Support Us

ކޮލަމް މާޒީ: ކިހިނެއް؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން އޮންނަ ތާރީޚު މިހާރު މިވަނީ އަތް ފޯރާ ހިސާބަށް ކައިރިވެފައެވެ. އެއީ މި މަހުގެ 30 އެވެ. މި އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ކެންޕޭނުގައި ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް އެންމެ ބާރު އަޅުއްވައި ދައްކަވާ، އެއް ވާހަކަފުޅަކީ އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައްޔިތުން އިންތިޚާބުކުރައްވައިފި ނަމަ، އެންމެ އިސްކަން ދެއްވާނެ އެއް ކަމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤާނޫނީ ހަމަތަކުގެ މަތީން މިނިވަންކުރެއްވުމަށް ކުރައްވާން ޖެހޭ މަސައްކަތްޕުޅު ކަމަށެވެ. މި ވާހަކަފުޅު އެތައް ފަހަރަކު ޑރ. މުޢިއްޒު ވަނީ ތަކުރާރުކުރައްވައިފައެވެ.

ޑރ. މުޢިއްޒުގެ މި ވަޢުދާ ގުޅިގެން ނޫސްވެރީން އެކި މަންސަތަކުގައި ވަނީ އެ ކަމާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. ޚާއްޞަކޮށް ޑރ. މުޢިއްޒުގެ ކެންޕޭނުގެ ތަރުޖަމާނު މުޙަންމަދު ޠަލާލާ މި ސުވާލު ތަކުރާރުކޮށް އަމާޒުކުރެއެވެ. މިއަދުގެ ސަރުކާރުން ފަންޑުކުރާ ނޫސްތަކުން މި ސުވާލު އެތައް ފަހަރަކު ޠަލާލާ ކޮށްފިއެވެ. "ރައީސް ޔާމީން ހުންނެވީ ޝަރީޢަތުގެ ޙުކުމެއްގައި ކަމަށް ވާ އިރު، ކޯޓުތަކަށް ނުފޫޒު ނުފޯރުއްވައި ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކުރައްވާނީ ކިހިނެއްތޯއެވެ؟" މި ސުވާލުުގެ ޖަވާބު ކިތަންމެ ފަހަރަކު އެތައް ގޮތަކަށް ޠަލާލު ވަނީ ދެއްވައިފައެވެ. ނަމަވެސް ތަރުޖަމާނުގެ ހައިސިއްޔަތުން ޠަލާލު ބާއްވަވާ ހަމަ ކޮންމެ ނޫސް ކޮންފަރެންސެއްގައި ހެން މި ސުވާލު ތަކުރާރުކުރެއެވެ. ނޫސްތަކަށް "ބޭނުން ވެގެން" އުޅެނީ ކޮން ޖަވާބެއްކަމެއް ނޭނގެއެވެ. އެނގެނީ އެ މީހުން "ބޭނުންވާ" ޖަވާބު ނުލިބިގެން އުޅޭކަމެވެ.

މި ސުވާލު ހަމަ ކޮންމެ ފަހަރަކު ތަކުރާރުކުރައްވާތީ ޠަލާލަށް އުނދަގޫފުޅުވެގެން އުޅުއްވާކަމުގެ އިޙުސާސެއް ވެސް އަޅުގަނޑަށް ކުރެވިއްޖެއެވެ. އެންމެ ފަހުން އިއްޔެ ނޫން އިހައް ދުވަހު ނޫސްވެރީން މި ސުވާލު ތަކުރާރުކުރާން ފެށުމުން ޠަލާލު ވަނީ ވަރަށް ކުރު ޚުލާޞާ ޖަވާބެއް ދެއްވައިފިއެވެ. ވިދާޅުވިއެވެ. "ހަމަ ގައިމު ވެސް ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ޝަރުޢީ ނިޒާމަކަށް ނުފޫޒެއް ނުފޯރުއްވާނެއެވެ. ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކުރައްވާނޭ ގޮތް ޑރ. މުޢިއްޒަށް އެނގިވަޑައިގަންނަވާނެއެވެ. އެކަން ޑރ. މުޢިއްޒަށް ދޫކޮށްލައްވާށެވެ!"

މި ސުވާލާއި މި ޖަވާބު އަބަދު އިވިއިވި، އަޅުގަނޑަށް ވެސް ކުޑަކޮށް އުނދަގޫވާ ގޮތް ވެއްޖެއެވެ. އެހެންކަމުން ނޫސްވެރީންނަށް ސާފުވާ ވަރަށް އެ ސުވާލަށް ޖަވާބުދޭން އަޅުގަނޑު ބޭނުންވެއްޖެއެވެ. ތެދުފުޅެކެވެ. އެއީ ރަސްމީ ގޮތުން އަޅުގަނޑަކާ ބެހޭ ކަމެއް ނޫނެވެ. ނަމަވެސް ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑާބެހެއެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރައްވާން ޑރ. މުޢިއްޒަށް ކުރެއްވޭނެ ކަންކަން އަޅުގަނޑަށް ފެންނަ ގޮތަކަށް އޮޅުންފިލުވައިދެވޭތޯ ބަލާނަމެވެ.

މިއީ ވަރަށް ސާފު މައްސަލައެކެވެ. ފުރަތަމަ ކަމަކީ، ރައީސް ޔާމީނަށް ކުރައްވައިފައި ވަނީ ބޭއިންސާފު ޙުކުމެއްކަން ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އެންމެ ފުރަތަމަ ބޭއްވި ޝަރީޢަތުގެ މަޖިލީސް ވަގުތުން މުޅި ރާއްޖެއަށް ފެންނާނެ ގޮތަށް ބޭއްވެވީ ރައީސް ޔާމީން ފަޟީޙަތްކުރައްވައި ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓަވައިލައްވާންކަން ރައްޔިތުންނަށް ގަބޫލުކުރެވުނެވެ. އަދި އެ ގޮތަށް އެކަން ކުރުމުގެ ސަބަބުން އެ ޝަރީޢަތުގެ ދަޢުވާގައި ހުރި ބަލިކަށިކަމާއި ޒާތީކަމާއި "ސިލެކްޓިވް ޖަސްޓިސް" (ވަކިވަކި މީހުންނަށް އަމާޒުކޮށްގެން ޝަރީޢާތް ހިންގުން) ވަރަށް ބޮޑަށް ރައްޔިތުންނަށް ސާބިތުވިއެވެ. އަދި ޝަރީޢަތުގެ ކޮންމެ އަޑުއެހުމަކަށް، ރައީސް ޔާމީންގެ ވަކީލުންގެ އިތުރަށް، ޚުދު އެ މަނިކުފާނު ވަޑައިގެން ދައުލަތާ ކުރިމަތިކުރެއްވި ސުވާލުތަކުގެ ސަބަބުން އެ މަނިކުފާނުގެ ސާބިތުކަމާއި ކުޅަދާނަފުޅުކަމާއި މަޢުޞޫމުކަން ރައްޔިތުންނަށް އެނގުނެވެ. އަދި އެ މަނިކުފާނަށް ރައްޔިތުން ކުރާ ތާއީދު އިތުރުވާން ފެށްޓެވެ. ކޮންމެ ގޮތަކަށް ޙުކުމްކުރެއްވިޔަސް އެ ދަޢުވާއަކީ ނުޙައްޤު ދައުވާއެއްކަމާއި ޙުކުމްކުރެއްވީ ނުޙައްޤުންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރިއެވެ. ސަބަބުތައް ވަރަށް ގިނައެވެ.

ފުރަތަމަ ސަބަބަކީ ޤާނޫނުއަސާސީގައިވާ ހަމަހަމަކަން އެ ދަޢުވާގައި ނެތުމެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ ޚިޔާނާތުގެ މައްސަލައަށް އިޢުތިރާފުވެފައިވާ ދެ މީހަކަށް ޖަލުޙުކުމެއް އައުމުން އެ މީހުންނަށް ޢިނާޔަތްދެއްވައި ގެއަށް ބަދަލުކުރައްވައި އެ މީހުންނާއެކު އެއްބަސްވުން ހައްދަވައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދޭނެ ހަމަ އެކަނި ދެ ހެކީންނަކީ މި ދެ ފާސިގުންކަމަށް ކަނޑައަޅުއްވައިގެން އެ ދެ މީހުންގެ ހެކިބަހުގެ މައްޗަށް ރައީސް ޔާމީނަށް ޙުކުމްކުރެއްވުމެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތްތެރީންނޭ ކިޔައިގެން އެކި ލިސްޓު ނެރުއްވައި، އެ ލިސްޓްގައި އެތައް ސަތޭކަ ބަޔަކު ހިމެނިފައިވާ އިރު، އެއިން އެކެއްގެ މައްޗަށް ވެސް ދަޢުވާނުކުރައްވައި ޔާމީންގެ މައްޗަށް މައްސަލަތަކެއް އުފަންކުރައްވައިގެން ހަމައެކަނި ރައީސް ޔާމީނަށް ދަޢުވާކުރައްވައިފައިވުމެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވުނު ދައުލަތުގެ ވަޒީރަކު ތިމަން މަނިކުފާނަށް ދަޢުވާކުރައްވައިފި ނަމަ ދައުލަތް އޮރިޔާންކޮށްލައްވާނަމޭ ވިދާޅުވެފައި ވަނިކޮށް އެ މަނިކުފާނުގެ މައްސަލަ އަނބުރައި ގެންދެވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ވަޒީރަކު ބޮޑު ތުހުމަތެއްކުރައްވައިފައި ވިޔަސް އެ މައްސަލަ ތަޙުޤީޤު ނުކުރެއްވުމެވެ.

ރައީސް ޔާމީނަށް ފުރަތަމަ ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާޠިލުކުރެއްވުމުން އަނެެއްކާ އެހެން މައްސަލަތަކެއް އެއްކަލަ "ބަންޑާރަ" ދެ ހެކީންގެ ހެކިބަހުގެ މައްޗަށް ހުށަހަޅުއްވައިގެން ޙުކުމެއްކުރެވުނެވެ. ޝައްކެއް ނެތް މިންވަރަށް ހެކި ނެތަސް ފާސިޤުންގެ ހެކިބަހުގެ މައްޗަށް، އަދި ރައީސް ޔާމީންގެ ޙަސަދަވެރީންގެ ހެކިބަހުގެ މައްޗަށް، ސަބަބުވެރި އިންސާނެއްގެ ވިސްނުމަށް ރިޢާޔަތްކުރައްވައިގެންނެވެ.

ރައީސް ޔާމީނަށް ކުރެއްވި ޙުކުމްތަކަކީ ސަރުކާރުން ނުފޫޒު ފޯރުއްވައިގެން ކުރައްވައިފައިވާ ޙުކުމްތަކެއްކަން އެނގެނީ ފުރަތަމަ މައްސަލައިގައި ޙުކުންކުރެއްވި ޤާޟީއަށް އިސްތިއުނާފީ ކޯޓެއްގެ ތަޖުރިބާއެއް ނެތި ސުޕްރީމްކޯޓްގެ ފަނޑިޔާރުކަމަށް ޕްރޮމޯޓުކުރެއްވީމައެވެ. މައްސަލައިގެ ޙުކުމް އަންނާނެ ގޮތް ބައްލަވައިލެއްވުމަށް ޓަކައި ރައީސް އޮފީހުގެ މުވައްޒިފުންގެ ވެރިޔާ ކޯޓަށް ފޯނުކުރެއްވިކަމަށް އިޢުތިރާފުުވެވަޑައިގެންފައިވާތީއެވެ. ރައީސް ޔާމީނަށް ދެވަނައަށް ޙުކުމް ކުރެއްވި ޤާޟީއަށް ޙުކުމްކުރައްވާ މަތީން، ކްރިމިނަލް ކޯޓުގެ އިސްޤާޟީކަން ދެއްވުމަށް ފަހު، ޙުކުމްކުރައްވައި ނިމުމާ ވިދިގެން ހައިކޯޓްގެ ޤާޟީކަމަށް ބަދަލުކުރެއްވީތީއެވެ. އަދި އެ ޤާޟީގެ ޢާއިލާގެ އެންމެންނަށް ދައުލަތުގެ އިސް މަގާމުތައް ބައްސަވައިލެއްވީތީއެވެ. މި ހުރިހައި ކަމަކީ އިއްތިފާޤެކޭ، "އެ ބޭފުޅުން" ވިދާޅުވިޔަސް "ސަބަބުވެރި އިންސާނުން" އެ ކަމެއް ގަބޫލެއް ނުކުރެއެވެ.

ރައީސް ޔާމީނަށް ޝަރުޢީ ޙުކުމްތަކެއް ކުރައްވައިގެން ޖަލުގައި ބަންދުކުރައްވައިގެން ގެންގުޅުއްވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރެއްވުމުގެ ފުރުޞަތު ނުދެއްވާންވެގެންނެވެ. ރައީސް ޔާމީނާ އެއް އިންތިޚާބެއްގައި ވާދަކުރައްވާން އެހެން ހުރިހައި "އިސްވާރުން" ޖެހިލުންވެވަޑައިގަންނަވާތީއެވެ. މި ކަންކަން ސާފުވާ އަނެއްކަމަކީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވައިގެން އުޅުއްވާ އިސްތިއުނާފީ މައްސަލަ ގަސްތުގައި ލަސްކުރެއްވިކަމެވެ. ފުރަތަމަ، އެ މައްސަލަ ބައްލަވާން ފެއްޓެވީ ވެސް މައްސަލަ ހުށަހެޅުއްވިތާ އެތައް މަސްދުވަހެއް ފަހުންކަމަށް ވީކަމެވެ. މިއީ އެތައް ބަޔެއްގެ އިންތިޚާބީ ހައްގަކާއި ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވި މައްސަލައެއް ނަމަވެސް އިންތިޚާބުގެ ދުވަސްވަރު ކައިރިވަމުން އައި އިރު، އިސްތިޢުނާފީ މައްސަލަ ލަސްކުރެއްވުމަށް ޓަކައި ފަނޑިޔާރުން ޗުއްޓީ ނެންގެވުމަކީ ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤަށް ހުރަސް އެޅުއްވުމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރެއްވި ކަމެއްކަމަށް ބަލާނެ ޖާގަ އެބަ އޮތެވެ. އެހެނީ ކޯޓުތައް މިއަދު ކޮންޓްރޯލްކުރައްވަނީ ޖޭއެސްސީއިންނެވެ. ޖޭއެސްސީ ކޮންޓްރޯލުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ ސަރުކާރުންނެވެ. މި ހެން މި ކަން އޮތުމުން ޖޭއެސްސީ މިނިވަންކުރައްވާން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤު ރައްޔިތުންގެ މަޖިލީހަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހުށަހެޅުއްވި ހުށަހެޅުއްވުން އެމްޑީޕީގެ އަޣުލަބިއްޔަތު ބޭނުންކުރައްވައިގެން މަޖިލީހުން ބޭރުކޮށްލެއްވީއެވެ. ވީމާ ޖޭއެސްސީއަކީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ މުސްތަޤިއްލު މުއައްސަސާއަކަށް ހައްދަވާކަށް މަޖިލީހުގައި އެ ޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީ ސަރުކާރުން ބޭނުންފުޅު ނުވާކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ.

މި ހުރިހައި ސަބަބުތައް މިހެން ހުރުމާއެކު، އަދި ޝަރީޢަތުގެ އެކިއެކި އަޑުއެހުންތަކުގައި ކަން ހިނގައިފައިވާ ގޮތާއި ސަރުކާރުން ޢިނާޔަތްދީގެން ގެންގުޅޭ ފާސިޤު ހެކީންގެ ހެކިބަސް ނޫން ހެކިބަހެއް ނެތުމުންނާއި ރައީސް ޔާމީން ދައްކަވާ ސާބިތުކަމާއެކު ދިފާޢުގައި އެ މަނިކުފާނުގެ މަޢުޞޫމުކަން ދައްކަވާން ބޭނުންފުޅުކުރައްވާ ޙުއްޖަތްތަކާއި ދަލީލުތަކަށް ނަޒަރުކުރުމުން ރައީސް ޔާމީނަށް ކުރައްވާ ދަޢުވާތަކާއި ކުރައްވާ ޙުކުމްތަކަކީ ސަރުކާރުގެ ނުފޫޒުން ހިންގަވާ ކަންކަންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.

އެހެންވީމާ، ރައީސް ޔާމީން މިނިވަންކުރެއްވުމަށް ޓަކައި ޤާނޫނީ ހަމަތަކުގެ މަތީން ކުރައްވާންވީ ކަންކަން ވަރަށް ސާފެވެ. ވަރަށް ޞަރީޙައެވެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ފާސިޤު ހެކީންގެ ހެކިބަހަށް، ޤާނޫނުއަސާސީގައިވާ ހަމަހަމަކަން ނެތް ގޮތަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޙުކުމުން ރައީސް ޔާމީން މިނިވަންކުރެވޭނެ ފޯމިއުލާއަކީ ވަރަށް ފަސޭހަ ފޯމިއުލާއެކެވެ. ޑރ. މުޢިއްޒު ކުރައްވާން ޖެހިވަޑައިގަންނަވާނީ ހަމަ ކުޑަކުޑަ ކަމެކެވެ. ސަރުކާރުގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ޙުކުމްކުރެއްވުމުގެ ފަހި ފުރުޞަތާއި މިނިވަންކަމާއި އިތުބާރު ފަނޑިޔާރުންނަށް ދެއްވުމެވެ. ސަރުކާރުން ޝަރުޢީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުއްވުމެވެ. އޭރުން ރައީސް ޔާމީންގެ މައްޗަށް ޤާނޫނުއަސާސީގައި ބުނާ ހަމަހަމަކަމެއް ނެތި، ފާސިޤުންގެ ހެކިބަހުގެ މައްޗަށް ކުރި ހުރިހާ ޙުކުމަކާއި އެ މައްސަލަތައް ހުށަހެޅި ހުށަހެޅުން ވެސް ބާޠިލުވާނެއެވެ. ނުވަތަ އިސްތިޢުނާފީ މައްސަލަތައް އަވަހަށް ހިނގައިގަންނާނެއެވެ. އިންސާފުވެރިކަމާއެކު ފަނޑިޔާރުން ޙުކުމް ކުރައްވާނެއެވެ. އޭރުން ރައީސް ޔާމީން އޮޓޮމެޓިކުން މިނިވަންވެވަޑައިގަންނަވާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން ވިނިވަންކުރައްވާން ޑރ. މުޢިއްޒު އެ ވިދާޅުވާ ގޮތަކީ މިއީއެވެ. ޝަރުޢީ ދާއިރާ އޭގެ އެންމެ ފުރިހަމަ މާނައިގައި މިނިވަން ކުރެއްވުމެވެ.

ރައީސް ޔާމީނަށް ވަގު ތުހުމަތު އަޅުވައި އެހެން ތަކުރާރުކޮށް ކިޔައިގެން ބައެއް ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުވީކަން ދޭހަވާ ކިތަންމެ ވާހަކަފުޅެއް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާއާއި ރައީސް ވެސް ވިދާޅުވެފައިވެއެވެ. އެ މަނިކުފާނަކީ ހަމައެކަނި ވެރިކަން ކުރައްވައި ދައުލަތް ޖީބަށް ލައްވާން ވަޑައިގަތް ޚާއިނެއް ނޫނެވެ. އެއީ ޤައުމީ ތަޞައްވުރަކާއެކު ޤައުމު ތަރައްޤީކުރައްވާން ވެރިކަމަށް ވަޑައިގަތް ބޭފުޅެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އެޅުއްވި ފިޔަވަޅުތަކާއި ގެންގުޅުއްވި ތަޞައްވުރުންނާއި ހިންގެވި ބިޔަ މަޝްރޫޢުތަކުން އެ ކަން ސާފުވެވަޑައިގަންނަވާނެއެވެ. މިއަދުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން، އޭރުގެ ޤައުމީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތައް ހުއްޓުވާން ކުރެއްވި މަސައްކަތާއި ރާއްޖޭގެ މަސްވެރިކަމާއި އިޤުތިޞާދު ހަލާކުކޮށްލައްވާން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެއްވި ލާގައުމީ މަސައްކަތަށް ވިސްނައިލައިފި ކޮންމެ މީހަކަށް ވެސް ވައްކަންކުރާނީ އަދި ގައުމަށް ހެޔޮ އެދޭނީ ކޮން ބަޔެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ.

މިއަދުގެ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓަކީ، ރައީސް ޔާމީންގެ ޤައުމީ (ކޮންޒަރވޭޓިވް) ފިކުރުގެ އަދި އެ ޤައުމީ ތަޞައްވުރާއިގެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެމްޑީޕީއަކީ، އެހެން ޕާޓީއެއް ވެރިކަމުގައި އޮވެއްޖެ ނަމަ، ފަތުރުވެރިކަން ބޮއިކޮޓުކުރާން މަސައްކަތްކޮށް ޤައުމުގެ އިގުތިޞާދު ހަލާކުކޮށްލާން ކެންޕޭނުކުރުމުގެ ރެކޯޑް އޮތް ޕާޓީއެކެވެ. އަދި ރާއްޖޭގެ އެތައް ބިނާރެއްގައި ހުޅުޖަހައި އަންދައިލައި އެތައް ގެއްލުންތަކެއް ގައުމަށް ދީފައިވާ ޕާޓީއެކެވެ. ފ. އަތޮޅުގައި ހިންގަވާން ރައީސް ޔާމީން އުޅުއްވި ބިޔަ ބޮޑު މަޝްރޫޢު ހުއްޓުވި ގޮތާއި އިންޑިއާ މެދުވެރިކޮށް އައިހެވަން މަޝްރޫޢު މަޑުޖެއްސުވި ގޮތާމެދު، ހުސް ހިތަކާއެކު ތަޢައްޞުބެއް ޙަސަދައެއް ނެތި ވިސްނައިލައިފި ނަމަ، އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި ކަން ހިނގައިފައިވާ ގޮތަށް ބަލައިލައިފި ނަމަ، ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން އަމިއްލަ ޖީބުތައް ފުރައި، ބައިކުދީންނަށް ނުހައްގު މުއްސަނދިކަން ހޯދައިދޭން މަސައްކަތްކުރަނީ ކޮން ބަޔަކު ނުވަތަ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ރައީސް ޔާމީނާއި އެ މަނިކުފާނުގެ ރުހިވަޑައިގަމުމާއެކު މިހާރު ރިޔާސީ ރޭހުގައި ވާދަކުރައްވާ ޑރ. މުޢިއްޒަކީ ޤައުމީ މި ތަޞައްވުރާއެކު ޤައުމީ ސިޔާދަތާއި އިސްތިޤުލާލާއި މިނިވަންކަމާއި އަމިއްލަވަންތަކަން ދިފާކުރައްވައި އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި މިއުމާރީ ގޮތުން ގައުމު ތަރައްގީކުރެއްވުމުގެ ތަޞައްވުރާއެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާން ބޭނުންފުޅުވާ ކޮންޒަރވޭޓިވް ދެ ބޭފުޅުންނެވެ. ވީމާ، ޤާނޫނީ ހަމަތަކުގެ މަތީން ރައީސް ޔާމީން މިނިވަންކޮށްދެއްވާނީ، ޢަދުލުވެރިކަން ޢާއްމުކުރައްވައިގެން އިންސާފު ގާއިމުކުރައްވައިގެންނެވެ.