކޮށްފައިވެއެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙަންމަދު ބިން ސަލްމާނު ވެސް ވަނީ މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ދެ ގައުމުގެ ދެމެދުގައި ވާ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ސަޢޫދީ ސަފީރު ވެސް ޑރ. މުޢިއްޒަށް ތަހުނިޔާ ދެންނެވިއެވެ. އަދި ސްރީލަންކާއާއި ބަނގްލާދޭޝްގެ ވެރީންނާއި ޕާކިސްތާނުގެ ވެރީން ވެސް ވަނީ ޑރ. މުޙިއްޒަށް ތަހުނިޔާ ވިދާޅުވެ، ހެޔޮ އެދުންތައް ރައްދުކޮށްފައެވެ. މީގެ އިތުރަށް އެހެން ގައުމުތަކާއި ޖަމާޢަތްތަކުން ވެސް ޑރ. މުޢިއްޒުގެ ކާމިޔާބީއަށް ތަހުނިޔާ ފޮނުވަމުން އެބަ ގެންދެއެވެ.

މި ހުރިހާ ފަރާތްތަކަކުން ވެސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުން ފިޔަވައި އެއީ މާ ބޮޑުކަމަށް ހަދައިގެން މީޑިއާގައި ހުއްޓައިނުލައި، އެ ވާހަކަ ދައްކަމަކުން ނުގެންދެއެވެ. އިންޑިއާ ފިޔަވައެވެ. ނަމަވެސް އިންޑިއާ ސަފީރު ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވިކަމެއް އަޅުގަނޑަކަށް މީޑިއާއަކުން އަދި ނުފެނެއެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރަށް ވެސް ޑރ. މުއިއްޒަށް ތަހުނިޔާ ވިދާޅުވެ ޓްވީޓެއް ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އޭނާ މޯދީގެ ޓްވީޓް، ރީޓްވީޓް ކުރެއްވީއެވެ.

އިންޑިއާގެ ނޫސްތަކާއި ޓީވީތަކުގައި މި އިންތިޚާބާ ބެހޭ ގޮތުން އެކި ޢިބާރާތުން ގެންދަނީ ޚަބަރުތައް ފޮނުވަމުންނެވެ. އަދި "އިންޑިއާއައުޓް" ޙަރަކާތުގެ ތެރެއިން ބަދަލު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޗައިނާއަށް ތާއީދުކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ގެންދަނީ އެކި ޚަބަރުތައް ފޮނުވަމުންނެވެ. އަދި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙު ދިވެހި ރިޔާސަތާ ޙަވާލުވެވަޑައިގަތީއްސުރެ އިންޑިއާއަށް ފަހިވާ ގޮތަށް ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގައި ނިމުމުގެ ސިއްކަ ޖެހިފައިވާކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި ދިޔަ އަހަރު ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ވެރީންނާ ބައްދަލުކުރައްވައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނުގެ ޕާޓީއަށް އަލުން ވެރިކަން ލިބިއްޖެ ނަމަ، ޗައިނާއާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އިތުރު ޞަފުޙާއެއް ލިޔެވޭނެކަމަށް ވިދާޅުވި ކަމަށް ވެސް އިންޑިއާގެ ނޫހެއްގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ޗައިނާއަކުން މި ކަމަކާ މާ ބޮޑަށް އުފާވެގެން ނުވަތަ ކަންބޮޑުވެގެން އުޅޭ ތަނެއް ނުފެނެއެވެ. ކުރީން ވެސް ދެންނެވި ފަދައިން އާދައިގެ ގޮތަކަށް ތަހުނިޔާ ވިދާޅުވުން ފިޔަވައެވެ. ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކާއި ޓީވީ ޗެނެލްތަކުން އެކި ގޮތްގޮތަށް ޑރ. މުޢިއްޒުގެ ކާމިޔާބީގެ ވާހަކަ އެބަ ގެނެސްދެއެވެ. އަދި ކޮންމެ ފަހަރަކު ޑރ. މުޢިއްޒުގެ ނަންފުޅު ގެންނަނީ ޗައިނާއަށް ތާއީދުކުރާ (ޕްރޯ ޗައިނާ) ކެންޑިޑޭޓްގެ ގޮތުގައެވެ. ޔޫޓިއުބުގައި ހުރި ވީޑީއޯތައް ބައްލަވައިލެއްވިޔަސް މިހާރު މި ފަދަ އެތައް ވީޑިއޯއެއް ފެނިވަޑައިގަންނަވާނެއެވެ.

އެހެންކަމުން މުޅި ދުނިޔޭން ވެސް ޑރ. މުޢިއްޒުގެ ވާހަކަ އެންމެ މި ގެނެސްދެނީ އިންޑިއާގެ މީޑިއާއިންނެވެ. މި ކަމުގައި ސަބަބުތަކެއް އޮންނާނެތާއެވެ. އިންޑިއާގެ ސަފީރުގެ ސީދާ ބައިވެރިވެވަޑައިގަތުމާއެކު އިބްރާހީމް މުޙަންމަދު ޞާލިޙަށް ތާއީދުކުރަމުން ދަނިކޮށް ޑރ. މުޢިއްޒު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކުރެއްވުމުން އިންޑިއާގެ ބޮޑުވަޒީރު އެހާ އަވަހަށް ތަހުނިޔާ ވިދާޅުވުމުގެ މާނައެއް އޮންނާނެއެވެ. އަދި އެއޮތް ބޮޑު އިންޑިއާގެ މީޑިއާއަށް މި ޚަބަރު މުހިންމުވުމުގެ ޙިކުމަތެއް ވެސް އޮންނާނެއެވެ.

އިންޑިއާއިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް މިހާ ބޮޑު ސަމާލުކަމެއް ދިނީ އެންމެ އަވައްޓެރި ގައުމުކަމަށް ދިވެހިރާއްޖެ ވާތީ ކަމަށް ވެދާނެއެވެ. އަދި ދިވެހިރާއްޖޭގައި އިންޑިއާގެ މަޞްލަޙަތު އޮތްލެއް ބޮޑުކަމުންކަމަށް ވެސް ވެދާނެއެވެ. ރާއްޖޭގައި ހުރި އިންޑިއާގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައި މުންތަޚަބު ރައީސާ ގާތް ގުޅުމެއް އުފައްދަވާން ބޭނުންފުޅުވަނީކަމަށް ވެސް ވެދާނެއެވެ. އަދި ވެރިކަމުގައި ހުންނަވައި އެއްވެސް ސުމާރެއް ނެތް މިންވަރަށް ބާރާއި ނުފޫޒު ފޯރުއްވަމުން ގެންދަވަނިކޮށް އެހާ ބޮޑު ނާކާމިޔާބީއަކާ ވެރިކަންކުރާ ޕާޓީއަށް ކުރިމަތިލާން ޖެހުމުން ދިވެހި ރައްޔިތުންގެ ތާއީދު އެ މަނިކުފާނަށް ވަރަށް ކުޑަކަން ވިސްނުނީކަމަށް ވެސް ވެދާނެއެވެ. އަދި "އިންޑިއާއައުޓް" ޙަރަކާތް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ހުއްޓުވާން ބޭނުންވާތީކަމަށް ވެސް ވެދާނެއެވެ. އުތުރުތިލަފަޅާއި ހަނިމާދުވާއި އައްޑުވާއި ހައްދުންމަތީގައި އިންޑިއާ ސިފައިންގެ ވުޖޫދު ދަމަހައްޓާން ކޮންމެހެން ބޭނުންވަނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް ޑރ. މުޢިއްޒުގެ އިންތިޚާބީ ކާމިޔާބީގެ ވާހަކަ ބޭރު ގައުމަކުން އެންމެ ގިނައިން ގެނެސްދީފައިވަނީ އިންޑިއާގެ މީޑިއާއިންނެވެ. އެއީ ދިވެހިރާއްޖެ އެ މީހުންނަށް ކޮންމެ ގޮތަކުން ނަމަވެސް މުހިމުކަން ސާބިތުކޮށްދޭ ވަރަށް އަލިގަދަ ދަލީލެކެވެ. އެއީ ފަހި ސިގުނަލެއްކަމަށް ދުށުން ރަނގަޅެވެ. ޑރ. މުއިއްޒު ވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކާއެކު ގާތް ގުޅުމެއް ބާއްވަވާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބާލާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އިންޑިއާއަކީ ދިވެހިރާއްޖެއާ އެންމެ އަވައްޓެރި ގައުމު ކަމަށް ވާތީ ގާތް ގުޅުމެއް ބާއްވާ ނަމަ، ދިވެހީން ވެސް އެ ކަމަށް މަރުޙަބާކިޔައި ގާތް ގުޅުމެއް ބާއްވާނެއެވެ. ނަމަވެސް ދިވެހީންގެ ޢަގީދާއާއި ދިވެހި ސިޔާދަތާއި އިސްތިގުލާލަށް އިޙުތިރާމްކުރާ ގޮތުގެ މަތީންނެވެ. ދިވެހީންގެ އަގީދާއާއި ދިވެހިބަހާއި ސަގާފަތާއި މިނިވަންކަމާއި ސިޔާދަތު ދިވެހީން އެހެންކަމަކަށް ގުރުބާނެއް ނުކުރާނެއެވެ.