Support Us

ރިޔާސީ އިންތިހާބު 2023

ބޭރު ސިފައިން ތިބި ކަމަށް ވިދާޅުވީ ހުދު ރައީސް ސޯލިހް، ދެން އެވާހަކަ ތަފާތު ގޮތްގޮތަށް ދެއްކިޔަސް ނެތް ކަމަކަށް ނުވާނެ: ޑރ. މުއިއްޒު

ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެފައިވަނީ ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި މިހާރު އެވާހަކަ އެކި ގޮތްގޮތަށް ދެއްކި ނަަމަވެސް "ބޭރުގެ ސިފައިން މި ގައުމުގައި ނެތް ކަމަކަށް ނުވާނެ" ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން "ރާއްޖޭގައި މިލިޓަރީ މަސައްކަތެއް ކުރުމަށް ނުތިބޭނެ" ކަމަށާއި، ހަތިޔާރު ނެތް ނަމަ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވީ ހުރިހާ ކެންޑިޑޭޓުންގެ ރިޔާސީ ބަހުސްގައި ދެއްކެވި ވާހަކަފުޅެއްގަ އެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަތޮޅު ތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގެ އެންމެ ފަހު މަންޒިލް ކަމުގައިވާ އައްޑޫ ސިޓީ ހުޅުމީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި ގައުމުގެ މިނިވަންކަމުގެ އެއްވެސް ޔަގީން ކަމެއް މިހާރު ނެތް ކަމަށާއި ބޭރުގެ ސިފައިން މި ގައުމުގައި ތިބިކަން އެނގޭ ކަމަށެވެ.

"ބޭރުގެ ސިފައިން މިތާ ތިބިކަން ހުދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ. އަދި އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކި ދުވަހު އެކި ގޮތަށް އެ ވާހަކަ ގެންދަވަނީ ދައްކަވަމުން. އަޅުގަނޑުމެންގެ އަމިއްލަ ބާރު އެއްވެސް ކަމެއްގައި ނެތްކަން ހުރިހާ ކަމަކުން މިދަނީ ފެންނަމުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ޕާޓީއެއްގައި ހުއްޓަސް ގައުމު އިސްކޮށްގެން "ދިވެހީންގެރާއްޖެ" އަނބުރާ ހޯދަން މަސައްކަތް ކުރުމަށާއި ގައުމު ދެކެ ލޯބިވެ ފަހުރުވެރިކަމާ އެކު ގައުމު ސަލާމަތް ކުރުމަށް އަންނަ ހޮނިހިރުގައި އެ މަނިކުފާނަށް އެންމެން ވޯޓު ދިނުމަށް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަންނަ ހޮނިހިރު ދުވަހު އޮންނަ ވޯޓުގައި ގައުމީ ވިސްނުމުގައި ރައްޔިތުން ނިކުމެ އެމަނިކުފާނު އިންތިހާބު ކޮށްދީފި ނަމަ ގައުމުގެ މިނިވަންކަން އިރާދަކުރެއްވިއްޔާ ހަމަ ޔަގީންނުން ވެސް ޔަގީން ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށައިގެން މިއެޅޭނީ ގައުމީ ދަތުރެއް. ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށްޓައި ފަށައިގެން އުޅޭ ދަތުރެއް މިއީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ގައުމު މިނިވަން ކޮށްދެއްވުމަށްފަހު ދެން ފަށާނީ ގައުމުގެ އިގިތިސާދު މިނިވަން ކޮށްދެއްވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިއަދު މިގައުމުގެ ދަރަނި 146 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އިންޑިއާއިން ނަގާފައިވާ ލޯންގެ އަދަދު މުޅި ދަރަނީގެ ދެބައި ކުޅަ އެއްބަޔަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. އިންޑިއާއިން ރާއްޖެ އަޅުވެތިކޮށްފައިވާ މިންވަރު މިކަމުން ވެސް ދޭހަކޮށްދޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާދަމާ ވެސް އަދި އަނެއް ދުވަހު ވެސް އެންމެ ފަހު ވާހަކައަށް ދައްކަވަން އޮތް ވާހަކަ އަކީ ވެސް ގައުމު މިނިވަން ކުރުމުގެ ވާހަކަ ކަމަށާއި އެއަށްވުރެ ބޮޑު ވާހަކައެއް ދައްކަން ނެތް ކަމަށެވެ. އަދި އިންތިހާބު ކޮށްދެއްވައިފިނަމަ އެންމެ ފުރަތަމަ ފަށާނީ ވެސް މި ގައުމު މިނިވަން ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ސިޓީގައި ފެންވަރު ރަނގަޅު މަސްފެކްޓަރީ އަޅައި، ދަޅު ބަންދުކޮށް ވެލިއު އެޑެޑް ޕްރޮޑަކްޓް ހަދާ އެތައް ޑެސްޓިނޭޝަނަކަށް ބޭރުކުރާ ފެކްޓަރީ ހެދިދާނެ. މި ބްރިޖް ވެސް އެޅިދާނެ. އެތައް މަސައްކަތެއް ކުރެވިދާނެ. އެކަމަކު އެއަށްވުރެ މާ އިސްކަން ދޭންޖެހޭ މި ދެންނެވި ގައުމީ ޒިންމާ އަދާކުރަން. އެކަން އެހާ ވެސް ބޮޑުވީމަ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫން ހިތަދޫއަށް އަޅަންޖެހޭ ބްރިޖު އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި ވައުދުތައް ތަކުރާރު ނުކުރެއްވި ނަމަވެސް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމެއް ވެއްޖެއްޔާ ކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *