...

Support Us

ކޮލަމް މާޒީ: ކީއްވެގެން؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބިފައިވިޔަސް، ވޯޓުލީކަމަށް ވަނީ  225،486 މީހުންނެވެ. އެއީ ވޯޓުލުމުގެ ޙައްގު އޮތް މީހުންގެ ގާތްގަނޑަކަށް 80 ވަރަކަށް އިންސައްތައެވެ. ބަރާބަރަށް ދަންނަވާ ނަމަ، އެއީ %79.85 އިންސައްތައެވެ. އެހެންވީމާ 56،909 މީހުން ނުވަތަ 20 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުނުލަނީއެވެ. ސުވާލަކީ ކީއްވެގެންހެއްޔެވެ؟ މިހާ ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުނުދިނީ ކީއްވެގެންހެއްޔެވެ؟

މި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުނުލީ މީހުން، ވޯޓުނުލީ ކީއްވެގެންކަން ހޯދާން އެއްވެސް ފަރާތަކުން ޢިލްމީ ދިރާސާއެއްކޮށް ރިޕޯޓެއް ހުށަހެޅިކަމެއް އަދި އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. އިވެނީ މުޅީން ވެސް ލަފާކުރުންތަކެވެ. ވެދާނެ ގޮތްތަކެވެ. މިހާ ބޮޑު އިންސައްތައެއްގެ މީހުން ވޯޓު ނުލީ ހަމައެކަނި އެންމެ ސަބަބަކާ ހުރެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ކަމުގައި އެއް ސަބަބަށް ވުރެ ގިނަ ސަބަބުތައް ހުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. 

އެއް ސަބަބަކީ ދިމާވި ކޮންމެވެސް މުހިންމު ސަބަބަކާ ހުރެ އަމިއްލަ ރަށުގައި ހުރެވޭ ގޮތް ނުވީކަމަށް ވެދާނެއެވެ. ޙާލަތު ދިމާވި ގޮތުން އިންތިޚާބު އޮތް ދުވަހު ހުންނާން ދިމާވި ރަށެއްގައި ވޯޓުލާން ކުރީން ރަޖިސްޓަރީ ނުކުރެވުނީއެވެ. 

އަނެއް ސަބަބަކީ، އަޑުއިވޭ ގޮތުން، ވޯޓު ނުލާން އެއްބަސްވެ އައިޑީކާޑު ބޮޑު އަގުގައި ވިއްކައިލުމަށް ފަހު، ލިބުނު ފައިސާކޮޅުގެ ބޭނުމުގައި ގެއަށް ވަދެ ތިބީއެވެ. އަނެއް ބަޔަކު ތިމާމެންނަށް ފައިސާ ދޭނެ ބަޔަކު ނެތީމާ ވޯޓުލާން ނުދިޔައީއެވެ. އަނެއް ބަޔަކު ބޭނުންވާ ކެންޑިޑޭޓެއް ނެތީމާ ވޯޓުދިނުމުގެ މުހިންމުކަން ނުވިސްނޭތީ ވޯޓުލާން ނުގޮސް ތިބީއެވެ. އަދި ވޯޓުލުމަކީ ހުއްދަކަމެއް ނޫންކަމަށް އަމިއްލައަށް ފަތުވާ ނެރެގެން ވޯޓު ނުލައި ތިބި ބަޔަކު ވެސް ތިބިކަމަށް އަޑުއިވެއެވެ. 

މިއިން އެއްވެސް ސަބަބަކާ ހުރެ، ނުވަތަ އެ ނޫން ސަބަބަކާ ހުރެ ނަމަވެސް ގަސްތުގައި ވޯޓުނުލައި ހުރުމަކީ އެއްވެސް މީހަކަށް އޮތް ޙައްގެއް ނޫނެވެ. އަދި ޢަމުދުން ގައުމުގެ އެންމެ މަތީ ވެރިޔާ އިންތިޚާބުކުރުމަށް ޓަކައި ނަގާ ވޯޓެއްގައި ވޯޓުދިނުމަކީ ތިމާ އަދާކުރާންޖެހޭ ވަރަށް ބޮޑު ގައުމީ އަމާނާތެވެ. ކީއްވެގެންހެއްޔެވެ؟

ވޯޓުކަރުދާސްކޮޅަކީ ގައުމުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ޓަކައި ކޮންމެ ރައްޔިތެއްގެ ޚިޔާލު ހޯދުމަށް ޓަކައި ވަކިވަކި ފަރުދުންނާ ކުރާ ސުވާލެކެވެ. "ޤައުމުގެ ވެރިއަކަށް އެންމެ ރަނގަޅީ (މިތަނުން) ކާކުހެއްޔެވެ؟" އެ ސުވާލު ތިމާއަށް ހުށަހެޅުމުން ތިމާއަށް ފެންނަ ޚިޔާލެއް ދިނުމަކީ ތިމާއަށް ފެންނަ ނަމެއްގައި ފާހަގަލުމެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއި ޤައުމަށް ޓަކައި، މާތް ﷲގެ ރަސްކަންފުޅަށް ޓަކައި، އަދާކުރާންޖެހޭ އަމާނާތެކެވެ. އިޚުލާޞްތެރިކަމާއެކުގައެވެ. އެންމެ ރަނގަޅު މީހަކު ލިސްޓުގައި (ވޯޓުކަރުދާސްކޮޅުގައި) ނެތަސް ހުރި ނަންތަކުން ކުރެ އެންމެ ރަނގަޅު މީހަކީ ތިމާގެ ނަޒަރުގައި މިވެނި މީހެކޭ ބުނާން ޖެހޭނެއެވެ. އެއީ ދެ މީހުން ކުރެ ކޮންމެ މީހަކު ހޮވިޔަސް ގައުމަށް ގެއްލުން ލިބޭނެކަމަށް ތިމާއަށް ފެނުނަސް އެންމެ ގެއްލުން ކުޑަވާނީ މިވެނި މީހަކު ހޮވައިގެންކަމަށް ވިސްނުނަސް އެ މީހަކަށް ވޯޓުދޭން ޖެހޭނެއެވެ. އެހެނީ ބޮޑު ގެއްލުމަކުން ސަލާމަތް ވުމަށް ޓަކައި ކުޑަ ގެއްލުމެއް ލިބިގަތުމަކީ ތިމާ އަދާކުރާންޖެހޭނެ ކަމެކެވެ. ދީނީ އުޞޫލަކީ ވެސް އެއީއެވެ.

ތިމާއަށް ކަމުދާ ކެންޑިޑޭޓަކު ނެތްކަމަށް ބުނެ ތިމާ ވޯޓު ނުދިނަސް ގިނަ ބަޔަކު ވޯޓުދޭނެއެވެ. ވޯޓުދޭ މީހުންގެ ތެރެއިން އަޣުލަބިއްޔަތު ލިބޭ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުވީކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން އިޢުލާނުކުރާނެއެވެ. ނޮވެންބަރުމަހު 17 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އެ ބޭފުޅެކެވެ. އެ ހިސާބުން އަޅުގަނޑުމެންގެ މައްޗަށް އަމުރުމަޢުރޫފު ހިންގެވުމުގެ ގާނޫނީ ހުރިހާ ބާރެއް އެ ބޭފުޅެއްގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް އަޅުގަނޑުމެން ފަސް އަހަރު ވަންދެން ތިބޭން ޖެހޭނީ އެ ބޭފުޅެއްގެ އަމުރުވެރިކަމުގެ ދަށުގައެވެ.

ކަން މިހެން އޮތުމާއެކު، ޤައުމުގެ ވެރިއަކު އިންތިޚާބު ކުރުމުގައި ބައިވެރިވުމުގެ ފުރުސަތަކީ ސަމާސާ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެންމެ އެދޭ ކެންޑިޑޭޓަކު ނެތަސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅުކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އަޅުގަނޑުމެން ވޯޓު ނުދީފި ނަމަ، އެއީ އަޅުގަނޑުމެން ނުރުހޭ ނުވަތަ އެންމެ ކަމުނުދާ ކެންޑިޑޭޓަކަށް ދެވޭ ދެ ވޯޓެކެވެ. އެހެނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅުކަމަށް ފެންނަ ކެނޑިޑޭޓަށް އެ ވޯޓު މަދުވާނެއެވެ. އޭގެ ސަބަބުން އަނެއް ކެނޑިޑޭޓަށް ލިބޭ ވޯޓު އިތުރުވާނެއެވެ.

އެހެންވީމާ ކޮންމެ މީހަކު ވެސް އިޚުލާސްތެރިކަމާއެކު ވޯޓުދޭން ޖެހެއެވެ. ދިވެހި ޤައުމުގެ ލާބައާއި މަންފާއަށް ޓަކައެވެ. ކެންޑިޓޭޓަކު އިޚުތިޔާރު ކުރާންޖެހޭނީ އަމިއްލަ މަޞްލަޙަތަށް އިސްކަންދިނުމެއް ނެތިއެވެ. އަމިއްލަ މަޞްލަޙަތު ދޫކޮށް މުޖުތަމަޢުގެ މަޞްލަޙަތަށް ޓަކައެވެ. އަމިއްލަ ފައިދާއޭ ހީކުރިޔަސް ހަގީގަތުގައި އަމިއްލަ ފައިދާ ވެސް އޮންނާނީ މުޖުތަމަޢުގެ މަޞްލަޙަތުގައެވެ. ވަގުތީ ގޮތުން އަމިއްލަ ފައިދާއެއް ލިބުނޭ ހީވި ކަމަށް ވިޔަސް ކުރިމަގުގައި މުޖުތަމަޢަށް ލިބޭ ފައިދާއެއް ނޫނީ ފަރުދުންނަކަށް ނުލިބޭނެއެވެ. އެހެނީ ތިމާއަކީ ތިމާ ދިރިއުޅޭ މުޖުތަމަޢަށް ލިބޭ ކޮންމެ ގެއްލުމަކާއި ފައިދާއެއްގެ ހިއްސާދާރެކެވެ.

އަޅުގަނޑުމެން ކުރާ (ހުއްދަ) ކޮންމެ ކަމެއް ވެސް އިޚުލާޞްތެރިކަމާއެކު ﷲއަށް ޓަކައި ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި އަޅުކަމެއްކަމުގައި ވާނެއެވެ. ވީމާ ވޯޓު ދޭންޖެހޭނީ އިޚުލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑުމެންގެ ހިތުގައިވާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ. ގައުމުގެ ވެރިކަމާ ޙަވާލުކުރާން ރަނގަޅީ ކާކުތޯ އަޅުގަނޑުމެންގެ ޚިޔާލަކަށް އެހޭ ހިނދު، އެ ކަމަށް ފުރަގަސްދިނުމަކީ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް މާތް ﷲ ވަނީ މުއުމިނުންނަށް އަމުރުކުރައްވައިފައެވެ. އަދި ކޮންމެ ކަމެއްގައި ވެސް ޢަދުލުވެރިވާން އަންގަވައި މި އަމުރުފުޅަކީ ކޮންފަދަ މަތިވެރި ވަޢުޡަކާއި ނަސޭހަތެއްކަން ވެސް ވަނީ ހަނދާންކޮށްދެއްވައިފައެވެ. އަދި އެކަލާނގެ އަބަދާއި އަބަދު މީސްތަކުންކުރާ ކަންތައް މޮޅަށް ބައްލަވައިވޮޑިގެން، ދައްކާ ވާހަކަތައް މޮޅަށް އައްސަވައިވޮޑިގެންވާކަން ވެސް ވަނީ ހަނދާންކޮށްދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ ﴿۞إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تُؤَدُّواْ ٱلۡأَمَٰنَٰتِ إِلَىٰٓ أَهۡلِهَا وَإِذَا حَكَمۡتُم بَيۡنَ ٱلنَّاسِ أَن تَحۡكُمُواْ بِٱلۡعَدۡلِۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓۗ إِنَّ ٱللَّهَ كَانَ سَمِيعَۢا بَصِيرٗا٥٨﴾(النساء:58) މިފަދައިންނެވެ.

އަދި އަމާނާތްތައް އޭގެ އަހުލުވެރީންނަށާއި އިނބަށް އަމާނާތްތެރިވާ މީހުންނަށް އަދާކުރާން ވެސް ކައު ސާހިބާ އަމުރުކުރައްވައިފައިވާ ބަސްފުޅެއް އޮވެއެވެ. އަދި އިނބަށް މީހަކު ޚިޔާނާތްތެރި ވިޔަސް އިނބަ ޚިޔާނާތްތެރިވެގެން ނުވާނެކަމުގެ އިރުޝާދު ވެސް އެކަލޭގެފާނުވަނީ ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘުކުރައްވައިފައިވަނީ أد الأمانة إلى من ائتمنك، ولا تخن من خانك މި ފަދައިންނެވެ. 

އެހެންވީމާ ރިޝްވަތާއި ނުފޫޒާއި ގާތްކަމަށް ބަލައިގެން، މި މަތިވެރި އަމާނާތަށް ޚިޔާނާތްތެރިވެވޭކަށް ނެތެވެ. މިއީ ﷲގެ ޙަޟުރަތުގައި އަޅުގަނޑުމެން ޖަވާބުދާރީވާންޖެހޭ މަތިވެރި މަސްއޫލިއްޔަތެވެ. އެހެންވީމާ، ގައުމުގެ ވެރިޔާ އިންތިޚާބުކުރާން ވޯޓުދިނުމަކީ ސަމާސާ ކަމެއް ނޫނެވެ. އެއީ ވަރަށް ސީރިއަސް ވާޖިބެކެވެ. 

ބައެއް މީހުން ދެކޭ ގޮތުގައި މީހެއްގެ އަތުން، ވޯޓު ދޭނަމޭ ކިޔައިގެން ރިޝްވަތު ހިފިއްޖެ ނަމަ، އެ ރިޝްވަތު ދިން މީހާ ބުނި މީހަކަށް ވޯޓު ނުދިނުމަކީ ވަރަށް ނުބައި ކަމެކެވެ. މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. ދަންނަވަންތޯއެވެ؟ ރިޝްވަރު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ލަޢުނަތް ލައްވައިފައިވާ ކަމެއްކަން އެއީ ސާބިތުކަމެކެވެ. މާތް ﷲ އެ ދެބަފައިލަކުންނަށް ރުއްސުންލެއްވި عبد الله بن عمرو (رضي الله عنهما)ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. لعن رسول الله صلى الله عليه وسلم الراشي والمرتشي؛ (رواه أبو داود والترمذي وصححه)   

ނަމަވެސް އެ ރިޝްވަރު ހިފި މަގުސަދު ހާސިލުވާ ގޮތަށް ޢަމަލުކުރުމަކީ އަނެއްކާ އިތުރު ނުބައިކަމެކެވެ. މާ ބޮޑު ނުބައިކަމެކެވެ. ނުބައި ކަމެއް ކުރެވުމުން އިތުރު ނުބައި ކަމެއް ތަކުރާރުކުރާކަށް ނުޖެހޭނެއެވެ. އިތުރު ނުބައިކަމެއް ކުރާކަށް ނުޖެހޭނެއެވެ. ޖެހޭނީ ކުރެވުނު ނުބައިކަންތަކާ މެދު ހިތާމަކޮށް ތައުބާވާށެވެ. ވީމާ ތިމާއަށް ނޭނގުމެއްގެ ތެރޭގައި ނުވަތަ ހަވާނަފުސުގެ އަވާގައި ޖެހިގެން ރިޝްވަތު ހިފިފައި ވިޔަސް، ވޯޓު ދިނުމުގައި ރަނގަޅު މީހާ އިޚުތިޔާރުކުރުމަކަށް ހުރަހެއް ނެތެވެ. އެ ކަމުގައި އަމާނާތްތެރިވާން ޖެހޭނެއެވެ. އެހެން ނޫނީ އަނެއްކާ އަމާނާތަށް ޚިޔާނާތްތެރިވުމުގެ ފާފަ ވެސް ބޮލުގައި އަޅާން ޖެހުނީއެވެ. ވީމާ، ރިޝްވަތު ހިފިފައިވުމަކީ ވޯޓުގައި އަމާނާތްތެރި ނުވުމަށް އޮތް ޙުއްޖަތެއް ނޫނެވެ. އެފަދަ ނުބައި ޢަމަލެއް ކުރެވުނަސް، ދެން އެ ފަދަ ނުބައި ކަމެއް ދުވަހަކު ވެސް ނުކުރާން ޢަޒުމު ކަނޑައަޅައި ތައުބާވެ، އެ ގޮތުގައި ދެމި ހުންނާންވީއެވެ. އަދި، މާތް ﷲއަށް ޓަކައި، އެންމެ ރަނގަޅު، އެންމެ ހުނަރުވެރި ތެދުވެރި ޤާބިލު ކެންޑިޑޭޓަށް ވޯޓު ދިނުމަކީ ތިމާއަށް ދެ ދުނިޔޭގައި ވެސް އެންމެ ފައިދާ ހުރި ގޮތްކަމަށް ގަބޫލުކޮށް އިޚުލާޞްތެރިކަމާއެކު އެންމެ ޤާބިލު ކެންޑިޑޭޓަށް ވޯޓުދެއްވާށެވެ.

މި ފަހަރުގެ އިންތިޚާބުގައި ވޯޓުދޭނެ ބޭފުޅަކު ކަނޑައަޅާން ވަރަށް ފަސޭހައެވެ. ތިއްބެވީ ދެ ކެނޑިޑޭޓުންނާއި އެ ދެބޭފުޅުންގެ ނާއިބުންނެވެ. އެއްބޭފުޅަކީ، ޤައުމަށް ގެންނާން ބޭނުންވާ ބިނާރާއި މިޢުމާރިއްޔަތުގެ ދާއިރާއިން ދުނިޔޭގައި ލިބޭ އެންމެ މަތީ ފާސް ހޯއްދަވައިގެން އެ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އިޚުލާޞްތެރި ދީންވެރި ބޭފުޅެކެވެ. މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނުގެ ނާއިބަކަށް އިޚުތިޔާރުކިރައްވައިފައިވަނީ ވެސް ދީނީ ތަޢުލީމާއި ހިންގުމުގެ ދާއިރާއިން މާސްޓާޒް ފެންވަރަށް ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ޒުވާން ޢިލްމުވެރިއެކެވެ. ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާދު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އެވެ. 

އަނެއް ކެންޑިޑޭޓަކީ މަތީތަޢުލީމުގެ ދޮރާއްޓާ ހަމައަށް ވެސް ވަޑައިގެންނެވިފައިނުވާ އަދި ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެކެވެ. ފަތިފުށް ވެސް މާ ސާފެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ މަނިކުފާނުގެ ނާއިބަކީ ވެސް ޑިޕްލޮމާއަށް ވުރެ މައްޗަށް ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެއް ނޫނެވެ. ހިންގުމުގެ ތަޖުރިބާއެއް ނެތެވެ. ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމެވެ. އެހެންވީމާ، ދިވެހި ޤައުމު މި ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްކުރާން މަސައްކަތްކުރާ މީހުންގެ ޓީމުގައި ހިމެނިވަޑައިގަތުމަށް ޓަކައި، އަދި ސަވާބާއި ދަރުމަ ހޯދުމަށް ޓަކައި، އިޚުލާޞްތެރިކަމާއެކު އެންމެ ރަނގަޅު އެންމެ ތަޢުލީމީ އެންމެ ޤާބިލު ކެންޑިޑޭޓަށް މި އިންތިޚާބުގައި ވޯޓުދެއްވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް މި ފަހަރު ވަރަށް ފަސޭހައެވެ. 

ފުރުޞަތަކީ ތިމާގެ ދޮރުގައި ދެފަހަރަކު ޓަކިދޭ އެއްޗެއް ނޫނެވެ. ޓަކިދޭ ފަހަރު ތިމާ އެ ފުރުޞަތުގެ ބޭނުން ނުހިފައިފި ނަމަ އަބަދުގެ އަބަދަށް ހިތާމަކުރާން ޖެހިދާނެއެވެ. ވީމާ، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލް ޙިމާޔަތްކުރުމަށް ޓަކައި މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ތަޢުލީމީ، އެންމެ ތަޖުރިބާކާރު، އެންމެ ޤާބިލު ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ނާއިބަށް ވޯޓުދެއްވައިގެން މި ޤައުމު ސަލާމަތްކުރައްވާން މަސައްކަތްކުރައްވާ ބަޠަލެއްކަމުގައި ވެވަޑައިގަންނަވާށެވެ! 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.