Support Us

ޑރ. މުޢިއްޒު: ރައީސް ޔާމީންގެ ގައުމީ ޖިހާދުގެ އަދުގެ ދަންޑެހެލު

ރާއްޖޭގެ މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ އަދި މުއައްރިޚު ޙަސަން އަޙުމަދު މަނިކު (ރަޙިމަހުﷲ) މީގެ ސާޅީސް އެތައް އަހަރެއްގެ ކުރީން ލިޔުއްވައިފައިވާ ލިޔުމެއްގައިވެއެވެ.

"އިންޑިއާއާއި ދިވެހީންގެ ގުޅުމަކީ އަންޒަމާނުއްސުރެ އަޅުވެތިކުރާން އުޅުމާއި އެ މަޅީން ނެއްޓޭން އުޅުމުގެ ރީތި ވާހަކައެކެވެ. ހަމަ ހަގީގީ ވާހަކައެކެވެ. ތިޔަ ބޭފުޅުން ވިދާޅުވާ ހިތްޕުޅުވާ ގޮތަށް ޝައުޤު ހުންނަ ފަދައަކުން އެ ވާހަކަ ބަޔާން ނުކުރެވުމަކީ އެ ވާހަކައިގެ އަސަރު ކުޑަކަމެއް ނޫނެވެ."

މި ކަން ސާބިތުކޮށްދެއްވުމަށް ޓަކައި 226 އަހަރުގެ ތެރޭގައި ހިނގައި ދިޔަ ހާދިސާތަކަށް އޭނާ ތަފުސީލުކޮށް ބައްލަވައިލައިފައިވެއެވެ. ދެ ގަރުނަށްވުރެ ދިގު އެ މުއްދަތުގައި ދިވެހީންނާއި އިންޑިއާގެ ގުޅުން އޮތީ އަޅުވެތިކުރާން އުޅުމާއި އެއިން ނެއްޓިގަތުމަށް ކުރި މަސައްކަތުގެ މައްޗަށްކަން ތާރީޚީ ގޮތުން އޭނާ ވަނީ ހެކިދައްކަވައި ސާބިތުކޮށްދެއްވައިފައެވެ. (ޙަސަން އަޙުމަދު މަނިކު. (1989). ޢިލްމީ އޮއިވަރު-5. ދިވެހީންނާއި އުތުރުކަރަ. މާލެ: މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމުޢިއްޔާ)

މި ދެންނެވި "ދުވަސްވަރުން ފެށިގެން ތާރީޚު މި ޒަމާނަށް އައީއެވެ. ނަމަވެސް ކުރީން ދެންނެވި އުނދަގޫތައް ވަކި ކުޑައެއް ނުވެއެވެ. އިޤުތިޞާދީ ގޮތުން ދަށުލުމާއި ރާއްޖޭގައި ކުރިއަށް ތިއްބެވި އެކިއެކި ޚާންދާނުގެ މެދުގައި ޖެއްސުން އަދި ދިވެހި ވިޔަފާރި އެކި ސިފަސިފައިގައި އެ މީހުންގެ އަތް މައްޗަށް ގެންދިޔުމާއި އަޅުގަނޑުމެންގެ މުއާޞަލާތުގެ ލަގަން ހިފަހައްޓާން ގަދައެޅުން މިހިރީ އެމީހުންގެ ފަރާތުން ލިބެމުން ދިޔަ އުނދަގުލެވެ. މުސްކުޅީން ބުނާ ފަދައިން "ކޮންމެ ބެއްދުމަކަށް ނެއްޓުމެއް ވެއެވެ." ދިވެހީން، މިއިން ކޮންމެ ނުރައްކަލަކަށް މައިތިރިއެއް ހެއްޖެވެެ. ނަމަވެސް އުނދަގޫތައް ވަކި ކުޑަވިކަމުގެ ނިޝާނެއް މިއަދަކު އަޅުގަނޑަކަށް ނުފެނެއެވެ." ޙަސަން އަޙުމަދު މަނިކު ލިޔުއްވައިފައިވެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިންޑިއާ ސަބްކޮންޓިނެންޓްގެ އަމާޒަކީ އެ މީހުންގެ ވަށައިގެންވާ ހައި ތަނެކެވެ. އިންޑިއާ ކަނޑެވެ. ކަނޑުގެ ހުރިހާ ފައިދާއެކެވެ. މިއީ އަޅުގަނޑުމެން ނުދަންނަ ސިއްރެއް ނޫނެވެ. މަހާތުމާ ގާނދީގެ ޒަމާނުއްސުރެ އެ ބައި މީހުން ލިޔެ އެކަށައަޅައިފައިވާ ގްރޭޓާރ އިންޑިއާގެ ތަޞައްވުރެވެ. "ނަމަވެސް ދިވެހީންގެ ހިތްވަރާއި ފަންވަރު، ކުޅަދާނަކަމާއި ދުރު ވިސްނުން" ބޭނުން ކޮށްގެން މިހާތަނަށް ދިވެހީން ވަނީ ކާމިޔާބުކޮށްފައެވެ. ސަރުކާރާއި ރައްޔިތުން ގުޅިގެންނެވެ. މިގޮތުން 1988ގެ ހާދިސާގައި ކަންތައް ހިނގައި ދިޔަ ގޮތާއި އެ ކަން ނިމުމުން އެހީވުމުގެ ނަމުގައި އައި ލަޝްކަރަކާއި އެ ލަޝްކަރު ރާއްޖެއިން ނުފައިބާން ދެއްކި ބަހަނާއާއި އެ މީހުން ފޮނުވައިލައްވާން ރައީސް މައުމޫން ބޭނުންފުޅުކުރެއްވި ޙިކުމަތު ޢަމަލީ ހަނދާން ހުރި މަދު ބަޔަކު ނޫނީ މިއަދަކު ނެތެވެ.

މިއަދު ރާއްޖޭގެ މިނިވަންކަން ފޭރިގަންނާކަށް ކަނޑިބަޑިއަކުން ޙަމަލާދޭކަށް ނުޖެހެއެވެ. މިނިވަން ގައުމެއްގެ ގޮތުގައި އޮތް ސިއްކިމް، އިންޑިއާގެ 22 ވަނަ އިސްޓޭޓަށް ހަދައިލި ގޮތަކީ "ޤާނޫނީ ގޮތުން" ގައުމެއް އަޅުވެތިކޮށްލެވޭނެ އެންމެ ސަޅި ގޮތެވެ.

ތާރީޚުގައި ކަން ހިނގައި ދިޔަ ގޮތާއި މިއަދާ އެންމެ ބޮޑު ފަރަގަކީ މިއަދު ރާއްޖެ "ގާނޫނީ ގޮތުން" އަޅުވެތިކުރާން ކުރެވޭ މަސައްކަތުގައި އެހީތެރިވެދެނީ ސީދާ ސަރުކާރުން ނުވަތަ ދައުލަތުގެ ބާރުތަކާ ހަވާލުވެގެން ތިބި މީހުންކަމަށް ވާކަމެވެ. ނަމަވެސް އިންޑިއާގެ 22ވަނަ އިސްޓޭޓަށް ސިއްކީމް ހަދައިލި ފަދައިން "މޯލްޑިވްސް"އަކީ އެ ގައުމުގެ 23 ވަނަ އިސްޓޭޓަށް އަދި ހަދައިނުލެވި މި އޮތީ، ސިއްކިމްގައި ވީ ގޮތަށް އެއްކޮޅެއް، އިދިކޮޅެއް ނެތި، އެންމެން އިންޑިއާގެ ޖީބަށް އަދި ފުންމައިނުލާތީއެވެ. ގިނަ ނޫސްތައް ގަނެލިޔަސް ހުރިހައި ނޫސްތައް އަދި ގަނެނުލެވޭތީއެވެ. ގިނަ ޓީވީ ޗެނަލްތަކަށް ބާރު ފޯރުވިޔަސް ހުރިހައި ޓީވީ ޗެނަލްތަކަށް އަދި ބާރު ނުފޯރުވޭތީއެވެ. ސިޔާސީ ލީޑަރުންނޭ ކިޔައިގެން އެ ނަމުގައި އުޅުއްވާ ގިނަ ބޭފުޅުން ރާއްޖެ އަޅުވެތިކުރުމާ ދެކޮޅަށް ނިކުމެވަޑައިނުގަތަސް ރައީސް ޔާމީން ގިނަކަންޏާ އެ ޖިހާދުކުރެއްވީތީއެވެ. އެ މަނިކުފާނުގެ ސިޔާސަތަށް ތާއީދުކުރާ ދެލައްކައެއްހާ ރައްޔިތުން އަދި ތިބީތީއެވެ. މި ސަބަބަށް ޓަކައި ރައީސް ޔާމީންގެ މައްޗަށް މައްސަލަތައް އުފަންކުރުވިޔަސް އެ މަނިކުފާނުގެ ޤައުމީ އަޑުފުޅު އިއްވާނެ ފަހުލަވާނުންތަކެއް މިއަދު ތިބީތީއެވެ.

މިއަދު މި ތިބީ މިނިވަންކަން ދިފާޢުކުރުމާއި އަޅުވެރިކުރާން މަސައްކަތްކުރުމާ ދެމެދު މިހާރު މި ހިނގާ ހަނގުރާމައިގެ އެންމެ ފަހު މަރުޙަލާއަށް އާދެވިފައެވެ. މީގެ ހަފުތާއެއްހާ ދުވަސް ފަހުން އަޅުގަނޑުމެންގެ އަތަށް އަރާ ވޯޓު ކަރުދާސްކޮޅަކީ، ވަރަށް މުހިންމު ގައުމީ ޒިންމާއެއް އަދާކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަރުދާސްކޮޅެކެވެ. އެ ކަރުދާސްކޮޅު ކުރާނެ ސުވާލަކީ ދިވެހިރައްޔިތުން ބޭނުންވަނީ ދިވެހީންގެ ގޮތުގައި މިނިވަންކަމާއެކު ތަރައްގީގެ މަގުގައި ކުރިއަށް ދާންތޯ ނުވަތަ އަޅުވެތިކަމާއި ނިކަމެތިކަމުގައި ބައެއްގެ އަޅުވެތި އުނގުގައި ނިކަމެތިވެފައި ތިބޭންތޯއެވެ. މިނިވަން ގައުމެއްގެ ގޮތުގައި އޮންނާނީތޯ ނުވަތަ އެހެން ގައުމެއްގެ 23 ވަނަ އިސްޓޭޓަށް ވެ، މަލިކު ފަދައިން ނިކަމެތިކަމާއެކު ދިރިއުޅޭނީތޯއެވެ؟ ނުވަތަ، ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައިި ދިވެހީންގެ ކަންކަމުގައި ބަސްބުނެވޭ ގައުމެއްގެ ގޮތުގައި އޮންނާނީތޯ ނޫނީ މިނިވަން ގައުމެއްގެ ނަމުގައި އޮވެމެ، ބޫޓާނު ފަދައިން އެހެން ގައުމެއްގެ ގޮނޑިކޮއްކޮއަކަށް ވެގެން ސިޔާދަތީ ބާރު ދޫކޮށްލާނީތޯއެވެ.

މިއަދު މި ކުރެވޭ ހަނގުރާމައިގައި ދިވެހީންނަށް ކާމިޔާބު ލިބޭން އޮތީ، މިއަދު ޖަލުގައި އޮންނަވައި ޢަޒުމާއި އީމާނާއި އުންމީދުން އިދިކޮޅު ބާރުތަކާ ހަނގުރާމަކުރައްވާ ގައުމީ ޒަޢީމުގެ ޤައުމީ ސިޔާސަތު ދަމަހައްޓަވާން ޙަވާލުކުރެވިފައިވާ މިއަދުގެ "ދަންޑެހެލު" ޑރ. މުޙަންމަދު މުޢިއްޒުގެ ނަންފުޅާ ދިމާގައި ވޯޓުކަރުދާސްކޮޅުގައި ފާހަގަޖައްސަވައިގެންނެވެ. ދިވެހީންގެ މިނިވަންކަން މިހިނދަށް ޙިމާޔަތްކުރެވޭނެ އެންމެ ފަހު ފުރުޞަތަކީ އެއީއެވެ.

އަޅުގަނޑުމެންގެ ފަޚުރުވެރި ތާރީޚު ދައްކާ ގޮތުގައި "އަޅުގަނޑުމެންގެ ކިބައިން ވަކި ނުކުރެވޭނެ މިނިވަންކަން ވަނީ މިނިވަން ދިދައެއްގެ ހިޔާ ދަށުގައި ދިފާޢުކޮށްފައެވެ." އަދި އަންނާން އޮތް ތާނގައި ވެސް މިއީ ހަމަ އެ އަގުހުރި ދިވެހި ދަރީންގެ ދަރީންކަން ސާބިތުކޮށްދޭން އެބަ ޖެހެއެވެ. މި ކުޑަކުޑަ ރާއްޖޭގެ ފަސްގަނޑުން އެންމެ ތަންފުކެއް ވެސް އަޅުވެތިކަމުގެ ދަށަށް ދިޔަ ނުދިނުމަކީ، ކޮންމެ ދިވެއްސެއް ފުރާނަ އެއްކޮޅަށް ލައި ކަނޑައަޅައިފައިވާ ޢަޒުމެއްކަން ދައްކައިދޭން އެބަ ޖެހެއެވެ. ޚާއިނުންނާއި ޣައްދާރުން ލަދުގަންނަ ފަދަ ފިލާވަޅެއް މި މަހުގެ 30ގައި ނަގާ ވޯޓުން އެ މީހުންނަށް ލިއްބައިދޭން އެބަޖެހެއެވެ. ޖީބަށް ޓަކައި މަގާމަށް ޓަކައި ދީނާއި ގައުމިއްޔަތަށް އިހުމާލުވާ ގުސްތަރުންގެ އަވާގައި ނުޖެހި ޤައުމީ ވާޖިބު އަދާކުރުމުގެ ހިތްވަރު ހޯދާން އެބަޖެހެއެވެ.

ކޮންމެއަކަސް މިއަދުގެ ޙާލަތު އެނގޭނީ މިއަދުގެ ދަރީންނަށެވެ. މިއަދު މި ޙާލަތު ދިވެހީންނަށް މެދުވެރިކުރުވި ޚާއިނުންނާއި ޣައްދާރުން ތިބިކަމަށް ވާނަމަ، އެ މީހުންގެ ނަންތައް ވަރަށް ހުތުރުކޮށް މި ޖީލުގެ އަތްތަކުން ދިވެހި ތާރީޚުގައި ލިޔާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މަރުހޫމް ޙަސަން އަޙުމަދު މަނިކު ފަދަ ކުޅަދާނަ ލިޔުންތެރީން މިއަދު މަދަސް މި ކަންކަން މި މަގަށް ކުރާނެ ޤައުމީ ދަރީން މި ލޮބުވެތި ފަސްގަނޑުން ނުކުންނާނެކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އަރާމާއި ޢިއްޒަތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވެވޭން އޮއްވައި، ގައުމަށް ޓަކައި 1042 ދުވަސް ރައީސް ޔާމީން ޖަލުގައި އެ ހޭދަކުރައްވަނީ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދުން ހިތްވަރުފުޅު ލިބިވަޑައިގެންނެވެ. މިއަދު ޖިހާދުކުރާ ގޮތް ތަފާތީއެވެ. ނަމަވެސް ރާއްޖޭގެ އެންމެން ބޭރު ގައުމެއްގެ އުނގަށް ނުވެއްޓި އަދި މި ތިބީ ރައީސް ޔާމީންގެ ޖިހާދާއި އެ މަނިކުފާނުގެ ހިތްވަރުފުޅުންކަން ކަށަވަރެވެ. މި ޖިހާދުގައި ކާމިޔާބު ހޯދުމަށް ޓަކައި އަޅުގަނޑުމެންނަށް ހަމައެކަނި އޮތް އިޚުތިޔާރަކީ މި މަހު 30ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުޙަންމަދު މުޢިއްޒު އިންތިޚާބުކުރުމެވެ.

ކީރިތި ﷲ އަޅުގަނޑުމެން ދިވެހީންނަށް މާޒީގައި ވެސް ދެއްވި ފަދަ މިނިވަންކަމަކާއި ދިވެހި ގޮތްތަކެއް މިއަދާއި މާދަމާ ވެސް މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާށިއެވެ! މި ލޮބުވެތި ވަތަން އިސްލާމީ ހިދާޔަތުގައި މިނިވަންކަންމަތީ އަބަދަށް ލަހައްޓަވާށިއެވެ! އާމީން!