މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރާއްޖެތެރޭގެ މީހުންނަށް ވެސް މާލެއިން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިި ކުރިއަށްގެންދާ ކެންޕެއިން ހަރަކާތުގައި ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ހަމަ އެފަދައިން މާލޭގެ ރައްޔިތުން ނޫނަސް މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އަތޮޅުތެރޭގެ އެކިއެކި ރަށްރަށުގެ މީހުންނަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ އެމީހުންގެ ރަށުން ވެސް އަދި މާލެއިން ވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ މައްސަލަ ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ހިއްސާކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުން ފިޔަވާ މާލޭގައި ދިރިއުޅޭތާ 20، 30 އަދި 35 އަހަރުވެފައި ތިބި މީހުން އެބަ ތިބި ކަމަށެވެ. އެ ފަރާތްތަކަށް ހާއްސަ "ހައުސިން ސްކީމެއް" ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
"އަޅުގަނޑުވެސް މިހާރު މިވީ 50 އަހަރު މާލޭގައި އުޅޭތާ. މިކަހަލަ ވެސް އެތައް ބަޔަކު އެބަތިބި. މިގޮތަށް ތިބި މީހުންނަށް މިހާރު އަމިއްލަ ރަށުން ގޯތި ލިބުން ދަތި. އެއީ އެ ރަށެއްގައި ވަކި މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ދިރިނޫޅޭތީ ރަށަކުން ވެސް ނުލިބޭ. މާލެއިން ވެސް ނުލިބޭ އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރި ގޮތަކުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މި ހައުސިން ސްކީމްގެ ދަށުން މާލޭގެ ދިރިއުޅޭ މީހުންގެ ތެރެއިން މާލޭގެ ދަފްތަރުގައި ޖެހިފައި ތިބޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެެންމެންނަށް އެ ހައުސިން ސްކީމްގެ ދަަށުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހި ކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންނާއި ޔުނިވާސިޓީގެ މުވައްޒަފުންނާއި ކަރެކްޝަންސްގެ މުވައްޒަފުންނަށް ފްލެޓް ދިނުން ހިމެނޭ ކަމަށާއި އެ ފަރާތްތަކަށް ވައުދުވި ފްލެޓްތަކުގެ ލިސްޓް މިހާރު ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ފްލެޓްތައް ލިބޭ ފަރާތްތަކަށް އެ ލިޔުންތައް ވަަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް މި ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުން 19،842 މީހަކަށް ގޯތީގެ ޔަގީންކަން ދީފައިވާ ކަމަށާއި ފްލެޓްއަށް އެދި ހުށަހަޅާފައިވާ 16،923 މީހުންނަށް ވެސް ފްލެޓް ދޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ގޭގެއަށް ޒިޔާރަތް ކުރާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ހެދޭނެ ގޮތްތައް ނެތް ކަމުގެ ޝަކުވާ ކަމަށާއި ދެން އަންނަ ދައުރެއްގައި ހައުސިން ބޭންކެއް އުފައްދާ ލުއި ލޯންތައް ދިގު މުއްދަތަކުން ދައްކާ ގޮތަށް ކަނޑައަޅާ ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ވިނަރެސް ފްލެޓްތަކާއި އެމްޕީއެލްގެ މުވައްޒަފުންނަށް ލިބިފައިވާ ފްލެޓްތަކުގެ ކުއްޔަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރައީސް ސޯލިހު ދަތުރު ކުރެއްވީ ދެ ވަނަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ. ފުރަތަމަ ބުރުން އެއްވަނަ އަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment