...

Support Us

ކޮލަމް: ޢާޒިމާގެ ގަލަމުން

ޢާޒިމާގެ ގަލަމުން: އިންތިޤާލީ މަރުޙަލާގައި ދުސްތޫރީ އޮނިގަނޑު ބަދަލުކުރެވޭނެތަ؟

ދުސްތޫރީ އޮނިގަނޑަކީ ދައުލަތްތަކުގެ ހިންގުން އޭގެ މައްޗަށް ކަނޑައަޅައި، އެ ބާރުތައް ހިނގާނޭ ގޮތާއި އަދި ހިންގޭނޭ މިންތައް ކަނޑައަޅާފައިވާ އުޞޫލުތަކެވެ. ކޮންމެ ދައުލަތެއްގައިމެ، ދުސްތޫރީ އޮނިގަނޑަކީ ޤާނޫނީ އޮނިގަނޑުގެ އެންމެ އުސް ހަރުފަތެވެ. އެހެންކަމުން ޤާނޫނީ އޮނިގަނޑުވެސް ބައްޓަންވެގެންދާނީ ދައުލަތުގެ ދުސްތޫރީ އޮނގަނޑުން ކަނޑައަޅައި ފުރުޞަތުދީފައިވާ ހަމަތަކެއްގެ މައްޗަށެވެ. އަދި ދައުލަތް ހިނގަމުންދާނީ މި އުޞޫލުތަކުގެ މައްޗަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ބަލައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދައުލަތުގެ މުހިންމު އަސާސްތައް ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. އަދި މި އަސާސްތަކުގެ މައްޗަށް ޤާނޫނީ އޮނިގަނޑު ހިނގާނޭ ގޮތްތަކާއި، ހިންގޭނޭ މަގުތައް އަދި ހިންގޭނޭ މިންގަނޑުތައްވެސް ބަޔާންކޮށްފައިވެއެވެ. މިގޮތުން މި މަޢުޟޫގެ ބޭނުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތުގެ ޤާނޫނުއަސާސީގައިވާ އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ."

ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއަށް ބަލާއިރު، މި މާއްދާ މާނަކުރަން ޖެހެނީ އަންނަނިވި ގޮތަށްކަމުގައި ދެކެމެވެ.

(ހ) ދިވެހިދައުލަތުގެ ބާރުތައް ކަނޑައެޅުމުގައި ދައުލަތުގެ ބާރުތައް، ޤާނޫނުއަސާސީން ދީ، މަތިކޮށްފައިވާ ކޮންމެ މުއައްސަސާއަކީވެސް އަދި މީހަކީވެސް ރައްޔިތުން ދިން (ސީދާ ނުވަތަ ނުސީދާ) ބާރެއްގެމަތިން، އެކަންކުރުމަށް މަތިކޮށްފައިވާ މީހެކެވެ. އަދި ޤާނޫނުތައް ބައްޓަންކުރުމާއި ހިންގުމުގެ ބާރުތައްވެސް ލިބިދެނީ މިދެންނެވި ހަމައިގެ ތެރެއިންނެވެ.

ދިވެހިދައުލަތުގެ މުއައްސަސާތަކަށް ބަލާއިރު، ރައްޔިތުންގެ ސީދާ ބަހުން އިންތިޚާބުކުރާ މުއައްސަސާތަކަކީ:-

(ހ) ދިވެހިދަތުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ. (ޤާނޫނުއަސާސީގެ 111 ވަނަ މާއްދާ)

(ށ) ޤާނޫނު ހެދުމުގެ ބާރުގެ މެންބަރުން ނުވަތަ ރައްޔިތުންގެ މަޖިލިސް. (ޤާނޫނުއަސާސީގެ 72 ވަނަ މާއްދާ)

(ނ) ލާމަރުކަޒީ އުޞޫލުން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް އިންތިޚާބުކުރާ ކައުންސިލްތަކަށެވެ. (ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ)

ޤާނޫނުއަސާސީގައިވާ އަދި ޤާނޫނުތަކުގައިވާ ހުރިހާ ބާރުތަކަކަށް ބަލައިލި ނަމަވެސް، ދިވެހި ދައުލަތުގެ ބާރުތައް ކަނޑައެޅެނީ އަދި ދެމިގެންދަނީ މިދެންނެވި ތިން ބާރުގެ ތެރެއިންނެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ރައްޔިތުން ދީފައިވާ ބާރުތަކުގެ ތެރެއިންނެވެ. މިކަން، ވިސްނައިގަތުމުގެ ބޭނުމަށް މިސާލުތަކެއް ދަންނަވާނަމަ:-

(ހ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައި ޢައްޔަނުކުރަނީ ރައްޔިތުންގެ ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާ އާއި (ރައީސުލްޖުމްހުރިއްޔާ ފޮނުވާ ނަންތަކެއްގެ ތެރެއިން) ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުން، (ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބަޔެކެވެ) އެވެ. ސިވިލް ސަރވިސް ކޮމިޝަން ވެސް އެފަދައެވެ. އަދި ސިވިލް ސަރވަންޓުން ޢައްޔަނުކުރަނީ މިދެންނެވި ބާރުން ޢައްޔަނުކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. އެމް.އެމް.އޭގެ ގަވަރނަރުވެސް މިފަދައިންނެވެ.

(ށ) މިއިން ކޮންމެ މުއައްސަސާއަކުން އަދި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކުރަންވީ ގޮތުގެ ޤާނޫނު ހަދަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުންނެވެ. ތަޞްދީޤުކުރަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ ޤާނޫނުތައް ހިންގޭނީ އެހެންވީމާ އެބާރުތަކުގެ ދަށުންނެވެ.

(ނ) އެހެންކަމުން، މި ދެންނެވި މަފްހޫމްތަކުގެ ތެރެއިން ހިނގާ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި ލިޔެވިފައިވާ ކޮންމެ ބާރެއްވެސް އަދި ޢައްޔަނުކުރެވިފައިވާ ކޮންމެ މިހަކީވެސް ރައްޔިތުންގެ ދީފައިވާ ބާރުވެރިއެކެވެ. އަދި އެބާރުތައް ލިބިދެނީ އެ އުޞޫލުން ރައްޔިތުން ލިބިދޭ މިންވަރަކަށެވެ.

(ރ) ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ދިވެހިދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމަށާއި އަދި ވެރިކަމުގެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިބުނާ މަފްޙޫމަކީ މިއީއެވެ.

މި މަޒުމޫންގެ ސުރުޚީގެ ބޭނުމަށްބަލައި، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައިވާ އަންނަނިވި މާއްދާތައް ފާހަގަކުރަމެވެ.

(ހ) ދިވެހިދައުލަތުގެ އެންމެ އިސްވެރިއަކީ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. (ޤާނޫނުއަސާސީގެ 106 ވަނަ މާއްދާ)

(ށ) ރައީސުލްޖުމްހޫރިއްޔާއަކީ، ދިވެހި ރައްޔިތުންގެ ސީދާ ވޯޓަކުން، އިންތިޚާބުކުރާ މީހެކެވެ. (ޤާނޫނުއަސާސީގެ 108 ވަނަ މާއްދާ)

(ނ) ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ދައުރަކީ ފަސް އަހަރުދުވަހެވެ. (ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ)

މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވެރިކަން ބަދަލުކުރުމުގެ މަރުޙަލާއެވެ. އެއީ ރައްޔިތުން އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން، ކުރިޔަށް އޮތް ފަސް އަހަރަށް އެމީހުންގެ މައްޗަށް ވެރިކަން ކުރާނޭ މީހަކު އިންތިޚާބުކުރުމާއި، އެގޮތުން އިންތިޚާބުކުރެވުނު އިންތިޚާބީ ރައީސް ވެރިކަމުގެ ޤާނޫނީ ހުވާކުރައްވައި، ވެރިކަމުގެ ބާރުތަކާ ޙަވާލުވެވަޑައިގަތުމާ ދެމެދުގައި ހިނގާ މަރުޙަލާއެވެ. ދުސްތޫރީ ވިސްނުމަކުން ބަލާއިރު، މިއީ ދެ ވެރިކަމުގެ ދޭތެރޭގައި އަންނަ އިންތިޤާލީ މަރުޙަލާއެކެވެ. އަދި ޚާއްޞަ ދުސްތޫރީ ހަމަތަކެއް ހުންނަ ޙާލަތަކެވެ. މިއީ ދުސްތޫރީ ޢިލްމީ ނަޒަރިއްޔާތުތަކުގައި ކަނޑައެޅިފައި ހުންނަ މަފްހޫމްތަކެކެވެ. ދުނިޔޭގައި ޤަބޫލުކުރާ ޤާނޫނީ އަދި ދުސްތޫރީ ހަމަތަކެކެވެ.

އެހެންކަމުން މިއަދު ދިވެހިރާއްޖެ މިއޮތް ދުސްތޫރީ ޙާލަތުގައި، ރާއްޖޭގެ ސިޔާސީ މަރުޙަލާގައި ކުރުމަށް ހުށަހަޅާފައިވާ ބައެއްކަންކަމަށް ބަލައި، މި ދުވަސްތަކުގައި ދިވެހިދައުލަތުގެ ބާރުތައް ހިންގާނޭ ގޮތާމެދު ސުވާލުއުފައްދަން ޖެހެއެވެ. ޚާއްޞަގޮތެއްގައި،

(ހ) ޤާނޫނުއަސާސީ ބަދަލުކޮށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ބަދަލުކުރެވިދާނޭތޯ؟ އަދި

(ށ) ދައުލަތުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެވިދާނޭތޯ؟ މި ސުވާލުތައް އުފައްދަންޖެހެއެވެ.

ޤާނޫނީ ނަޒަރަކުން ބަލާއިރު، މިއީ ދިވެހިރާއްޖޭގެ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން މިހާ ހިސާބަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ދެކެފައިނުވާ ޙާލަތެއް އެކަންޏެއްނޫނެވެ. ހަމައެއާއެކު، މިއީ ރާއްޖޭގެ އެއްވެސް ޤާނޫނީ އޮނިގަނޑެއް ދެކެފައިވާ ޙާލަތެއްކަމުގައި އެނގޭކަށް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް މުޅިން އައު ޤާނޫނީ ހަމަތަކަކަށް ނޫނީ novel legal concept ތަކެއްކަމުގައި ހީކުރެވިދާނެއެވެ. ނުވަތަ ބުނެވިދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ރަޢުޔަކީ މިއީ ރާއްޖޭގެ ދުސްތޫރީ ޤާނޫނީ އޮނިގަނޑަށް އައު ޤާނޫނީ ހަމައެއްނޫނެވެ. އެއާ ޚިލާފަށް މިއީ ރާއްޖޭގެ މިއަދު ދުސްތޫރީ އޮނިގަނޑު އެމައްޗަށް ބިނާކޮށްފައިވާ މައިގަނޑު ދުސްތޫރީ ހަމައެކެވެ. ނުވަތަ އަސާސްއެކެވެ. ޙާލަތު ދިމާނުވާތީ، އެހަމަތައް ލިޔުމަށް، ނުވަތަ ބަހުސަށް ނުވަތަ ކޯޓުގެ ޙުކުމަކާ ހަމަޔަށް ތިލަކުރެވިފައިނުވަނީއެވެ.

އެހެންކަމުން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކޮށް، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑަށް ބަދަލުގެނައުމާއި އަދި ވެރިކަމުގެ ނިޒާމު، މި ޙާލަތުގައި (އިންތިޤާލީ މަރުޙަލާގައި) ބަދަލުކުރެވިދާނޭތޯ ކުރެވޭ ސުވާލަށް ޖަވާބެއް ލިބެންޖެހެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ޢާންމު ޙާލަތުގައި ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީސް އަދި އެހެނިހެންވެސް ދައުލަތުގެ މުއައްސަސާތަކާށް ލިބިދީފައިވާ ބާރުތައް، ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާގައި ހަމަ އެގޮތަށް ހުންނާނޭތޯ، ނޫނީ އެ ބާރުތައް އެއްވެސް ގޮތަކަށް ޤައިދުކުރެވިދާނޭތޯ ސުވާލުކޮށް ޖަވާބު ލިބެންޖެހެއެވެ.

މަތީގައިވާ ސުވާލަށް ވިސްނައި ނަޒަރު ހިންގާއިރު އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

(ހ) ދިވެހިދައުލަތުގެ ބާރުތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ދިވެހިދައުލަތުގެ އެންމެ ހާ ބާރުތަކެއް ފެށިގެން އަންނަނީވެސް އަދި ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ.

(ށ) 30 ސެޕްޓެމްބަރ 2023 ގައި ދިވެހިރައްޔިތުންގެ ސީދާ ވޯޓަކުންވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށްފައެވެ. މި އިންތިޚާބުގެ ޤާނޫނީ ނަތީޖާއަކީ، މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނީ އޮނިގަނޑުގައި ބަޔާންކޮށްފައިވާ ބާރުތަކުގެ ދަށުން އެބާރުތައް ވޯޓުނަގާ ޙާލަތުގައި ހުރިގޮތަށް އިންތިޚާބުކުރެވޭ ރައީސްއަށް ޙަވާލުކުރުމަށް ރައްޔިތުން ނިންމުމެވެ. އަދި މި ނިންމުގެ ޤާނޫނީ ބާރުގެ އަސާސްތަކީ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ދައުލަތުގެ އެންމެހާ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އައުމާއި ރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ ތަރަހައެވެ.

(ނ) އެހެންކަމުން، 30 ސެޕްޓެމްބަރު 2023ގައި ދިވެހިރައްޔިތުންގެ ނިންމެވި ނިންމެވުމަކީ، އެ އެދުވަހު ބޭއްވުނު އިންތިޚާބުވެވަޑައިގެންނެވި އިންތީޚާބީ ރައީސްއަށް، އިންތިޚާބު ބޭއްވުނުއިރު އޮތް ދައުލަތް، އެ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން، އެ އޮނިގަނޑުގައިވާ ދައުލަތުގެ ބާރުތައް ރިޔާސީ އައު ދައުރު ފެށޭއިރު، އިންތިޚާބީ ރައީސްއާ ޙަވާލުކުރުމެވެ. އެކަން ކުރެވޭނޭ ސީދާ ޤާނޫނީ ވަގުތަކަށްވާނީ، ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކޮށް މަޤާމާ ޙަވާލުވާ ވަގުތެވެ.

(ރ) އަދި މި ނިންމުމުގެ ނަތީޖާއަކަށްވާނީ، މިހާރު މިއޮތް ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑު އޮތްގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަމުގެ ބާރުތައް ޙަވާލުކުރުމެވެ. ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެހެވެ. އަދި ކޮންމެހެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ދިނުމަށްޓަކައި އަދި ޤައުމީ ސަލާމަތުގެ މައްސަލައެއްގައި ކޮންމެހެން ބޭނުންވެގެންނޫނީ ޤާނޫނީ އޮނިގަނޑަށްވެސް އެއްވެސް ބަދަލެއް ނުގެނެހެވެ.

(ބ) ހަމައެއާއެކު، ސަރުކާރު ހިންގުމުގައިވެސް މިހާރު ހިނގަންޖެހޭނީ، ދުވަހުން ދުވަހަށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ސަރުކާރު ހިންގުމުގައިވެސް، ރައްޔިތުން އިންތިޚާބީ ރައީސްއަށް ދީފައިވާ ބާރުތައް ހަންޏެއްނުކުރެވޭނެއެވެ. އެއީ ދިވެހި ދުސްތޫރު ދަންނަ ކަމެއްނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މީހަކު އިންތިޚާބުކުރެވުމާއި، އަދި އިންތިޚާބީ ރައީސް ހުވާކުރެއްވުމާ ދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލުނުކުރެވޭނޭ ކަމަށް ބުނާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރަމެވެ.

(ހ) ރައްޔިތުންގެ ދީފައިވާ ބާރުވެރިކަމެއްގެ ނިންމުމެއް ބަދަލުކުރުމުގެ ބާރު، ޤާނޫނުއަސާސީން އެހެން އެއްވެސް ފަރާތަކަށް ލިބިގެންނުވާކަން.

(ށ) ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި، ދައުލަތުގެ މުއައްސަސާތަކާއި އަދި މަޤާމުތަކުގައި ތިބޭމީހުންގެ ޤާނޫނީ ޒިންމާއަކަށްވާނީ، ރައްޔިތުން ނިންމާފައިވާ ގޮތަށް ވެރިކަމުގެ ޒިންމާތައް އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ އާއި (ޤާނޫނީގޮތުން) އޭނާ ޢައްޔަނުކުރާ ބަޔަކާ ޤާނޫނުތަކާ އެއްގޮތަށް ޙަވާލުކުރުންކަމާއި އަދި އަމާންކަމާ އޮމާންކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުން ކަމުގައިވާކަން.

(ނ) މި މަރުޙަލާގައި މިދެންނެވި ގޮތަށް ދައުލަތުގެ ބާރުތައް preserve ނުކުރެވޭނަމަ، އުޞޫލެއްގެ ގޮތުން، ނިމިގެންދާ ވެރިކަމާއި އަލަށް އަންނަ ވެރިކަމުގެ އެތެރޭގެ ތަޅާފޮޅުމުގެ ތެރެއިން، އަލަށް އަންނަ ވެރިކަމަކަށް ރައްޔިތުންދީފައިވާ ބާރުތައް ޙަވާލުނުކޮށް ދައުލަތުގެ ދުސްތޫރީ އޮނިގަނޑު ބަދަލުކުރުމުގެ ފުރުޞަތު theoretically ލިބިގެންވާކަމާއި، މިއީ ދުސްތޫރީ އޮނިގަނޑުގެ މައިގަނޑު މަސްދަރުތަކާއި ޚިލާފު ކަމަކަށްވާކަމުން، ޤާނޫނުއަސާސީ މިކަމަށް ޖާގަނުދޭކަން.

މި ދެންނެވި ރަޢުޔަށް ފާޑުވިދާޅުވާ ބޭފުޅުންގެ ރައްދަކަށްވާނީ، އެހެންވިއްޔާ ކުރިޔަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނެވޭނެޔޭ ބުނެ ދޭ ރައްދެކެވެ. އަޅުގަނޑު މިދަންނަވާ އެއްޗެއް އޮޅުވާ ނުލައްވައްޗެވެ. އަޅުގަނޑު މި ދަންނަވަނީ، 30 ސެޕްޓެމްބަރ 2023 ގައި ރައްޔިތުން ނިންމެވި ނިންމެވުމުގައިވާ ގޮތުން މަތިން، އެ ރައްޔިތުން އިންތިޚާބުކުރި ރައީސްއަށް، ދިވެހިދައުލަތުގެ ހިންގުމުގެ ބާރުތައް ޙަވާލުކުރުމަކީ ދިވެހިދައުލަތުގެ އެކިއެކި ކަންކަމާ ޙަވާލުވެ ތިބި މުއައްސަސާތަކާއި އަދި އެ މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އޮތް ދުސްތޫރީ އަދި ޤާނޫނީ ޒިންމާއެއްކަމާއި، އަދި އިންތިޚާބުކުރެވުމާއި އަދި އިންތިޚާބީ ރައީސްވެރިކަމާ ޙަވާލުވުމާ ދޭތެރޭ ހިނގާ އިންތިޤާލީ މަރުޙަލާގައި (ދައުލަތާއި ޤައުމުގެ ސަލާމަތާ ގުޅިފައިވާ ޒަރޫރީ ޙާލަތެއްގައިމެނުވީ) ދިވެހިދައުލަތުގެ ދުސްތޫރީ އޮނިގަނޑަށް ބަދަލުގެނައުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ. އަދި އެފަދަ ޙާލަތެއް މިއަދު ދިވެހިރާއްޖޭގައި އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

މިހެންކަމުން، މަތީގައިވާ ޤާނޫނީ ހަމަތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބެއް ބޭއްވި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގައިވާ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބަދަލުކޮށް ދުސްތޫރީ އޮނިގަނޑު ބަދަލުކުރުމުގެ ޤާނޫނީ ބާރު، އެއްވެސް ފަރާތަކަށް ލިބިދޭ ކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް މި ރާއްޖޭގެ މައްޗަށް ވެރިވެގަންނަން ދެއެކުވެރީން ގުޅިގެން ހިންގާން އުޅޭ ޖަރީމާއެއް. ރައްޔިތުން އެ ކަމަކަށް، އިންޝާއަﷲ، ޖާގައެއް ނުދޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.