Support Us

ރިޔާސީ އިންތިހާބު 2023

ތިލަމާލެ ބްރިޖު ވެސް އަޅައި ނިންމައިދޭނީ އަޅުގަނޑުމެން: ޑރ. މުއިއްޒު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ބްރިޖް އަޅައިދެއްްވި ބާރު ސްޕީޑްގައި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ވެސް ނިންމައިދޭނީ އިރާދަކުރެއްވިއްޔާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ސަރުކާރަކުން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްގެންދަވާ ކެންޕެއިން ދަތުރުފުޅުގައި ރޭ ރ. ދުވާފަރުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ސަތޭކަ އެތައް މިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި ސިނަމާލެ ބްރިޖް ފެންނަން އެބައޮތް ކަމަށެެވެ. ނަމަވެސް މި ސަރުކާރުން މާލެ އާއި ތިލަމާލެއާ ދެމެދުގައި އަޅާ ބްރިޖް އެޅުމަށް އިންޑިއާއިން 700 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އޭގެތެރެއިން 190 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު ބްރިޖްގެ އެންމެ ތަނބެއް ވެސް ފެންނަން ނެތްކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

"ރަައީސް ޔާމީންގެ ވެރިކަމުގައި 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެޅި ބްރިޖް މިއޮތީ ފެންނަން. މި ސަރުކާރުން އަޅާ ބްރިޖެއް 190 މިލިއަން ޑޮލަރަށް ވީ ގޮތެއް ވެސް ނޭނގޭ. ބްރިޖް ވެސް ނެތް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއަހަރުގެ ޖުލައި މަހު މާލެ އާއި ވިލިމާލެއާ ދޭތެރޭގައި ދުއްވާނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވާ އެ ބްރިޖް އަޅަން ނެގި ބޮޑު ލޯންގެ ފައިސާއަށާއި އެ ބްރިޖަށް ވީ ގޮތް ދެވަނަ ބުުރުގެ ވޯޓް ހޯއްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން ރައްޔިތުން ސުވާލު ކުރަން ޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވެރިކަމެއް އަތުވެއްޖެ ނަމަ އެ ބްރިޖްގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެެ ބްރިޖް ވެސް އިރާދަކުރެއްވިއްޔާ ނިންމައިދޭނީ އަޅުގަނޑުމެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ގައުމުގައި ކޮރަޕްޝަންގެ ކަންތައްތައް މިހާރު އޮތީ އިންތިހާއަށް ގޮސްފައިވާ ކަމަށާއި ކޮވިޑް ތެރޭގައި 30 އެތަައްް މިލިއަން ރުފިޔާ ދީގެން ގަތް ވެންޓިލޭޓަރުތައް ވީތަނެއް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ގައުމުގެ މިއަދުގެ ހާލަތަށް ބަލާއިރު އަމިއްލަ ބަސް ބުނުމުގެ މިނިވަންކަން ވެސް މި ސަރުކާރަކު ނެތް ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި އިސްލާމްދީން ހިމާޔަތް ނުކޮށްފިނަމަ މިގައުމުގެ މިނިވަންކަން ގެއްލި އަމިއްލަވަންތަކަން ގެއްލި އެހެން ދީންތަކަށް މި ގައުމުގެ ފަސްގަނޑުން ޖާގަދެވިގެން ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިކަންކަމުން ގައުމު ސަލާމަތް ކުރެވޭނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، މި މަހު 30ގައި ނަގާ ވޯޓުން ގައުމު ސަލާމަތް ކުރުމަށް އެންމެންގެ ވިސްނުން އެކަތިގަނޑަކަށް ހަދައިގެން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ގައުމުގައި ބޭރުގެ ސިފައިން މިތިބީ. މި ފަސް އަހަރުތެރޭ ހެދިފައި ހުރި އެއްބަސްވުންތައް ހާމަކުރަން ނުކެރިގެން މިއުޅެނީ. އެއްްވެސް ވަރަަކަށް އަމިއްލަވަންތަ ކަމެއްް ނެތް. އެއީ ވަރަށް ބޮޑު ނުރައްކަލެއް. އެ ނުރައްކަލުން ސަލާމަތް ވާނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވެގެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ކެންޕެއިން ވައުދުތަކުގެ ތެރޭގައި ތަކުރާރުކުރައްވާ އެއް ވާހަކަފުޅެއްގެ ގޮތުގައި، ސިޔާސީ މަގާމެއް ނޫން މަގާމެއްގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ނުގެއްލޭނެ ކަމާއި ސަރުކާރުގެ އެއްވެސް ކުންފުންޏެއް އުވާނުލައްވާނެ ކަމަށް ރޭ ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *