Support Us

ކޮލަމް މާޒީ: ވޯޓުދިނުމަކީ އެ މީހަކު ބޭނުން ގޮތެއް ހަދާން ލިބޭ ހައްގެއް ނޫނެވެ.

މިއަދަކީ ދިވެހީންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. މިއަދަކީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ވޯޓުލާ ދުވަހެވެ. އިއްޔެ ހަވީރު 6:00ން ފެށިގެން މާދަމާ (އާދީއްތަ ދުވަހު) ހެނދުނު 6:00އާ ދެމެދުގެ އެއްވެސް ވަގުތެއްގައި އެއްވެސް ކެންޑިޑޭޓަކަށް ކެންޕޭނުކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. އެހެންވީމާ ވަކި މީހަކު ރަނގަޅޭ ނުވަތަ ގޯހޭ ކިޔައިގެން ވާހަކަދެއްކުމުގެ ހައްގެއް ދެނެއް ނޯންނާނެއެވެ. އެ ވާހަކައެއް ދެނެއް ނުދެއްކޭނެއެވެ. ނަމަވެސް ކޮންމެވެސް އެއް ކެންޑިޑޭޓަކަށް ވޯޓުދޭން ޖެހޭނެކަމަށް ބުނެވޭނެއެވެ. އަދި ވޯޓު ދޭން ނުކުތުމަށް ބާރު ވެސް އެޅިދާނެއެވެ. ވޯޓުދޭނެ މީހަކު ޚިޔާރުކުރާނީ އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތަކަށެވެ. މީހަކު ބުނާ ގޮތަކަށް ނޫނެވެ.

ވޯޓުލުމުގެ ފުރުސަތު މި ފަހަރު އަލަށް ލިބޭ ޒުވާނުން(ގެ ތެރެއިން ބައެއް ޒުވާނުން) ތިމަންނާ ވޯޓުދޭން ބޭނުން މީހަކު ނެތްކަމަށް ބުނެ ވޯޓު ނުދޭނަމޭ ބުނާ އަޑު ވެސް އިވެއެވެ. މި ފަހަރު އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ތެރޭގައި ތިމަންނަ ވޯޓުދޭން ޖެހޭ ކެންޑިޑޭޓަކު ނެތޭ ބައެއް މީހުން ބުނެ ވޯޓުލާން ނުދާނެކަމަށް ބުނާ މީހުން އުޅޭ ކަމަށް އަޑުއިވެއެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ ތިމާއަށް ކަމުދާ ކެނޑިޑޭޓަކު ނެތްކަމަށް ބުނެ ތިމާ ވޯޓު ނުދިނަސް ގިނަ ބަޔަކު ވޯޓުދޭނެއެވެ. ވޯޓުދޭ މީހުންގެ ތެރެއިން އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވީކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން އިޢުލާނުކުރާނެއެވެ. ނޮވެންބަރުމަހު 17ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އެ ބޭފުޅެކެވެ. އެ ހިސާބުން އަޅުގަނޑުމެންގެ މައްޗަށް އަމުރުމަޢުރޫފު ހިންގެވުމުގެ ގާނޫނީ ހުރިހާ ބާރެއް އެ ބޭފުޅެއްގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް އަޅުގަނޑުމެން ފަސް އަހަރު ވަންދެން ތިބޭން ޖެހޭނީ އެ ބޭފުޅެއްގެ އަމުރުވެރިކަމުގެ ދަށުގައެވެ. އެހެންވީމާ ވޯޓު ދޭން ލިބޭ ހައްގުގެ ބޭނުން ނުކޮށް ވޯޓު ނުދިނުމަކީ އެއްވެސް މީހަކަށް އޮންނާނޭ ހައްގެއް ނޫނެވެ. އިޚުތިޔާރެއް ނޫނެވެ.

ދެނެވަޑައިގަންނަވާށެވެ! ގައުމުގެ އެންމެ ވަތީ ވަލީ ޙަވާލުކުރާނެ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޓަކައި، ޑިމޮކްރެސީ ތަނަވަސްކޮށްދޭ ފުރުޞަތަކީ އިންތިޚާބުތަކުގައި ދޭ ވޯޓުކަރުދާސްކޮޅެވެ. އެ ކަރުދާސްކޮޅުގައި މިނިވަންކަމާއި އިޚުލާސްތެރިކަމާއެކު އެ މީހެއްގެ ޚިޔާލާއި މަޝްވަރާ ދިނުމަށް ޓަކައި ކުރާންޖެހޭ ކަމަކީ އެ މީހަކަށް ފެންނަ ނަމަކާ ދިމާގައި އިންތިޚާބުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ފާހަގައެއް ލުމެވެ. މިއީ އިޚުތިޔާރީ ޙައްގެއް ނޫނެވެ. މިއީ އޭނާއަށް ގައުމު ލާޒިމުކުރާ ކަމެކެވެ. އަދި އިޚުލާޞްތެރިކަމާއެކު މާތްﷲގެ ރަސްކަންފުޅަށް ޓަކައި މި ފާހަގަލުމަކީ އޭނާ އަދާކުރާންޖެހޭ ވާޖިބެކެވެ. އެހެނީ، ގައުމުގެ ވެރިޔާ ހޮވުމަށް ޓަކައި އޭނާގެ މަޝްވަރާއަށް އެހޭ ހިނދު ތެދުވެރިކަމާއެކު އޭނާގެ މަޝްވަރާ ދިނުމަކީ އޭނާ އަދާކުރާން ޖެހޭ މަސްއޫލިއްޔަތެކެވެ. އެއީ އޭނާ އުފުއްލާން ޖެހޭ ޒިންމާކެވެ.

ކަން މިހެން އޮތުމާއެކު، ޤައުމުގެ ވެރިއަކު އިންތިޚާބު ކުރުމުގައި ބައިވެރިވުމުގެ ފުރުސަތަކީ ސަމާސާ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެންމެ އެދޭ ކެންޑިޑޭޓަކު ނެތަސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅުކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ ލާޒިމުކަމެކެވެ. އަޅުގަނޑުމެން ވޯޓު ނުދީފި ނަމަ، އެއީ އަޅުގަނޑުމެން ނުރުހޭ ކެނޑިޑޭޓަކަށް ދެވޭ ދެ ވޯޓެކެވެ. އެހެނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅުކަމަށް ފެންނަ ކެންޑިޑޭޓަށް އެ ވޯޓު މަދުވާނެއެވެ. އޭގެ ސަބުން އަނެއް ކެންޑިޑޭޓަށް ލިބޭ ވޯޓު އިތުރުވާނެއެވެ.

އަޅުގަނޑުމެން ކުރާ (ހުއްދަ) ކޮންމެ ކަމެއް ވެސް އިޚުލާޞްތެރިކަމާއެކު ﷲއަށް ޓަކައި ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި އަޅުކަމަކަށް ވާނެއެވެ. ވީމާ ވޯޓު ދޭންޖެހޭނީ އިޚުލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑުމެންގެ ހިތުގައިވާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ.

އިޚުލާޞްތެރިކަމުގެ މާނައަކީ "އޮޅުވައިލުމާއި ދެފުށްދެގޮތްކަމެއް ނެތްކަން" ނުވަތަ "ވަފާތެރިކަން" ނުވަތަ "ތެދުވެރިކަން"ކަމަށް "ދިވެހިބަހުގެ ރަދީފު"ގައި އޮވެއެވެ. އޭގެ މާނައަކީ ކަންދެއްކުމާއި ގޮތް ދެއްކުމާއި އޮޅުވައިލުމާއި މަކަރުހެދުމާއި ނިފާޤުކަން ނެތުމެވެ.

ހަގީގަތުގައި މުސްލިމުންގެ ޙައްޤުގައި އިޚުލާޞްތެރިކަމަކީ އެ މީހަކު ކުރާ ހުރިހާ ކަމެއް، މާތް ﷲގެ ރުހިވޮޑިގަތުން އެދިގެން ތެދުވެރިކަމާއެކު ކުރުމެވެ. އެހެން އެއްވެސް ނިޔަތެއް، އޮޅުވައިލުމެއް، ކަންދެއްކުމެއް ނެތި ތެދުވެރިކަމާއެކު ކޮންމެ ކަމެއް ވެސް ކުރުމެވެ. މުސްލިމަކު ކުރާ ކޮންމެ ހެޔޮ ޢަމަލެއް ވެސް ކުރާން ވާނީ ތެދުވެރި ހިތަކާއިގެންނެވެ. މީހުންނަށް ދެއްކުމަށް ޓަކައެއް ނޫނެވެ. އަމިއްލަ އެދުމަށް ޓަކައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ" ("ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّهއަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު ގާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.") (سورة البينّة:5)

އިޚުލާޞްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ސިފައެކެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ކޮންމެ ޢަމަލެއް ކުރިކަމުގައި ވިޔަސް ވެހެވެ. މުސްލިމަކު ނަމަ ހުއްދަ ޢަމަލެއް ނޫނީ (ގަސްތުގައެއް) ނުކުރާނެއެވެ. ޝަރުޢުގައި ކަނޑައެޅިފައިވާ ޢިބާދާތުގެ އެކި ޢަމަލުތަކުގެ އިތުރަށް ވެސް ހުއްދަ ކޮންމެ ކަމެއް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ވާނެއެވެ. އެއީ ވޯޓުލުންކަމަށް ވީނަމަވެހެވެ. މުސްލިމަކު ނަމަ، އޭނާ އެ ކަން ކުރާނީ ﷲގެ ރުހިވޮޑުގަތުން ހޯދުމަށް ޓަކައެވެ. އިޚުލާޞްތެރިވުމަށާއި އިޙުސާންތެރިވާން މާތް ﷲ އަންގަވައިފައިވާތީއެވެ. އެ ކަމަށް ޓަކައި އޭނާ ރިޝްވަތެއް ނުހިފާނެއެވެ. އަމިއްލަ އެދުން އިހެއް ނުކުރާނެއެވެ.

ކަން މިހެން ހުރުމާއެކު ކޮންމެ ދިވެއްސަކު ވެސް އިޚުލާސްތެރިކަމާއެކު ވޯޓުދޭން ޖެހެއެވެ. ދިވެހި ގައުމުގެ ލާބައާއި މަންފާއަށް ޓަކައެވެ. ކެންޑިޓޭޓަކު އިޚުތިޔާރު ކުރާންޖެހޭނީ އަމިއްލަ މަޞްލަޙަތަށް އިސްކަންދިނުމެއް ނެތިއެވެ. އަމިއްލަ މަޞްލަޙަތު ދޫކޮށް މުޖުތަމަޢުގެ މަޞްލަޙަތަށް ޓަކައެވެ. އަމިއްލަ ފައިދާއޭ ހީކުރިޔަސް ހަގީގަތުގައި އަމިއްލަ ފައިދާ ވެސް އޮންނާނީ މުޖުތަމަޢުގެ މަޞްލަޙަތުގައެވެ. ވަގުތީ ގޮތުން އަމިއްލަ ފައިދާއެއް ލިބުނޭ ހީވި ކަމަށް ވިޔަސް ކުރިމަގުގައި މުޖުތަމަޢަށް ލިބޭ ފައިދާއެއް ނޫނީ ފަރުދުންނަކަށް ނުލިބޭނެއެވެ. ތިމާއަކީ ތިމާ ދިރިއުޅޭ މުޖުތަމަޢަށް ލިބޭ ކޮންމެ ގެއްލުމަކާއި ފައިދާއެއްގެ ހިއްސާދާރެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މީހެއްގެ އަތުން، ވޯޓު ދޭނަމޭ ކިޔައިގެން ރިޝްވަތު ހިފިއްޖެ ނަމަ، އެ ރިޝްވަތު ދިން މީހާ ބުނާ މީހަކަށް ވޯޓު ނުދިނުމަކީ ވަރަށް ނުބައި ކަމެކެވެ. ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. ދަންނަވަންތޯއެވެ؟ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ލަޢުނަތް ލައްވައިފައިވާ ކަމެކެވެ. އެއީ ވަރަށް ބޮޑު ނުބައި ކަމެކެވެ. ނަމަވެސް އެ ރިޝްވަތު ހިފި މަގުސަދު ހާސިލުވާ ގޮތަށް ޢަމަލުކުރުމަކީ އަނެއްކާ އިތުރު ނުބައެކެވެ. ނުބައި ކަމެއް ކުރެވުމުން އިތުރު ނުބައިކަމެއް ތަކުރާރުކުރާކަށް ނުޖެހޭނެއެވެ. ޖެހޭނީ ކުރެވުނު ނުބައިކަންތަކާ މެދު ހިތާމަކޮށް ތައުބާވާށެވެ. ވީމާ ތިމާއަށް ނޭނގުމެއްގެ ތެރޭގައި ނުވަތަ ހަވާނަފުސުގެ އަވާގައި ޖެހިގެން ރިޝްވަތު ހިފުނަސް، ވޯޓު ދިނުމުގައި އެ މީހަކަށް ރަނގަޅު މީހާ އިޚުތިޔާރުކުރުމަކަށް ހުރަހެއް ނެތެވެ. އެ ފަދަ ނުބައި ކަމެއް ދެން ދުވަހަކު ވެސް ނުކުރާން ޢަޒުމުކަނޑައަޅައި ތައުބާވެ، އެ ގޮތުގައި ދެމި ހުންނާންވީއެވެ. އަދި، މާތް ﷲއަށް ޓަކައި، ތިމާގެ ނަޒަރުގައި އެންމެ ރަނގަޅު މީހާއަށް ވޯޓު ދިނުމަކީ ތިމާއަށް ދެ ދުނިޔޭގައި ވެސް އެންމެ ފައިދާ ހުރި ގޮތެވެ.

އެއްވެސް ޝައްކެއް ނެތެވެ! ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮންމެ މީހަކު ވެސް ވޯޓުދޭން ޖެހޭނެއެވެ. އެހެންނޫނީ އެއީ ތިމާއާ ޑިމޮކްރެސީ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތަކުން ތިމާ ރެކިގަތީއެވެ. އެއީ މުސްލިމެއްގެ ހައިސިއްޔަތުން ތިމާއާ ޙަވާލުވެފައިވާ އަމާނާތަކަށް ޚިޔާނާތްތެރިވީއެވެ. މިއީ މި އުންމަތުގެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އިޖުތިމާޢީ ގޮތުންނާއި ޤައުމީ ގޮތުން އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެނީ ރައްޔިތުން މި ހޮވަނީ، ބައިނަލްއަޤުވާމީ ދުނިޔޭގައި ދިވެހި ޤައުމުގެ ޝަރަފާއި ކަރާމާތާއި އަބުރު ޙިމާޔަތްކޮށް ދިވެހިރާއްޖެ ޝުހުރަތު ކުރާނޭ ވެރިއެކެވެ. ޤައުމުގެ ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ވެރިއެކެވެ. ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތްކުރާނޭ ވެރިއެކެވެ. މުޅި ރާއްޖޭގެ ބިނާރު ގާއިމުކޮށް ޤައުމު ތަރައްޤީކުރާނެ ވެރިއެކެވެ. އެހެންކަމުން ތިމާއަށް އެންމެ ރަނގަޅުކަމަށް ފެންނަ ކެނޑިޑޭޓަކަށް އިޚުލާޞްތެރިކަމާއެކު ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އެއީ ކާކުކަން ކަނޑައަޅާނީ މީހަކު ބުނެގެންނެއް ނޫނެވެ. މާތް ﷲއަށް ޓަކައި ތިމާ އަމިއްލައަށެވެ. އިޚުލާޞްތެރިކަމާއެކީގައެވެ.

ދިވެހީންގެ މިއަދުގެ ހަގީގަތަކީ މީހުންނާ ބެހޭ ގޮތުން ހިތަށް އެރިހާ ދޮގު ވާހަކަތަކެއް ފެތުރުމަށް ޓަކައި، ތަފާތު ވީޑިއޯތަކާއި އޯޑިއޯތައް ހަދަހަދައިގެން ފަތުރައިފާނެކަމެވެ. ދޮގު ޗެޓްލޮގުތަކާއި ޚަބަރުތައް ވެސް ހަދައިގެން ޢާންމުކޮށްފާނެކަމެވެ. މި ފަދަ ކަންކަމަށް ސަމާލުވާންޖެހޭނެއެވެ. މި ޒަމާނުގައި މި ފަދަ ދޮގު ޚަބަރުތައް މީސްމީޑިއާގައި ފަތުރާނެކަން ދެނެ، އެ ކަމަށް ސަމާލުވެގެން ތިބޭން ޖެހޭނެއެވެ. ތިމާގެ އަމިއްލަ ވިސްނުން މި ފަދަ ކެހިވެރި މަޅިއެއްގެ ސަބަބުން ބަދަލުވިޔަ ދީގެންނެއް ނުވާނެއެވެ.

ވީމާ، ތިމާ ދޭ ވޯޓާ މެދު ވެސް ތިމާ ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އެބަ އޮތްކަން ހަނދާންކޮށް އިޚުލާޞްތެރިކަމާއެކު ވޯޓުދިނުމަށް ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވައިލަމެވެ. އަޅުގަނޑުގެ އަނބިދަރީންނާއި، އަޑުގަނޑު ކިޔަވައިދީފައިވާ އަދި ކިޔަވައިދެމުންގެންދާ އެންމެހައި ދަރިވަރުންނާއި ގާތްތިމާގެ އަދި ރަޙުމަތްތެރީންގެ ކިބައަކުން ވެސް ވަކި ބޭފުޅަކަށް ވޯޓު ދޭކަށް ނޭދެމެވެ. އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ހަމަ ކޮންމެ ރައްޔިތަކު ވެސް ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މުސްތަޤުބަލަށް ޓަކައި އިޚުލާޞްތެރިކަމާއެކު ވޯޓުދެއްވުމެވެ. ތިމާ ދޭ ވޯޓަކީ ވެސް ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ލިޔުއްވޭނޭ ގޮތުގެ މަތީން މާތް ﷲއަށް ޓަކައި ވޯޓުދެއްވުމެވެ. ތިމާގެ ސިކުނޑީން ވިސްނައިގެންނެވެ. އަޅުގަނޑުގެ އިލްތިމާސަކީ މިއީއެވެ. ރަނގަޅު ގޮތް އިޚުތިޔާރުކުރުމުގައި އުނދަގޫތަކެއް ހުރެއްޖެ ނަމަ، އިޚުލާޞްތެރިކަމާއެކު އިސްތިޚާރާ ނަމާދެއްކުރައްވާށެވެ! ދެން ތިމާގެ ހިތަށް އިލްހާމުވާ ގޮތަކަށް މާތްﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ތިމާގެ ސިކުނޑީން ވިސްނުމަށް ފަހު ވޯޓުދެއްވާށެވެ! އަދި އެއީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ވޭތޯ މަސައްކަތްކުރައްވާށެވެ! މުހިންމު ނުކުތާއަކީ ވޯޓުދިނުމުގެ ޒިމްނާ އަދާކުރުމެވެ. ވޯޓުދޭނެ މީހަކު ކަނޑައެޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެކެވެ. ނަމަވެސް ވޯޓުލާން ނުގޮސް ހުރުމަކީ އެއްވެސް ހާލެއްގައި އިޚުތިޔާރެއް ނޫނެވެ. އެއީ އަދާކުރާން ޖެހޭ ވާޖިބެކެވެ. މި ކަމަށް ފުރުސަތު އޮތީ މިއަދު ހަވީރު ފަހެއް ޖަހަންދެންނެވެ. ވީމާ، ލަސްނުކޮށް ވީހާ އަވަހަކަށް ވޯޓުދިނުމުގެ ހައްގު އަދާކުރާން ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ނަޞޭޙަތްތެރިވަމެވެ. ވޯޓު ދޭނީ އެއްވެސް ނުފޫޒަކަށް ތަބާނުވެ، އިޚުލާޞްތެރިކަމާއެކު، މާތްﷲއަށް ޓަކައި، އެ މީހަކު އަމިއްލައަށް އިޚުތިޔާރުކުރާ ކެންޑިޑޭޓަކަށެވެ. މުހިންމު ކަމަކީ މިއަދު ހަވީރު 5:00އަށް ފަހު ހަމަ އެއްވެސް އިތުރު ވަގުތެއް އިލެކްޝަންސް ކޮމިޝަންނުން ނުދެއްވާނެތީ ލަސްނުކުރައްވައި އެ ބޭފުޅަކު ވޯޓުލައްވާން އޮތް މަރުކަޒަކަށް ވަޑައިގަތުމާއި، އެ ބޭފުޅަކު އަމިއްލަފުޅަށް އިޚުތިޔާރުކުރައްވާ ކެންޑިޑޭޓަކަށް ވޯޓުދެއްވުމެވެ. ވީމާ، ލަސްނުކުރައްވައި، ދުވާލުގެ ހޫނު ގަދަ ނުވަނީސް ނުކުމެވަޑައިގެން ފެނިވަޑައިގަންނަވާ ކެނޑިޑޭޓަކަށް ވޯޓުދެއްވާން ހުރިހާ ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއެކު އިލްތިމާސްކުރަމެވެ.

އަދިވެސް މުހިންމު އެހެން ކަމެއް އެބަ އޮތެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރެއްވިޔަސް އިންތިޚާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓުގެ ފަރާތްޕުޅުން އާދީއްތަ ދުވަހު ހެނދުނު ހައެއްޖެހުމުގެ ކުރީން އުފާ ފާޅުކުރުމުގެ ޙަރަކާތެއް ވެސް ނުހިންގެވުމަކީ ސަމާލުކަންދެއްވާން ޖެހޭނެ ކަމެކެވެ. އެއީ ކެންޕޭނުގެ އެއްވެސް ޙަރަކާތެއް ހިންގުން މަނާ ގަޑިއަކަށް ވާތީ އެއީ ކެންޕޭނުގެ ޙާރަކާތެއްކަމަށް މާނަކުރެވި ޤާނޫނީ ގޮތުން މައްސަލައަކާ ކުރިމަތިވުމުގެ ފުރުޞަތު އޮތީމައެވެ.