...

Support Us

ކޮލަމް މާޒީ: ދިވެހީންގެރާއްޖެ ދިވެހީންނަށް

ٱلْحَمْدُ لِلَّٰهِ އެވެ! އަޅުގަނޑު، އެ ބަޔަކާ މެދު ދައްކަމުން އައި ވާހަކަތައް ސީދާ އެ ބަޔެއްގެ ޢަމަލާއި ބަހުން ހާމަވުމުގެ މަގު މާތް ﷲ ފަހިކޮށްދެއްވައިފިއެވެ. އަޅުގަނޑު މި ދައްކަމުން އައި ސާބިތު ވާހަކައިގެ ތެދުކަން ރައްޔިތުންނަށް އިތުރަށް ކަށަވަރުވާނެ އިތުރު ސަބަބުތައް މިންވަރުކުރައްވައިފިއެވެ.

މި ރާއްޖޭގައި މީގެ ހަ ދުވަސް ފަހުން، ސެޕްޓެންބަރު 30ގައި، އޮންނަ ރިޔާސީ ވޯޓަކީ ދިވެހީންގެ ރާއްޖެއާއި އިންޑިއާގެ ރާއްޖެއާ ދެމެދު ނެގޭ ވޯޓެކޭ އަޅުގަނޑު މި އަންނަނީ އެކި ގޮތްގޮތަށް ބަޔާންކުރަމުންނެވެ. މި އިންތިޚާބުގައި އެއްކޮޅުން އޮތީ ދިވެހީންގެ މަޞްލަޙަތެވެ. ދިވެހީންގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލެވެ. ދިވެހީންގެ ރާއްޖޭގެ ބާރު ދިވެހީންނަށް ލިބުމެވެ. އަނެއް ކޮޅުގައި އޮތީ އިންޑިއާ ބާރުގަދަކުރުމަށް ޓަކައި ދިވެހިރާއްޖެ މުށުތެރޭގައި ބާއްވާން ކުރާ މަސައްކަތެވެ. މީގެ ދެތިން ގަރުނުގެ ކުރީން ސުރެ ކުރަމުން އައި ސިލްސިލާ މަސައްކަތެވެ.

މި ކަން ސާބިތުވަނީ ރާއްޖޭގެ މި ދާޚިލީ އިންތިޚާބާ އިންޑިއާއިން ބެހެމުން އަންނާތީއެވެ. ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ސަފީރުންނަކީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެއްވުމަށް ގާއިމުވެވަޑައިގެން ތިއްބަވާ ބޭފުޅުންނެވެ. އެ ގައުމެއްގެ ވެރިކަމަށް އަންނަ ބަދަލަކީ އެ ސަފީރަކާ ބެހޭ ކަމެއް ނޫނެވެ. ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް އެ ގައުމުގެ ރައްޔިތުންނަކީ ހަމަ އެއް ބަޔެކެވެ. ދެ ގައުމެއްގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް ޓަކައި ކުރައްވާ މަސައްކަތްޕުޅަކީ ހަމަ އެއް މަސައްކަތްޕުޅެކެވެ. ވެރީން ބަދަލުވާނެއެވެ. ރައްޔިތުން އުފަންވެ ދުނިޔެ ދޫކުރާނެއެވެ. ރާއްޖެ ދެމިއޮންނާނެއެވެ. އެ ގައުމެއްގެ ވެރިކަމުގެ ނިޒާމާއި ވެރިއަކަށް އިންތިޚާބުކުރާނެ ބޭފުޅަކު ކަނޑައަޅާނީ އެ ގައުމެއްގެ ރައްޔިތުންނެވެ.

ހަނިމާދޫގައި ތިބޭ އިންޑިއާ ސިފައިން ވެހިކަލަކަށް އަރަނީ

ރާއްޖޭގައި ވެސް ވަރަށް ގިނަ ގައުމުތަކުގެ ސަފާރާތަކާއި ކޮންސިއުލޭޓްތައް ހުއްޓައި އެބަ ފެނެއެވެ. ސްރީ ލަންކާއެވެ. ސަޢޫދީ ޢަރަބިއްޔާއެވެ. އިންޑިއާއެވެ. ޕާކިސްތާނެވެ. ޗައިނާއެވެ. ބަނގުލާދޭޝްއެވެ. ޖަޕާނެވެ. މި ނޫނަސް ކިތަންމެ ގައުމެކެވެ. މުސްލިމު ގައުމުތަކާއި ޣައިރު މުސްލިމު ގައުމުތަކެވެ. އިންޑިއާ ފިޔަވައި މިއިން އެއްވެސް ގައުމެއްގެ ސަފީރަކު، ރާއްޖޭގައި އޮންނަ އިންތިޚާބުތަކާ ބެހޭ ގޮތުން ނުވަތަ އެހެން ވެސް ދާޚިލީ ކަމަކާ ގުޅޭ ގޮތުން ޙަރަކާތްތެރިވެވަޑައެއް ނުގަންނަވައެވެ. ވާހަކަފުޅެއް ނުދައްކަވައެވެ. އެކަމަކު އިންޑިއާ ސަފީރު އުޅުއްވާ ގޮތުން ހީވަނީ އިންޑިއާގެ ބޮޑުވަޒީރަކު ހޮވާން މި ރާއްޖޭގެ ރައްޔިތުން އުޅޭހެންނެވެ. އެއްގެއިން އަނެއް ގެއަށް (މިހާރު މީހުން ކިޔާ ގޮތުން ދޮރުން ދޮރަށް) ވަޑައިގަންނަވަނީއެވެ. އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވަނީއެވެ. ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވަނީއެވެ. ސަރުކާރާ ކޯލިޝަން ހަދާން ބާރުއަޅުއްވަނީއެވެ. ކުދިކުދި ކަންކަން ބޮޑެތި ކަންކަމަށް ހައްދަވައިގެން އިޝްތިހާރު "ކުޅުއްވަނީއެވެ." މިދާކަށް ދުވަހަކު ރަށެއްގެ ސްކޫލަކަށް އެންމެ ކޮންޕިޔުޓަރެއް ހަދިޔާކުރައްވާން ވެސް ބޮޑު އިޙުތިފާލެއް ބާއްވައިފިއެވެ. ހަގީގަތުގައި މި ފަދަ ކަންކަމުން ލިބެނީ ޝުހުރަތެއް ނޫނެވެ. ލިބެނީ މަލާމާތެވެ. ބޭރު ގައުމަކުން އެކުވެރި ގައުމަކަށް އެންމެ ކޮންޕިޔުޓަރެއް ހަދިޔާކުރުމަކީ ބޮޑު އެހީއެއްކަމަށް ދެއްކުމުން އެ ބުނެދެނީ ވަރަށް ބޮޑު ވާހަކައެކެވެ. އެއިން އަންގައިދެނީ އެ ބަޔެއްގެ ކުރިމަތީގައި، ދިވެހީންނަކީ ނިކަމެތި ބަޔެއްކަމަށް ދެކޭ މިންވަރެވެ. އެހެނީ ކޮންޕިޔުޓަރެއް ގަނެފައި މީހަކަށް ހަދިޔާކުރުމަކީ އެންމެ ފަރުދަކަށް ކޮށްލެވިދާނެ ކަމެކެވެ. އެހެންވީމާ ބިޔަ ބޮޑު ދައުލަތެއްގެ ނިސްބަތުގައި އެއީ ކޮން އެހީއެއްތޯއެވެ!؟

އިންޑިއާ ސަފީރު ކާރުކޮޅުގައި އެމް.އެން.ޑީ.އެފް ހެޑްކުއާޓަރަށް ވަންނަވަނީ –ފޮޓޯ: މީސްމީޑިއާ

މި ކަން މިހެން އޮއްވައި މީގެ ދެތިން ދުވަހެއްގެ ކުރީން ފެށިގެން މީސްމީޑިއާގައި މި ވަނީ އިންޑިއާގެ ވެރިކަން ހިންގާ ހަރުކަށި ހިންދީ ޕާޓީ (ބީޖޭޕީ)ގެ މީސްމީޑިއާ ޙަރަކާތްތެރީން ވަކި ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓަށް ކެންޕޭނުކުރާން ފަށައިފައެވެ. އެމްޑީޕީ ވެރިކަމުގައި އެބައިމީހުންގެ މަޞްލަޙަތު އޮތް މިންވަރު މި ކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ހާމަވާނެއެވެ. ހަދިޔާއޭ ކިޔައިގެން (ދިވެހީންނަށް ދުވަހަކު ވެސް މިލްކު ނުވަ ގޮތަށް، އަތް ނުލެވޭ ގޮތަށް) މި ތަނުގައި ބޭއްވި ދެ ހެލިކޮޕްޓަރު ބެލެހެއްޓުމާއި ދިވެހީން ތަމްރީނުކުރުމުގެ ނަމުގައި ބެއިތިއްބި އިންޑިއާ ސިފައިން އިތުރުކުރަމުން ގެންދިޔަކަން ދިވެހީންނަށް އެނގޭނެއެވެ. ދުވަހަކު ވެސް ހެލިކޮޕްޓަރު ދުއްވާން ދިވެއްސަކަށް ދަސްކޮށްނުދެވުނުކަމެވެ. އަނެއްކާ އަތްނުލެވޭ ހަދިޔާއެއް ކަމުގައި ގެނައި ޑޯނިއާ މަތީންދާބޯޓު ގެނެސް ހަނިމާދޫގައި މަރުކަޒުކޮށް ދިވެހި ސިފައިންގެ ބާރު ހަނިމާދޫން ކަނޑުވައިލި ގޮތެވެ. ދިވެހީންނަށް ބައިނަލްއަޤުވާމީ ވައިގެބަނދަރެއް ހަދައިދިނުމުގެ ނަމުގައި ދިވެހީންގެ ނަމުގައި ދަރަނި ފައިސާ ނަގައިގެން އެ ތަން އެ މީހުންގެ ވައިގެ މަރުކަޒަކަށް ތައްޔާރުކުރަމުން ގެންދާ ގޮތެވެ. ދިވެހި ސިފައިންގެ މަރުކަޒެއްކަމުގައި ތައްޔާރުކުރަމުން އައި އުތުރު ތިިލަފަޅު ދިވެހީންނަށް ތަރައްގީކޮށްދިނުމުގެ ނަމުގައި ދިވެހީންގެ ނަމުގައި ދަރަނި ނަގައިގެން އިންޑިއާ ސިފައިންގެ ކަނޑުގެ މަރުކަޒަކަށް އެ ތަން ތައްޔާރުކުރަމުން ގެންދާ ގޮތެވެ. މި ކަން އޮޅުވައިލާން އަދުގެ ސަރުކާރުން މަސައްކަތްކުރިޔަސް، އިންޑިއާގެ ނޫސްތަކުން ވަނީ މި ތަންތާނގެ ހަގީގަތް ހާމަކޮށް އެއީ އިންޑިއާ ސިފައިންގެ ބޭނުމަށް ހަދާ ތަންތަންކަމަށް ފަޚުރުވެރިކަމާއެކު އިޢުލާނުކޮށްފައެވެ.

ހަނިމާދޫގައި އޮންނަ "އެމް.އެން.ޑީ.އެފްގެ" ޑޯނިއާ މަތިންދާބޯޓު ކައިރީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ

އެހެންވީމާ، އިންޑިއާ ސަރުކާރު ދެކޭ ގޮތުގައި، އަދި ހަރުކަށި ޕީޖޭޕީގެ އެކްޓިވިސްޓުން ދެކޭ ގޮތުގައި، ދިވެހީންގެ ރާއްޖެއަކީ މިހާރު އިންޑިއާގެ ތަނެކެވެ. މި ތާނގައި ވެރިއަކަށް ހުންނާންޖެހޭނީ އެ މީހުން ބުނާހާ ކަމެއް ކޮށް، ދައްކާހާ އެއްޗެއްގައި ސޮއިކޮށް، ބޭނުންހާ ދަރަންޏެއް ބޮލުގައި އަޅާނޭ މީހެކެވެ. އެ މީހުންގެ ސަފީރު އެ މަސައްކަތްކުރަމުން އަންނަނިކޮށް އެ މިންވަރު ނުފުދިގެން ހިންދުތުވާގެ އެކްޓިވިސްޓުން މެދުވެރިކޮށް މީސްމީޑިއާގައި ކެންޕޭނު ކުރާން ފެށީއެވެ.

ވީމާ، ލޮބުވެތި ރައްޔިތުންނޭވެ! ދިވެހި އަޚުންނާއި އުޚުތުންނޭވެ! އިންޑިއާގެ ވަކިތަކުން ޤައުމު ސަލާމަތްކުރެއްވުމަށް ޓަކައި އަޒުމު އާކުރައްވާށެވެ! އެ މީހުން ރާވާ މަކަރުވެރި ރޭވުންތަކަށް ސަމާލުވެ ރައްކާތެރިވެވަޑައިގަންނަވާށެވެ! ކަނޑައަޅުއްވާ ޢަޒުމަކީ މީހަކު ދައްކާހައި ދަޅައަކަށް ދައްކާހައި ބިރަކަށް ގުޑައިލާނެ އެއްޗަކަށް ނަހައްދަވާށެވެ! ދިވެހީންގެ އަތްމަތީގައި ދިވެހި ގައުމުގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކުރެއްވުމަށް ޓަކައި ގައުމީ ބަޠަލަކަށް ވެވަޑައިގަންނަވާށެވެ! ކުރިއަށް މި އޮތް ހައެއްކަ ދުވަހު އައިޑީކާޑާއި ލައިސްނަސް ކާޑު ރައްކާތެރިކަމާއެކު ގެންގުޅުއްވާށެވެ! އަދި އަންނަ ހޮނިހިރު ދުވަހު ހެނދުނުހެނދުނާ ނުކުމެވަޑައިގެން ކެންޑިޑޭޓް ނަންބަރު ހަތަރަކާ ދިމާގައި ފާހަގަޖައްސަވައި ވޯޓުފޮށްޓަށް ވައްޓައިލަދެއްވާށެވެ! ދިވެހީންގެ ރާއްޖެ އަނބުރައި ދިވެހީންނަށް ހޯއްދަވައިދެއްވުމަށް އެހީތެރިވެވަޑައިގެން ދެއްވާށެވެ! ކީރިތިވަންތަ މާތްﷲ އަޅުގަނޑުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން އިލްހާމުކުރައްވާށިއެވެ!

 

ކަވަރ ފޮޓޯގައި: ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިންޑިއާ ސަފީރު (މ) އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވަނީ (16 ޖުލައި 2023)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.