Support Us

ކޮލަމް މާޒީ: ނިމެނީ! ނިމެނީ..!

ނިމެނީއެވެ. އާދޭހެވެ! ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެއެވެ. މާތްﷲގެ ޒާތުފުޅު ފިޔަވައި އެހެން ކޮންމެ އެއްޗަކާއި ކަމަކީ ދާއިމުވާނެ އެއްޗެއް ނޫނެވެ. އެއީ މާތް ﷲގެ ސުންނަތެކެވެ. އެކަލާނގެ އަޒަލުގެ ޤާނޫނެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿كُلُّ مَنۡ عَلَيۡهَا فَانٖ٢٦ وَيَبۡقَىٰ وَجۡهُ رَبِّكَ ذُو ٱلۡجَلَٰلِ وَٱلۡإِكۡرَامِ٢٧﴾ ("އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާނގެ ޒާތުފުޅު ދެމިވޮޑިގެންވެއެވެ.") (އައްރަޙުމާން: 26-27). މި މަތިވެރި ޤާނޫނުގެ ދަށުން މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނު ވެސް މިއަދު ހަވީރު 6:00އާ ހަމައަށް ނިމޭނެއެވެ. އެހެންކަމުން މިއަދަކީ ވަރަށް މުހިންމު ދުވަހެކެވެ. މިއަދަކީ ކެމްޕޭނު މެކުހަށް ޖަހާނެ ދުވަހެވެ. އެންޓި ކެންޕޭނުކުރުމަކީ މަނާ ކަމެއްކަމަށް ވިޔަސް އެ ކަން ވެސް މިއަދު ހައްދުން ނެއްޓޭވަރު ވާނެއެވެ. މިހާރު ވެސް އެހެންނެވެ.

ވެރިކަންކުރާ މައި ޕާޓީން މި ފަހަރު ނިންމައިގެން ތިބީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހެދިއްޖެ ނަމަ، ވަރަށް ފަސޭހަކަމާއެކު ބޮޑު ތަފާތަކުން (އެއްބުރުން) އެ މީހުންނަށް އިންތިޚާބު ކާމިޔާބުކުރެވޭނެކަމަށެވެ. އަދި ރައީސް ޔާމީނަށް ވާދަކުރެއްވޭނެކަމަށް ޕީޕީއެމުން ގަބޫލުކޮށް އެ މަނިކުފާނަށް ޓިކެޓު އަރުވައިގެން ތިއްބައި ވާދަ ނުކުރެއްވޭނެކަން އެންމެ ފަހު ވަގުތު އެނގިއްޖެ ނަމަ، ދެން ކެންޑިޑޭޓަކު ނުވެސް ނެރެވޭނެކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެއަށް ވުރެ މާ ސްމާޓެވެ. ޕްލޭން ބީއަކާއި ސީއެއް ވެސް ގެންގުޅުއްވިއެވެ. އެހެންކަމުން ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ފަރާތުން ޑރ. މުޙަންމަދު މުޢިއްޒު ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިގެން ގާނޫނުގައި ވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމްިޝަނަށް ފޯމު ހުށަހެޅުއްވީއެވެ. މުއްދަތު ހަމަވުމުގެ ކުރީން އިންތިޚާބަށް ކުރިމަތިލެއްވީއެވެ. މި ކަން ވީ އެމްޑީޕީއަށް އުނދަގޫކަމަކަށެވެ. ސަބަބަކީ 2018ގައި އެ މީހުން އެންމެ ބޮޑަށް ކުރި މަސައްކަތަކީ ރާއްޖޭގެ މީހުންގެ ގަދަރާއި އިޙުތިރާމް، އޭރު ލިބިވަޑައިގެން ތިއްބެވި (އެކަމަކު މިހާރު އެ އިޙުތިރާމް ގެއްލިފައިވާ) ބޭފުޅުންކޮޅެއް މެދުވެރިކުރައްވައިގެން ރައީސް ޔާމީންގެ މައްޗަށް ދޮގު އިލްޒާމު އަޅުވައި، ދޮގު ތުހުމަތުތައް ކޮށް، އެންމެ ކުޑަމިނުން ބޮޑެތި މަރުތަކުގެ ދޮގު ބުހުތާނު އިލްޒާމު އަޅުވައިގެން ވާނުވާ ނޭނގި ތިބި މަޢުޞޫމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމެވެ. އެ ކަމަށް އެ ފަހަރު އެ މީހުންނަށް ފުރުޞަތު ލިބުނެވެ. ދެން، ބޭރު ގައުމެއް މެދުވެރިކޮށް "ކުޑަދޮރަކުން" އެހީ ހޯއްދެވުމެވެ. ކޮންމެ ގޮތަކަށް މަސައްކަތް ކޮށްގެން ވިޔަސް، އެ ފަހަރު އެ މީހުން ކާމިޔާބުކުރިއެވެ. މި ފަހަރު، ޑރ. މުޢިއްޒާ ބެހޭ ގޮތުން އެ ފަދަ ދޮގު ވާހަކަތަކެއްދައްކާކަށް މާގިނަ ވަގުތެއް ވެސް ނުލިބުނެވެ. އަދި ދެއްކި ވާހަކަތަކަކީ ވެސް މީހުން ގަބޫލުކުރި ވާހަކަތަކަކަށް ނުތްވެވެ.

އެންމެ ފުރަތަމަ، ދެއްކީ ޑރ. މުޢިއްޒަށް ރައީސް ޔާމީންގެ ތާއީދު ނެތް ވާހަކައެވެ. ޑރ. މުޢިއްޒަކީ ރައީސް ޔާމީން ރުހުންދެއްވައިފައިވާ (އެންޑޯޒްކުރައްވައިފައިވާ) ކެންޑިޑޭޓެއްކަމަށް ޕާޓީގެ ލީޑަރޝިޕުން ބަޔާންކުރަމުން ގެންދިޔައިރު ވެސް އެމްޑީޕީން ކިޔަމުން ގެންދިޔައީ އެއީ އޮޅުވައިލުމެއްކަމަށާއި ރައީސް ޔާމީންގެ ބާރެއް މިހާރު ޕާޓީގެ މައްޗަކަށް ނުހިނގާ ކަމަށެވެ. އަދި ދީނީ ޢިލްމުވެރިއެއްކަމަށް ކުރީން މީހުން ބަލަމުން އައި ޢިމްރާނު ޢަބްދުﷲ، މީހުންގެ ހިތްތަކުގައި ހުންނަ އެއްޗިހި ވެސް އެނގިވަޑައިގަންނަވާކަމަށް ދަޢުވާކުރައްވާ ފަދަ މޭރުމަކުން، ޑރ. މުޢިއްޒުގެ ހިތްޕުޅުގައި އޮތީ މިވެނިއެއްޗެކޭ ހިތްޕުޅުން ކުރެއްވީ މިވެނި ދުވާއެކޭ ވިދާޅުވެ، ﷲއަށް ބިރެއް ނެތި އެތައް ދޮގުތަކެއް ހައްދަވަމުން ގެންދެވިއެވެ. ދެން އެންމެ ފަހު ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާޠިިމަތު އިބްރާހީމް، މައިދާނަށް ނުކުމެވަޑައިގެން، ރައީސް ޔާމީނާއި އެ ކަމަނާގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ޑރ. މުޢިއްޒަށް އޮތްކަން ހާމަކުރައްވައި ޢަމަލީ ގޮތުން ކެންޕޭނާ ގުޅިވަޑައިގަތީއެވެ. އެ ހިސާބުން ކުރީން ހެދި ދޮގުތައް ފަޟީޙަތްވެ ބޭޒާރުވުމުން އެ ވާހަކަ ހުއްޓައިލިއެވެ. މި ކަމުގެ ސަބަބުން ގެއްލުންވީ އެމްޑީޕީއަށެވެ. ޕްރޮގްރެސިވް ކޯލިޝަނަށް ލިބުނީ އިތުރު ތާއީދަކާއި ހިތްވަރެކެވެ.

ދެން ދައްކާން ފެށީ ޖަމުޢިއްޔަތުއްސަލަފާ ގުޅުވައިގެން ހަރުކަށި ފިކުރާއި ނިރުބަވެރިކަމުގެ ވާހަކަ ފަތުރާށެވެ. މީހުންގެ އިސްތިރާޖަކަށް ހަދައިފައިވަނީ ޑރ. މުޢިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށް ވާހަކަފެތުރުމެވެ. ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދު އިބްރާހީމަކީ ސަލަފުގެ ރައީސް ޝައިޚު ޢަބްދުﷲ ބިން މުޙަންމަދު އިބްރާހީމްގެ އުޚުތެއްކަމަށް ވާތީ، އެ ކަމަނާއަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށް މީހުންނަށް ވިސްނައިދޭން ފެށި މަސައްކަތެވެ. ޑރ. މުޢިއްޒަށް ވެރިކަން ލިބިވޑައިގެންފި ނަމަ، ހަރުކަށި ފިކުރު ފަތުރާނެކަމަށާއި އަންހެންކުދީން ސްކޫލަށް ދިޔުން މަނާކުރާނެކަމަށް ދެއްކި ތާކުންތާކު ނުޖެހޭ ވާހަކަތަކެވެ. މި ވާހަކަ ފެތުރި އިރު، ޖަމުޢިއްޔަތުއްސަލަފަކީ ހަރުކަށި ފިކުރުގެ ޖަމުޢިއްޔާއެއްކަމަށް މި ސަރުކާރުން ވެސް ކަނޑައަޅުއްވައިފައެއް ނެތެވެ. ގާނޫނާއި ގަވާއިދާ ޚިލާފުވިކަމަށް ބަލައި، އުވައިލާން ސަރުކާރުން ނިންމި ޖަމުޢިއްޔާތަކުގެ ތެރޭގައި ވެސް ޖަމުޢިއްޔަތުއްސަލަފު ހިމެނިފައެއް ނެތެވެ. އަދި ރާއްޖޭގައި ތިބި ނިރުބަވެރީންނަށް ހިތްވަރުދޭ ޖަމާޢަތްތަކާއި މީހުންގެ ލިސްޓު އެމެރިކާއިން އާންމުކުރިއިރު ވެސް ސަލަފު ޖަމުޢިއްޔާއެއް، އެ ޖަމުޢިއްޔާގެ މެންބަރެއް، އެ ލިސްޓަކު ނެތެވެ. އަނެއްކޮޅުން ޑރ. މުޢިއްޒުގެ އަނބިކަނބަލުންނަކީ ހުޅަނގުގެ ގައުމުތަކުން ކިޔަވައިވިދާޅުވެގެން މަތީ ފާސްތައް ނަންގަވައިގެން ރާއްޖޭގެ އިސްލާމީ މިންގަނޑަށް ވަރަށް ސާދާކޮށް ހެދުން ތުރުކުރައްވައި، ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއް އަދާކުރައްވާ ސިވިލް ސާރވިސްގެ ޒިންމާދާރު ގާބިލު މުވައްޒަފެކެވެ. މީހުންނާ ގުޅޭ، އެހާމެ ޚުލްޤު ހެޔޮ ބޭފުޅެކެވެ. އެ ދެކަނބަލުންގެ ބޭފުޅުން ކިޔަވައިވިދާޅުވަނީ ރާއްޖޭގައި ހުރި ސަރުކާރުގެ އިސްކޫލުތަކުންނެވެ. އަދި ހުޅަނގުގެ ސާނަވީ އިމްތިޙާނު ފުރިހަމަކުރައްވައި އެ ދެކަނބަލުންގެ އެއް ދަރިކަލަކު ދާދި ފަހުން ވަނީ ގަދަ 10 އިން ޖާގަ ވެސް ހޯއްދަވައިފައެވެ. އެހެންވީމާ ސަލަފޭ، ހަރުކަށި ފިކުރޭ، ފަޅޮލޭ ކިޔައިގެން ފެތުރި ދޮގު ވާހަކަތަކުން ތާއީދު ކުޑަވީ އަނެއްކާ ވެސް އެމްޑީޕީއަށެވެ. ޑރ. މުޢިއްޒަށް އޮތް ތާއީދު ވީ އިތުރެވެ.

ދެން، މިހާރު، އެންމެ ފަހުން ބޭނުންކުރާން ފަށައިފައިވާ އިސްތިރާޖަކީ (އަދުގެ ޒަމާނީ ބަހުރުވައިގައި ކިޔާ ގޮތުން ނަމަ، ކުޅޭން ފެށި ކާޑަކީ) ރާއްޖެއިން ބޭރަށް މީހުން ފޮނުވައިގެން ބޮޑު އަގު ދީގެން ފާޑުފާޑުގެ އޯޑިއޯއާއި ވީޑީއޯ ހަދައިގެން ޑރ. މުޢިއްޒުގެ އަބުރުފުޅު ދުއްވައިލެވޭތޯ މަސައްކަތްކުރުމެވެ. ނަމަވެސް އެ ފަދަ ޑްރާމާތަކަކަށް މިހާރު ރައްޔިތުން ހެއްލޭނެކަމަކަށް ނުބެލެވެއެވެ. ފެންނަ މަންޒަރުތަކުން އެ ކަމަށް ދަލީލު ލިބެއެވެ.

ފުރަތަމަ ބުރުގައި އިންތިާޚބުން ބަލިވެވަޑައިގަތް ބޭފުޅުން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނަމޭ ވިދާޅުވެ، ސިއްރުން ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯއްދަވާން މަސައްކަތްކުރެއްވިޔަސް އެ ކަމުން ވެސް ޑރ. މުޢިއްޒުގެ ތާއީދަކަށް ނޭދެވޭ އަސަރެއް ފޯރާނެކަމަކަށް ނުބެލެވެއެވެ. މި ކަން ސާބިތުވާ އެންމެ ބޮޑު ހެތްކަކީ، އެމްޑީއޭއިން ސަރުކާރާ ކޯލިޝަން ހައްދަވައިގެން ލީޑަރު ހުންނަވަނިކޮށް ވަކިވަކި މެންބަރުން ޑރ. މުޢިއްޒަށް ތާއީދުކުރާން ނިންމުމުން، އެ ޕާޓީގެ ކައުންސިލުގައި ނެގި ވޯޓުގައި ދެ މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ޑރ. މުޢިއްޒަށް ތާއިދުކުރާން ނިންމި ނިންމުމެވެ.

މި ޙައްސާސް ދަނޑިވަޅުގައި ވަކިކޮޅަކަށް ތާއީދު ނުކުރައްވާނަމޭ ވިދާޅުވެ ބައެއް އިސްވާރުން ތިއްބެވުމުން، ރައްޔިތުން މާނަކުރަނީ އެ ބޭފުޅުންނަކީ އުޞޫލެއް ފަލްސަފާއެއް ނެތް، އަދި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ބޭފުޅުންގެ ގޮތުގައެވެ. ވީމާ، މި ކަންކަމުން ވެސް ޑރ. މުޢިއްޒަށް، ޕްރޮގްރެސިވް ކޯލިޝަނަށް އޮތް ތާއީދަށް ނޭދެވޭ އަސަރެއް ފޯރާނެކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި އެ ކަމުން ނޭދެވޭ އަސަރުކުރާނެކަމަށް ގަބޫލުކުރެވެނީ އެ ބޭބޭފުޅުންނަށް ރައްޔިތުން ކުޅަ އިޙުތިރާމާއި ގަދަރަށެވެ. ޑރ. މުޢިއްޒަށް އޮތް ތާއީދަކަށް ނޫނެވެ.

ކޮންމެއަކަސް އަދި ނިމުނީއެއް ނޫނެވެ. އެ ބުނާ "ދަބަސްތަކާއެކު" އަތޮޅުތަކަށް "މަންދޫބުން" ގޮސް އުޅޭ ޚަބަރު ލިބޭން ފަށައިފިއެވެ. މިއަދު ހަވީރު ހަޔެއް ޖެހުމާ ހަމައަށް ރަސްމީކޮށް ކެމްޕޭނުގެ މުއްދަތު ނިމުނަސް، ސިއްރު އަދި އެންމެ "ބާރުގަދަ" ކެންޕޭނު މި ރެއާއި މާދަމާ ވޯޓުލައި ނިމެންދެން ވެސް ކުރިއަށް ދާނެކަމަށް ބެލެވެއެވެ. ކުރީގެ ތަޖުރިބާތަކަށް ބަލާއިރު ގަބޫލުކުރެވެނީ އެ ގޮތެވެ. ވީމާ، ދިވެހި ގައުމު ހިމާޔާތްކުރާން އެދޭ ހުރިހާ ރައްޔިތުން ކޮންމެ ރަށެއްގައި ވެސް މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ނަމަވެސް ގިނަ ރައްޔިތުން ތިބީ ޑރ. މުޢިއްޒަށް އިތުބާރުކޮށް ރުހިގެންނެވެ. އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި ތަޖުރިބާއަށް ޓަކައި، އަދި ރައީސް ޔާމީންގެ އެންޑޯޒްމެންޓާއެކު، ރުހިގެންނެވެ. ލޯތްބާއި އިޙުތިރާމާއެކުގައެވެ. ވާދަވެރީން ހަދާ ދޮގުތަކާއި ކުޅޭ ޑްރާމާތަކަށް ހެއްލޭ ގޮތަކަށް ނޫނެވެ. ކީރިތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ގޮތް އިރާދަކުރައްވާށިއެވެ! އާމީން!

ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯއްދަވާން ދެން އެ ބޭފުޅުން ކުރެއްވި ކަމަކީ، އުތުރު ތިލަފަޅާއި ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ ތިބިކަން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ އިރު، އެއީ ދޮގެއްކަމަށް ދައްކައި އެކަން ރައްޔިތުންނަށް އޮޅުވައިލެއްވޭތޯ މަސައްކަތްކުރެއްވުމެވެ. މި ކަމުން ރައްޔިތުންނަށް އިތުރަށް ސާބިތުވީ، އެ މީހުން ރައްޔިތުންނަށް ވުރެ، އެހެން ބަޔެއްގެ މަޞްލަޙަތު އިސްކުރާން އުޅޭ މިންވަރެވެ. މި ކަމުން ވެސް ޑރ. މުޢިއްޒުގެ ތާއީދު އިތުރުވުން ނޫންކަމެއް ނުވިއެވެ. ކީރިތިވަންތަ މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ގޮތް އިރާދަކުރައްވާށިއެވެ! އާމީން!

ކޮންމެއަކަސް ރާއްޖޭގެ ކުރިމަގާމެދު ގޮތް ކަނޑައަޅާން ބޭއްވޭ މި މުހިންމު އިންތިޚާބުގެ ކެންޕޭނު ރަސްމީކޮށް ނިމެނީއެވެ. މިއަދު ހަވީރު ހަޔެއްޖެހުމާއެކު އެ ބާބު ނިމޭނެއެވެ. ދެން އޮތީ މުޅި އިންތިޚާބުގެ ނިމުމަށް އިންތިޒާރުކުރުމެވެ. އެ ކަން ވެސް ނިމެނީއެވެ. މާދަމާރޭ 12 ޖަހާއިރު ވަގުތީ ނަތީޖާ ވެސް އިޢުލާނުވެ ނިމޭނެކަމަށް ބެލެވެއެވެ. އާދޭހެވެ! ގައުމީ މިއޮއް ބޮޑު ކަންތައް ނިމެނީއެވެ. ދިވެހީންގެ ކުރިމަގު ކަނޑައަޅައި ނިމެނީއެވެ. ނިމެނީއެވެ.