ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެފަހުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭ.ޕީ) ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ގުޅިވަޑައިގެން ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައިފި އެވެ.
"ދިވެހީންގެރާއްޖެ" ނަމުގައި ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ ރިޔާސީ ކެންޕެއިންގައި މިރޭ ގިރާވަރު ކޮމިއުނިޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ޕީޕީއެމާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޑރ. މުއިއްޒެވެ.
ވެހެމުންދިޔަ ވާރޭގައި، ޕީޕީއެމާ މިރޭ ގުޅިވަޑައިގެންނެވި ޖޭޕީގެ ކައުންސިލް މެމްބަރުންގެ ތެރޭގައި ނައިބު ރައީސް ޖިހާދުގެ އިތުރުން، ރައީސް ޔާމީން ސަރުކާރުގެ ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި ޑރ. އިރުތިޝާމް އާދަމާއި ސްޓެލްކޯގެ ކުރީގެ އެމް.ޑީ ހަސަން މުޣުނީ އާއި މަޖިލިސްގެ ކުރީގެ ވެލިދޫ މެމްބަރު ޔާމީން ރަޝީދު ހިމެނިވަޑައިގެންނަވަ އެވެ.



މީގެ އިތުރުން ފިލްމީ ބަތޮލާ އައިޝަތު ރިޝްފާ އާއި ތައުލީމީ ގޮތުން ފުންނާބު އުސް ޒުވާން އެތައް ބޭފުޅުންނެއް ވެސް މިރޭ އެ ޕާޓީއާ ގުޅިފައިވެ އެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ނުގުޅުނު ނަމަވެސް، މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ގިނަ އަދަދެއްގެ ބޭފުޅުންނާ ވެސް ޑރ. މުއިއްޒު މިރޭ ސަލާމް ކުރައްވައި މަރުހަބާ ވިދާޅުވެ ފޮޓޯ ނެންގެވިއެވެ.







ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment