...

Support Us

ކޮލަމް މާޒީ: މިއީ ރާއްޖެ އަޅުވެތިވުމާއި ޙިމާޔަތްކުރުމާ ދެމެދު ކުރެވޭ އެންމެ ފަހު ހަނގުރާމައެވެ.

މީގެ އަހަރުތަކެއް ކުރީންނާއި މަސްތަކެއްގެ ކުރީން ކިތަންމެ ފަހަރަކު މި ވާހަކަ އަޅުގަނޑު ލިޔެފީމެވެ. ނަމަވެސް އެ ކަމާ ކަންބޮޑުވީ މަދު މީހެކެވެ. ދިވެއްސަކު ބޭރު ޓީވީއަކަށް އަރައި ދިވެހިރާއްޖެ ހިފާން ދަޢުވަތުދީ އެ ކަމަށް ގޮވައިލިއެވެ. މި ކަމާ ކަންބޮޑުވެގެން އުޅުނު މަދު މީހަކު ނޫނީ ނުފެނުނެވެ. ރާއްޖޭގެ ދިފާޢީ ވަޒީރު ބޭރު ގައުމެއްގައި ދިވެހިރާއްޖެ ހިފާން ދަޢުވަތު ދީފިއެވެ. "ތިޔަބައިމީހުން ބޭނުންނަމަ ރާއްޖެ ހިފާންވީއްޔޭ އަހަރެމެންނަށް ކުރެވޭނެ ކަމެއްނެތޭ" ބުނެ ރާއްޖެ ހިފާން ދަޢުވަތުދިނެވެ. މިއީ ވެސް މަދު މީހަކު ނޫނީ ކަންބޮޑުވިކަމަކަށް ނުވިއެވެ. އެ ކަން ކުށްވެރިކޮށްލާން ކެރުނު ނޫސްވެރިއެއް ނެތެވެ. އެންމެ ޓީވީއަކުން ނޫނީ މި ކަންކަން ކުށްވެރިކުރި ތަނެއް ވެސް ނުފެނުނެވެ. ރައްޔިތުންނަށް އޯކޭއެވެ. އެހެން ގައުމެއް ނަމަ، ޤައުމާ މެދު އެފަ ޚިޔާނާތްތެރި ވާހަކައެއް ދެއްކި ބަޔަކު ތިބޭނީ ކޮން ތަނެއްގައިތޯއެވެ! ވިސްނައިލާން ޖެހޭ ނުކުތާއެކެވެ.

ރާއްޖެ އަޅުވެތިކުރުމުގެ ވިސްނުމުގައި ރާއްޖޭގެ ބަޔަކު ވާހަކަދެއްކުމަކީ އާދައިގެ ކަމެއްް ނޫނެވެ. އެއީ ޤައުމަށް ކުޑަ ވެސް ކުލުނެއް ނެތް ހަމައެކަނި އަމިއްލަ ފައިދާއަށް ޓަކައި މަސައްކަތް ކުރާ ބަޔެއްގެ އަތް މައްޗަށް ދައުލަތުގެ ބާރުތައް އެރީމާ ވާނެ ގޮތެވެ. ހިތާމައާއެކު ދަންނަވާން ޖެހެނީ ޤައުމާމެދު ރައްޔިތުން ހޭލުންތެރިކުރެވިފައިނުވާ ގައުމެއްގައި މި ފަދަ ޚާއިނުންގެ އަތް މައްޗަށް ބާރުތައް އައިމާ ވާނެ ގޮތެވެ.

ކުޑަވެސް ޝައްކެއް ނެތެވެ. ރާއްޖޭގެ މިއަދުގެ މިޞްރާބު މި ހިރީ 1975ގައި އިންޑިއާއިން ސިއްކިމް "ދަމައިގަތް" ގޮތާ އެއް މިޞްރާބަކަށެވެ. ސިއްކިމް އަތްދަށުލީ ކިހިނެއް ކަމަށްތޯއެވެ! ތަންކޮޅެއް ކުރީން ހަމަ މި ނޫހުގައި މި ވާހަކަ އަޅުގަނޑު ލިޔުނީމެވެ. ނަމަވެސް ޚުލާޞާކޮށް އަދި ދަންނަވައިލާނަމެވެ.

ސިއްކިމަށް ޖާސޫސީ އެޖެންޓުން ފޮނުވައި، ސިފައިންގެ ޙަރަކާތްތައް، އެކުވެރިކަމާއި އެހީތެރިކަމުގެ ނަމުގައި ހިންގާން ފެށީއެވެ. އެކި ނަންނަމުގައި ސިފައިން އިތުރުކޮށް ލަސްކަރު ބޮޑުކުރީއެވެ. ދެން ދައުލަތުގެ ބޮޑުންނަށް ރިޝްވަތުދީ އެ މީހުން، އިންޑިއާގެ މުށުތެރެއަށް ލީއެވެ. އިޤުތިޞާދަށް ގެއްލުންދީ ސަލާމަތް ނުވެވޭ ވަރަށް ބޮލުގައި ދަރަނި އެޅުވީއެވެ. ފަންޑްކޮށްގެން ނޫސްތައް އަތްދަށުލީއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވައި، އެ މީހުން ފަންޑްކޮށް އެހީތެރިވި މީހުން މަޖިލީހަށް އިންތިޚާބުކުރީއެވެ. މި ހިސާބަށް އައި އިރު، ރަސްގެފާނު ފިޔަވައި ދައުލަތުގެ އިސްވެރީންގެ ގޮތުގައްޔާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ ގޮތުގައި ތިބީ އިންޑިއާއަށް ވިކިފައި ތިބި ޚާއިނުންނެވެ. އިންޑިއާގެ ގޮނޑިކޮއްކޮއިންނެވެ. ސަލާމަތީ ބާރުތަކުގެ ވެރީން ތިބީ އިންޑިއާގެ ޖީބުގައެވެ. ވާނުވާއެއް ރަސްގެފާނަކަށް ނުދަންނަވައެވެ.

ދެންތޯއެވެ! އިންޑިއާއިން ބޭނުންވާ ގޮތަކަށް ސިއްކިމްގެ ޤާނުނުއަސާސީ، އިންޑިއާއިން ދެލިކޮޕީކޮށް (ޑްރާފްޓްކޮށް)، 1974ގައި ސިއްކިމްގެ ޤާނޫނު ހަދާ މަޖިލީހަށް (ޖެނެރަލް އެސެމްބަލީ އަށް) ހުށަހެޅީއެވެ. މި ގޮތް ދިމާވީ، ސިޔާސީ ކޯޅުންތައް ބޮޑުވެ، މުޅި ޤައުމު ކޮންޓްރޯލުން ނެއްޓުނު ވަގުތު، ސިއްކިމްގެ އަމަން ކޮންޓްރޯލްކޮށްދޭން އިންޑިއާގެ އަސްކަރިއްޔާ ކިބައިން ސަރުކާރުގެ ނަމުގައި އެދެމުން ސިއްކިމްގެ އަމަން ބަލަހައްޓާން 1973ގައި އިންޑިއާގެ ސިފައިން ހަވާލުވީމައެވެ. މި ކަމަށް ޓަކައި މާކުރީއްސުރެ އެކި ނަންނަމުގައި ސިއްކިމަށް ޖަމާކޮށްފައި އޮތް އިންޑިއާ ސިފައިންގެ ލަޝްކަރުތަކުން މުޅި ސިއްކިމްގެ މައްޗަށް ބާރު ހިންގީއެވެ. އަމަންއަމާންކަން ޤާއިމުކުރުމުގެ ނަމުގައެވެ. މިހާ ތަނަށް އައި އިރު، އަސްކަރީ ބާރުގެ އިތުރަށް، އެއް ކޮޅެއް އިދިކޮޅެއް ނެތި މުޅި ސިޔާސީ މަސްރަޙު އޮތީ ވެސް އިންޑިއާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. 

މި ރާއްޖޭގެ އަދުގެ ޙާލަތަށް ބަލާއިރު، އިންޑިއާގެ މި މަކަރުވެރި ސިޔާސަތާ ދެކޮޅަށް ރައީސް ޔާމީން ނޫން ބޭފުޅަކު އެބަ ހުންނެވިތޯއެވެ! މިއަދު ރިޔާސީ އިންތިޚާބާ ދިމާކޮށް ގައުމޭ، ވަޠަނޭ ވިދާޅުވިޔަސް މި ޙާލަތަށް ގައުމު ވައްޓައިލީ ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ އިސްވާރުން ކޯލިޝަން ހަދައިގެން ގުޅިވަޑައިގެން ނޫންތޯއެވެ! އެ މީހުންނަށް މާލީ އެކި ޢިނާޔަތްތައް ދިނުމުން ޤައުމާ މެދު އިހުމާލުވީއެވެ. މި ޣަދަރުވެރިކަމާ ދެކޮޅަށް ރައީސް ޔާމީން ހުންނެވީތީ، މައްސަލަތައް އުފައްދައިގެން ޖަލަށް ލީ ނޫންތޯއެވެ! ސިއްކިމްގެ ޙާލަތާ ވަރަށް އެއް ގޮތެވެ. 

އަޞްލު މައުޟޫޢަށް ޖެހިލާނަމެވެ.

ކުރީން ދެންނެވި ގޮތަށް، އިންޑިއާ ބޭނުންވާ ގޮތަށް ސިއްކިމްގެ އައު ޤާނޫނުއަސާސީއެއް ސީދާ އިންޑިއާއިން ދެލިކޮޕީކޮށް، ޖެނެރަލް އެސެމްބަލީއަށް ހުށަހެޅީ މި ދަނޑިވަޅުގައެވެ. އިންޑިއާއިން ހުށަހެޅި ގޮތަށް މާ ބޮޑު ބަހުސެއް ނެތި، ސިއްކިމްގެ ޤާނޫނުއަސާސީ އެ ތާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރީއެވެ. މި ގޮތަށް ފާސްކޮށް، ޤާނޫނު ހަދާ މަޖިލީހުން، ރަސްގެފާނު ޕަލްޑެން ތޮންޑޫޕް ނަމިގިޔާލް ރަސްކަމުން ޢަޒުލުކޮށް، (މަޤާމުން ދުރުކޮށް) ސިއްކިމަކީ އިންޑިއާގެ ބައެއް ކަމުގައި 1975ވަނަ އަހަރު އޭޕްރީލު މަހު ނުވަވަނަ ދުވަހު ގާނޫނުހަދާ މަޖިލީހުން އިޢުލާނުކުރީއެވެ. މިއާއެކު މަޖިލީހުން ފާސްކުރި ފާސްކުރުން، ރައްޔިތުންގެ ފެންނަ-ނުފެންނަ ވޯޓަކަށް ހުށަހެޅުނެވެ. އިންޑިއާ އިން ރިޝްވަތު ނަގައިގެން ތިބި ޚާއިނުންނާއި ގުސްތަރުންކަމުގައިވާ މުޅި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މީހުންގެ އަވައިގައި ޖެހިފައި ތިބި ގުސްތަރުން ކެމްޕޭނުކޮށްދިނީ އިންޑިއާ ކޮޅަށެވެ. އެ ކަމާ އިދިކޮޅަށް، ޙަރަކާތެއް ހިންގައިފި ނުވަތަ އަޑު އުފުލައިފި މީހަކަށް ވާ ގޮތެއް ވެސް ނޭނގެއެވެ. އެހެންކަމުން ޤައުމީ ފިކުރުގެ (ކޮންސަރވޭޓިވް) މީހުން، ކުރާނެ ކަމެއް ނެތިގެން ހިމޭންކަމާއެކު ހިތާމައިގައި ގޭގައި ތިބީއެވެ. ކޮންމެއަކަސް ފެންނަ-ނުފެންނަ އިންތިޚާބު (ރިފަރެންޑަމް)ގެ ނަތީޖާ ދެއްކީ އިންޑިއާ ކޮޅަށް މާ ބޮޑަށް ވެސް ބުރަކޮށެވެ. ޖުމްލަ 97 އިންސައްތައިގެ ތަނަވަސް އަޣުލަބިއްޔަތަކުން ފާސްވިކަމަށް ދެއްކީ އިންޑިއާ ބޭނުންވާ ގޮތަށެވެ. މި ނިންމުމާއެކު "ސިއްކިމް"އަކީ އިންޑިއާގެ 22 ވަނަ ސްޓޭޓްކަމުގައި ރަސްމީ ގޮތުން ކަނޑައަޅައި، 1975 ވަނަ އަހަރު މޭ މަހު 16ވަނަ ދުވަހު، އެ ކަން އިޢުލާންކުރެވުނީއެވެ. އޭގެ ފަހުން ސިއްކިމްގެ އެންމެ އިސް ވެރިއަކަށް ހުންނަނީ އިންޑިއާގެ ރައީސް ޢައްޔަންކޮށްފައި ހުންނަ ގަވަރުނަރެކެވެ. މިއަދު އެ މަޤާމުގައި ހުރީ އިންޑިއާގެ ހިންދޫ ހަރުކަށި ޕާޓީކަމަށްވާ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް މެންބަރެއްކަމުގައިވާ ގަންގާ ޕްރަސާދު ޗައިރާސިއާއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 2018ގައެވެ.

ޝައްކެއް ނެތެވެ! ތަނަވަސްކަމާއެކު އުފާފާގަތިކަމުގައި ހިނގަމުން އައި ރަސްކަމެއް މަކަރުވެރިކަމާއި ރޭވުންތެރިކަމާއެކު ފަނާކޮށްލީއެވެ. "ޤާނޫނީ ހަމަތަކުގެ މަތީން" ބޮޑު ޤައުމެއް އަޅުވެތިކޮށްލީއެވެ. ތަރައްޤީގެ ފުރުޞަތު އަބަދުގެ އަބަދަށް ނައްތައިލީއެވެ. އަމިއްލަ އެދުމަށް ޓަކައި، ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންނާއި ޣައްދާރުވި ޣަދަރުވެރީންގެ އެހީތެރިކަމާއެކުގައެވެ. މިއަދު ސިއްކިމްގެ ރައްޔިތުން އުޅެމުން ގެންދަނީ ނިކަމެތިކަމާއެކު އިންޑިއާގެ ނިކަމެތި އަވަށެއްގައި ދިރިއުޅޭ ބަޔަކު ފަދައިންނެވެ. އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރަށްވެހީންގެ ގޮތުގައި ހިތާމައާއި ހިތްދަތިކަމުގައެވެ. މުޅި ޤައުމުގައި އޮތީ އިންޑިއާގެ ބާރެވެ. ކުރީން ވެސް ދެންނެވި ފަދައިން އެއީ މި އަދު އިންޑިއާގެ 22ވަނަ ސްޓޭޓެވެ. ސިއްކިމްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 7،000 އަކަކިލޯމީޓަރެވެ. ދިވެހިރާއްޖޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3،000 އަކަކިލޯ މީޓަރެވެ. އޭރު ސިއްކިމްގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ފަސް ލައްކައެއްހާ މީހުންނެވެ. މިއަދު ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ހަމަ އެހާ ވަރެވެ. މި ދެންނެވި ކަންކަމާއި، މިއަދު ރާއްޖޭގެ ޙަލަތާ އެއް ގޮތީ ނުވަތަ ތަފާތީ ކިހައި ވަރަކަށްތޯ ތިޔަބޭފުޅުން ވަޒަންކޮށްލައްވާށެވެ! މި ޤައުމާ މެދު ކުލުނުގެ ނަޒަރަކުން ބައްލަވައިލައްވާށެވެ!

މިއީ ޤައުމީ ނަޒަރަކުން ބަލާއިރު މާކުރީގެ ތާރީޚެއް ނޫނެވެ. އަޅުގަނޑުމެންގެ ޢުމުރުގެ މީހުންގެ ފުރާވަރު އުމުރުގެ ދުވަސްވަރުގެ ވާހަކައެކެވެ. ނަވާރަ ސަތޭކަ ހަތްދިހަ ފަސް ވަނަ އަހަރު ހިނގި ހާދިސާއެއްގެ ވާހަކައެކެވެ. މި ޙާލަތާއި، ދިވެހިރާއްޖެ މިއަދު މިދާ ނުވަތަ މި ގެންދާ މިޞްރާބާ އަޅައި ބަލައިލާކަށް ނުވޭތޯއެވެ! ސަރުކާރު ކޮބައިތޯއެވެ! ސަރުކާރުގައި ތިބީ ކޮން ބަޔެއްތޯއެވެ! ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮބައިތޯއެވެ! މި ކަމާ އިދިކޮޅަށް ވަކާލާތުކުރައްވާ ހަމައެކަނި އިދިކޮޅު އިސްވާރު އޮންނެވީ މައްސަލައެއް އުފަންކޮށް، ކުށެއް އީޖާދުކޮށްގެން، "ޞަދޫމު އިންސާފުގެ ދަށުން" ޖަލަށް ލައިފައެވެ. ދެން ތިއްބެވި ފުޅާ ކޯލިޝަނުގެ ފަލަ އިސްވާރުން ކޮބައިތޯއެވެ! ދީނަށް ޓަކައި، ޤައުމަށް ޓަކައި ދުވި "ބޮޑުން" ކޮބައިތޯއެވެ! މީގެ ތެރެއިން ބައެއް އިސްވާރުން މިއަދު ގައުމޭ ކަނޑޭ ވިދާޅުވިޔަސް މި ޙާލަތު މި ގައުމަށް ގެނައުމުގައި އެ ބޭފުޅުންގެ ޙިއްސާ ކުޑަތޯއެވެ!

ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައި ހަޅޭއްފަޅޭއްލެވި ނޫސްވެރީން މިއަދު ތިބީ ޗުއްޓީގައިތޯއެވެ؟ ހާމަކަމާއި އެތެރެ ފެންނަ ގޮތަށް ކަންކަންކުރާން ގޮވި ޖަމުއިއްޔާތައް މިއަދު ތިބީ ނިދައިފައިތޯއެވެ؟ މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތައް ހޯދައިދޭން މަސައްކަތްކުރި މުއައްސަސާތައް ކޮބައިތޯއެވެ؟ އެއީ ހުސް ގުސްތަރުންކަން ސާބިތު ނުވޭތޯއެވެ؟ ސިއްކިމްގެ ޙާދިސާއާ ރާއްޖޭގެ މިއަދުގެ ޙާލަތާ އެއް ގޮތް ކަމެއް ނެތްތޯއެވެ؟

މި ފަދަ މަންޒަރެއް ރާއްޖެއިން ވެސް ފެނުމަކީ ވަރަށް ވެސް ކައިރި ކަމެކޭ ބުނެވޭ ފަދަ ކަންތައްތަކެއް ރާއްޖެއިން ވެސް ފެންނާން ފަށައިފިއެވެ. މި ކަމުގެ މައްޗަށް އަވަސް ނަޒަރެއް ދެއްވައިގެން މަޝްހޫރު ޢިލްމުވެރިޔާ އަދި ފިލޯސަފަރު، ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ރާއްޖޭގެ މިނިވަންކަން ގެއްލޭން ކައިރިވެއްޖެ ކަމަށް ފެނިވަޑައިގަންނަވާކަމަށް ލިޔުއްވައިފައިވާ ބަޔާނެއްގައި ހިމަނުއްވައިފައިވާ ބައެއް އިޝާރާތްތައް މި ތާނގައި ނަކަލުކޮށްލާނަމެވެ.

"ފުރަތަމަ އިޝާރަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި ތިމާމެންގެ އަމިއްލަ ގައުމަށް ހަމަލާދީ، ހިފާން އައުމަށް ބަޔަކު ގޮވައިލި ގޮވައިލުމެވެ. ދެންމެ، ރާއްޖޭގައި އެ މީހުންގެ ވެރިކަން ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެކޭ ބުނި މީހުންނަކީ މިއީއެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު، އެ ބަޔެއްގެ ގައުމާ ބެހޭ ގޮތުން، މި ފަދަ އިއުލާނެއް ކުރި ނަމަ، އެ ބަޔަކު ވާނީ ބޮޑެތި ބޮޑެތި މުޖުރިމުނަށެވެ. ނަވާރަ ސަތޭކަ އަށްޑިހަ އަށެއް ނޮވެމްބަރު ތިނެއްގައި ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ތަމަޅަ ޓައިގަރުން ރާއްޖެ ގެނެސް، ރާއްޖެއަށް ދިން ހަމަލާއާއި މި މީހުން ގޮވި ގޮވުމާ އޮތް ތަފާތަކީ ކޮބައި ހެއްޔެވެ؟ އެމީހުންނަށް އަމަލީ ގޮތުން އެ ކަން ނުކުރެވުމެވެ. ބައެއް ގައުމުތަކުގައި ގައުމަށް ޣައްދާރުވެ ޚިޔާނަތްތެރިވުމުގެ މި ފަދަ ޖަރީމާތައް (ކުރައިމް އޮފް ޓްރީސަން) ހިންގާ މީހުންގެ އަދަބަކީ ދަންޖައްސައި މެރުމެވެ. އަނެއް ބައި ގައުމުތަކުގައި މި ފަދަ މުޖުރިމުން އުމުރަށް ޖަލަށް ލެވެއެވެ. ދުވަހެއްގައި ވެސް އެ މީހުން މިނިވަނެއް ނުކުރެވެއެވެ. އެ މީހުން މަރުވާންދެން އުޅޭން ޖެހެނީ ޖަލުގައެވެ. ނަމަވެސް ރާއްޖޭގައިތޯއެވެ؟ ގައުމު ވިއްކާން އުޅޭ މި ފަދަ ބޮޑެތި ޚާއިނު މުޖުރިމުންނަކީ ސަރުކާރު ހިންގާ، ސަރުކާރުގެ އިސް މަގާމުތައް ފުރާން ތިބޭ، ގައުމަށް މަގުދައްކާ މީހުންނެވެ! މިނިކާ ވަގުންގެ ބައިގަނޑަކަށް ބަކަރިކޮށި ބެލެހެއްޓުން ހަވާލުކުރުން ފަދަ ކަމެކެވެ! މިހެން ކަންތައްވާން ދިމާވަނީ ކީއްވެހެއްޔެވެ؟ އާންމުންގެ ހޭލުންތެރިކަން ނެތުމުންނެވެ. ގައުމީ ކަންކަމާ މެދު، މިނިވަންކަމާއި އިޚުލާސްތެރިކަމާއެކު ވިސްނައި ފިކުރުނުކުރާތީއެވެ.

ގައުމަށް ޚިޔާނަތްތެރި ވުމުގެ މިފަދަ ގޮވައިލުމެއް ގޮވައިލައި، ބޭރު ބަޔެއްގެ ކިބައިން، ގައުމަށް ހަމަލާދޭން އަންނާށޭ ބުނުމުގެ ހިތްވަރު ލިބެނީ ކީއްވެހެއްޔެވެ؟ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ މި ފަދަ ވާހަކަތައް، ކުރީން، މި ބުނާ ބޭރު ބަޔަކާ ދެކެވިފައި އޮތުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، މި މީސްމީހުން އިންޑިޔާގެ އެކި މީސްމީހުންނާ ބައްދަލުކޮށްކޮށްފައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އެ މީހުންގެ އަތްމައްޗަށް ފުރޮޅައިލުމުގެ ވާހަކަދައްކަމުން ދާތީ އެ ކަމާ ބޮލަށް އުނދަގޫވެގެން އިންޑިޔާގެ މަސްއޫލު މީހަކު ބުނި ބުނުމެވެ. ’މި މީހުން ކެތްނުލަވައިގެނެގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ޅަ ނޫން ހެއްޔެވެ؟ އަދި ވެސް ވެރިކަން ލިބިދާނެ ނޫންހެއްޔެވެ؟' މި ވާހަކަތައް އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއުކުރެވެނެވެ. މި ތާނގައި އޭނާ އިޝާރަތްކުރަނީ ރާއްޖޭގައި އިންތިޚާބެއް (2018ގެ އިންތިޚާބު) ކައިރިވެފައި އޮތްކަމާއި އެ އިންތިޚާބު މި ކެތްނުލެވިގެން އުޅޭ ބައިގަނޑަށް ކާމިޔާބުކުރެވިދާނޭކަމެވެ.

ދެވަނަ ސަބަބީ ތަނުގެ އާންމުންގެ ހޭލުންތެރިކަން ނެތުމެވެ. އަދި އެ ކަމުގެ ސަބަބުން، އެ ފަދަ ޚާއިނު މުޖުރިމުން މަތި އޮމާންކޮށް ދައްކާ ކޮންމެ ވާހަކައެއް، އަމިއްލަ ވިސްނުން ބޭނުންނުކޮށް އާންމުން ގަބޫލުކުރާނެތީއެވެ. އާންމުގެ ހޭލުންތެރިކަން ނެތުމުން، ކަންތައްތަކުގެ ހަގީގަތް ފޮރުވައި އޮޅުވައިލެވުމުގެ އެކަށޭނަކަން ލިބިގެންވީ ބަޔަކަށް އާންމުން ވެފައި ތިބީމައެވެ. އާދޭހެވެ! އާންމުގެ މީހުންނަކީ ގުނބޯ ހެއްދޭނޭ ބަޔަކަށް ވީތީއެވެ.

ދެވަނަ އިޝާރަތަކީ މޮހޮނަށް އޮޑި ދިންހެން، ރާއްޖެއަށް އިންޑިޔާއިން ދެ ހެލިކޮޕްޓަރު ދިނުމެވެ. ހެލިކޮޕްޓަރު ބޭނުމެއްނެތްކަމާއި އަދި އެ ގެންދާން އެންގުމުން ވެސް، އެ ދެ ހެލިކޮޕްޓަރު ނުގެންދިޔުމެވެ. އަދި، އެ ދެ ހެލިކޮޕްޓަރު އުދުއްސާން ތިބި މީހުންގެ ވިސާ ހުސްވުމުން، އަދި ދިވެހި ބިމުން ފައިބާން އެންގުމުން، ނުފައިބައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމެވެ. މިއީ އެންމެންނަށް ވެސް އެނގުނު ކަމެކެވެ. ނަމަވެސް، އެންމެ ކުޑަވެގެން މި ވާހަކަ ނޫހެއްގައި ޖަހައިލާން ވެސް ނުކެރުނެވެ. (ނޫސްތަކުގެ ޙާލު ހުރި ގޮތަކީ މިއީއެވެ.)

ތިންވަނަ އިޝާރަތަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް އިންޑިޔާ ވަދެގަތުމެވެ. ސިޔާސީ ޕްރޮޓޮކޯލާ ޚިލާފަށް، އެ މީހުންގެ މަންދޫބަކު އައިސް، އަމިއްލައަށް ރާއްޖޭގެ ރައީސް އޮފީހަށް ވަދެގަނެ، މިވެނި ގޮތަކަށް ކަންތައް ކުރާން އަމުރުކުރާން ކެރުނުކަމެވެ. ފަހުން، މި މީހަކު، އެކަމާ އުޒުރުވެރިވެ، އަމިއްލަ ގޮތުން މާފަށް އެދުނުކަމަށް ވެއެވެ. އަދި، އޭނާ އެ ގޮތަށް ކަންތައް ކުރީ، އިންޑިޔާ ސަރުކާރުން އަންގައިގެންކަމަށް ވެސް އޭނާ އިޝާރަތްކުރިކަމަށް ވެއެވެ.

ހަތަރު ވަނަ އިޝާރާތަކީ ރާއްޖޭގެ މީހުންނަށް ދެވޭނޭ ގައުމުތަކާއި ނުދެވޭނޭ ގައުމުތައް އިންޑިޔާއިން ކަނޑައަޅައިލުމުގެ އިޚުތިޔާރު އިންޑިޔާއަށް ލިބިދިނުމެވެ. ރާއްޖޭގެ ބަޔަކު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ގައުމެއްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އިންޑިޔާ އެ ކަމާ ނުރުހިދާނެތީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެކަން ހުއްޓައިލުމަށް މި ބުނާ ބަޔަކަށް އެންގުމެވެ.

ފަސްވަނަ އިޝާރަތަކީ ޕޮލިސް އެކަޑަމީގެ ނަމުގައި ރާއްޖޭގެ އެ ތަން މި ތަނުގައި އަސްކަރީ މަރުކަޒުތައް ހެދުމެވެ. އަދި، މި ކަމަކީ އެ މީހުންގެ އަސްކަރުން ރާއްޖޭގައި ތިބުމުގެ ބަހަނާއަކަށް ހެދުމެވެ. ރާއްޖޭގައި އެތަންމިތާނގައި ޕޮލިސް އެކަޑެމީ އަޅާން ޖެހެނީ ކީއްވެހެއްޔެވެ؟ މީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާއްޖޭގެ ތަރައްގީއަށް މި ވަގުތު އެންމެ މުހިންމީ މި ކަންހެއްޔެވެ؟ މިހާރު ވެސް، ރާއްޖޭގެ ބޭނުން ފުދޭ ވަރަށް، މި ކަންކަން ކުރާ ތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. އެ ތަންތަން ތަރައްގީ ނުކުރެވޭންވީ ކީއްވެހެއްޔެވެ؟ ބޭރު ބަޔެއްގެ އަތް މައްޗަށް ގައުމުގެ މި ފަދަ ހައްސާސީ ކަންތައްތައް ދޫކޮށްލާން ޖެހެނީ ކީއްވެހެއްޔެވެ؟ މިހުރީ ހައްތާ ވެސް ކުރާން ޖެހޭނޭ މުހިންމު ސުއާލުތަކެވެ.

ރާއްޖޭގައި ތަނެއް އަޅާން ޖެހޭ ނަމަ، އަޅާންވީ، މުދައްރިސުން ތަމްރީނުކޮށް ތައްޔާރުކުރާނޭ ތަންތަނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްތަކުރުމަށް ޓަކައި، ދިވެހީން އަހުލުވެރި ކުރެވޭނޭ ގޮތް ހެދޭނޭ ތަންތަނެވެ. ރާއްޖެ ތަރައްގީކުރުމަށް ޓަކައި، ރާއްޖޭގެ އެތަންމިތަނުގައި ޕޮލިސް އެކަޑަމީ ހެދުމަށް ވުރެ، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި ހޮޓަލް އިސްކޫލުތައް، ރާއްޖޭގެ އެކި ކަންކޮޅުގައި އެޅުން މާ މުހިންމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މި އޮތް ގޮތަށް ބަދަލުވިތާ ފަސްދޮޅަސް އަހަރުވީއިރު ވެސް، އެކަށީގެންވާ އަދަދާ ގާތްކުރާ މިންވަރަކަށް ވެސް، ރާއްޖޭގެ އިސްކޫލުތަކުގައި މަސައްކަތްކުރާން އަހުލުވެރިވެފައި ތިބި ދިވެހި މުދައްރިސުން ނެތުމުންނެވެ. ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގައި ފެށުނުތާ ފަންސާސް އަހަރުވާން ކައިރިވީ އިރު ވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ 70 ނޫނީ 60 އިންސައްތައަށް ވުރެ ގިނައީ ބޭރު މީހުންކަމަށް ވާތީއެވެ.

ހަވަނަ އިޝާރަތަކީ އެ މީހުންގެ ގޮނޑިކޮއްކޮ ދިވެހި ސިޔާސީ ވެރީން، އިންޑިޔާއާ ޖަދަލުނުކުރާށޭ ގޮވުމެވެ. އިންޑިޔާއަކީ ރާއްޖެ ތަރައްގީކުރުމަށް ޓަކައި، މާތްކަލާނގެ ފޮނުއްވި ރަހުމަތެއްކަމުގައި ގަބޫލުކުރާން، އަހަރުމެންގެ ތެރޭގައި އުޅޭ މިފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީވެރީން ގޮވަމުން ދިޔުމެވެ. އަހަރުމެންގެ ތަރައްގީވުން އޮތީ އެ މީހުންގެ އަތްމަތީކަމުގައި ބުނެއެވެ. މި ކަމުގެ މައްޗަށް އިތުރު ވާހަކައެއް ބުނެ، އަލިއަޅުވައިލާން ގަސްދުކުރަމެވެ. މިއީ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ވިސްނާން އެނގެނީ ފިކުރުކުރާން އެނގެނީ ހަމަ އެންމެ މީހަކަށް ހެއްޔެވެ؟ "ޖާދޫގެ ގޮނޑީގައި" އިށީނުމުން، އޭނައަށް ވަހީ ބަސްފުޅު އިއްވެވެނީ ހެއްޔެވެ؟ މި ކަން ވެސް އަހަރުމެން ހަމަ ގަބޫލުކޮށް އަތްތިލަބަޑި ޖަހާންވީ ހެއްޔެވެ؟"

ޑޮކްޓަރ ޢަބްދުލްޣަފޫރު އަދި ވެސް ލިޔުއްވައިފައިވެއެވެ. "….އިޖުތިމާއި ކުރިއެރުމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަކީ އިންޑިޔާއަށް ހާސިލުކުރުން، އަދި ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޖުތިމާއީ ކުރިއެރުމާއި އިޖުތިމާއީ އަދާލަތޭ މި ތާ މި ބުނާ ބަހުގެ މާނައަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި ގައުމުގެ މުއްސަނދިކަން ބެހިގެން، އެންމެން ޝާމިލުވެގެން ކުރިއަރައިދާ ކުރިއެރުމެވެ. މި ފަދަ ކުރިއެރުމެއްގެ އަސާސަކީ، މުޅި މުޖުތަމައު، އެ މުޖުތަމައުގެ އެންމެންނަކީ ވެސް ހަމަހަމަ ބަޔެއް ކަމުގައި ދުށުމެވެ. އިންޑިޔާގެ ހިންދީ ދީނީ ސަގާފަތް ނިޔާކުރާ ގޮތުން، އެ ތަނުގައި ކަންތައް އޮތީކީ، އަދި މިހެންނެއް ނޫނެވެ. އެ ސަގާފަތް ނިޔާކުރަނީ އެންމެންނަކީ ހަމަހަމަ ބަޔެއް ނޫންކަމެވެ. ހިންދީ ސަގާފަތް ގަބޫލުކުރަނީ ވަކި ބަޔަކަށް، ގުދުރަތީ ގޮތުން، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖްތަކެއް) ލިބިދީފައި އޮންނާން ޖެހޭނޭކަމެވެ. އިންޑިޔާގައި، އެއްކޮޅުން، ބޮޑެތިބޮޑެތި މުއްސަނދިން އުޅޭ އިރު، އަނެއްކޮޅުން ތަރައްގީގެ މަސައްކަތުގައި 70އެއްހާ އަހަރު ވޭތުވި އިރު ވެސް، ތަނުގެ އާބާދީގެ ބޮޑު ބަޔަކަށް، ފަސޭހައިން ފާޚާނާކޮށްލުމުގެ ނިޒާމެއް ތަނުގެ ސަރުކާރުގެ އިދާރާތަކުން ގާއިމުނުކުރެވިފައި އޮތުން ގުޅެނީ މި ނަންގަތް މުއައްސަސީ ތަފާތުކުރުމާއެވެ. މިހެން ކަންތައް އޮތް އިރު، އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ކުރިއެރުމަކީ އިޖުތިމާއީ އަދާލަތުގެ ކުރިއެރުންކަމަށްވާ އިރު، ރާއްޖޭގެ ކުރިއެރުން ގުޅެނީ އިންޑިޔާއާއޭ ބުނެވިދާނެ ހެއްޔެވެ؟ ޚުދު އިންޑިޔާގައި ނެތް އެއްޗެއް، އެ ތަނުން، އަހަރުމެންނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟ 

އަހަރުމެންގެ ތަރައްގީއަކީ އަހަރުމެން އަމިއްލައަށް ވިސްނައި ރާވައިގެން ކުރާން ޖެހޭ ކަމެކެވެ. އެހެންވެ، އަހަރުމެންގެ ތަރައްގީ ގުޅެނީ އިންޑިޔާއާއޭ ބުނާ މީހަކު އެ ބުނަނީ ކަންކަމުގެ ހަގީގަތް އެނގިހުރެގެންނެއްނޫނެވެ. ނޫނީ ރާއްޖެ ކުރިއެރުވުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. އެހެން އެ ބުނެ ގޮވަނީ މުޅިން އެހެން މަގުސަދެއްގައެވެ. ހަމައެކަނި ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރުމަށް އެހީވެ، އެ ކަމަށް މަގުފައިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަތްވަނަ އިޝާރަތަކީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިޔާގެ އަސްކަރީން ތިބުމުގެ ހުއްދަ ދިންކަމުގެ ވާހަކައެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނައުމާއި އެމީހުންގެ ބާރު ހިންގޭނޭ ވައިގެ ބަނދަރެއް އެ މީހުންނާ ހަވާލުކުރުމުގެ ވާހަކަތަކެވެ. މި ކަން ވުމުން، އިންޑިޔާއިން ބޭނުން ވަރަކަށް، އެ މީހުން ބޭނުންވި ވަގުތެއްގައި، ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެވެ. އަދި، ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ވެރިވެގަތުމުގެ މަގު ހުޅުވިގެންދާނެއެވެ. މި ކަން ހިތަށް ގެނައުމުން، ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ދިފާއި ބާރުތައް، ސިފައިންނާއި ފުލުހުން، ބަދުނާމުކޮށް އަބަދާއިއަބަދު ދައްކާ ވާހަކަތަކުގެ ހަގީގީ މަގުސަދު ވެސް ދޭހަވެއެވެ. ތަނެއްގެ ސަރުކާރުގެ ފަރާތުން އެ ތަނުގެ ދިފާއީ ބާރުތައް ބަދުނާމުވާ ގޮތަށް އަބަދާއިއަބަދު ވާހަކަދައްކައިފާނެހެއްޔެވެ؟ މައްސަލަތައް ހުރި ނަމަ، އެ ކަން ވާނީ ގައުމުގެ ހައްސާސީ މައްސަލައަކަށެވެ. އެހެންވެ، އެ ފަދަ ވާހަކަތައް ނުދައްކައި، އެ ކަންކަން އިސްލާހުކުރީމާ ނިމުނީނޫންހެއްޔެވެ؟ ނަމަވެސް، މި ކަން ނުކޮށް، އެފަދަ ބަދުނާމީ ވާހަކަތައް ދައްކަނީ ކީއްވެހެއްޔެވެ؟ މި ކަމުގެ ބޭނުމަކީ، މަގުސަދަކީ، ތަނުގެ ދިފާއީ މުއައްސަސާއަކީ ބޭނުންނެތް ތަނެއް ކަމުގައި އާންމުންނަށް ދެއްކުމެވެ. އަދި، އެތަން އުވާލެވެންޏާ އުވައިލައި، ނޫން ނަމަ، އެތަނުގެ އަމުރުވެރިކަން ވެސް ބޭރު ބަޔަކާ، އިންޑިޔާއާ ހަވާލުކުރުމެވެ. އެއް އިރެއްގައި ޖޯޑުންގެ ލަޝްކަރުގެ ބާރު އިނގިރޭސިންގެ އަތްމަތީ އޮތް ފަދައިންނެވެ. އަދި، މިހާރު، އިންޑިޔާގެ ބާރުގެ ދަށުގައި، ބޫޓާނުގެ ދިފާއީ ކަންތައްތަކާއި އަދި ޚާރިޖީ ކަންތައްތައް އޮތް ފަދައިންނެވެ. މި ކަން އޮތް ގޮތް، މި ބުނި އެއްޗެއްގެ ތެދު ދޮގު އޮޅުންފިލުވާލުމުގެ ގޮތުން، ކޮންމެ މީހަކުވެސް އަމިއްލައަށް ބަލައިލުން މުހިންމެވެ. މިއީ ޚިޔާލީ ވާހަކަތަކެއް ނޫންކަން ދެނެގަންނާށެވެ!

މި ނަންގަތް ހުރިހާ ކަމަކީ ވެސް ހަމަ ތަރައްގީގެ އެހީތެރިކަމާ ގުޅޭ ކަންކަންހެއްޔެވެ؟ މި ކަންކަން ނުކޮށް ވެސް، ރާއްޖެއާއި އިންޑިޔާއާއި އަދި އެހެން ގައުމުތަކާ ވެސް ގުޅި، ރާއްޖޭގެ ތަރައްގީގެ މަސައްކަތް ދިވެހިންނަށް ކުރެވޭނެއެވެ. ތަނެއްގެ ތަރައްގީގެ މަސައްކަތަކީ ބޭރު ބަޔަކަށް ކުރެވޭނޭ އަދި ކުރާނޭ ވެސް ކަމެއް ނޫނެވެ. މި ކަން އެންމެ ސާފު ގޮތެއްގައި ވިދާޅުވީ ކާކު ހެއްޔެވެ؟ އިންޑިޔާގެ މަހަތުމާ ގާނދީއެވެ! އިނގިރޭސީންގެ އަތުން އިންޑިޔާއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެހީވެދޭން، ހެޔޮ އެދިގެން، އިނގިރޭސި ފާދިރީއަކު، އޭނާ އަރިހު ދެންނެވުމުންނެވެ. އެހެންވެ، އެހެން މީހުންގެ ތަޖުރިބާތަކުން ވެސް ފައިދާ ލިބިގަނެގެން، ދިވެހިންގެ ތަރައްގީގެ މަސައްކަތް ކުރާން ޖެހޭނީ ދިވެހިން އަމިއްލައަށެވެ. އަދި، އެއީ، ކެރިގެން، އިޚުލާސްތެރިކަމާއެކު އެކަމާ ކުރިމަތިލައިފި ނަމަ، އިރާދަކުރެއްވިއްޔާ، ކުރެވޭނޭ ވެސް ކަމެކެވެ.

ދެން، ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވި ދިޔުމުގެ އެތައްއެތައް އިޝާރާތްތަކެއް ވަމުންދާއިރު ވެސް، އާންމުން ހޭލުންތެރިނުވަނީ ކީއްވެހެއްޔެވެ؟ ކޮންމެ ޖުލައި ސައްބީހެއްގައްޔާއި ނޮވެމްބަރު އެގާރާއެއްގައްޔާއި ރަބީއުލްއައްވަލު މަހު އެކެއްގައްޔާއި މިފަދަ ގައުމީ މުނާސަބަތްތަކުގައި ގޮވާ ގޮވުންތަކާއި ޖަހާ ލަވަތަކުގައި ކިޔާ އެއްޗެހީގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ކިޔާ ގައުމު ދެކެ ލޯބިވާ ވާހަކައާއި ގައުމު ދިފާއުކުރުމަށް ޓަކައި އެންމެން ތެދުވާނެ ވާހަކައިގެ މާނައަކީ ކޮބައި ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާގެ ފަހުން، ސަލްޓަން ޕާކު ބުރު ކައިރީގައި ލިޔެފައި ބެހެއްޓި ފިލާގައި ހުރި ލިޔުންތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟ ގައުމީ އިހުތިފާލުތަކަކީ މާނައެއް ހުރި ކަމަކަމަށް ވަނީ ނަމަ، އެ ކިޔޭ ލަވަތަކުގެ ބަސްތަކުގައި މާނައެއް ވަނީ ނަމަ، އެ ފިލާގައި ލިޔެވިފައި އޮތް އެއްޗަކީ މާނައެއް ހުރި އެއްޗަކަށްވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލެން އުޅޭ މި ފަދަ ވަގުތެއްގައި އަތްއުރައިލައިގެން ތިބޭން ހެޔޮވާނެހެއްޔެވެ؟ ޑިމޮކްރަސީއަށް ޓަކައި، އިންސާނީ ހައްގުތަކަށް ޓަކައި، އެންމެން މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުތައް ކޮބައިހެއްޔެވެ؟ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި، މަގުތަކަށް ނިކުމެ، އެފަދަ އިހުތިޖާޖުތައް ކުރުން ހައްގުވެގެން ނުވަނީހެއްޔެވެ؟ މިނިވަކަން ގެއްލެމުންދާކަމުގެ އިޝާރަތްތައް ލިބެމުންދާ އިރު، ހެވިފައި ނޭނގޭކަމަށް ހަދައިގެން، މިއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ، ކަންނެއްކަން މަތީ ބޮޑުއަށިމަތީގައްޔާއި ހޮޅުއަށިތަކުގައްޔާއި ސައި ހޮޓާތަކުގެ މޭޒުތައް ދޮށުގައި ވައި އަނގަތަޅާން ތިބެއްޖެ ނަމަ، ފަލަސްތީނަށް ވީގޮތް، ސިއްކިމަށް ވީ ގޮތް، ރާއްޖެއަށް ވެސް ވުމަކީ ދުރުކަމެއްހެއްޔެވެ؟ ބަނޑުހައިވެފައި އޮތް ސިންގާއެއް އަނގަ ހުޅުވައިގެން ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ވެސް މެއެވެ. އަދި، މުޅަ މަސްގަނޑަކަށް ރާއްޖެ ހަދައި، އެ ސިންގާގެ އަނގައަށް، ރުހުމުގައި، ރާއްޖެ ލަވައިދިނުމުގެ މަސައްކަތް، ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާއިރު ވެސް މެއެވެ."

މިއީ އަސަރުގަދަ ވާހަކައެކެވެ. ނަމަވެސް މި ފަދަ ވާހަކަތަކުން އަސަރުކުރަނީ އަޅުގަނޑުމެން ފަދަ "ކަޓު" މީހުންނަށް އެކަންޏެވެ. މި ފަދަ ވާހަކައެއް ލިޔެލާން ކެރެނީ މަދު ނޫސްވެރިއަކަށެވެ. މިނިވަންކަމުގެ ދިފާޢުގައި އެއްޗެކޭ ވިދާޅުވާން ކެރިވަޑައިގަންނަވަނީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ ފިކުރުގައި މަސައްކަތްކުރައްވާ މަދު ބޭފުޅުންކޮޅަކަށެވެ. 

ވީމާ، މި ކަންކަމާ މެދު ފުންކޮށް ވިސްނައިވަޑައިގަތުމަށް ޓަކައި އޮތީ އެންމެ އަށެއްކަ ދުވަހެވެ. މި މަހު 30ގައި ނަގާ ވޯޓަކީ މި ރާއްޖެ ދެވަނަ ފަލަސްޠީނަކަށް ނުވަތަ ސިއްކިމަކަށް ހަދާން ރުހުމާއި، ގައުމުގެ މިނިވަންކަން ދިފާޢުކުރުމާ ދެމެދު ނެގޭ ވޯޓެކެވެ. އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދުގައި ނެގޭ ވޯޓެކެވެ. ވީމާ، ކާބަފައިން އެތައް ހާސް އަހަރެއް ވަންދެން ޙިމާޔަތްކޮށް އަޅުގަނޑުމެންނާ ހަމައަށް ވާރުތަކޮށްދެއްވި މިނިވަން ގައުމު ޙިމާޔަތްކޮށްގެން ދިވެހީންނަށް ދިވެހީންގެ ރާއްޖެ އަނބުރައި ހޯދައިގެން ޝަރަފުވެރި ދިވެހީންގެ ގޮތުގައި ތިބޭނީތޯ ނުވަތަ ދެވަނަ ސިއްކިމަކަށް ވެގެން އިންޑިއާގެ އުނގުގައި އަޅުވެތިކަމާއި ނިކަމެތިކަމުގައި ތިބޭނީތޯ ނިންމާނީ މި މަހު 30ގައި ނަގާ ވޯޓުންނެވެ. މި ވާހަކަ ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ ފަހަރު އަޅުގަނޑު ލިޔެފީމެވެ. މިއީ މި މައުޟޫޢުގައި ލިޔެވޭނެ އެންމެ ފަހު ފުރުޞަތުކަމަށް ވެދާނެއެވެ. ވީމާ، ތަޢައްޞުބުން އެއްކިބާވެވަޑައިގެން އަޅުގަނޑު މި ދެންނެވި ވާހަކަތަކާމެދު ފުންކޮށް ވިސްނައިވަޑައިގަތުމަށް ވަރަށް އާދޭހާއެކު އިލްތިމާސްކުރަމެވެ. އަޅުވެތިކަމާއި ނިކަމެތިކަމަށް ރުހިގެން ތިބޭން ބޭނުންނަމަ ކެންޑިޑޭޓް ނަންބަރު 3 ޚިޔާރުކުރައްވާށެވެ! ޝަރަފުވެރި ދިވެހީންގެ ގޮތުގައި ދިވެހީންގެ ރާއްޖޭގައި ތިބޭން އެދޭ ނަމަ، ކެންޑިޑޭޓް ނަންބަރު 4 ނޫން ގޮތެއް މި ފަހަރަކު ނެތެވެ. 

މިއީ މި ޤައުމަށް ޓަކައި އަޅުގަނޑުގެ ހިތުގައި އުފެދުނު ޤައުމީ ލޯބީގެ ޖަޒުބާތުގައި އަސަރާއެކު ލިޔެލި ވާހަކަކޮޅެކެވެ. އާދޭހެވެ! މި ފަހަރުގެ އިންތިޚާބަކީ ދިވެހިރާއްޖެ އަޅުވެތިވުމާއި ޙިމާޔަތްކުރުމާ ދެމެދު ކުރެވޭ އެންމެ ފަހު ހަނގުރާމައެވެ. އަޅުގަނޑަކީ ލިޔާ މީހަކަށް ވާތީ އަޅުގަނޑުގެ މަސައްކަތަށް ތާރީޚު ހެކިވާނެއެވެ. އަޅުގަނޑަކީ ނުބައިކަންތައް އަތުން ހުއްޓުވުމުގެ ބާރު ލިބިފައިވާ މީހެއް ނޫނެވެ. އަދި ދުލުން އެކަން ހުއްޓުވުމުގެ ފުރުޞަތެއް ވެސް އަޅުގަނޑަކަށް ނެތެވެ. ނަމަވެސް ލިޔުންތެރިކަމުގެ ކޮންމެވެސް މިންވަރެއް ﷲ އަޅުގަނޑަށް ދެއްވައިފައިވާތީ ލިޔުމުގެ ޒަރީޢާއިން އަޅުގަނޑުގެ ވާޖިބު އަދާކުރަނީއެވެ. މާތް ﷲ ހެކިވެވޮޑިގަންނަވާށިއެވެ! އަޅުގަނޑުގެ އިޚުލާޞްތެރި މި ޢަމަލަށް އަޅުގަނޑު އެދެނީ ﷲގެ ރުއްސެވުމާއި ހެޔޮ ޖަޒާއެވެ. އާމީން!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.