Support Us

ދޮގާއި މަކަރާއި އޮޅުވައިލުން: ބޭޒާރުވާނެކަން ނޭނގެނީބާ!؟

ރާއްޖޭގެ ސިޔާދަތީ ބާރު ބޭރު ގައުމަކަށް ދޭކަށް ރާއްޖޭގެ މަދު ގުސްތަރެއް ނޫނީ ގަބޫލެއް ނުވާނެއެވެ. ނަމަވެސް މާ ކުރީއްސުރެ ހަދައިފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން އެ ކަންތައް މި އޮތީ ކޮށްފައެވެ. މި ކަމުން ސަލާމަތްވެވޭކަށް ސަރުކާރަކަށް ނެތެވެ. އެއަށްވުރެ ބޮޑަށް ވަނީ ދަށުވެފައެވެ. ދެން ކުރެވޭތޯ ބަލާ ކަމަކީ ބޮޑެތި ދޮގުތައް ހަދައި އޮޅުވައިލެތޯ ބެލުމެވެ. ނަމަވެސް އޮޅުވައިލާން ދައްކާ ކޮންމެ ވާހަކައަކީ ކަނޑައެޅިގެން ދޮގުކަން ރައްޔިތުންގެ ގިނަ ބަޔަކަށް އެނގެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ވުރެ ބޮޑަށް އިސްކަން ދޭންޖެހޭ ބަޔަކު ތިބީމާ ރައްޔިތުންނަށް ދޮގު ހެދުން ނޫންކަމެއް ކުރެވޭކަށް ވެސް ނެތެވެ. މި ދޮގު ރައްޔިތުންނަށް ބޭޒާރުވެ ފަޟީހަތް ވިޔަސް އެ މީހުންނަށް ރައްޔިތުންނަށް ތެދު ހާމަކުރާކަށް ނުކެރޭނެއެވެ. އެއަށްވުރެ މާ ބޮޑަށް ތިބީ ދަށުވެފައެވެ.

މިއަދުގެ ސިޔާސީ ޙާލަތަކީ ވަރަށް ހަލަބޮލި، ވަރަށް ސީރިއަސް ޙާލަތެކެވެ. ވަރަށް ނުރައްކާތެރި ޙާލަތެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދުވަހަކު ވެސް ނުރައްކާ ނުވާ ފަދަ މިންވަރަކަށް މިއަދު ވަނީ ނުރައްކާވެފައެވެ. މި ކަންކަމަށް މިއަދު ނުރައްކާވެފައިވަނީ އިހު ޒަމާނުގައި ހުޅަނގު އިންޑިއާއިން އައި ހަތިޔާރު އެޅި ލަޝްކަރުތަކަކުންނެއް ނޫނެވެ. ދިވެހި ތާރީޚު ވެސް ދެކެފައިނުވާ މިންވަރަކަށް މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނުރައްކަލަށް ހުށަހެޅިފައިވަނީ އިޤުތިޞާދީ ގޮތުންނާއި ސިއްރު އެއްބަސްވުންތަކުގެ ސަބަބުންނެވެ. އަދި ޢަސްކަރީ ގޮތުން ވެސް މެއެވެ.

ޝައްކެއް ނެތެވެ. ދިވެހި ތާރީޚު ދުވަހަކު ވެސް ދެކެފައި ނުވާ މިންވަރަކަށް ދިވެހި ދައުލަތް ވަނީ ދަރަނިވެރިވެފައެވެ. މި ދަރަނީގެ ބޮޑު އިންސައްތައެެއް ދައްކާންޖެހެނީ ވަކި ގައުމަކަށެވެ. ދައުލަތުގެ ހަރު މުދާތައް ވަނީ އެ ގައުމަށް ރަހުނުކޮށްފައެވެ. ދަރަނި ނުދެއްކިއްޖެ ނަމަ، އެ ތަންތާނގެ މައްޗަށް ހިނގާނީ އެބައިމީހުންގެ ބާރެވެ. ދަރުމަވަންތަ ހޮސްޕިޓަލެވެ. ވެލާނާގެއެވެ. އޮލިމްޕަހެވެ. މާލޭގެ ގިނަ އިސްކޫލުތަކެވެ. ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ސަރުކާރުން ކުރީން ވަކާލާތުކުރައްވަމުން ވަޑައިގެންފައި، އިންޑިއާ ސިފައިން ތިބިކަމަށް ފަހުން އިޢުތިރާފުވެވަޑައިގަތް އިރު، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބި ޢަދަދެއް ސަރުކާރުން ހާމަކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބި ޢަދަދެއް ޚުދު ސަރުކާރަކަށް ވެސް އެނގިވަޑައެއް ނުގަންނާނެއެވެ. ހަނިމާދޫ އެއަރޕޯޓަށް ގޮސް އައިސްވާ އިންޑިއާގެ މަތީންދާ ބޯޓުން އަންނަ ބަޔެއް، ގެންނަ އެއްޗެއް، ސަރުކާރަށް ބެލުމުގެ ބާރެއް ވެސް ނެތެވެ. ހައްދުންމަތީގައި އޮންނަ ހެލިކޮޕްޓަރު އުދުހިފައި ބޭރުކަނޑުގައި އޮންނަ މަނަވަރުތަކަށް ގޮސް އައިސްވާތަން ރައްޔިތުންނަށް ފެނިފައިވާ އިރު، އެ މަނަވަރުތަކުން އެތެރެކުރަނީ ކިހާ ސިފައިންނެއްކަމެއް ކިހާ ހަތިޔާރެއްކަމެއް ސަރުކާރަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދު ހާމަކުރުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން، ސަރުކާރަށް ލާޒިމު ކަމަކަށް ވިޔަސް އެ މަޢުލޫމާތު ހާމަނުކުރައްވައި ޤާނޫނާ ޚިލާފަށް ހިފަހައްޓަވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަރާބަރު އަދަދު ސަރުކާރަށް ވެސް އެނގިވަޑައިނުގަންނަވާތީކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

ރާއްޖޭގެ ކުދި ވިޔަފާރީތަކާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޮޑު ބައެއް މިއަދު ކޮންޓްރޯލްކުރަނީ އިންޑިއާ މީހުންނެވެ. ބާޒާރުމައްޗަށް ނުކުމެ ފިހާރަތަކަށް ވަދެލުމުން މި ކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. އަދި އާދައިގެ މީހުންގެ ގޮތުގައި އެކި ތަންތާނގެ މަސައްކަތަށް ގެންނަ އިންޑިއާގެ ގިނަ މީހުންނަކީ ވެސް ސިފައިންގެ ތަމްރީނު ލިބިފައި ތިބި ބަޔެއްކަމަށް އެ މީހުންގެ ބަސްމަގާއި ޙަރަކާތްތަކުން ޝައްކުކުރެވެއެވެ. ރާއްޖޭގެ ގިނަ ބިންތަކެއް އިންޑިއާއަށް އެކި ގޮތްގޮތުން ދޫކޮށްފިއެވެ. ހަނިމާދޫ ވައިގެނބަނދަރާއި އައްޑުއަތޮޅުގެ ބޮޑު ސަރަހައްދަކާއި އުތުރު ތިލަފަޅުގެ ކޮންޓްރޯލް އޮތީ އިންޑިއާ މީހުންނަށެވެ. ސަރުކާރުން މިކަން ކިތަންމެ ވަރަކަށް ދޮގުކުރާން މަސައްކަތް ކުރެއްވިޔަސް ރައްޔިތުންނަށް ހަގީގަތް އެނގެއެވެ. މާލޭ މަގުމަތީން ދިމާވާ ގިނަ މީހުންނަކީ އަދި ސައިކަލުގައި އުޅޭ ގިނަ މީހުންނަކީ އިންޑިއާގެ ކޮންމެވެސް ބަހަކުން ވާހަކަދައްކާ މީހުންނެވެ.

ކުރީން މާލޭގައި އުޅުނު ބަންގާޅު މީހުންނަށް ވުރެ އިންޑިއާ މީހުން އިތުރުކަން މިހާރު ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ ދެކުނުން ޤާނޫނަކުން ކަނޑައެޅި ބައިނަލްއަޤުވާމީ ރުހުން ލިބިފައިވާ ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ ބޮޑު ބައެއް ދޫކޮށްލުމުގައި ވެސް އިންޑިއާގެ ނުފޫޒު އޮތްކަން އެނގެނީ އެ މައްސަލައިގައި މޮރިޝަސްއިން އިންޑިއާއަށް ޝުކުރުއަދާކުރީމައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ޤާނޫނުއަސާސީއާއި ޤާނޫނަކުން ކަނޑައަޅައިފައި ވިޔަސް ދައުލަތުން އިންޑިއާއާއެކު އެއްބަސްވާ ނުރައްކާތެރި އެއްބަސްވުންތަކެއް ހާމަކުރާކަށް ސަރުކާރަކަށް ނުކެރެއެވެ. އެންމެ ކުޑަމިނުން ތިލަމާލޭ ބުރިޖު އަޅާން، ވެފައިވާ މަދަނީ އެއްބަސްވުން ވެސް ހާމަކުރާކަށް ނުކެރެއެވެ. "ސަލާމަތަށް ނުރައްކާވެދާނެ"ކަމުގެ ހެއްވާ ބަހަނާ ދައްކައިފައެވެ. އެހެންވީމާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި އިންފޮމޭޝަން ކޮމިޝަނަރުގެ ބޭނުން މިހާރު ވަނީ ކެނޑިފައެވެ. ޤާނޫނުއަސާސީއާއި ޤާނޫނާ ސަރުކާރުން ޚިލާފު ވިޔަސް އެ ކަމާ ފިޔަވަޅު ނޭޅޭނެކަން ސަރުކާރަށް އެނގޭތީ، ޤާނޫނާ ޚިލާފު ކަންކަން ކުރާކަށް ސަރުކާރުން ކުޑަކޮށްވެސް ޖެހިލުމެއް ނުވެއެވެ. ވެރިއެއްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރާން އެންޓިކޮރަޕްޝަން ކޮމިޝަނުން މަސައްކަތްކުރުމުން އެ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިތުބާރު ނެތްކަމަށް ނިންމައި، މުޅިން އާ މެންބަރުންތަކެއް، "ބަސްއަހާ" މެންބަރުންތަކެއް، އެ ތަނަށް ލެއްވީއެވެ. އެހެންވީމާ މަގާމު ބޭނުން ނަމަ، މީގެ ފަހުން އެ ފަދަ މައްސަލައެއް ބަލާކަށް އެ ކޮމިޝަނަކުން ނޫޅެނެތާއެވެ. ނުވެސް އުޅޭނެއެވެ. ނުވެސް ކެރޭނެއެވެ. ހިޔުމަންރައިޓްސް ކޮމިޝަނާއި މި ނޫނަސް (ނަމުގައި) މިނިވަން މުއައްސަސާތަކުގެ ގޮތުގައި ހުރި ތަންތާނގެ ޙާލަތު މިއަދު ހުސް ހިތަކާއެކު ވިސްނާ ދިވެހި ރައްޔިތަކަށް އޮޅިފައެއް ނޯންނާނެއެވެ. ފުލުހާއި ޕްރޮސެކިޔުޓަރ ޖެނެރަލާއި ޖުޑިޝަލް ސަރވިސް ކޮމިޝަނުން، ކަން ކުރާ ގޮތް ދިވެހި ރައްޔިތުންނަށް ހާމައަށް ފެނެއެވެ. ޢަދުލު އިންސާފާއި ޑިމޮކްރެސީއާއި ޤާނޫނުއަސާސީއަކީ ރީތި ނަންތަކެކެވެ. އެހެން އެއްވެސް ބޭނުމެއް މިއަދު އެ ނަންތަކަކުން ނިހިފެއެވެ. މި ކަން މި ގޮތަށް ހިނގުމުގައި އޮތީ ދެ ސަބަބެކެވެ. ސަރުކާރުގެ ވެރީންގެ ނުކުޅެދުންތެރިކަމާއި ނާޤާބިލުކަމެވެ. ތަޖުރިބާ މަދުކަމެވެ. ނުވަތަ، އަނިޔާވެރިކަމާއި އަމިއްލަ އެދުން ބޮޑުކަމާއި ޚިޔާނާތްތެރިކަމެވެ. ކޮންމެ ގޮތެއް ވެގެން ނަމަ ވެސް މިއަދު ދައުލަތުގެ ކަންކަން މި ހިނގާ ގޮތަށް ދިވެހި ދައުލަތުގެ "ވެރިކަން" ނުވަތަ އަނިޔާވެރިކަން އިތުރަށް ދެމި އޮވެއްޖެ ނަމަ، އެތައް ހާސް އަހަރެއް ވަންދެން މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮތް ދިވެހި ދައުލަތް ނެތި ގޮސް އެހެން ގައުމެއްގެ "މޯލްޑިވްސް ސްޓޭޓެއް" އުފަންވުން އޮތީ ދާދި ކައިރީގައެވެ. އަނެއްކާ އެ ދުވަހަކުން، މި ގޮތް މާ މޮޅޭ ކިޔައިގެން ވެސް ޓްވީޓްކުރާ ކުދީން ބަހުސްކުރާނެެއެވެ. ދިވެހީންގެ ގިނަ މީހުން މި ކަންކަމާ ވިސްނިޔަކަ ނުދެއެވެ. ދައުލަތް ވިއްކައިގެން ހޯދާ ފައިސާއިން ނުހައްގު އެހީ ދީގެން ގިނަ މީހުން ތިބެނީ ވާވައްދައިފައެވެ. ނޫސްވެރީންނޭ ކިޔާ ގިނަ މީހުން ވެސް ތިބީ މަދު ފައިސާ ކޮޅަކަށް ނަފުސު ވިއްކައިލައިގެންނެވެ. ނުހައްގަކީ ހައްގުކަމަށް ހަދައިގެންނެވެ. މާދަމާ ތިމަތިމާމެންނާއި ތިމަތިމާމެންގެ ދަރީންނާއި ދަރީންގެ ދަރީން އުފުއްލާން ޖެހޭނެ ހިތާމައާމެދު ޣާފިލުވެގެންނެވެ. އެ މީހުންނަށް ވިސްނޭނީ ގަޔަށް ކަށިޖެހީމައެވެ. ނަމަވެސް އޭރު ކުރެވޭން އޮންނާނެ ހަމައެކަނި ކަމަކީ ރުއިމެވެ. މި ޙާލަތުގައި ވެސް ވަޠަން ދެކެ ލޯބިވާ ޙުއްބުލްވަޠަނުގެ ރޫޙުހުރި ބަޔަކު، މި ހިތާމަވެރި ދުވަސްތަކުން އަރައިގަތުމަށް ޓަކައި، ވިސްނައި ފިކުރުކުރެއެވެ. ހުއްޓައި ނުލައި މަސައްކަތްކުރާ ބަޔަކު މަސައްކަތް ވެސް އެބަ ކުރެއެވެ.

ވީމާ، ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުޙިއްބުލްވަޠަނުންނޭވެ! މި ނުރައްކާތެރި ޙާލަތުން އަރައިގަނެ، ގައުމުގެ މިނިވަންކަން އަނބުރައި ހޯދުމުގެ ކުޑަ ފުރުޞަތެއް އަދި އެބަ އޮތެވެ. އަންނަ ހޮނިހިރުގައި ލާ ވޯޓުގައި ގައުމީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒަށް ވޯޓުދެއްވައިގެން އޭނާ ހޮއްވަވައިފި ނަމަ، ދިވެހި މިނިވަންކަން ދިވެހީންނަށް އަލުން އަނބުރައި އިޢާދަކުރެވިދާނެއެވެ. އެހެން ނޫނީ ދިވެހި ގައުމަކީ ބޭރު ގައުމެއްގެ ކުޑަކުޑަ ސްޓޭޓެއްކަމަށް ހަމަޖެހޭނެއެވެ. ނުވަތަ ނަމުގައި މިނިވަން ގައުމެއްގެ ގޮތުގައި، ބޫޓާނު ފަދައިން ބައެއްގެ ގޮނޑިކޮއްކޮ ގައުމަކަށް އަބަދުގެ އަބަދަށް މި ގައުމު ވާނެއެވެ. ޚާރިޖީ ސިޔާސަތާއި ދިފާޢީ ބާރު ބޭރު ގައުމަކަށް އަބަދުގެ އަބަދަށް ލިބޭނެއެވެ. ތަރައްގީގެ މަޝްރޫޢޭ ކިޔައިގެން ހަޑި ހޭވުން ނޫންކަމެއް ނުވާނެއެވެ.

ވީމާ، ރިޝްވަތާއި ނުފޫޒަށް ނޫނެކޭ ބުނެ ޤައުމު ސަލާމަތްކުރާން ޢަޒުމު އާކުރާން އެބަ ޖެހެއެވެ. ދީނުގެ ނަމުގައި އަމިއްލަ އެދުމާހުރެ މަގުފުރެދިފައިވާ ގުސްތަރުންގެ ބަހަށް ހެއްލި ވަޑައިނުގަންނަވާށެވެ! ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ޙަވާލުކޮށްފައިމިވާ އަމާނާތަށް ރައްކާތެރިވާށެވެ! އަންނަ ހޮނިހިރު ދުވަހު އެންމެ ހެނދުނާ ނުކުމެވަޑައިގެން ކެންޑިޑޭޓު ނަންބަރު ހަތަރަކާ ދިމާގައި ފާހަގަ ޖައްސަވައި ވޯޓު ފޮށްޓަށް ވޯޓުލައްވައިގެން މި ޤައުމީ ވާޖިބު އަދާކުރައްވާށެވެ! އަޅުގަނޑުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި އަޅުގަނޑުގެ ބަސް ގަބޫލުކުރާ އެންމެން މި މަތިވެރި ގައުމީ ވާޖިބު އަދާކުރައްވާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51111

One Response

  1. ދޮގާ މަކަރާ އޮޅުވާލުން ގެންގުޅޭބަޔަކު މިފަހަރު ރަނގަޅަށް ބޭޒާރުވާނެކަން ގައިމު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *