Support Us

ކޮލަމް މާޒީ: ޑރ. މުޢިއްޒަކީ ކޮން ފަދަ ނިޢުމަތެއްހެއްޔެވެ!

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަކީ ޢިލްމީ ބޭފުޅެކެވެ. ފަންނީ ބޭފުޅެކެވެ. ދަންނީ ބޭފުޅެކެވެ. ބިނާރު ގާއިމުކުރުމާއި މިއުމާރިއްޔަތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކުޅަދާނަ މިއުމާރެކެވެ. ނަމަވެސް ސިޔާސީ ދާއިރާގައި އެ މަނިކުފާނު ކުރީން އެހާ މަޝްހޫރެއް ނޫނެވެ. ސިޔާސީ މަސްރަޙުގައި އެ މަނިކުފާނު ވިދާންފެށީ 2021ގައެވެ. ތާރީޚުގެ ތެރެއަށް އެ މަނިކުފާނު ވަދެވަޑައިގަތީ ފުރަތަމަ ފަހަރަށް ސީދާ ރައްޔިތުންގެ ޢާންމު ވޯޓަކުން 2021 ގައި މާލޭ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގަތުމާ ހިސާބުންނެވެ. އެއީ ތާރީޚީ ކާމިޔާބީއެކެވެ. މިއީ ރައްޔިތުންގެ ސީދާ ވޯޓަކުން މާލޭ މޭޔަރު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ. މި އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބުކުރެއްވީ ޖެހިޖެހިގެން 11 އަހަރު ވަންދެން މާލޭ ކައުންސިލްގެ މުޅި އަޣުލަބިއްޔަތު އެމްޑީޕީން ހޯދައިގެން ތިން ދައުރެއް ފުރިހަމަކޮށްފައި ވަނިކޮށެވެ. އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރައްވައިގެންނެވެ. ރާއްޖޭގެ ވެރިރަށް މާލެ ސިޓީ ހިންގެވުމުގެ މަސްއޫލިއްޔަތު އެ މަނިކުފާނާ މާލޭ ރައްޔިތުން ޙަވާލުކުރެއްވީ ވަރަށް ތަނަވަސް އަޣުލަބިއްޔަތުންނެވެ.

އެ ހިސާބުން ފެށިގެން ޑރ. މުޢިއްޒުގެ ވިދުން ގަދަވާން ފަށައިފިއެވެ. ރައްޔިތުންނަށް އެ މަނިކުފާނުގެ ހިންގުންތެރިކަން ދައްކަވައިލައްވައިފިއެވެ. އެ މަނިކުފާނުގެ ހިންގުންތެރިކަން ރައްޔިތުންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ މި ދިޔަ ބޮޑު ޢީދުގައި މާލެ ޒީނަތްތެރިކޮށްލެއްވި ގޮތުގެ ސަބަބުންނެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ދީނީ ރޫޙު އޮތް މިންވަރު ހާމަވީ އެ ޢީދުގައި މުޅި މާލެއިން ތަކުބީރުގެ މަތިވެރި ކަލިމައިގެ އަޑު މެދުނުކެނޑި އިވޭ ގޮތް އިންތިޒާމުކުރެއްވީތީއެވެ.

ޑރ. މުޢިއްޒު ވަނީ ދެ ރިޔާސަތެއްގައި ވަރަށް ޤާބިލުކަމާއެކު އަށެއްކަ އަހަރު ވަޒީރުކަން ކުރައްވައިފައެވެ. ޑރ. މުޢިއްޒު ސިޔާސީ ދާއިރާއާ އޭރު ގުޅިވަޑައިގަތް އިރު، އެ މަނިކުފާނަކީ ރާއްޖޭގެ އެންމެ މަޝްހޫރު މަދަނީ އިންޖިނޭރުންގެ ތެރޭގައި ހިމެނިވަޑައިގަތް މަޤުބޫލު މަދަނީ އިންޖިނޭރެކެވެ. ޤައުމުގައި ބިނާކުރެވުނު މުހިންމު ބިނާރުތައް ފަރުމާކުރެއްވުމާއި އެ ކަމުގައި ލަފާދެއްވުމާއި މަޝްވަރާދެއްވުމާއި ވިލަރެސްކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ އެ މަނިކުފާނެވެ.

އެ މަނިކުފާނަކީ ކުޅަދާނަ މިޢުމާރެކެވެ. އެ މަނިކުފާނު މަތީތަޢުލީމުގެ ދާއިރާއަށް ވަދެވަޑައިގަތީ، ސާނަވީ ތަޢުލީމުގެ އިމްތިޙާނުގައި 17 މާއްދާއިން އޭ ސްޓާރ ހޯއަދަވައިގެންނެވެ. މަތީ ތަޢުލީމުގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަރސިޓީތަކުން ބެޗްލާޒް ޑިގްރީއާއި މާސްޓާޒް ޑިގްރީއާއި ޕީއެޗްޑީ ޙާޞިލުކުރައްވައިފައެވެ.

ޑރ. މުޢިއްޒަކީ ތަޢުލީމީ އެންމެ މަތީ ސަނަދުކަމުގައިވާ ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ބެޗްލާރސް ޑިގްރީއާއި މާސްޓާސް ޑިގްރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގައެވެ. ޑޮކްޓަރ އޮފް ޕިލޯސަފީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ.

ޑރ. މުޢިއްޒަކީ ކުޅަދާނަ މިއުމާރެކެވެ. ބިނާރު ތަރައްގީކުރެއްވުމުގެ ދަންނީ ތަޖުރިބާކާރެކެވެ. ފަންނީ އަދި ދަންނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ޚިދުމަތްކުރައްވައިފައިވެއެވެ. ސަރުކާރުގެ ވަޒީރުކަމުގައި ހައެއްކަ އަށެއްކަ އަހަރު ނުހަނު ގާބިލުކަމާއެކު މަސައްކަތްޕުޅުކުރައްވައި ނަތީޖާ ދައްކަވައިފައިވެއެވެ. އޭޝިއަން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭއައިޑީބީ)އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައިވާ ގަވަރުނަރުގެ މަޤާމު ވެސް ޑރ. މުޢިއްޒު ވަނީ އަދާކުރައްވައިފައެވެ.

އަދި އެއް ކަމެއް ފާހަގަކޮށްލާން ބޭނުންވެއެވެ. ޑރ. މުޢިއްޒަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚު ޙުސައިން ޢަބްދުއްރަޙުމާނު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލުންނެވެ. އެ މަނިކުފާނުގެ ފުރިހަމަ އިސްލާމީ ތަރުބިއްޔަތާއެކު ބޮޑުފުޅުކުރެއްވި ޢިލްމީ ދަރިކަލުންނެވެ. އެ މަނިކުފާނުގެ ހަމައެކަނި ފިރިހެން ދަރިކަލުންނެވެ. ނަސީބު ދިމާކުރި ގޮތުން، ޝައިޚު ޙުސައިން ޢަބްދުއްރަޙުމާންގެ ދަރިވަރަކަށް ވުމުގެ ޝަރަފު އަޅުގަނޑަށް ލިބިފައިވުމުގެ އިތުރަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ. އެހެންކަމުން އެ މަނިކުފާނުގެ ޢިލްމުވެރިކަމާއި ތަޤުވާވެރިކަން ވަނީ ތަޖުރިބާކުރެވިފައެވެ. ވީމާ، އެ މަނިކުފާނުގެ ހަމައެކަނި ފިރިހެން ދަރިކަލުން ތަރުބިޔަތުކުރައްވައިފައި ހުންނާނެ ފުރިހަމަ ގޮތް ވިސްނުމަށް ގެންނާކަށް ދައްޗެއް ނޫނެވެ.

ޑރ. މުޢިއްޒުގެ ހަމައެކަނި މި މަޢުލޫމާތުގެ މައްޗަށް އެކަނި ބަލައިލިޔަސް އެއީ މި ދިވެހި އިސްލާމީ އުންމަތަށް ވެރިއެއްކަމަށް ގެންނާން އެންމެ އެކަށީގެންވާ ކެންޑިޑޭޓުކަން އެބަ ސާބިތުވެއެވެ.

ޑރ. މުޢިއްޒާ ރިޔާސީ ރޭހުގައި ދެވަނަ ބުރުގައި ވާދަކުރައްވަނީ އެއްވެސް ރޮނގެއްގައި ޑރ. މުޢިއްޒާ އަޅައި ކިޔާލެވޭ ވަރުގެ ބޭފުޅުންނެއް ނޫނެވެ. ތަޢުލީމާ ތަޖުރިބާއަށް ބަލާއިރުވެހެވެ. އެހެންވީމާ، މި ފަހަރުގެ އިންތިޚާބުގައި މި ކަން ހަނދާން ބަހައްޓާން އެބަ ޖެހެއެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނާ ހަމަހަމަ ނުވާނެކަމުގެ މަތިވެރި އިރުޝާދު މާތްﷲ ވަނީ މުސްލިމުންނަށް ދެއްވައިފައެވެ. މި އިރުޝާދާ ވިދިގެން، އަންގަވައިފައިވަނީ ބުއްދީގެ އަހުލުވެރީން ވެއްޖިއްޔާ މި ފަދަ ނަސޭޙަތްތައް ޤަބޫލުކުރާނޭ ކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ ۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ٩﴾ ("ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަ ވާނޭހެއްޔެވެ؟ ނަސޭހަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރީންނެވެ.") (އައްޒުމަރު:9)

އެހެންވީމާ، ރަޙުމާނުވަންތަ ރަޙީމުވަންތަ މާތްﷲގެ މި ފަދަ އިރުޝާދެއް މުސްލިމުގެ ފައިދާއަށް ޓަކައި ދެއްވައިފައިވާއިރު، އެ ކަލާނގެ ފަޟުލުވަންތަކަމުން ޢިލްމުވެރި ރިޔާސީ ކެންޑިޑޭޓަކާއި އެ މަނިކުފާނުގެ ނާއިބަކަށް އެ ފަދަ ޢިލްމުވެރި ބޭފުޅަކު މިންވަރުކުރައްވައިފައި ވަނިކޮށް ﷲ މި ފަހިކޮށްދެއްވި މަތިވެރި ފުރުޞަތަށް އިހުމާލުވެ ޖާހިލުންގެ އަތުގައި ހިފައިފި ނަމަ، އަޅުގަނޑުމެންވާނީ ނިޢުމަތަށް ޝުކުރުނުކުރާ ބަޔަކަށްކަމާ މެދަކު ޝައްކެއް ނެތެވެ.

ބައެއް ލަފުޒުގެ މާނަ:

މިއުމާރު: އިމާރާތް ފަރުމާކުރާ މީހާ. އިމާރާތްތައް ބިނާކުރެވެނީ އޭގެ ފަރުމާއާ އެއް ގޮތަށްތޯ ކަށަވަރުކުރުމަށް ޓަކައި ބަލަހައްޓާނީ ވެސް ގިނަ ފަހަރަށް މި ފަދަ މީހުންނެވެ.

މިއުމާރިއްޔަތު: ޢިމާރާތްތައް ފަރުމާކުރުމާއި ފަރުމާކުރުމުގެ މަސައްކަތް ނުވަތަ އެކަމުގެ ފަންނު.

ބިނާރު: ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި ޢިމާރާތްތަކާއި، ބަނދަރުތަކާއި، ކަރަންޓް ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމުކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. އަޒީބެ މިއުޅެނީ ތަންކޮޅެއް މަތީ ވަޒީފާއެއްް ކަށަވަރުކުރަންތާ ! އަނެއްހެން މުއިއްޒުގެ ބައްޕަ އަކީ ދީންވެރި ބޭފުޅަކަސް އެދުވަސްވަރު އެންމެ ބޮލަށް އުނދަގޫވާގޮތަށް ހުކުރު ޚުތުބާ ވިދާޅުވާނީ އެބޭފުޅާ. އަނެއްކާ ، އެބޭފުޅާ ދިވެހިބަހުން ލިޔުއްވި " މައިން ދަރިންތެރޭގައި ނުކިޔޭކަހަލަ " ފޮތެއްއޮވޭ. ނަމެއް ލިޔާކަށްނެތިން……… އެކަހަލަ ފޮތެއް އެހެން ދިވެއްސަކު ލިޔުނުހެނެއް ހިޔެއްނުވޭ . އެބޭފުޅާއަށް ރަޙުމަތް ލައްވާނދޭވެ.
    ދެން މުއިއްޒު ، ސިމެންތީގެ ރޮނގުން ޕީ.އެޗް.ޑީ ހެއްދެވިއަކަސް ، އެކަމުގައި ކުރެއްވި މަސައްކަތްތައް ހުރީ " މުއިއްޒުވެފަ " . އަޒީބެއަށް ވ. ސަލާން .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *