Support Us

ކޮލަމް މާޒީ: ރައްޔިތުން މިހާރު މާ ސްމާޓެވެ.

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި ކެންޕޭނުގެ މާނައަކީ ވަކި އަމާޒަކަށް ވާސިލުވުމަށް ޓަކައި ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގާ ޙަރަކާތްތަކެކެވެ. ރައްޔިތުންގެ ނުވަތަ ވޯޓު ދޭ މީހުންގެ ތާއީދު ހޯދުމަށް ޓަކައި ހުށަހެޅުންތަކެއް ހުށަހަޅައިގެން ހިންގާ ނިޒާމީ ޙަރަކާތެކެވެ. މި ގޮތުން އިންތިޚާބެއްގައި ކެންޑިޑޭޓަކަށް ތާއީދު އިތުރުކުރުމަށް ޓަކައި ކުރާ ކަމަކީ އެ ކެންޑިޑޭޓެއްގެ ހުރި ރަނގަޅު ކަންތައްތަކާއި އެ ކެންޑިޑޭޓަކު އިންތިޚާބުވެއްޖެ ނަމަ، ކުރާނެ ކަންކަމުގެ މެނިފެސްޓޯއާއި ވަޢުދު ރައްޔިތުންނަށް ހުށަހެޅުމެވެ. މި ގޮތުން ހުށަހަޅާ ވަޢުދުތަކާއި މެނިފެސްޓޯއާއި އެ ކެންޑިޑޭޓެއްގެ ޤާބިލުކަމާއި މާޒީގައި އޭނާގެ ޢަމަލުތަކާއި ނަތީޖާއަށް ރިޢާޔަތްކޮށް ރައްޔިތުންގެ މެދުގައި ކެންޑިޑޭޓުންގެ މަޤުބޫލުކަން އިތުރުވާ މިންވަރަކުން ތާއީދު އިތުރުވެއެވެ.

އިސްވެ ދެންނެވުނު ގޮތަށް ވާދަވެރި ކެންޑިޑޭޓުން ހުށަހަޅާ ހުށަހެޅުމާއި އެ ކެންޑިޑޭޓުގެ ޤާބިލިއްޔަތަށް ވުރެ މޮޅު ހުށަހެޅުމެއް ހުށަހެޅުމަށް ޓަކައި "ވިއްކާނެ" ރަނގަޅު ވާހަކައެއް ނެތްނަމަ، އެ ކެނޑިޑޭޓު ހުށަހަޅާ ކަންކަން ދޮގުކުރާން ބައިވަރު ވާހަކަތައް ދައްކައެވެ. މިއަށް އެންޓިކެންޕޭނޭ ކިޔާ އަޑު ވެސް އިވެއެވެ. އަދި އެ ކެންޑިޑޭޓަކާ ވާދަވެރި ކެންޑިޑޭޓުންގެ ޒާތާ ބެހި ދޮގު ވާހަކަތައް ފަތުރައި ވާދަވެރި ކެންޑިޑޭޓުގެ އަގުވައްޓައިލައިގެން ތިމާއަށް ތާއީދު އިތުރުވޭތޯ ބައެއް ކެންޑިޑޭޓުން މަސައްކަތްކުރެއެވެ. މިއީ ހަގީގަތުގައި އެންޓިކެންޕޭނެއް ވެސް ނޫނެވެ. މިއީ ޢަބުރާބެހުމާއި ދޮގުވާހަކަ ފެތުރުމެވެ.

ރާއްޖޭގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގެ ކެންޕޭނަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީގެ ކެންޑިޑޭޓުގެ މުޅި މަސައްކަތްޕުޅަކީ އިދިކޮޅު ކެންޑިޑޭޓުގެ ޢަބުފުޅާ ބެހިވަޑައިގެން އެކި ފާޑުފާޑުގެ އިލްޒާމު އަޅުވައި އެ ކެންޑިޑޭޓުގެ އަގުވައްޓައިލެވޭތޯ ބެއްލެވުންކަމަށް ފެންނަ ވަރަށް، އެ ކަން އެބަ ކުރައްވައެވެ. ތިމާމެން ތާއީދުކުރާ ކެންޑިޑޭޓުގެ ރަނގަޅު ސިފަތައް ވިދާޅުވެދެއްވާކަށް ނޫޅުއްވައެވެ. މިހެން މި ވަނީ ސަބަބެއް އޮވެގެންނެވެ. ސަބަބުތަކެއް ހުރެގެންނެވެ.

ފުރަތަމަ ސަބަބަކީ، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓާއި ރަނިންގމޭޓުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހަންމަދު މުޢިއްޒަކީ ސާނަވީ އިމްތިހާނުގައި ވެސް 17 މާއްދާއިން އޭ ސްޓާރ ހޯއްދަވައިގެން މަތީ ތަޢުލީމަށް ވަޑައިގެން ދުނިޔޭގެ ނަން ހިނގާ ޔުނިވަރުސިޓީތަކުން ބެޗްލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާއި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ފަންނީ އަދި ދަންނީ ދާއިރާގައި ކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތް ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގައި އަދި ޚާއްޞަކޮށް ރައީސް ޔާމީންގެ ޒަޢާމަތުގައި ނަތީޖާ ނެރެދެއްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ބައްޕާފުޅަކީ ރާއްޖޭގެ މަޝްހޫރު ޢާލިމެއްކަމުގައިވާ އައްޝައިޚު ޙުސައިން ޢަބްދުއްރަޙުމާނެވެ. ޑރ. މުޢިއްޒަށް ވަނީ ބައްޕާފުޅުގެ އަރިހުން ދީނުގެ ތަޢުލީމާއި ރީތި ސުލޫކާއި މަތިވެރި އަޚުލާޤު ލިބިވަޑައިގެންފައެވެ. އަނބިކަނބަލުން ސާޖިދާ މުޙަންމަދު އިބްރާހީމަކީ ވެސް ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައި އައްޝައިޚު އަލްމަރުހޫމު މުޙަންމަދު އިބްރާހީމްގެ ފުރިހަމަ ތަރުބިއްޔަތާއެކު ބޮޑުފުޅުވެފައިވާ ޚުލްޤު ހެޔޮ، ދީންވެރި، އިސްލާމީ އުޞޫލުތަކަށް ތަބާވެވަޑައިގަންނަވާ، ޢިލްމީ، ޤާބިލު ބޭފުޅެކެވެ.

ޑރ. މުޢިއްޒުގެ ނާއިބަކަށް އިޚުތިޔާރުކުރައްވައިފައިވަނީ ވެސް މި ފަދަ ޢިލްމުވެރި ބޭފުޅެކެވެ. ޢަރަބި މީޑީއަމުން ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު މަޝްހޫރު އަޒުހަރު ޔުނިވަރުސިޓީއަށް ވަޑައިގެން އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ޑރ. މުޙަންމަދު މުޢިއްޒާ ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓާއި ރަނިން މޭޓަށް ބަލާއިރު އިސްވެ މި ދެންނެވުނު ސިފަތަކަކީ (ނުވަތަ ކޮލިޓީސްތަކަކީ) އެ ދެ ބޭފުޅުންނަށް ޙާޞިލުކުރެއްވިފައިވާ ކަންކަމެއް ނޫނެވެ. އެއްވެސް މީހެއްގެ އުނި ކަންކަމެއްގެ ވާހަކަ ދެއްކުމަކީ އަޅުގަނޑު އެހާ ކުރާ ހިތްވާކަމެއްކަމަށް ނުވާތީ މި ވާހަކަ ތަފުޞީލުކޮށް ދަންނަވާކަށް ބޭނުމެއް ނޫނެވެ. ހަމަ އެކަނި ދަންނަވައިލާން އޮތީ ޢިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހިންގުމުގެ ދާއިރާއިން އަދި އެއްވެސް ދާއިރާއަކުން ވާދަވެރި ކެންޑިޑޭޓަށް ޑރ. މުޢިއްޒާ ކައިރި ވެސް ކޮށެއް ނުލެއްވޭނެޔޭއެވެ.

އެހެންވީމާ، ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ކެންޕޭނުކުރެއްވުމުގެ ބަދަލުގައި ކުރައްވާ ކަމަކީ ޑރ. މުޢިއްޒާ ބެހޭ ގޮތުން ދޮގުވާހަކަތައް އެކި ގޮތްގަތަށް ފެތުރުއްވުމެވެ. ޤައުމުގެ އިޤުތިޞާދަށް ބެއްލެވުމެއް ނެތި، ރިޝްވަތާއި މަޤާމުގެ ނުފޫޒު ބޭނުންފުޅުކުރައްވަނީއްޔޭ ބުނެވޭ ފަދަ ޢަމަލުތައް ހިންގެވުމެވެ. ރައީސް ސޯލިހަށް ތާއީދުކުރާ ޓީވީތަކާއި އޮންލައިން ނޫސްތަކުގެ ބޭނުން ހިއްޕަވައިގެންނެވެ.

ވާދަވެރި ކެންޑިޑޭޓަށް ތާއީދު އިތުރުކުރެއްވޭން އޮތް ހަމައެކަނި ގޮތަކީ މި ރާއްޖޭގައި އިންޑިއާ ސިފައިން ބަނޑަހަޖަހައިގެން ނެތްކަމަށް ހެއްދެވުމެވެ. އުތުރު ތިލަފަޅު އިންޑިއާ ސިފައިންނަށް 99 އަހަރަށް ދޫނުކުރައްވާ ކަމަށް ހެއްދެވުމެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ނެތްކަމަކަށް ހެއްދެވުމެވެ. ކައްދޫގައި އިންޑިއާ ސިފައިން ނެތްކަމަށް ހެއްދެވުމެވެ. އައްޑޫގައި އިންޑިއާ ސިފައިން ނެތްކަމަށް ހެއްދެވުމެވެ. ރާއްޖޭގެ މުހިންމު ހަރުމުދާ އިންޑިއާއަށް ރަހުނުކޮށް ގިނަ ޢަދަދަކަށް ލޯނު ނަންގަވައިފައި ނެތްކަމަށް ހެއްދެވުމެވެ. ތިލަމާލޭ ބުރިޖު އެޅުއްވިއްޖެކަމަށް ހެއްދެވުމެވެ. ހަނިމާދޫއަށް އައިސްގޮސްވާ އިންޑިއާ ސިފައިންނާއި ގެންނަ ސާމާނު ދިވެހީންނަށް ޗެކުނުކުރެވޭ ގޮތަށް ނެތުމެވެ. ދައުލަތުގެ ފައިސާ، ބަދަލުގެ ގޮތުގައި ގާތް މީސްމީހުންނަށް ބައްސަވައިނުލައްވާކަމަށް ހެއްދެވުމެވެ. ދައުލަތަށް ލިބޭން ހުރި އެތައް ބިލިޔަން ޑޮލަރެއް މާފުނުކުރައްވާކަމަށް ހެއްދެވުމެވެ. ރާއްޖޭގައި އިންޑިއާގެ ރާޑަރުތައް ބަހައްޓައި އޭގެ ކޮންޓްރޯލު ނިއުދިއްލީއަށް ނޯންނަކަމަށް ހެއްދެވުމެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ މައްޗަށް އިންޑިއާ ސަފީރުގެ ނުފޫޒު ނުހިނގާ ގޮތް ހެއްދެވުމެވެ. އިސްލާމް ދީނަށް ތައުކުރި މީހުން އަރިހުގައްޔާއި ދައުލަތުގެ އިސް މަގާމުތަކުގައި ނެތްކަމަށް ހެއްދެވުމެވެ. މިސްކިތުގެ ޙުރުމަތް ކަނޑައި ކީރިތި ޤުރުއާން ލިޔެފައިވާ މުޞްޙަފަށް ކުޅުޖެހި މީހުން ސިކުނޑި ހަމަނުޖެހޭ މީހުންގެ ގޮތުގައި ދޫކޮށް ނުލައްވާކަމަށް ހެއްދެވުމެވެ. ރާއްޖޭގެ ޤާނޫނުއަސާސީ މައްޗަށް ކޮއްޅުން އެރި ރާއްޖެ ހިފާން ބޭނުމިއްޔާ ކަލޭމެންނަށް ހިފޭނޭ ބުނި މީހަކު ދިފާޢީ ވަޒީރަކަށް ނުބަހައްޓަވާކަމަށް ހެއްދެވުމެވެ. ވެންޓިލޭޓަރު ގަންނާންކަމަށް ހަދައި ރާވައިގެން ހިންގި ބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވީ މީހުންގެ މައްޗަށް ދަޢުވާނުކުރައްވައި ދޫކޮށް ނުލައްވާކަމަށް ހެއްދެވުމެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި އެތައް ސަތޭކަ ބަޔެއްގެ މައްސަލަ ދޫކޮށްނުލައްވާކަމަށް ހެއްދެވުމެވެ. އެކި މައްސަލަތައް އުފައްދައިގެން އެއްހާސް އެތައް ދުވަހެއް ވަންދެން ރައީސް ޔާމީން ޖަލުގައި ނުގެންގުޅުއްވާކަމަށް ހެއްދެވުމެވެ. އިންޑިއާއާ އެކު ހައްދަވައިފައިވާ ސިއްރު އެއްބަސްވުންތައް ސިއްރު ނުކުރައްވާކަމަށް ހެއްދެވުމެވެ. ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުން ބޮޑު ބައެއް ރައީސްގެ ސިއްރު ސިޓީއަކުން ދޫކޮށްނުލައްވާކަމަށް ހެއްދެވުމެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވުމުގެ މާނައަކީ ކޮރަޕްޝަނާއި ފަސާދަ ޢާންމުކުރެއްވުންކަމަށް ނުވާކަމަށް ހެއްދެވުމެވެ. ރައްޔިތުންނަށް އެނގޭ ކަންކަން އެއީ ދޮގެކޭ ވިދާޅުވެ އެކި މުއައްސަސާތަކުގެ ބޮޑުން ލައްވައި ދޮގު ބަޔާންތައް ނުނެރުއްވާ ކަމަށް ހެއްދެވުމެވެ. ރައީސް ޔާމީން ބުރިޖު ނާޅުއްވާކަމަށް ހެއްދެވުމެވެ. ހުޅުމާލޭ ދެވަނަ ފިޔަވިހި ހިއްކަވައި އެ ތާނގައި އެތައް ބައިވަރު ފްލެޓުތަކެއް ނާޅުއްވާކަމަށް ހެއްދެވުމެވެ. ދަރުމަވަންތަ ހޮސްޕިޓަލް ނާޅުއްވާކަމަށް ހެއްދެވުމެވެ. ސިޔާސީ މަގާމުތަކަށް ނާގާބިލު އެތައް ބަޔަކު ބޭނުމެއް ނެތް ގޮތެއްގައި ނުލައްވާކަމަށް ހެއްދެވުމެވެ. ފެނަކައާއި ދައުލަތުގެ ކުންފުނިތައް ބަނގުރޫޓުކޮށް ބޭނުމެއް ނެތް ނާގާބިލު އެތައް ބަޔަކު އެ ތަންތަނަށް ވައްދަވައި ކެންޕޭނު ޖަގަހަތަކަކަށް ބަދަލުނުކުރައްވާކަމަށް ހެއްދެވުމެވެ. މި ލިސްޓު ވަރަށް ދިގެވެ. މި ފަދަ އެތައް ކަމެކެވެ.

ނަމަވެސް ހިތާމައަކީ މިއިން އެއްވެސް ކަމަކީ ދެން ކުރެއްވޭނެ ކަމަކަށް ނުވާނެކަމެވެ. އެ ކަންކަން ދެން އެ މަގަށް ކުރެއްވުމަކީ މުސްތަޙީލުކަމަކަށް ވާނެކަމެވެ. އަދި އެއީ ހުސް ދޮގޭ ވިދާޅުވެ ބަޔާންތައް ނެރުއްވިޔަސް ދުވާލު މެދު އުޑުގައި އިރު ހުއްޓައި އެއީ ހަނދޭ ބުނީމާ ގަބޫލުނުކުރާނެ ފަދައިން ސަރުކާރުން ނެރުއްވާ ބަޔާންތަކަކަށް ރައްޔިތުން މިއަދަކު ކަންފަތެއް ނުދޭނެއެވެ.

އެހެންވީމާ، ވާދަވެރި ކެންޑިޑޭޓާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުއްވިޔަސް ތާއީދު އިތުރެއް ނުވާނެތާއެވެ. އޭގެ ބަދަލުގައި އެ ކަން ދާނީ އޭގެ އިދިކޮޅަށެވެ. ނާޖާއިޒު ފައިދާއާއި މަގާމުގެ ދަހިވެތިކަމުގައި ސަނާ ކިޔާ ބަޔަކު ސަނާ ކިޔަސް މި ދެންނެވި ކަންކަމަކީ ސިއްރު ނުކުރެވޭ ވަރަށް ފާޅުވެ ރައްޔިތުންނަށް ހާމަވެފައިވާ ކަންކަމެވެ. ވީމާ، ވީޑިއޯއާއި އޯޑިއޯ އުފައްދަވައިގެން އިދިކޮޅު ކެންޑިޑޭޓުގެ ޢަބުރު ނަގައިލެއްވުމަށް މަސައްކަތް ކުރެއްވިޔަސް އެ ކަމެއް ވެސް ނުވާނެއެވެ. ރައްޔިތުން އިތުރަށް ރުޅިއެރުން ނޫންކަމެއް ނުވާނެއެވެ. އެއަށްވުރެ ރައްޔިތުން މިހާރު މާ ސްމާޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22

2 Responses

  1. ތިޔަވިދާޅުވާ ގޮތަށް މުއިއްޒުވެސް އެންޓިކެމްޕޭން ވައްތަރު ކިތަންމެ ވާހަކައެއް ދައްކާ! ވަކިކޮޅަކަށްޖެހި ހުސްވެފައިވާ މީހަކަށް އެކަމެއް ނުފެންނާނެ. އެހެންނަމަ ކަމަކާނުލާ މީހެއްގެ އެކައުންޓަށް މިލިއަނުން ޑޮލަރު ޖަމާވިކަން އެއީ ކަމަކަށްވީސް. ގެއަށްގެންނަ ފައިސާދަބަސްތަކާވެސް އަނބިމީގާ ސުވާލު ނުކުރާނެ. ނާސިގެއަށް ޕޭ ކުރީމަ އަނބިންނަށއވާކަމަށް ގަބޫލެއް ނުކުރާނެ…މިކޮމެންޓު ޖަހަލަދޭގާ ހިތްވަރު ހުންނާނެތޯއްޗެ. އުސްތާޛުލް އަކުބަރު.

    1. ވަރަށް ހިތްގައިމު، ކިޔާލާ ހިތުން ކިޔާލެވުނު ލިޔުމެއް. އަދިވެސްގައި ބުޝްރީ އާއި އަޒީޒު ޖަމާލުގެ ކޮލަމް ވަރަށް ޝައުގުވެރި. އަދި ވަރަށް ގައުމީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *