Support Us

ރިޔާސީ އިންތިހާބު 2023:

ހެދޭ ޑީލަކަށް ގައުމުގެ މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް ވެގެންނުވާނެ: ޑރ. މުއިއްޒު

ގައުމު މިނިވަންކުރުމުގެ ބާރު އަމިއްލަ އަތުގައި އޮއްވައި މަދު ފައިސާކޮޅެއްގެ ބޭނުމުގައި އެ ބާރުތައް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދޫކޮށްލައި ގައުމުގެ މިނިވަންކަން ވިއްކާލާ ފަދަ "ޗީޕް" ބަޔަކަށް ދިވެހިން ވެގެންނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެރާއްޖެ"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ރިޔާސީ ކެންޕެއިންގައި، ގިރާވަރު ކޮމިއުނިޓީއާ މިރޭ ބައްދަލުކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަކީ މުހިންމު ކަމެއް ކަމަށާއި ދިވެހި އަބުތޯލުން މި ދިވެހި ރާއްޖޭގެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެއްވި ޖިހާދަށް އިިހުތިރާމްކުރާ ފަހުރުވެރި ބައެއްގެ ގޮތުގައި ދިވެހިން ވާންޖެހޭ ކަމަށެވެ.

"ލިބޭ މަދު ފައިސާކޮޅަކަށް، ހެދޭ ޑީލްތަކަށް، ލިބޭ މަގާމަކަށް، ލިބޭ ޕްރޮޖެކްޓަކަށް، (ނޫނީ) އެހެން ކަމަކަށް އަޅުގަނޑުމެންގެ މިނިވަންކަން ވިއްކާލާ ފަދަ ޗީޕް (އަގެއްނެތް) ބަޔަކަށް ވެގެންނުވާނެ،" ވެހެމުންދިޔަ ވާރޭގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އިންޑިއާގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭ ތިބުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ އުތުރު ތިލަފަޅަކީ ދިވެހިންގެ ތަނެއް ކަމަށް ކިތަންމެ ގޮތަކަށް މި ސަރުކާރުން ވާހަކަތައް ދެެއްކި ނަމަވެސް "އެ ތަނަކީ ދިވެހި ސިފައިންގެ ބާރު އޮތް ތަނެއް ނޫން" ކަމަށާއި "ދިވެހި ސިފައިންނަށް ވެސް އެތަނަށް އެރެނީ ހުއްދަ ހޯދައިގެން" ކަމަށެވެ.

މީގެ އިތުރުން އިންޑިއާއާ އެކު ހަދައިފައިވާ "ތިލަމާލެ ބްރިޖް"ގެ އެގްރީމަންޓްގައި ހިމެނޭ މާއްދާތައް ހާމަކޮށްލަދޭން މި ސަރުކާރަށް ނުކެރިގެން ސުޕްރީމު ކޯޓަށް ދިޔަ ކަމަށާއި އެ އެގްރީމަންޓްގައި ހިމެނޭ މާއްދާތައް ހާމަކޮށްފިނަމަ ރާއްޖެއަށް ލިބޭ ހަނޑޫ، ހަކުރު، ފުށް ލިބުން ދަތިވާނެ ކަމަށް ބުނުމަކީ ގައުމުގެ މިނިވަންކަމަށް އަނދިރި އެޅިފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމަކީ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހި އަބުތޯލުން އެކިފަހަރު މަތިން ދިވެހީންގެރާއްޖެ ދިވެހިންގެ އަތުން ބީވެގެން ދިއުމުން ދިވެހިންގެރާއްޖެ ދިވެހިންނަށް ހޯއްދަވައިދެއްވާފައިވާތީ ލިބިފައިވާ މިނިވަން ކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިއަދު ރާއްޖޭގެ މިނިވަންކަމަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަމުން ގައުމު ސަލާމަތްކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި އެއީ ދިވެހި އަބުތޯލުން ރާއްޖޭގެ މިނިވަންކަން ހޯއްދަވައިދެއްވި ގޮތަށް ގައުމީ ޖޯޝުގައި އެންމެން އަތުކުރިއޮޅާލައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ ބޭރު ސިފައިން ދިވެހި ގައުމުން ބޭރުކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *