Support Us

ރިޔާސީ އިންތިހާބު 2023

ސިޔާސީ ވާދަވެރިންހާ ދަށު ދަރަޖައަށް ވެއްޓިގެންނުވާނެ: ޑރ. މުއިއްޒު

ސޔާސީ ވާދަވެރިންނާ މެދު ހިޔާލުތަފާތުވި ނަމަވެސް އެ ފަރާތްތަކަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށާއި ރުޅިއިސްކޮށް އެ ފަރާތްތަކާ އެއް ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ،

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ދަތުރުފުޅުގައި ރޭ ށ.ފުނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ސިޔާސި ކަންކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަމަލް ކުރާ ގޮތުގެ ސަބަބުން އެކަކު އަނެެކާ ކުރާ އިހުތިރާމް މިހާރު ރާއްޖެއިން ނެތިގެން ގޮސްފައިވާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެފަދަ ރިވެތި އަހުލާގުތައް އަނބުރާ ގެނެސްގެން ނޫނީ ހިތްހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ ކަމަށާއި ކިތަންމެ ވަރަކަށް މަގުތައް ހަދާ އެއާޕޯޓް ހަދާ އިންފްރާސްޓްރަކްޗާ ގެނައި ނަމަވެސް މުޖުތަމައުގެ ބޭނުމެއް ނެތް ކަމަށެވެ.

"ސިޔާސީ ކަންކަމުގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންތައްތައް ކުރާ ފަރާތްތައް ދިމާވާނެ. އެކަމަކު އަޅުގަނޑުމެން ވާންޖެހޭނީ އެކަންކަން ކުރާ މީހުން އެ ވެއްޓޭ ދަަށް ލެވެލްއަށް ނުވެއްޓި ތިބޭ ބަޔަކަށް. މުޖުތަމައު ތެރޭގައި އެހެން ދިމާވާ ކަންކަމުގަ އަޅުގަނޑުމެން ވާންޖެހޭނީ އަޅުގަނޑުމެންގެ އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ދަރިން ސްކޫލްތަކަށް ފޮނުވައިގެން ކިޔަވައިދޭއިރު ގައުމިއްޔަތަށް ލޯބިކުރާ ދަރިންތަކެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށާއި އެގޮތުން ހާއްސަ މާއްދާއެއްގެ ގޮތުގައި މަންހަޖުގެ ތެރޭގައި "ގައުމިއްޔަތު" ހިމަނުއްވާނެކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމް ކުުރުުމުގެ ރީތި އަހުލާގު ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަމަށެވެ.

މީގެ އިތުުރުން މަސްތުވާތަކެތީގައި ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހާއްސަ އިސްކަމެއް ދިނުމަށް ކަނޑައަޅާފައިވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ކޮންމެ އަހަރެއްގައި އެކަމަށް ބަޖެޓެއް ކަނޑައަޅާ މި ވަބާއިން އެ ޒުވާނުން ސަލާމަތްކޮށް، އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް އެކިއެކި  ޕްރޮގްރާމްތައް ހިންގުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި ޑްރަގް ރާއްޖެ އެތެރެވާ ގޮތްތައް ހޯދައި އެކަންކަން ތާއަބަދަށް ނިމުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *