Support Us

ރިޔާސީ އިންތިހާބު 2023

ހުވާކުރާ ދުވަހު ރައީސް ޔާމީން މިނިވަންނުވެ ހުރެއްޖެނަަމަ ގޭބަންދަށް ބަދަލުކޮށްދޭނަން: ޑރ. މުއިއްޒު

މާދަމާގެ ވޯޓު ކާމިޔާބު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހާ ހަަމައަށް ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްފައްޔޫމު މިިނިވަންނުވެ، ޖަލުގައި ހުންނަވައިފިނަމަ ގޭބަންދަށް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި ރަސްރަނި ބަގީޗާގައި ރޭ ބޭއްވި ވަންޓު ވަން ލައިވް ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުންނެވެ.

ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް މަޑު ޖައްސާލުމާ ބެހޭ ގޮތުން ޑރ. މުއިއްޒު ދައްކަވައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ އެމަނިކުފާނުގެ އަޑު ބޭނުންކޮށްފައިވާ އޯޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.

"ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ގާތަށް" މި ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ބައިވެރިއަކު ހުށަހެޅި ސުވާލެއްގައި، ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުންކުރައްވާނެ ކަމަށް އެމްޑީޕީ ސަރުކާރުގެ އިސް ފަރާތްތަކުން ބުނަމުންދާތީ އަމަލް ކުރައްވާނީ ކިހިނެތްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ އެފަދަ އޯޑިއޯތައް އާއްމުކޮށްގެން އުޅެނީ ޑެސްޕަރޭޓްވެގެން، އެންޓި ކެންޕެއިން ކުރުމަށް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ގާނޫނީ ގޮތުން ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، އިންޝާﷲ، އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ނޮވެމްބަރު 17 އާ ހަމަށް އަދި ވަގުތުކޮޅެއް އޮންނާނެ. އެހާ ތަނަށް ދާއިރުގައި ވެސް އެ މަނިކުފާނު މިނިވަންނުވާ ކަމުގައިވަންޏާ އަދި އަމުދުން ގެއާ ހަމައަށް ވެސް ނުގެނެސްދޭ ކަމަށް ވަންޏާ ޔަގީންނުންވެސް ސަރުކާރަށް، ރައީސުލްޖުމްހޫރިިއްޔާ އަކަށް ކުރެވޭނެ ކަމެއް ގެއަށް ބަދަލުކުރުން. މިހާތަނަށް އަޅުގަނޑުމެން މި އަންނަނީ އެކަމަށް އެދެމުން. އެކަމަކު ވެސް މި ސަރުކާރުން އެކަން ނުކޮށްތާ އެ އޮތީ. އެ ހިސާބަށްދާއިރު ވެސް (ރައީސް ޔާމީން) މިނިވަންނުވެ އަދި އަމުދުން ގެއަށް ނުގެނެސް ހުރިއްޔާ ހަމަ ޔަގީނުން ވެސް ފުރަތަމަ ދުވަހު ގެއަށް އަޅުގަނޑު ބަދަލުކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ ހުވާ ކުރައްވާ ދުވަހަކީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުމަކަށް އަންނާނެ ދުވަސް ކަމަށާއި ރައީސް ޔާމީން ޖަލުގައި އެ ހުންނަވަނީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒުފޯރުވާތީ ކަމަށެވެ. އަދި އެ ނުފޫޒު ފޯރުވުން އެއްކޮށް ނިމުނީމާ ޖުޑިޝަރީއަށް ރައީސް ޔާމީން މިނިވަން ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަަމަށާއި އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މިނިވަން ވެގެންްދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

­ވީޑިއޯ

ރައީސް ޔާމީންގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް ރޭ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ޑރ. މުއިއްޒަށް މާދަމާ ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ ވޯޓަކީ ރައީސް ޔާމީނަށް އިންސާފާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ ވޯޓެއް ކަމަށް ވެސް މެޑަމް ފާތުން ވިދާޅުވިއެވެ.

ވީޑިއޯ

މީގެ އިތުރުން އިންޑިއާއާ އެކު އެމްޑީޕީ ސަަރުކާރުން ހަދައިފައިވާ އެގްރީމަންޓްތަކާ މެދު އަމަލް ކުރައްވާނީ ކިހިނެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާއާ އެކު ހަދައިފައި އޮތް އެގްރީމަންޓެއް އަދި އެނޫން ވެސް އެހެން އެގްރީމަންޓެއްގައި ވެސް ހަގީގަތް ނޭނގޭ ކަމެއް އޮވެއްޖެނަމަ އެކަން ރަައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް ސީދާ ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ނޫން ކަމެއް ފޮރުވިފައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުތެވޭ ފޮރުވިފައި އޮންނަންޖެހޭ އެއްވެސް އެެއްޗެއް، ސަރުކާރެއްގެ ތެރޭގައި ރައްޔިތުންނަށް ފޮރުވިފައި ކަމެެއް އޮވެގެންވާނެ ކަމަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ބޭރު ގައުމުތަކުން ނަގާ ލޯންތަކާއި ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ލޯންތަކުގެ އެއްބަސްވުން ފޮރުވިފައި އޮވެގެން ނުވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފްސީލް ހޯދުމަށް ނޫސްވެރިން އެދުމުން ސުޕްރީމް ކޯޓަށް ދާން އެބެޖެހޭ ކަަމަށާއި އެ މައުލޫމާތު ހޯދަން އެދުމުން ގައުމަށް ކާޑުގެ ބާވަތްތައް ލިބުން ދަތިވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހަދައިފައި ހުރި ތަރައްގީގެ އެއްބަސްވުންތައް ވެރިކަމަށް ވަޑައިގެން ބައްލަވާ އޭގެ ތަފްސީލްތައް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށާއި އެ އެގްރީމަންޓްތައް ބައްލަވަނީ މަޝްރޫއުތައް ބާތިލް ކުރައްވަން ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމެއް އޮތް ނަމަ އެ ބައިތައް އުނިކޮށްގެން ކުރިއަށް ދެވޭތޯ ބައްލަވާނެ ކަމަށާއި އެގޮތަށް ވެސް ކުރިއަށް ނުދެވޭ ކަމުގައިވާނަމަ އެ އެގްރީމަންޓްތަކެއް ބާތިލްކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *