ރާއްޖެއިން ލޯންތައް ނެގުމަށްޓަކައި އިސްކަންދަރު ސްކޫލް ހިމެނޭ ގޮތަށް އެތައް ސްކޫލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަހުނުކޮށްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދަވާ "ދިވެހީންގެރާއްޖެ" ކެންޕެއިން ދަތުރުފުޅުގައި ރޭ ބ. ކަމަދޫގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އަޅުވެތިވެފައިވަނީ ހަމައެކަނި މި ގައުމުގައި އިންޑިއާގެ ސިފައިން ތިބެގެން ނޫން ކަމަށާއި އިގުތިސާދީ ގޮތުން ވެސް މިގައުމު އޮތީ އިންޑިއާ އަށް ބަރޯސާވެފައިވާ ކަަމަށެވެ.
އެގޮތުން ރާއްޖެއިން ނަގައިފައިވާ ލޯންތަކުގެ 49 ޕަސެންޓަކީ ވަކި ގައުމަކަށް ބަރޯސާވެގެން ނަގައިފައިވާ ލޯންތަކެއްކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ދަރަންޏަކަށް ފަހު ދަރަންޏެއް ނަގަމުންދާތަން. މިއަދުވެސް މި އަޑުއިވުނީ އިންޑިއާ ބޭންކުން އެތައް މިލިއަން ޑޮލަރެއްގެ ބޮންޑެއް ނެގި ވާހަކަ. (އަދި) އެއީ ދޮގު ވާހަކައެއް ކަމަށް ވެސް ބުނެފިި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ނަގާ ލޯންތަކާ ބެހޭ އެގްރީމަންޓްގައި ހުންނަ އިންޓަރެސްޓް ރޭޓާއި އެ ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތު ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ބަޔާންކޮށްދޭން މި ސަރުކާރަށް ނުކުރޭ ކަމަށެވެ.

"ގައުމު އަނބުރާ ހޯދަން މިއަދު އަޅުގަނޑުމެން އުފަލާ އެކު ތެދުވަން އެބަޖެހޭ. އެއީ ފެންނަން ހުރި ހަގީގަތްތައް. އެއީ އޮޅޭނެ ކަމެއް ނޫން. އެއަށްވުރެ މާ ސާފުކޮށް ފެންނަން މިއޮތީ. ރަހުނުކޮށްފައި މިއޮތީ އެންމެ ތަނެއް ދެތަނެއް ނޫން. ހުރިހާ ސްކޫލްތައް ވެސް ހުރީ ރަހުނުކޮށްފައި. އަޅުގަނޑު ހުރި މަގާމުގެ ގޮތުން، އަޅުގަނޑު މިއީ މާލޭގެ މޭޔަރު ވީމަ އަޅުގަނޑަށް ނޫންތޯ އެންމެ ބޮޑަށް އެނގޭނީ. އިސްކަންދަރު ސްކޫލާ އެތައް ސްކޫލެއް އެބަހުރި ރަހުނުކޮށްފައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ވެސް އިންޑިއާގެ އަޅުވެތި ކަމަށްދާ ހިސާބުގައި ކަމަށާއި ރާއްޖެއިން ނަގާ ލޯންތަކުގެ ތަފްސީލް އެމްއެމްއޭގެ ގަވަރުނަރަށް ވެސް އެނގިވަޑައިނުގަތުމަކީ ގައުމު އޮތް ބިރުވެރި ހާލަތު ހާމަވެގެންދާ ކަމެއް ކަމަށެވެ.
"އިންޓަރެސްޓް ރޭޓާއި ލޯންތަކުގެ ތަފްސީލް ދިނުމަށް އެދުމުން ފިޔާ، ހަނޑޫ، ހަކުރު ލިބުމަށް އޮތް ހުރަހަކަށްވަންޏާ މިއީ ތަންކޮޅެއް ބޮޑުވަރު،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ކަންކަން މި ހާލަތަށް ގޮސްފައިވާތީ ސިޔާސީ ފިކުރު ދޫކޮށްލުމަށްފަހު ހުރިހާ ރައްޔިތުން ވެސް، އަންނަން އޮތް ޖީލްތަކުގެ ހައްގުގައި ގައުމަށްޓަކައި، ގައުމު މިނިވަން ކުރުމަށް، މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތްކޮށް އެ ފަހުރުވެރިކަން ލިބިގަތުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ޑރ. މުއިއްޒު އެދިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment