އެއް މަޝްރޫއެއް އެކި ފަހަރު މަތިން އެތައް ކުންފުންޏަކަށް ދީގެން ވެސް ނުނިމި ހުއްޓިފައި އެބަހުރި ކަަމަށާއި މިގޮތަށް ވެސް ރައްޔިތުންގެ ފައިސާ އެތައް ފަހަރަކު މި ސަރުކާރުން އިސްރާފުކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންގެ ރިޔާސީ ކެންޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިން ދަތުރުގައި ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްްޒު ވިދާޅުވީ ރާއްޖޭގެ ރަށްރަަށަށް ވަޑައިގަތުމުން އެ ރަށްރަށުގައި މި ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވުމަށް ރައްޔިތުން އެދޭ ކަމަށާއި އަދި ވެރިކަން ބަދަލުވެއްޖެ ނަމަ އެ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާލާނެ ކަމުގެ ބިރު ދައްކަމުން ގެންދާ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
"ފަށައިފައި މި ވާގޮތަކީ މަޝްރޫއު ހުއްޓެނީ. ވާގޮތަކީ އެ މަޝްރޫއު ދީފައި އޮންނަ ކުންފުނިން އެޑްވާންސް ޕޭމަންޓް ނަގައިގެން ދަނީ ގެއަށް. އަނެއްކާ ވެސް އެތައް ދުވަހެއް ވީމަ އެހެން ކުންފުންޏަކާ ހަވާލުކުރާނެ. ހަވާލުކުރާނީ އެޑްވާންސް ޕޭމަންޓް ދީފައި. އެ ދެން އެ ކުންފުންޏަށް ވާވަރު ވީ. އެ ކުންފުނި ވެސް ދާނީ ގެއަށް. އަނެއްކާ އަނެއް ކުންފުނި ގެންނާނެ. މިގޮތަށް ތިން ހަތަރު ފަސް ފަަހަރު އެއް މަޝްރޫއެއް ހަވާލުކޮށްފައި ރާއްޖޭގެ އުތުރާއި ދެކުނު އެތައް ރަށެއްގައި. މިއީ މި ސަރުކާރުން ރައްޔިތުންނާ މެދު އިހުމާލުވާވަރު،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެކި ރަށްރަށުގައި މި ސަރުކާރުން މިގޮތަށް ފަށައިފައިވާ މަޝްރޫއުތައް ހުއްޓާލައި ރައްޔިތުންނަށް އިހުމާލުވުމަކީ އެއްވެސް ރައްޔިތަކު ބޭނުންވާނެ ގޮތް ނޫން ކަމަށާއި ޕީޕީއެމް/ޕީއެންސީ ސަރުކާރެއް މި އަންނަނީ ކުދި ބޮޑު ރަށެއް ނުބަލައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިގޮތަށް ފަށައި، ނުހިންގާ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ވެސް ބާރު ސްޕީޑުގައި ގެންގޮސް ނިންމާލުމަށް ކަމަށެވެ.
މީގެ އިތުުރުން މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ވަޒީފާއަކުން ނޫން ވަޒީފާއަކުން އެއްވެސް ރައްޔިތެއް ވަކިނުކުރައްވާނެ ކަމަށާއި ވަޒީފާގެ ބިރު މި ސަރުކާރުން ކިތަންމެ ވަރަަކަށް ދައްކަމުން ގެންދިޔަ ނަމަވެސް ގައުުުމުގެ ދިފާއުގައި ނިކުމެ ގައުމުގެ މިނިވަންކަން ހޯދުމަށް އެންމެން އެކަތިގަނޑަކަށްވެެގެން މަސައްކަތްކޮށްދިނުމަށެވެ.
ވެރިކަމަށް ވަޑައިގެންނަވާ ފުރަތަަމަ ދުވަހުން ފެށިގެން މި ގައުމުގައި ތިބި ބޭރު ގައުމުތަކުގައިި ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ތަރައްގީ ހާސިލްކުުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވިސްނަވައި، ރާއްޖޭގެ ތިމާވެއްޓާ ރަށްޓެހި ވެހިކަލްތައް ރާއްޖޭ ގެނެސް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއު ފުރަތަމަ ރާއްޖޭގެ ސިޓީތަކަށް އިސްކަންދީގެން ފަށައި ބެޓްރީ/ އިލެކްޓްރިކް ވެހިކަލްތައް ގެެނެސް އެ ވެހިކަލްތައް ޗާޖްކުރާނެ ސްޓޭޝަންތައް ހެދިގެންދާނެކަންް މެނިފެސްޓޯގައި ވެސް ބަޔާންވެފައިވާކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ބައިސްކަލް ދުއްވުން އިތުރުކުރުމަށް އީ ބައިކް ރާއްޖެއަށް ތައާފަރްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. މުއިއްޒު އިތުރުން ވިދާޅުވީ ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށާއި ގެދޮރު އިމާރާތް ކުރަން ދޫކުރާ ލުއި ލޯންގެ ފުރުސަތު އެރަށުގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށެވެ. އަދި ކުޅުދުއްފުށި ހިމެނޭ ގޮތަށް ހުރިހާ ސިޓީތަކެއްގެ މަގުތައް ތަރައްގީކޮށް، ކަނޑައެޅޭ އުސޫލެއްގެ މަތިން، ޒުވާނުންނަށް ރޭސް ޖަހަން ވެސް ބޭނުން ކުރެވޭ ފަދަ ގޮތަކަށް އެ ސިޓީތަކުގެ މަގުތައް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި ސިޓީއެއްގެ ހަގީގީ މާނައިގައި ގެންނަން ޖެހޭ ހުރިހާ ކުރިއެރުމެއް ކުޅުދުއްފުއްޓާއި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެސް ގެނެސްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment