21:50
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ހިނގައިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު އިލެކްޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައިރު ފާހަަގަކޮށްލެވޭ ވަރުގެ ދެ ކަމެއް ނޫނީ އެހެން ހުރިހާ ކަމެއްް ވެސް ހިނގައިފައިވަނީ ރަނގަޅަށް ކަމަށެވެ.
ހަބީބު ވިދާޅުވީ މިއަދު ވޯޓުލުން ފެށިގެން ކުރިއަށް ދިޔައިރު ލ. ފޮނަދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކުން ދޫކުރި ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ހުރިކަން ވޯޓު ފޮށީގެ ވެރިއާއަށް ފާހަަގަކުރެވިގެން އެކަން އިތުރަށް ބެލިބެލުމުން ތިން ކަރުދާސް ކޮޅެއްގައި ފާހަަގަ ފާހަގަކުރެވިގެން އެ ވޯޓު ފޮށި ބަންދު ކުރުމަށް ފަހު އާ ފޮއްޓަކަށް ވޯޓުލުމުގެ މަސައްކަތް ދެ ގަޑިއިރަށް ފަހު އަލުން ފެށުނު ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ކަމަކީ ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަންދުކުރަން ފަސް މިނެޓަށް ވެފައި ހުއްޓާ ވޯޓުލާން ދިޔަ މީހަކު ދިޔަ ގޮތަށް ގޮސް ވޯޓު ފޮށި ނަގާ ބިންމައްޗަށް ވައްޓާލައި އެ ވޯޓު ފޮށި ފަޅާލި މައްސަލައެއް ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި އެމީހާ އެހިސާބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.
"(ވޯޓު ފޮށި ބިންމައްޗަށް ވައްޓާ ފަޅާލި މީހާ) އޭނަގެ އައިޑީކާޑު ހަދަން ޖެހޭ ފަރާތަކުން ހަދާ ނުދީގެން އެކަމާ ރުޅިއައިސްގެން. އަނެއް ގޮތަކީ އޭނަގެ އައިޑީކާޑު ފޮރުވައިގެން ބަޔަކު އުޅޭތީ އެކަމާ ރުޅިއައިސްގެން ކަމަށް ބެލެވެނީ،" ހަބީބު ވިދާޅުވި އެވެ.
ވޯޓުލި މީހުންގެ ނިސްބަތް 80.8 ގައި ހުރިއިރު ވޯޓުލި މީހުންގެ އަދަދަށް އަދި ބަދަލު އަތުވެދާނެ ކަމަށާއި ލަންޑަންގެ ވޯޓު ފޮށި ގުނަން ފަށާނީ މިރޭ 10 ޖަހާއިރު ކަމަށާއި އެހެން ހުރިހާ ފޮއްޓެއް ގުނާ ނިމިފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ 30 ޝަކުވާއެއް މިއަދުގެ ވޯޓާ ގުޅިގެން ލިބިފައިވާ އިރު އޭގެ ތެރެއިން 28 ކަމެއް ބަަލަމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކޮރަޕްޝަންގެ ދެ މައްސަލައަކާއި އެންޓި ކެންޕެއިން ކުރުމުގެ ތިން މައްސަލައަކާއިި އިިލެކްޝަންގެ ވޯޓްލާ މަރުކަޒުގައި ތިއްބެވި އޮފިޝަލުންނާ ގުޅިގެން 15 ހުށަހަޅާފައިވާ 15 ކަމެއްގެ އިތުރުން ބައެއް އެހެން ކުދިކުދި ކަންކަން ކަމަށް ވިދާޅުވި އެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށް ހަބީބު ވިދާޅުވި އެވެ.
ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް 585 ވޯޓު ފޮށި ގުނައި ނިމިފައިވާއިރު ޑރ. މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 126,836 ވޯޓެވެ. އެއީ 54 އިންސައްތަ ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 107,874 ވޯޓެވެ. އެއީ 45.9 އިންސައްތަ ވޯޓެވެ
މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން މިއަދުގެ އިންތިހާބުގައި ވޯޓު ލައިފައިވަނީ 80 އިންސައްތައެވެ. އެއީ ގާތްގަނޑަކަށް 240،000 މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.



advertisment