ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ބުނެ، ސަން އަހުމަދު ސިޔާމުގެ އެމްޑީއޭއިން ހެދި ކޯލިޝަން ރޫޅާލައި ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފި އެވެ.
އެމްޑީއޭ އިން މިގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ކުއްލި ބައްދަލުވުމުގެ އަގުލަބިއްޔަތުންނެވެ. މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޕާޓީގެ ރައީސް ސިޔާމެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ސިޔާމުގެ ކޮއްކޮ އަދި އެ ޕާޓީގެ ނައިބް ރައީސް އަލީ މައުރޫފު އެވެ.
މައުރޫފު ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ޑރ. މުއިއްޒުގެ އަނބިކަނބަލުންގެ ކޮއްކޮއަކާއެވެ.
އެ ބައްދަލުވުމުގައި ތިން ހުށަހެޅުމެއް ހުށަހެޅިގެންދިޔަ އެވެ. ފުރަތަމަ ހުށަހެޅުމުގައި އޮތީ ދެވަނަ ބުރުގައި ވެސް ރައީސް ސޯލިހަށް ތާއީދު ކުރުމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެެއްވީ ދެ ބޭފުޅުންނެވެ. ދެވަނަ ހުށަހެޅުމަކީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުުރުމަށެވެ. އެ ހުށަހެޅުމަށް ވެސް ތާއީދު ކުރެއްވީ ދެ ބޭފުޅުންނެވެ. ތިން ވަނަ ހުށަހެޅުމަކީ އެމްޑީޕީއާ އެކު ހަދައިފައިވާ ކޯލިޝަން ރޫޅާލައި ޕީ.އެން.ސީއަށް އެކު ކޯލިޝަން ހެދުމަށް ފަހު ޑރ. މުއިއްޒަށް ތާއީދު ކުރުމެވެ. އެ ހުށަހެޅުން ފާސްވީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 33 މެމްބަރުން ވޯޓް ދެއްވައިގެންނެވެ.
އެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މައުރޫފް ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 97 ޕަސެންޓް މެމްބަރުން ދެކެވަޑައިގެންނަވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ސޯލިހަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.
"އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ ރައްޔިތުން މި އޮތީ (ފުރަތަމަ ބުރުގައި) ގޮތެއް ނިންމާފައޭ. އެއީ ސަރުކާރެއް އޮވެ ސަރުކާރާ އެކީގައި ކޯލިޝަނެއް ހެދި، އިދިކޮޅު ކެންޑިޑޭޓް (ޑރ. މުއިއްޒު) 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާނބަސް ބުނީ ކަމަށް،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް އޮތް ތާއީދު އިތުރުވަމުން އަންނަ ކަމަަށާއި އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހާ އިތުރު އެއްވެސް ޕާޓީއަކުން ކޯލިޝަން ހަދައިފައިނުވުމަކީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ގިނަ މެމްބަރުން ދެކޭ ކަމަށެވެ.
މީގެ އިތުރުން މިމަހު 9ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެމްޑީޕީ ހިމޭންވެ، ރަށްރަށުގެ އެމްޑީޕީ ކެންޕެއިން ޖަގަހަތައް ބަންދުކޮށްފައި ހުރުން ވެގެން ދިޔައީ "އެ ޕާޓީން ބަލި ގަބޫލްކުރުން" ކަމަށް ބައެއް މެންބަރުން ދެކޭ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަނުން ޑރ. މުއިއްޒު ކާމިޔާބު ކުރައްވާތަން ފެންނަމުންދާ ކަމަށް ވެސް މެމްބަރުން ބުނެފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ، ކަމެއްގައި ބަޔަކާ އެކު އާނބަސް ކިޔައިފި ނަމަ އެކަމެއް ކާމިޔާބު ކޮށްދިނުމަށް ފުލް ފްލެޖުގައި މަސައްކަތް ކުރައްވަމުން" ގެންދަވާނެ ކަމަަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެންޕެއިން ހަރަކާތްތަކުގައި ރައީސް ސޯލިހާ އެކު ސިޔާމް ވަރަށް ގިނަ ޖަލްސާތަކުން ފެނި، ރައީސް ސޯލިހަށް ވަރަށް ތައުރީފުކުރައްވައި، ޕީ.ޕީ.އެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ހުތުރުކޮށް އެއްޗެހި ވިދާޅުވެ ވާހަކަ ދެއްކެވިއެވެ. ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރެއްވިފައިނުވާތީ ދެވަނަ ބުރަަށް ވަަޑައިގެންނެވި ފަހުން ސިޔާމް އެއްގޮތަކަށް ވެސް އެމްޑީޕީގެ ކެންޕެއިންތަކުން ފެނިފައެއްނުވެ އެވެ.
ރައީސް ސޯލިހަށް ވަރަށް ތައުރީފުކުރައްވަމުން ސިޔާމު ވިދާޅުވެފައިވާ އެއް ވާހަކައަކީ ކޮވިޑް19ގެ އާލަމީ ވަބާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެން ފިތިގެންދިޔަ ކަމަށާއި އެ ދަނޑިވަޅުގައި ރައީސް ސޯލިހު ވެސް "ފިތިގެން ދިޔަ" ކަމަށާއި "އެހެން ނަމަވެސް އެ ދަނޑިވަޅުގައި އެމަނިކުފާނުގެ ގައިކޮޅުން ފޭބީ މާމުއި" ކަމަށެވެ.
އެމް.ޑީ.އޭއަކީ 2013ގެ އިންތިހާބުގައި ރައީސް ޔާމީނާއެކު ކޯލީޝަން ހެދި ޕާޓީއެކެވެ. ނަމަވެސް 2018ގައި އެއްވެސް ޕާޓީއަކާ ނުގުޅެއެވެ. ރައީސް ސޯލިހާ ގުޅުނީ ދެ ވަނަ ދައުރަކަށް ރައީސް ވާދަކުރައްވަން ނިންމެވުމުންނެވެ.
އެމް.ޑީ.އޭ ވަކިވުމުން ރައީސް ސޯލިހާއެކު މިހާރު އޮތީ ހޯމް މިނިސްޓަރު ޝެއިހު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އެކަންޏެވެ. އެއީ ވެސް، އެމް.ޑީ.އޭ ފަދައިން، ރާއްޖޭގައި މާބޮޑު ތާއީދެއް އޮތް ޕާޓީއެއް ނޫނެވެ.
އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމް.ޑީ.އޭގައި ކިރިޔާ 10،000 މެމްބަރުން ހަމަވަނީއެވެ. ސަރުކާރުގެ ބާރުގަދަ ވަޒީފާތަކެއްގެ ބޭނުމުގައި، ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ކަމަށް ގިނަ ބަޔަކު ބުނާ އަދާލަތުގައި 10،000 މެމްބަރުން ހަމަވެސް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
ދެވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment