Support Us

ކޮލަމް މާޒީ: އަޅުގަނޑަށް ލިބުނު އެއްޗަކީ ކާމިޔާބީއެވެ.

އަޅުގަނޑުގެ އަސްލު ދަންނަކީ ކިޔަވައިދިނުމާއި އިސްކޫލު ހިންގުމެވެ. ޢުމުރުގެ އެންމެ ގިނަ ދުވަސް ހޭދަކުރީ ވެސް އެ މަސައްކަތުގައެވެ. ޚާއްޞަކޮށް އިސްކޫލުތައް ހިންގުމުގައެވެ. އެކަމަކު އަޅުގަނޑަކީ ލިޔެ އުޅޭ މީހެކެވެ. އެއީ ކުރާ ހިތުން ކުރާ ކަމެކެވެ. ފޫހިފިލުވުމަށް ޓަކައި ވެސް ކޮށްލެވޭ އެންމެ އާންމު ކަމަކީ އެއީއެވެ. ހިތަށް އަރާ ޝުޢޫރުތައް ޢިބާރާތުން ބަޔާންކުރުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އަބަދު ވެސް ކިޔުންތެރިކަމާއި ލިޔުންތެރިކަމަކީ އަޅުގަނޑުގެ ހޮބީއެކެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެ އަބަދު ވެސް އަޅުގަނޑު ލިޔެ އުޅެމެވެ. އެހެންނަމަވެސް ޗާޕުކުރި ނުވަތަ އޮންލައިން ނޫސްތަކުން އަޅުގަނޑުގެ ލިޔުންތައް ޢާންމުންނާ ހަމައަށް ފޯރައިފައިވާނީ 1988ން ފެށިގެންނެވެ. އެ ހިސާބުން ފެށިގެން އަދިއަދަށް ދާންދެން ވެސް އަޅުގަނޑު ލިޔެ އުޅެމެވެ. ލިޔުނީމެވެ. ހަވީރަށެވެ. ޖަމާޢަތުގެ ޚަބަރަށެވެ. ފަތްތޫރައަށެވެ. އާފަތިހަށެވެ. މިއަދު ނޫހަށެވެ. އަލްމިންބަރަށެވެ. އައްޑަނައަށެވެ. އެނގަކުރިއަށެވެ. ސްޕޯޓްސް ވީކްލީއަށެވެ. ލިޔުންތެރިޔާއަށެވެ. ލިޔުންތެރިން ޑޮޓް އޯގަށެވެ. ފަންވަތް ޑޮޓް އިންފޯއަށެވެ. ދިޔަރެސްއަށެވެ. މި ނޫނަސް ނަން ނޭނގޭ އެތައް ނޫހަކާއި މަޖައްލާއަކަށެވެ. ފަހުންފަހުން އައިސް ތަންކޮޅެއް ގިނައިން ލިޔެވުނީ "އަދިވެސް"އަށެވެ. (adhives.mv) "މަލަރެސް"އަށެވެ. (malares.mv) "ފަރަގު" ނޫހަށެވެ. (faragu.mv) މި ކަން އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނެއެވެ. މި ކަން ދެނެވަޑައިނުގަންނަވާ ބޭފުޅުން ވެސް ތިއްބަވައިފާނެއެވެ.

މި ގޮތުގެ މަތީން އެކި ނޫސްތަކަށް އެކި މަޖައްލާތަކަށް އަޅުގަނޑު އަބަދު ވެސް ލިޔަމެވެ. މުނިފޫހިފިލުވުމާއި ރީތިވުމުގެ (އެންޓަޓެއިންމެންޓް އެންޑް ބިޔުޓީ) ދާއިރާ ފިޔަވައި އެހެން ހުރިހައި ދާއިރާއަކުން އަޅުގަނޑު ލިޔަމެވެ. އެންމެ ގިނައިން ލިޔެފައި ހުންނާނީ ބަހާއި ގައުމިއްޔަތުގެ ދާއިރާއިންނެވެ. އިސްލާމް ދީނާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންނެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. އެކަމަކު ހުއްޓުމެއް ނުގެންނަމެވެ.

މި ވޭތުވި ސެޕްޓެންބަރު މަހަކީ އަޅުގަނޑަށް ތަންކޮޅެއް ގިނައިން ލިޔެވުނު މަހެކެވެ. ގައުމީ ވިސްނުމުގައި "ކޮލަމް މާޒީ"ގެ ދަށުގައި ގައުމީ އެކި މައުޟޫޢުތަކަށް އަޅުގަނޑު ލިޔުނީމެވެ. އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި އިޚުލާސްތެރިކަމާއެކުގައެވެ.

މީގެ ދެ ހަފުތާ ކުރީން އަޅުގަނޑުގެ ދެކެފަރިތަ ރައްޓެއްސަކު (ރަހުމަތްތެރިއެއް ނޫން) އަޅުގަނޑާ ދިމާވެގެން ވަރަށް ސީރިއަސްކަމާއެކު ސުވާލުކުރިއެވެ. "އަޒީ މިހާރު މާ ބޮޑަށް ސިޔާސީވެގެން ތިޔަ ލިޔަނީ ކޯއްޗެއް ލިބޭތީހެއްޔެވެ؟" އެ ސުވާލުކުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަ ތަޢުލީމީ ބޭފުޅެކެވެ. ތަންދޮރު ދެނެވަޑައިގަންނަވާކަމަށް އަޅުގަނޑު ގަބޫލުކުރާ އަޅުގަނޑު އިޙުތިރާމް ކުރާ ބޭފުޅެކެވެ. އެހެންކަމުން އެ ސުވާލުން އަޅުގަނޑަށް ލިބުނީ ހައިރާންކަމެކެވެ. އެއްޗެކޭ ނުދަންނަވާނަމޭ ހިތަށް އެރިއެވެ. ނަމަވެސް ރައްދު ނުދޭން އޮންނަނީ ޖާހިލުންނަށް ކަމަށް ވެފައި، މިއީ ޢިލްމީ ބޭފުޅަކަށްވީމާ، އަޅުގަނޑުގެ ޖަވާބުން މަންފާ ކޮށްފާނެކަމަށް ދުށީމެވެ.

އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ސިޔާސީވެގެންނެއް ނޫޅެމެވެ. ތިޔައީ ހަގީގަތުގައި ގައުމީ ވިސްނުމުގެ އަޑު ކަނޑުވައިލުމަށް ޓަކައި ލާގައުމީ ފިކުރުގެ މީހުން ބޭނުންކޮށް އުޅޭ މަފުހޫމެވެ. ނުވަތަ ބޭނުންކުރާ އުކުޅެކެވެ. ސިޔާސީ ނުވާންވެގެން ގައުމީ ވާހަކަނުދައްކައެއް އަޅުގަނޑަކަށް ނުހުރެވޭނެއެވެ. އަޅުގަނޑަކީ މުސްލިމެއްކަމަށް ވާތީ، އަދި ދިވެއްސަކަށް ވާތީ، އަޅުގަނޑު ވެސް މި ގައުމަށް ޓަކައި އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކެއް އެބަ ހުއްޓެވެ. ބަޔަކު އެއްބަސްވިޔަސް ނުވިޔަސް، އެނގުނަސް ނޭނގުނަސް މި ގައުމު މި އޮތީ ހިމޭން އަޅުވެތިކަމަކުން އަޅުވެތިވެފައިކަން އަޅުގަނޑަށް ކަށަވަރެވެ. ރަސްމީ މާނައިގައި އަޅުވެތިވެފައިވާ ގައުމެއްގެ ނަން ލިބިފައި ނެތަސް މި އޮތީ ޚާރިޖީ، އިޤުތިސާދީ، ތިޖާރީ، މާލީ، އިގުތިސާދީ ގޮތުން އަޅުވެތިވެފައެވެ. މިއީ މީހަކު ބުނެގެން އަޅުގަނޑު ގަބޫލުކުރި ކަމެއް ނޫނެވެ. އަޅުގަނޑަކީ ވެސް ކަންކަމާ މެދު، ބަލައި ވިސްނައި ދިރާސާކޮށް ހަދާ މީހަކަށްވާތީ އަޅުގަނޑުގެ އަމިއްލަ ހޯދުންތަކުގެ މައްޗަށް ދެނެގަނެވުނު ދެނެގަތުމެކެވެ. ވީމާ މި ކަމުން އަރައިގަތުމަށް ޓަކައި އަޅުގަނޑަށް ކުރެވުނު ކަމެއް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މައްޗަށް ވާޖިބުކަމެކެވެ. އެހެންވެ މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި އަޅުގަނޑު ލިޔުނީއެވެ. ލިޔަނީއެވެ.

ދަންނަވަންތޯއެވެ؟ އަޅުގަނޑަކީ އަޅުގަނޑު ގައުމަށް ޓަކައި އަދާކުރާ ވާޖިބަކަށް ފަރުދީ ގޮތުން ބަދަލެއް އެދޭނެ މީހެއް ނޫނެވެ. އެދިފައި ވާނެ މީހެއް ވެސް ނޫނެވެ. ބަދަލެއް ބޭނުން މީހެއް ވެސް ނޫނެވެ. މި ކަން ވެސް ވިސްނައި ބަލައިފި ކޮންމެ މީހަކަށް އެނގޭނެއެވެ. އަޅުގަނޑު ވެސް ރައްޔިތުންގެ މަޖިލީހުގައި ދައުރެއް ފުރިހަމަކުރީމެވެ. އަޅުގަނޑު އިޚުލާސްތެރިކަމާއެކު މަސައްކަތްކުރިކަމަށް އަޅުގަނޑާއެކީ މަސައްކަތްކުރެއްވި ބޭފުޅުން ހެކިވެވަޑައިގަންނަވާނެއެވެ. މެންބަރުކަމުގެ ބޭނުން ކޮށްގެން (ރަސްމީކޮށް ލިބޭ މުސާރަ ފިޔަވައި) ހޯދި މާއްދީ އެއްވެސް އެއްޗެއް ނޯންނާނެއެވެ. ހޯދި ފައިސާއެއް، އަނބި ދަރީންނަށް ހޯދި ވަޒީފާއެއް ނޯންނާނެއެވެ. މި ވާހަކަ އަޅުގަނޑު ދަންނަވާ އިރަށް ކަލެއަށް ފްލެޓެއް ލިބުނެއް ނޫންހޭ ބުނެ ރައްދުދޭން ހަސަދަވެރީން އުޅެއެވެ. އެހެންވީމާ އެ ވާހަކަ ވެސް ދަންނަވައިލާނަމެވެ. އަޅުގަނޑަށް ފުލެޓު ލިބުނީއެއް ނޫނެވެ. ފުލެޓު ގަންނާން ޝަރުޠު ފުރިހަމަވީއެވެ. އެތައް ބަޔަކަށް ދޫކުރައްވާން ސަރުކާރުން ނިންމެވި ފުލެޓު އަޅުގަނޑަށް ވެސް ހައްގުވާ މިންގަނޑުގައި އަޅުގަނޑު ވެސް ހިމެނުނީއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ ގިންތިއެއް ވެސް އޭރު ކަނޑައެޅުއްވިއެވެ. އަދި ތަފާތު އެކި ގިންތިތައް ކަނޑައެޅުއްވިއެވެ. މި ގޮތުން ކަނޑައެޅުއްވި ގިންތިއެއްގައި އަޅުގަނޑު ވެސް ހިމެނުނީއެވެ. ބޭންކު މެދުވެރިކޮށް ސަރުކާރަށް ފައިސާ ދީފައި އެ ފުލެޓު އަޅުގަނޑު ގަތީއެވެ. ބޭންކަށް އިންސްޓޯލްމެންޓަށް ފައިސާ ދެއްކީ އަޅުގަނޑާއި އަޅުގަނޑުގެ ދަރީން ހޯދި ޙަލާލު ފައިސާއިންނެވެ. މިއީ ކޮރަޕްޝަނާއި ފަސާދަކަމަކަށް ދީނީ ހަމަތަކަކުން ނުވާނެއެވެ. މިއީ ކޮރަޕްޝަންކަމަށް ވާނަމަ، ފްލެޓާއި ގޯތި ލިބޭ އެންމެންނަށް އެ ލިބެނީ ރިޝްވަތު ނޫންހެއްޔެވެ؟

ވީމާ، ދަންނަވަމެވެ. އަޅުގަނޑަށް ވެސް ނުހައްގުން މުއްސަނދިވެވޭފަދަ ކިތަންމެ ހުށަހެޅުމެއް ލިބުނެވެ. ފިހާރައެވެ. ގޯއްޗެވެ. ގެޔެވެ. ފައިސާއެވެ. ނަމަވެސް އަޅުގަނޑަކީ، ހައްގު ނޫން މަގަކުން ފައިސާއާއި މުދާ ހޯދާނެ މީހެއް ނޫނެވެ. މުދަލާއި ފައިސާއަކީ އަޅުގަނޑުގެ ނަޒަރުގައި މަންޒިލް މަގުސޫދެއް ނޫނެވެ. އެއީ ވަސީލަތެކެވެ. މުދަލާއި ފައިސާއަކީ ހިތްހަމަޖެހުމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. "إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ " ("ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތަކާއި ތިޔަބައިމީހުންގެ ދަރީންތައް ވާކަން ކަށަވަރީ އިމްތިޙާނެއްކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަ ހުރީ ﷲގެ ޙަޟުރަތުގައެވެ.") (އައްތަޣާބުން:15). އަދިވެސް މުދަލާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައެވެ. الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ("މުދަލާއި ދަރީންނަކީ ދުނިޔޭގެ ދިރިއުޅުުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމި ހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި ސަވާބުގެ ގޮތުން މާ ހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާ ހެޔޮކަން ބޮޑުމެއެވެ.") (އަލްކަހުފު: 46). ވީމާ، މުދަލާއި ފައިސާގެ އަގެއް އެބަ އޮތް ހެއްޔެވެ. ހަގީގީ މުއްސަނދިކަމަކީ ވެސް މުދަލާއި ފައިސާ ގިނަވުމެއް ނޫނެވެ. އެއީ އެ މީހެއްގެ ނަފުޒުގެ މުއްސަނދިކަމެވެ. ކައު އިތުރު ރަސޫލާ ޙަދީޘްކުރައްވައިފައިވަނީ "ليس الغنى عن كثرة العرض، ولكن الغنى غنى النفس" (މުއްސަނދިކަމަކީ މުދާ ގިނަވުމެއްނޫނެވެ. އެހެނެއްކަމަކު މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަމެވެ . (رواه البخاري ومسلم). މި ފަދައިންނެވެ. ވީމާ ނަފުސުގެ ގޮތުން އަޅުގަނޑަކީ ފުދުންތެރިއެކެވެ. ވަރަށް މުއްސަނދި މީހެކެވެ. އެއްވެސް މީހަކަށް މުދަލާއި ފައިސާއަކުން އަޅުގަނޑުގެ ޒަމީރާއި ނަފުސު ގަނެއެއްނުލެވޭނެއެވެ. މާތްﷲ ވަޙީޚުރައްވައިފައިވެއެވެ. " وَاللَّهُ الْغَنِيُّ وَأَنْتُمُ الْفُقَراءُ " ("ﷲއީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި ފަގީރުންނަކީ ތިޔަބައިމީހުންނެވެ.") (މުޙަންމަދު:38). ވީމާ ނަފުސުގެ މުއްސަނދިކަމެއް ނެތްތަނަމަ، އަޅުގަނޑުމެންނަކީ ފަގީރުންނެވެ. ކިތަންމެ ފައިސާއެއް ހުރިނަމަވެހެވެ. ވީމާ ނަފުސުގެ މުއްސަނދިކަމެއް ނެތަމަ، މުދަލާއި ފައިސާއަކުން ނަފުސަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންވީމާ، އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑު އަދާކުރާންޖެހޭ ވާޖިބެއް އަދާކޮށްގެން އަޅުގަނޑަށް ލިބޭ އެއްޗެއް ބަލާކަށް ނުޖެހެއެވެ. އަޅުގަނޑަށް ޙައްގުވާ އެއްޗެއް އާޚިރަތްދުވަހުން އަޅުގަނޑަށް ދެއްވާނީ މާތްﷲއެވެ.

އަޅުގަނޑުގެ ޢުމުރުން 16 އަހަރުން ފެށިގެން 2019 ޖުލައިމަހާ ހަމައަށް ދިރިއުޅުމަށް ޓަކައި، ހަމައެކަނި ކުރި ކަމަކީ ދައުލަތުގެ އެކި ވަޒީފާތައް އަދާކުރުމެވެ. ނަމަވެސް 2019 އަހަރުން ފެށިގެން ދައުލަތުގެ ވަޒީފާއެއް އަޅުގަނޑަށް ނެތަސް އަދި އުމުރުން 65 އަހަރު ވެގެން އިނާޔަތް ލިބޭ ހިސާބަށް ނުދިޔަސް މާތްﷲގެ ދީލަތިކަމުން އަޅުގަނޑަށް ދެއްވާ ރިޒުޤުން އާދައިގެ ދިރިއުޅުމެއް އަޅުގަނޑަށް އެބަ އުޅެވެއެވެ. ފުދިގެންނެވެ. ﷲއަށް ވަކީލުކޮށްގެން ތެދުވެރިކަމާއެކު މަސައްކަތްކުރީމާ މާތްﷲ ރިޒުގު ދެއްވައެވެ. ވީމާ، އަޅުގަނޑަށް އެއްޗެއް ލިބޭން ﷲ ފިޔަވައި އެހެން ފަރާތަކުން އަޅުގަނޑު އެދޭން ޖެހޭ ސަބަބެއް ނެތެވެ. އަޅުގަނޑު ކުރާ މަސައްކަތަކުން އަޅުގަނޑު ﷲގެ ޙަޟުރަތުން އެދެނީ ދަރުމައާއި ކާމިޔާބީއަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެހާ ބުރަކޮށް ރައްޔިތުންނަށް ވިސްނައިދޭން އަޅުގަނޑު މަސައްކަތްކުރީ ރާއްޖޭގެ ގިނަ ރައްޔިތުން ފަދައިން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ޓަކައި ރައްޔިތުން ހޭލުންތެރިކުރެވޭތޯއެވެ! މީހަކު ދެކެ ރުޅިއަކުން ވަކި މީހަކު ދެކެ ލޯތްބަކުންނެއް ނޫނެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ފަހު ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންކުރެ އެއް ބޭފުޅަކީ ވެސް ޒާތީ ގޮތުން އަޅުގަނޑަށް މުހިންމު ބޭފުޅެއް ނޫނެވެ. އަޅުގަނޑަށް މުހިންމުވީ، މި ރާއްޖޭގެ އިސްލާމީ ވަޙުދަތާއި ސިޔާދަތާއި މިނިވަންކަމެވެ. މި ކަމަށް މަގު ފަހިވާނީ މި ފަހަރު ޑރ. މުހައްމަދު މުޢިއްޒު ހޮވައިގެންކަމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުކުރީތީ އެ ކަމަށް މަސައްކަތްކުރީއެވެ. ލޯތްބާއެކު ހިތުން ރުހުމުންނެވެ. އެއްވެސް މީހަކު އެދިގެންނެއް ނޫނެވެ. ޑރ. މުޢިއްޒަށްވުރެ ބޮޑަށް ރައީސް އިބްރާާހީމް މުޙަންމަދު ޞާލިޙަށް އަޅުގަނޑު އެނގިވަޑައިގަންނަވާނެއެވެ. އެއީ ފަސް އަހަރު ވަންދެން އެކުގައި މަސައްކަތްކުރެވުނު ރަފީގެކެވެ. ޑރ. މުޢިއްޒަކީ މަދު ފަހަރަކު ބައްދަލުވެ ފެނިދެނިވުމުގެ އިތުރަށް އެކުގައި މަސައްކަތްކުރެވިފައިވާ ބޭފުޅެއް ނޫނެވެ. އަޅުގަނޑަށް ޑރ. މުޢިއްޒަކީ ކޮން ބޭފުޅެއްކަން އެނގުނަސް ޑރ. މުޢިއްޒަކަށް އަޅުގަނޑުގެ ގޮތާއި ފޮތާއި ހަގީގަތް އެނގިވަޑައެއް ނުވެސް ގަންނަވާނެއެވެ. ނަމަވެސް އަޅުގަނޑަށް ވީ ވަރަކުން ޑރ. މުޢިއްޒު އިންތިޚާބުކުރެވޭތޯ މަސައްކަތްކުރީ ގައުމަށް ޓަކައެވެ. އަޅުގަނޑުގެ ގައުމީ ވާޖިބެއް އަދާކުރުމަށް ޓަކައެވެ. ވީމާ މި މަސައްކަތުން، އަދި ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ މަސައްކަތުން ޑރ. މުޢިއްޒަށް އިންތިޚާބު ކާމިޔާބުކުރެއްވުނީމާ އަޅުގަނޑަށް ލިބުނު ފައިދާއަކީ މަސައްކަތުގެ ކާމިޔާބީއެވެ. އުންމީދުކުރީ ވެސް އެ ފައިދާ ހޯދާށެވެ.

ވީމާ އަޅުގަނޑުގެ އެކުވެރިޔާ އަޅުގަނޑާ ކުރި ސުވާލުގެ ޖަވާބަކީ އަޅުގަނޑަށް ލިބުނު އެއްޗަކީ އަދި އުންމީދުކުރި ނަތީޖާއަކީ ވެސް ކާމިޔާބީއެވެ. އެއްވެސް މީހަކު ކުރާ މަސައްކަތަކުން އެ ނޫން ނަތީޖާއެއް ބޭނުންވާނެހެއްޔެވެ؟ ލިބުނު ކާމިޔާބީއަށް ޓަކައި ރާއްޖޭގެ އެތައް ހާސް ރައްޔިތުން ފަދައިން އަޅުގަނޑު ވެސް މި ހުރީ އުފަލުންނެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކުރެވުނީތީއެވެ! ވީމާ އަޅުގަނޑަށް ލިބުނު އެއްޗަކީ ކާމިޔާބީއެވެ. އަލްޙަމްދުލިﷲއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
711

One Response

  1. އުސްތާޒަށް ސާބަސް ދަންނަވަން. ތިޔައީ މި ގައުމަށް ބޭނުންވާ ފަދަ ދަރީންނަކީ. ޒުވާނުން ނަމޫނާއަކަށް ބަލަންޖެހޭ ބޭފުޅެއް. މަރުޙަބާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *