އެ މަނިކުފާނުގެ ސަރުކާރެއްގައި ޝަރީއަތުގެ ތެރެެއަށް ދައުލަތުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަަދަ ކަމެއް ކުރާ އެއްވެސް މީހަކު ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރެއްޖެކަން އެނގޭ ހިސާބުން އެމީހަކު މަގާމުން ވަކިކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެން/ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި މިއަދު ހަވީރު, ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ޖުޑިޝަރީ މިނިވަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުއީ ދާއިރާއަކީ ހަގީގީ މާނައިގައި މިނިވަން ޖުޑިޝަރީއަކަށް ވެގެންދާނެ ކަމަށާއި އޭރުން ފަނޑިޔާރުންނަށް މިނިވަން ޖައްވެއް ލިބިގެންދާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އޭރުން ރައީސް އަބްދުﷲ ޔާމީނަށް މިނިވަންކަން ލިބިގެންދާނެ ކަމަށާއި ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވި ބޮމުގެ ހަމަލާގައި މިހާތަނަށް ނުބެލި އޮތް މައްސަލަވެސް ބެލިގެންދާނެ ކަމަށެވެ. އަދި ކުޑަ މީހެއް ބޮޑު މީހެއް ބެލުމެއް ނެތި، މަގާމުގެ ތަފާތު ބެލުމެއް ނެތި އިންސާފުވެރިކަމާއި ހަމަހަަމަކަމާއި އަދުލުވެރިކަމާ އެކު އިންސާފު ފޯރުކޮށްދިނުމުގެ ފުރުސަތު ފަނޑިޔާރުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ޝަރީއަތުގެ ތެރެއަށް ދައުލަތުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނަން. ފޯރުވުމުގެ ފުރުސަތެއް ވެސް ނުދޭނަން. އެކަހަލަ ކަމެއް ކުރާ އެއްވެސް މީހަކު އެއްވެސް މަގާމެއްގައި ހުރެެއްޖެނަމަ އެމީހަކު އަޅުގަނޑަށް ފެންނަ ހިސާބުން، އެނގޭ ހިސާބުން ވަކިކުރާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ގޮތަކަށް ގައުމުގެ ކަންކަން ކުރިއަށް ގެންގޮސްދެެއްވާނެ ކަމަށާއި މި ގައުމަކީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ހިންގާ ސަރުކާރެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށެވެ. އަދި އަނިޔާވެރިކަމަކީ ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެއްވެސް ހާލެއްގައި ޖާގަދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މި ގައުމުގައި މި ފަހަކަށް އައިސް، މިފަސް އަހަރު އަމުދުން މި ފެނިގެން މިދިޔަ ފަދަ ބޭއިންސާފާއި އަނިޔާވެރިކަން އިރާދަކުރެއްވިއްޔާ ތާއަބަދަށް ނިމުމަކަށް ގެންނާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭ މިނިވަންކަމަށް ހުރަސް އެޅިފައިވާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން އިތުބާރުކޮށް، އަންނަ ހޮނިހިރު ދުވަހުގެ ވޯޓުން ވެރިކަން ހަވާލުކޮށްފިނަމަ މަސައްކަތުގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ހާރިޖީ ސިޔާސަތު ހަމަ މަގަށް އެޅުވުން ކަމަށެވެ. ހާރިޖީ ސިޔާސަތު މިހާރު އޮތީ މަގުން ކައްސާލައިފައި ކަމަށާއި ރަސްމީކޮށް މިނިވަން ގަތުމެއްގެ ގޮތުގައި އޮތަސް އަމަލީ ގޮތުން ރާއްޖޭގެ މިނިވަންކަން އަމިއްލަ އަތުން ބީވެގެން ގޮސްފައިވާ ކަމަށްް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެކި ނަންނަމުގައި އެކިއެކި ވަރުވަރުގެ ދަރަނި ނަގާ ނިންމައިފި ކަމަށާއި ދިވެހިންގެ ބޮލުގައި 114 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައިވާއިރު އޭގެެތެރެއިން 50 އިންސައްތައަކީ އެންމެ ގައުމަކުން މި ސަރުކާރުން ނަގާފައިވާ ދަރަނި ކަމަށެވެ. އަދި އެ ދަރަނިތަކާ ބެހޭ ތަފްސީލް ހާމަކޮށްލަންވީމާ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށާއި މިހާލަތަށް ގައުމުގެ ހާރިޖީ ސިޔާސަތު އޮތުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކަނޑު ވިއްކާލައިފި. އަޅުގަނޑުމެންގެ އެކިއެކި ސަރަހައްދުތައް އެކިއެކި އެގްރީމަންޓް ހަދާފައި ހަވާލުކުރެވިއްޖެ. އެކިއެކި މަޝްރޫއުތައް އަޑި ނޭނގޭ އެއްބަސްވުމުގެ ތެރެއަށްލާ ގުޅިލާމެހިއްޖެ. އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ނޭނގޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment