Support Us

ރިޔާސީ އިންތިހާބު 2023

ބައިނަލްއަގުވާމީ ފެންވަރުގެ ސްޕޯޓް އެރީނާ ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކޮށްދޭނަން: ޑރ. މުއިއްޒު

ބައިނަލްއަގުވާމީ ފެންވަރުގައި ޒުވާނުންނަށް ސްޕޯޓް އެރީނާތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި މިރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ޒުވާނުން ބޭއްވި އީ ސްޕޯޓްސް ކޮމިއުނިޓީގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ސްޕޯޓް އެރީނާއެއް ގާއިމްކޮށްދެެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ކުޅިވަރުގެ ފުރުސަތުތަކުގެ އިތުރުން ޒުވާނުންނާ ގުޅޭ ހުރިހާ ކަމެއްގައި ވެސް އިރާދަކުރެއްވިއްޔާ ޒުވާނުން ބާރުވެރިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ޒުވާނުން ބާރުވެރިކުރުމަށް ރާވައިފައިވާ ކަންތައްތަކުގެ ތެރޭގައި ޒުވާނުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ޒުވާނުން އެންޕަވާކޮށްދިނުން .އިކޮނޮމިކަލީ އެންޕަވާކޮށްދިނުން. އަމިއްލަ އަށް ވިޔަފާރިކޮށްގެން އަމިއްލަ ފުދުންތެރިކަމެއް ހޯދައިގެން. އަމިއްލަ ޓެލެންޓް ވިއްކައިގެން ހިތްހަަމަޖެހޭ ވަރުގެ އާމްދަނީއެެއް ހޯދޭނެ ގޮތްތަކެއް ހޯދައިދިނުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *