Support Us

ކޮލަމް މާޒީ: ސަބަބަކީ އެއީއެއް ނޫނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ދެން އޮތީ އެންމެ ދުވަހެކެވެ. ފުރަތަމަ ބުރު ނިމުމުން ކެންޕޭނުގެ ޙަރަކާތްތައް މަޑުޖައްސައިލެއްވުމަށް ފަހު، ވެރިކަންކުރާ މައި ޕާޓީގެ ކެންޑިޑޭޓާއި ރަނިންމޭޓު އިއްޔެއާ ހަމައަށް މަޑުކުރެއްވީ މާލޭގައެވެ. ކެންޕޭނުގެ މުއްދަތު ހަމަވާން ދެ ދުވަހަކަށް ވުމުން ރާއްޖޭގެ ބައެއް ސިޓީތަކަށް މިހާރުވަނީ ދަތުރުފުޅުކުރައްވައިފައެވެ. މި ގޮތަށް އެ ޢަމަލުކުރެއްވީ ފުރަތަމަ ބުރުގައި ދަށް ނަތީޖާއެއް ލިބިވަޑައިގަތް ސަބަބު ރަނގަޅަށް އެނގިވަޑައިގަންނަވާތީކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީ ދެކޭ ގޮތުގައި ވާދަވެރި ކެންޑިޑޭޓަށް ވުރެ، އެ ޕާޓީގެ ކެންޑިޑޭޓަށް ފުރަތަމަ ބުރުގައި، 15 ހާސް އެތައް ވޯޓެއް މަދުވީ ތިން ސަބަބަކާ ހުރެކަމަށް ދާދި ފަހުން ކެންޑިޑޭޓު ވަނީ ވިދާޅުވެފައެވެ. ފުރަތަމަ ސަބަބެއްކަމަށް ވިދާޅުވެފައި ވަނީ ހަވީރު ހަތަރެއް ޖެހުމުގެ ކުރީން ވޯޓުދޭން ޖެހޭ މީހުން ނެރޭން މަސައްކަތްކުރައްވާން ޖެހިވަޑައިގަންނަވާ ވަރަށް މަސައްކަތް ނުކުރެއްވުންކަމެވެ. ނަމަވެސް ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު ވޯޓުލާން މީހުން ނެރޭން އެންމެ މަސައްކަތްކުރީ ވެސް ވެރިކަން ހިންގާ ޕާޓީންކަމަށް މަންޒަރު ގާތުން ބަލައި މޮނީޓަރުކުރި މީހުން ބުނެއެވެ.

ދެވަނަ ސަބަބެއްކަމަށް ވިދާޅުވީ އެމްޑީޕީ ތެރޭގައި ފަހަކަށް އައިސް އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހުރެ ޕާޓީއިން ވަކިވެގެން ދިޔަ މީހުން އަލުން އަނބުރައި ގެންނަވާން މަސައްކަތްޕުޅު ނުކުރެއްވުނުކަމެވެ. މިއީ ވޯޓު މަދުވި ސަބަބެއްކަމަށް ވާނަމަ، ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި މި ސަބަބު ނައްތައިލެއްވޭނެކަމަކަށް ނުބެލެވެއެވެ. އެހެނީ އެ ވިދާޅުވި ސަބަބާކުރެ އެމްޑީޕީއިން ވަކިވެ ދަ ޑިމޮކްރޭޓްސް އުފެއްދި މެންބަރުން އެ ކަން ކުރީ އެމްޑީޕީގެ ފަލްސަފާއާއި އުޞޫލުތަކާ ޚިލާފަށް ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާއްމުވެ، ޝަރުޢީ ނިޒާމު ގަޑުބަޑުކޮށް އިޤުތިޞާދު ހަލާކުކޮށް ތަރައްގީގެ ދުވެލި ލަސްވާކަމަށް ތުހުމަތުކޮށްފައެވެ. މި ކަންކަން ދެ ދުވަހެއްގެ ތެރޭގައި އަނެއްކޮޅަށް ޖެހުމަކީ މުސްތަޙީލު ކަމެކެވެ. އަދި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން "އިބޫ ނޫން ގޮތެއް" ބޭނުންފުޅުކަމަށް ވިދާޅުވެ، ގިނަ މެންބަރުން ވަނީ ޑރ. މުހައްމަދު މުޢިއްޒަށް ތާއީދުކުރާން ނިންމައިފައެވެ. ވީމާ، ފުރަތަމަ ބުރުގައި މި ފަދަ މެންބަރުން އަނބުރައި ގެންނަވާން މަސައްކަތް ކުރެއްވިފައި ނުވާ ނަމަ، ކުރިއަށް މި އޮތް ދެ ދުވަހަކުން އެ ކަން އަނބުރައި އިޢާދަކުރެވުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ.

ތިންވަނަ ސަބަބެއްކަމަށް ވިދާޅުވެފައިވަނީ "ސަރުކާރާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުން ދިޔަ ހަގީގަތާ ޚިލާފު ވާހަކަތަކަށް ރައްދު ނުދެވުން"ކަމަށެވެ. ނަމަވެސް ހަގީގަތަކީ ސަރުކާރާ ބެހޭ ގޮތުން އިދިކޮޅު ކެންޑިޑޭޓުގެ ފަރާތަކުން ހަގީގަތާ ޚިލާފުު އެއްވެސް ވާހަކައެއް ނުފަތުރާކަމެވެ. އަދި އިދިކޮޅު ޕާޓީއިން ހާމަކުރާ ހަގީގަތްތައް ނަފީކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން ދޮގު ރިޕޯޓުތައް ނެރެގެން ދައުލަތުގެ ވެރީން ލައްވައި ދޮގު އިންޓަރވިޔުތައް ދެއްވައި ރައްޔިތުންނަށް އޮޅުވައިލެވޭތޯ މަސައްކަތްކުރައްވަނީ ސަރުކާރުންކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެނގި ކަށަވަރުވެފައިވާ ކަމެވެ.

ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓު އެ ވިދާޅުވާ އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދިޔަ (އެކަމަކު އެންމެނަށް އެނގޭ ހަގީގީ) ވާހަކަތަކަކީ:

ރައީސުލްޖުމްހޫރިއްޔާގެ ސިއްރު ސިޓީއަކުން ރާއްޖޭގެ އިގުތިޞާދީ ސަރަހައްދުން ބައެއް ދޫކޮށްލައްވައިފައިވާކަން. (މިއީ ހަގީގަތެއްކަން މިހާރުވެސް ރައްޔިތުންނަށް ބެލޭން އެބަހުއްޓެވެ. ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ވިދާޅުވެ ސިއްރުކުރެއްވި ސިޓީކަމަށް ބުނާ ސިޓީއެއް، އިންތިޚާބުގެ ފުރަތަމަ ބުރުގެ ދަށް ނަތީޖާއާ ވިދިގެން ހާމަކުރައްވައި އެއީ ސައްހަ ސިޓީއެއްކަމަށް ވިދާޅުވިޔަސް، އެ ސިޓީގެ ބަހުގެ ފެންވަރާއި ޑިޕްލޮމެސީގެ އުސްލޫބަށް ބެލުމުން އެއީ ވެސް އޮޅުވައިލުމެއްކަން ރައްޔިތުންނަށް ވަނީ ހާމަވެފައެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެ ސިޓީއެއް، އިންތިޚާބަކުން ދަށް ނަތީޖާއެއް ލިބުމަށްފަހު، ކުއްލިއަކަށް ނުރައްކާނުވާ ސިޓީއަކަށް ބަދަލު ނުވާނެކަން ވެސް ބުއްދި ހަމަޖެހޭ ކޮންމެ މީހަކު ގަބޫލުކުރާނެއެވެ. ވީމާ މި ކަމުގައި ވެސް ދޮގު ހެދީ އިދިކޮޅު ފަރާތްތަކުން ނޫންކަމާއި، "އެއްކޮޅު" ފަރާތްތަކުންކަން ހާމަވާނެއެވެ.)

އެއް ގައުމަކުން ނެގި ދަރަނީން މުޅި ދިވެހި ދަރީންނާއި ދަރީންގެ ދަރީންނަށް ދާންދެން އެތައް ބިލިޔަން ޑޮލަރަކުން ދަރަނިވެރިކޮށްލައިފައިވާކަން. (މިކަން ދޮގުކުރާނެ އެއްވެސް ގޮތެއް ސަރުކާރަކަށް ނޯންނާނެއެވެ.)

އިންޑިއާއާ އެކީ ހަދާ އެއްވެސް އެއްބަސްވުމެއް، އަދި ބުރިޖު ހެދުމުގެ ނަމުގައި ހަދައިފައިވާ އެއްބަސްވުން، ވެސް ހާމަނުކޮށް ސިއްރުކޮށްފައިވުން. (މި ހަގީގަތަށް ރައްދު ދެވޭނީ އެ އެއްބަސްވުންތައް ހާމަކޮށްގެންތާއެވެ. އެ ކަން ކުރައްވާކަށް ސަރުކާރަކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އިންޑިއާގެ ރުހުން އެ ކަމަށް ނޯންނާނެތީއެވެ.)

އެތައް ބުރިޖެއް ހެދޭވަރުގެ ބޮޑު ދަރަންޏެއް ހަމަ އެ ދަރަނި ނަގާ ގައުމުން ނަގައިގެން މަސައްކަތުގެ ތަޖުރިބާ ނެތް ބަޔަކާ ހަވާލުކޮށް އަދި އެގުރިމެންޓުގައި ނެތް އެތައް ފައިސާއެއް އެ މީހުންނަށް ދީގެން ވެސް ބުރިޖު ހަގީގަތަކަށް ނުވެ ބޮޑު ސަކަރާތްގަނޑަކަށް ވުން. (ބުރިޖުގެ މަސައްކަތް ޕްލޭނާ އެއް ގޮތަށް ކުރިއަށް ދާކަމަށް ވިދާޅުވެ އެންމެންނަށް އެނގޭ ވަރުގެ ބޮޑު އިތުރުފުޅެއް ހެއްދެވީ ޕްލޭނުގައި އޮތީ ބުރިޖު ނާޅާންތޯ މިހާރު ސުވާލު އުފެދެއެވެ. އެހެން ނޫންނަމަ، އެތައް ތާރީޚުތަކެއް ސަރުކާރަކުން ނުދެއްވީސްތާއެވެ.)

ވެލާނާ އިންޓަނޭޝަނަލް އެއަރުޕޯޓުގެ ރަންވޭއާއި ގިމަތަ ހަދާން ނެގިވަރުގެ ބޮޑު ދަރަންޏެއް ރައްޔިތުންގެ ނަމުގައި އިންޑިއާއިން ނަގައި ހަނިމާދޫ އެއާޕޯޓް އިންޑިއާ ސިފައިންގެ ވައިގެ މަރުކަޒަކަށް ހަދަމުން ގެންދިޔުން. (މިއީ ދޮގެއްކަމަށް ވިދާޅުވިޔަސް، އެއީ ތެދެއްކަމާއި ހަނިމާދޫގައި ތިބޭ އިންޑިއާ ސިފައިން ގެންނަ އެއްވެސް އެއްޗެއް ބަލައި ފާސްކުރުމުގެ ބާރެއް ދިވެހި ކަސްޓަކަށް ވެސް ސިފައިންނަކަށް ވެސް ނެތްކަމީ އެތައް ފަހަރަކު ހާމަވެފައިވާ ހަގީގަތެކެވެ. މި ކަން އޮޅުވައިލެއްވޭތޯ މަސައްކަތްޕުޅުކުރައްވާ ތަން ފެންނަނީ ސަރުކާރުންނެވެ. ޕާޓީތަކުންނާއި މިނިވަން ނޫސްތަކުން ހާމަކުރަނީ ހަގީގަތްކަން ރައްޔިތުންނަށް ޝައްކު ނުވާ ވަރަށް އޮތީ ސާފުވެފައެވެ.)

އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ މަރުކަޒެއްކަމަށް ސަރުކާރުން ދައްކަވާން ސިފައިންގެ އިސް ބޭފުޅުން ލައްވައި މަސައްކަތްޕުޅުކުރެއްވިޔަސް އެ ކަމުގެ ހަގީގަތް ސިފައިންގެ މީހުންނާއި މިނިވަންކަމާއެކު ޚަބަރު ފަތުރާ ނޫސްތަކަށް އެނގެއެވެ. (އެ ތާނގައި ގާއިމުކުރަނީ އިންޑިއާ ސިފައިންގެ މަރުކަޒެއްކަމަށް އިންޑިއާގެ ނޫސްތަކުން ކުރީން ވަނީ ފަޚުރުވެރިކަމާއެކު ހާމަވެސްކޮށްފައެވެ.)

އައްޑުއާއި ހައްދުންމަތީގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ވާހަކަދައްކާއިރު، ހައްދުންމަތީގައި އޮންނަ ހެލިކޮޕްޓަރުން، ރާއްޖޭގެ ކައިރީގައި ހުންނަ މަނަވަރުތަކަށް ގޮސް އައިސްވާ އިރު، ގެންނަ އެއްޗެއް ބެލޭނެ ނިޒާމެއް ނެތެވެ. (މި ކަމަށް ރައްދުދެއްވާން ސަރުކާރުން ވިދާޅުވާން އޮންނާނީ ދޮގެކޭތާއެވެ. ނަމަވެސް ރައްޔިތުންނަށް ފެނިފައިވާ ކަންކަން އެހެން ބަޔަކަށް އޮޅުވައިލެވޭނީ ކިހިނެއްތޯއެވެ؟)

ދެ ކެންޑިޑޭޓުންގެ ތަޢުލީމީ ފެންވަރާއި ޢިލްމީ ޤާބިލުކަމާއި ތަޖުރިބާގެ ތަފާތު ބޮޑުކަމެވެ. (މި ކަމަށް ރައްދު ދެއްވޭނީ ކިހނެއްތޯއެވެ؟)

މި ފަދަ އެތައް ކަމެކެވެ. ސަރުކާރުގެ ނުރަނގަޅު ކަންކަން ހަމައެކަނި ހާމަކުރަނީ އިދިކޮޅު ޕާޓީއަކުންނޫނެވެ. ސަރުކާރުގައި، ސަރުކާރު ހިންގާ މައި ޕާޓީގައި އެތައް ޒަމާނެއްގައި އުޅުއްވުމަށް ފަހު ނުކުމެވަޑައިގެން އެހެން ޕާޓީއެއް ހެއްދެވި ބޭފުޅުންގެ ދޫތަކުންނާއި މިނިވަން ނޫސްވެރީންގެ ތަޙުލީލުތަކުންނާއި ތަހުގީގުތަކުންނެވެ. ވީމާ، މި ކަމަށް ރައްދު ދޭށޭ ވިދާޅުވެ އިތުރުފުޅު ހެއްދެވިޔަސް ރައްޔިތުންނަށް އެނގިފައިވާ ހަގީގަތެއް އޮޅުވައިލެވޭނެތޯއެވެ!

ދެންކުރެއްވޭން އޮންނާނެ ކަމަކީ، މިލިޔަނުން މިލިޔަނުން ނިކަމެތީންނަށް ފައިސާ (ރިޝްވަތެކޭ އަޅުގަނޑު ނުދަންނަވާނަމެވެ.) ދީގެން އޯޑިއޯއާއި ވީޑިއޯ ހަދަހަދައިގެން ވާދަވެރި ކެންޑިޑޭޓުގެ ތާއީދު އަނބުރައިލެއްވުމަށް ކުރެއްވޭނެ މަސައްކަތްޕުޅެވެ. މި ފަދަ ކަންކަމުން ރައީސް ޔާމީންގެ އަބުރުފުޅު ކަތިލައްވައިގެން 2018ގައި ކާމިޔާބު ހޯއްދެވުނީ އެ ކަމަށް ވަގުތު ލިބިވަޑައިގަތީމައެވެ. އަދި ގައުމުދެކެ ލޯބިފުޅުވާކަމަށް ކުރީން ރައްޔިތުން ގަބޫލުކޮށްގެން ތިބި ބޭފުޅުންކޮޅަކާއެކު ނުކުމެވަޑައިގެން، ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އެޅުވުނީއެވެ. ނުދައްކަނީ ކޮން ވާހަކައެއްތޯއެވެ! ދޮގު ކަރުދާސްތަކެއްގެ ފޮޓޯކޮޕީ ދައްކައިގެން މަރުގެ އިލްޒާމު ވެސް އެޅުވީއެވެ. ނަމަވެސް އެ ބޭބޭފުޅުން މިއަދު ރައްޔިތުން ބަލައި ނުގަންނަކަން އިންތިޚާބުގެ ފުރަތަމަ ބުރުން ފެންނާން އެ އޮތީއެވެ. ވީމާ ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައި މި ފަދަ އިލްޒާމުތަކެއް އަޅުގައިގެން ރައްޔިތުންގެ ތާއީދު ދެން ގެއްލުވައިލެވޭނެކަމަކަށް ދެން ގަބޫލެއް ނުކުރެވެއެވެ.

ވީމާ، އަބަދު އެއް އިސްތިރާޖެއް، އެއް މާގައެއް ބޭނުންކޮށްގެން ކަންކަން ކާމިޔާބެއް ނުވާނެއެވެ. ބާޠިލު ބޭނުންކޮށްގެން ހައްގު ވަންހަނާކޮށްގެންނެއް އަބަދަކު ނޫޅެވޭނެއެވެ. ކޮންމެވެސް އިރަކުން ހައްގު ފާޅުވާނެއެވެ. ބާޠިލު ނެތިދާނެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَقُلۡ جَآءَ ٱلۡحَقُّ وَزَهَقَ ٱلۡبَٰطِلُۚ إِنَّ ٱلۡبَٰطِلَ كَانَ زَهُوقٗا٨١﴾ ("އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދު ގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަ ކަށަވަރުން، ބާޠިލަކީ، ނެތިވެ، ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.") (سورة الإسراء:81)

ވީމާ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓްގެ މައްޗަށް، އެމްޑީޕީގެ ކެންޑިޑޭޓަށް ކުރި ނުހޯއްދެވުނީ، ސަރުކާރު ކެންޑިޑޭޓް އެ ވިދާޅުވި ތިން ސަބަބާ ހުރެއެއް ނޫނެވެ. އެ ސަބަބުތަކަކީ ދެން ނައްތައިލެވޭން ނެތް އެތައް ސަބަބުތަކެކެވެ. ހަގީގީ ސަބަބުތަކެކެވެ. ރައްޔިތުންނާއި ގައުމީ މަޞްލަޙަތަށް ވުރެ، އެހެން ބަޔެއްގެ މަޞްލަޙަތު އިސްކުރެއްވުނީތީއެވެ. އަމިއްލަފުޅު ޢިލްމީ ޤާބިލުކަމާއި ޢަމަލީ ތަޖުރިބާ ނެތުމުގެ ސަބަބުން މަކަރުވެރި އެހެން ބަޔެއްގެ ލަފާގެ މަތީން، ކުރެއްވި ހުވަޔާ ޚިލާފުވެވަޑައިގެންނެވުނީތީއެވެ. ވީމާ، އިންތިޚާބު ނިމޭން ދެ ދުވަހަށްވީމާ، ފައިސާގެ ނޫޓުތަކުން ނިކަމެތި ރައްޔިތުންގެ ޒަމީރާއި ޢިއްޒަތުއްނަފުސު ގަންނާން ރަށްރަށަށް އެޖެންޓުން ފޮނުއްވިޔަސް އިސްވެ ދެންނެވުނު ސަބަބުތައް ނައްތައިލެވޭނެކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ.