ކިތަންމެ ވަރަކަށް ޒާތީ ވިޔަސް ދިވެހި ގައުމުގެ މިނިވަންކަން ޔަގީންކުރުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ އެންމެ ދެކުނުގެ ފަސް ރަށަށް ކުރަމުންގެންދާ ކެންޕެއިން ދަތުރުގައި މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ހުށަހަޅާ ކަންކަން ރައްޔިތުން ބަލައިނުގަތީމާ މިހާރު އެމަނިކުފާނުގެ ޒާތީ ވާހަކަތައް ދަައްކައިގެން އެ ވާހަކަތައް ރައްޔިތުން ބަލައިގަނޭތޯ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ޒާތީ ވިޔަސް ދިވެހި ގައުމުގެ މިނިވަންކަން ޔަގީންކުރުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކިތަންމެ ވަރަކަށް އަޅުގަނޑާ މެދުގައި ޒާތީ ވާހަކަ ދެއްކިޔަސް މި ގައުމުގައި ބޭރުގެ ސިފައިން ނެތް ކަމަކަށް ނުވާނެ. ކިތަންމެ ވަރަަކަށް ހަދަހަދައިގެން ވާހަަކަ ދެއްކިޔަކަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް އަޅުގަނޑުމެންގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތިކޮށްފައިނުވާ ކަމަކަށް ނުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ރިޔާސީ ކެންޕެއިންގައި ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ވެރިކަަމަށް ވަޑައިގެންފިނަމަ މި ސަރުކާރުން ވަޒީފާއިން ކަނޑާލާ މީހުންނަށް އަނބުރާ ވަޒީފާ ދެއްވާނެ ކަމާއި ވަޒީފާގެ ކުރިއެރުން ގެނެސްދެއްވާނެ ކަމާއި ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ މި ސަރުކާރަށް އެ ކަންކަމަށް ދޭނެ ރައްދު ހުސްވެފައިވާ ކަމަށެވެ.
"މި ސަރުކާރުން ރައްޔިތުންނަށް ހުށަހަޅާ އެއްވެސް ކަމެއް ރައްޔިތުން ބަލައިނުގަތީމަ ދެން ދައްކާނެ ވާހަކަ ނެތީމަ ޒާތީ ގޮތުން އަޅުގަނޑާ ދިމާކުރަން ފަށަަނީ. އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތް. އަޅުގަނޑަށް ރަނގަޅީ ވެސް އެ ކަންކަން އެގޮތަށް ކުރިއްޔާ. އޭރުން ރައްޔިތުންނަށް ހައްތަހާވެސް އެވާހަކަ ދައްކާ ފަރާތްތައް ފަލީހަތްވާނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ޒާތީ ވާހަަކަތައް ދެއްކި ނަމަވެސް އެެއްވެސް ވަރަަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި ދުވަހަކު ވެސް ގާނޫނާއި ގަވައިދާ ހިލާފްވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހައްގަކަށް ވެސް ދުވަހަކު ވެސް އަރާވަޑައިގެންފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"ދުވަހަކު ވެސް ނުހުންނާނެ އެއްވެސް މީހަކަަށް އަޅުގަނޑުގެ ފަރާތުން އަނިޔާއެއް ދީފައެއް. އެއްވެސް މީހަކަށް ދެރައެއް ދީފައެއް. އެއްވެސް މީހެއްގެ ހައްގަކަށް އަަަރައިގެންފައެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެއްވެސް މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބަލަންވީ ކަމަށެވެ. ނަމަވެސް އެ މައްސަލަތައް ބަލަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން، އަދުލުވެރިކަމާއި އިންސާފުވެރިކަމާއި މިނިވަންކަމާ އެކު ކަމަށް ޑރ. މުއިއްޒު ކަމަށް ވިދާޅުވި އެވެ.
ވެރިކަމަށް މި ވަޑައިގަންނަވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި ހަމަޖެހުން ގެނެވޭނީ އަދުލުވެރިކަން ގެނެސް އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމްކޮށްދީގެން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ ރައްޔިތުން އިތުބާރުކޮށް މި އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ މި ގައުމުގައި ހަމަޖެހުން ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒު މިރޭ ވެސް ދެއްްވި އެވެ.
ރައްޔިތުންނަށް މިއަދު އޮތީ ދެ ގޮތް ކަމަށާއި އެއް ގޮތަކީ ގައުމިއްޔަތު ދިރުވައި އާލާކޮށް، ދަރިންގެ ހިތްތަކުގައި ގައުމު ދެކެ ވާ ލޯބިވާ ޔަގީންކޮށްދީ އެކަން ބިންވަޅު ނަގާނީތޯ އާއި އަނެއް ގޮތަކީި ދިވެހި ބަހާއި އިސްލާމްދީނާއި ތާރީހާއި އާދަކާދައާއި ސަގާފަތާ ދުރަށް ދާނީތޯ މި ދެ ކަންކަންތައް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. "ޝައްކެތް ވެސް ނެތް ގޮތުގައި ދިވެހި ރައްޔިތުން ހިޔާރު ކުރާނީ ގައުމިއްޔަތާ އެއްގޮތަށް ދިއުން" ކަމަށް ޑރ. މުއިއްޒުވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ހުރިހާ ކަމަކަށް އަންނަ ހޮނިހިރުގައު ނިމުން ގެންނާނީ އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންގެ ފުރިހަމަ އަގުލައްބިއްޔަތުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment