Support Us

ކޮލަމް މާޒީ: އިޖުތިމާޢީ ބަލިމަޑުކަމުގެ ސަބަބުން ވޯޓުގެ އަމާނާތަށް ހުރަސްއެޅުނަ ނުދޭށެވެ!

މިއަދު ދިވެހި ގައުމަށް ފެތުރިފައިވާ އަދި ފަތުރަމުންދާ އެންމެ ނުރައްކާތެރި އިޖުތިމާޢީ ބަލިމަޑުކަމަކީ ރިޝްވަތުގެ ނުރައްކާތެރި ވަބާއެވެ. މިއީ މިހާރު މުޖުތަމަޢުގައި މޫ ލައި ވަކިހިއްޕައިފައިވާ ބަލިމަޑުކަމެކެވެ. ފިލުވައިލާން އުނދަގޫ މިންވަރަށް މި ބަލި ވަނީ ފެތުރިފައެވެ. ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުން ފަދައިން ރިޝްވަތުގެ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް މި ބަލީގެ ޝިކާރައަކަށް ވެފައިވާކަން ނުވެސް އެނގޭ މިންވަރަށް އެ ބަލި ވަނީ ފެތުރިފައެވެ. 

ބައެއް މީހުން ހީކުރަނީ ރިޝްވަތަކީ ހަމައެކަނި ޝަރީޢަތެއް ވަކި ގޮތަކަށް ނިންމާން ޤާޟީއަކަށް ދޭ ފައިސާއަށް އެކަނި ކިޔާ ނަމެއްކަމެވެ. ނަމަވެސް ހަގީގަތުގައި ރިޝްވަތަކީ މީހަކަށް ހައްގު ނޫން ކަމެއް ނުވަތަ އެއްޗެއް ނުވަތަ މަންފާއެއް ހޯދައިދުމަށް ޓަކައި، ނުވަތަ މީހަކު ކަމަކުން ބަރީއަކޮށް ސަލާމަތްވުމަށް ޓަކައި ފައިސާ ނުވަތަ އެ ނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައިދިނުމެވެ. ނުވަތަ މި ފަދަ ކަމެއް ކުރުމަށް ޓަކައި ތިމާއަށް ލިބިފައިވާ މަގާމުގެ ނުވަތަ އެހެން ވެސް ބާރެއް ބޭނުންކުރުމަކީ ވެސް ރިޝްވަތުގެ ތެރޭގައި ހިމެނޭނެ ކަންކަމެވެ.

މިއަދު ދައުލަތުގެ އިދާރާއަކުން އާންމު އުޞޫލުގެ މަތީން ކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކަމަކަށް ނުވަތަ ޚިދުމަތަކަށް އެދޭ ނަމަ، އެ ތާނގައި ރައްޓެއްސަކު ނުވަތަ ދަންނަ މީހަކު ހުރޭތޯ ބަލާން ޖެހެއެވެ. ހަގީގަތުގައި ފަސާދަ ފެތުރިފައި ނުވާ މުޖުތަމަޢެއް ނަމަ، ނުވަތަ ރިޝްވަތުގެ ވަބާ ފެތުރިފައި ނެތް ނަމަ، ޚިދުމަތަކަށް އެދުމުން އާންމު އުޞޫލުން ޢަދުލުވެރިކަމާއެކު އެ ޚިދުމަތެއް ފޯރުކޮށްދޭ ނަމަ، އެ ތަނެއްގައި ދަންނަ މީހަކު ނުވަތަ ރައްޓެއްސަކު ހުރުމެކޭ ނެތުމެކޭ ވާންޖެހޭނީ އެއް ގޮތެކެވެ. އެ ކަމެއް ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން އިޖުރާތާ އެއް ގޮތަށް ހިނގާނެއެވެ.

އިސްވެ މި ދެންނެވި ބާވަތުގެ ކަންކަން އެއީ ރިޝްވަތުކަމަކަށް، ފަސާދަކަމަކަށް ނުވަތަ ކޮރަޕްޝަންކަމަށް ބައެއް މީހުންނަށް ގަބޫލެއް ވެސް ނުކުރެވެއެވެ. ތިމާ ޢަދުލުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އަދާކުރާންޖެހޭ ޙައްގެއް އޭގެ ހައްގުވެރި ފަރާތަށް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ފައިސާ ކޮޅެއް ދީގެން ބަދަލުކޮށްލުން ބައެއް މީހުން ހީކުރަނީ އެއީ އެ މީހުންނަށް އޮންނަ ޙައްގެއް ކަމަށެވެ. މިއީ އާމްދަނީ ހޯދާން ހުޅުވިފައިވާ ހައްގު ދޮރެއް ކަމަށް ވެސް ބައެއް މީހުން މިއަދު އެބަ ހީކުރެއެވެ. 

މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމަށް ނުވަތަ ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމަށް މީހަކު އިންތިޚާބުކުރުމުގައި، ތިމާގެ ކިބައިގައި އޮތް މަސްއޫލިއްޔަތަކީ އަދި އަމާނާތަކީ، އެ ކަމަށް އެންމެ އެކަށީގެންވާ ގާބިލު މީހަކަށް ވޯޓު ދިނުމެވެ. މާތް ﷲއަށް ޓަކައި ތެދުވެރިކަމާއެކު އެ އަމާނާތް އަދާކުރުމެވެ. ނަމަވެސް ތިމަންނާ ވޯޓުދޭނީ ތިމަންނާއަށް އެންމެ ގިނައިން ފައިސާ ހުށަހަޅާ މީހަކަށްކަމަށް ބައެއް މީހުން ހަމަ ސާފުކޮށް އެބަ އިޢުލާނުކުރެއެވެ. އަދި ތިމަންނާގެ އައިޑީކާޑު ގަންނާނެ މީހަކު ހުރިތޯ ރައްޓެހީންކުރެން އަހައި ވެސް އެބަ ހަދައެވެ. މިއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މިއިން ކަމެއް ބޮޑުކަމަކަށް ވެގެން މި ކަން ހުއްޓުވާން އުޅޭ ނުވަތަ ކެރޭ އެއްވެސް މުއައްސަސާއެއް ނެތެވެ. ނުވަތަ އެ ކަން ބެލޭނެ ގޮތެއް ވެސް ނެތެވެ. ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާއެއް ހުއްޓަސް އެ ތަންތަނެކޭ ދަތް ނެތް ސިންގާއެކޭ ތަފާތެއް ނެތެވެ. މައްސަލައެއް ބަލާން ފެށުމުން މުޅި މުއައްސަސާގެ ހުރިހައި މެންބަރުންގެ އިތުބާރު ނެތުނީއެވެ. އިސްތިއުފާ ދިނީއެވެ. ވަކިކުރީއެވެ. ދެން "ބަސްއަހާ" މެންބަރުން ޢައްޔަންކުރީއެވެ. ވީމާ ފަސާދައިގެ ވާހަކަ ދައްކައިގެން ލިބޭނެ ކުރިއެރުމެއް ނެތެވެ. މިއީ ގަބޫލުކުރާން ބޭނުން ނޫނަސް މިއަދު މި މުޖުތަމަޢުގެ ހިތި ހަގީގަތެވެ. މި މުޖުތަމައުގައި ފަސާދައާއި ރިޝްވަތު މި ވަނީ މި ވަރަށް އާންމުވެފައެވެ. ގަބޫލުކުރާން ބޭނުން ވިޔަސް ނުވިޔަސްވެހެވެ.

އިސްވެ އަޅުގަނޑު ދަންނަވައިލި ރިޝްވަތުގެ އިޞްތިލާހަށް ބަލާއިރު، އިންތިޚާބަށް ހައެއްކަ ދުވަހަށް ވުމުން، އެ ކެންޑިޑޭޓަކަށް ލިބިފައިވާ ގާނޫނީ ބާރު ބޭނުންކޮށްގެން، ވޯޓު ދޭ މީހުން ދައުލަތަށް ދައްކާ ޖެހޭ ޓެކުސް މަޢާފުކުރުމަކީ އަދި ވޯޓުދިނުން ހައްގު މީސްމީހުންނަށް ތަފާތު ޢިނާޔަތްތައް ދިނުމަކީ އެ ވޯޓުގެ ހައްގުވެރި ފަރާތް ނޫން ފަރާތަކަށް ވޯޓު ހޯދުމަށް ޓަކައި ހިންގޭ ފަސާދައިގެ ޢަމަލަކަށް ނޫނީ ނުވާނެއެވެ. ތިމާއަށް ލިބިފައިވާ ގާނޫނީ ބާރު ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން އެ ބަޔެއްގެ ވޯޓުދިނުމުގެ އަމާނާތް އޭގެ ހައްގު ވެރިޔާ ފިޔަވައި އަނެކާއަށް އަނބުރައިލުމަށް ޓަކައި މަސައްކަތްކުރުމަކީ ކެންޕޭނެއް ނޫނެވެ. އެއީ ފަސާދައެވެ. ނާޖާއިދު ފައިދާއެވެ. ކޮރަޕްޝަނެވެ. ރިޝްވަތެވެ. އެ ކަންކަން ބަލާނެ މީހަކު، ނެތުމަކީ އެއީ ރިޝްވަތަށް އެ ކަން ނުވުމެއް ނޫނެވެ. އަދި ވަކި މީހަކަށް ވޯޓު ދޭ މަތީން، ފައިސާ ބެހުމަކީ ރިޝްވަތުކަން އެންމެންނަށް ވެސް އެނގޭ އިރު، ފައިސާ ދޭ މީހަކަށް ނޫނީ ތިމަން ވޯޓު ނުދޭނަމޭ ބުނެ ފައިސާއަށް ވޯޓު ވިއްކުމަކީ ވެސް ކަނޑައެޅިގެން ރިޝްވަތުގެ ޢަމަލެކެވެ. ރިޝްވަތުގެ ޢަމަލަކީ އެ ޢަމަލުގައި ބައިވެރިވި ތިން މީހުންގެ މައްޗަށް މާތްﷲ ލަޢުނަތްލައްވައިފައިވާ ނުރައްކާތެރި ޢަމަލެކެވެ. އެއީ ރިޝްވަތު ހުށަހަޅާ މީހާއާއި ރިޝްވަތު ގަބޫލުކުރާ މީހާއާއި ރިޝްވަތު ދިނުމުގައި މެދުވެރިވާ މީހާއެވެ. ﷲގެ ލަޢުނަތް ލެއްވުުގެ މާނައަކީ އެ ކަލާނގެ ރަޙުމަތުން އެ މީހަކު ބޭރުކުރެއްވުމެވެ.

ރިޝްވަތުގެ ގޮތުގައި ލިބޭ ތަކެއްޗަކީ ބާޠިލު ގޮތުގައި ހޯދާ މުދަލެކެވެ. ތިމާ މާތްﷲއަށް ޓަކައި، ގައުމަށް އެންމެ ރަނގަޅު ވެރިޔަކު އިންތިޚާބުކުރުމަށް ޓަކައި އަމާނާތްތެރިކަމާއެކު އަދާކުރާންޖެހޭ ވޯޓުގެ ހައްގު، އަމާނާތްތެރިކަމާއެކު އަދާނުކޮށް، އެ ޙައްގުން ނާޖާއިޒު ގޮތުގައި މަންފާ ހޯދުންކަމަށް ވިޔަސް އެއީ ރިޝްވަތެވެ. ތިމާގެ ވޯޓު ވަކި މީހަކަށް ދޭނަމޭ ބުނެ މީހަކު އަތުން ފައިސާ ހިފިފައި ވިޔަސް އެއީ އަމާނާތްތެރިކަމާއެކު ވޯޓުދިނުމުގެ ޙައްގު އަދާކުރުމަށް އޮތް ހުރަހެއް ނޫނެވެ. މި ގޮތަށް ފައިސާ ހިފިފައިވާ ނަމަ، ﷲއަށް ބިރުވެތިވެ ތައުބާވާށެވެ! އެ ފައިސާ ތިމާއާއި ތިމާގެ އަނބިދަރީންނަށް ޚަރަދުނުކުރާށެވެ! އެ ދިން މީހަކަށް ރައްދުކުރާށެވެ! އެ މީހަކަށް އެ ފައިސާ ރައްދުކުރެވޭނެ މަގެއް ނެތް ނަމަ، އިޖުތިމާޢީ ކޮންމެވެސް ކަމަކަށް އެ ފައިސާ ހޭދަކޮށްލުމަށް ފަހު، ޙައްގަށް ރުޖޫޢަވާށެވެ! އަދި ގައުމުގެ ވެރިޔަކު ހޮވުމުގައި ތިމާ އަދާކުރާންޖެހޭ ވާޖިބަށް ހުރަސްއެޅޭ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! އެއީ ތިމާ، މާތްﷲއަށް ޓަކައި، ތިމާގެ ގައުމަށް ޓަކައި، ޚުދު ތިމާއަށް ޓަކައި ވެސް އަދާކުރާން ޖެހޭ ވަރަށް ބޮޑު ހައްގެކެވެ. މި ހައްގަށް ހުރަސް އެޅޭ އެންމެހައި ޢަމަލުތަކަކީ ޝައިޠާނާގެ ޢަމަލުތަކެއްކަން ހަނދާންކުރާން އެބަ ޖެހެއެވެ. 

ވީމާ، ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގައުމުގެ ވެރިޔަކު އިންތިޚާބުކުރުމުގައި ތިމާ އަދާކުރާންޖެހޭ އަމާނާތަކީ ކުޑަ އަމާނާތެއްނޫނެވެ. އެއީ އެ އަމާނާތާ މެދު ތިމާއާ ސުވާލުކުރެވޭނޭ އަމާނާތެކެވެ. ތިމާ އެ ކަމަށް ޒިންމާ އުފުއްލާން ޖެހޭނެ، މަސްއޫލިއްޔަތެކެވެ. އަމާނާތްތައް އޭގެ ޙައްގުވެރީންނަށް އަދާކުރުމަށް މާތްﷲ ވަނީ ގަދަ އަމުރުފުޅުން އަމުރުކުރައްވައިފައެވެ.

ވީމާ، އަންނަ ހޮނިހިރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ތިމާ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އެންމެ ރަނގަޅު އެންމެ ގާބިލު ކެންޑިޑޭޓަށް ވޯޓުދިނުމަކީ ތިމާ، ތިމާގެ އަމިއްލަ ނަފުސަށް ޓަކައި، ތިމާގެ ގައުމުގެ މާދަމާއަށް ޓަކައި އަދި މާތް ﷲގެ ރަސްކަންފުޅަށް ޓަކައި އިޚުލާޞްތެރިކަމާއެކު އަދާކުރާންޖެހޭ ވަރަށް މުހިންމު އަމާނާތެއްކަން ހަނދާން ބަހައްޓާން އެބަޖެހެއެވެ.