ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން އެ މީހަކު ބޭނުން ކެންޑިޑޭޓަކަށް ތާއީދުކޮށް ވޯޓު ދޭންވީ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ނަމަވެސް ޖޭޕީގެ ނަން ބޭނުން ނުކުރުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ފަސް ވަނަ އަށް ވަޑައިގެން އިންތިހާބުން ފެއިލްވެވަޑައިގެންނެވުމަށް ފަހު، ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ގާސިމާއި ޖޭޕީން ވަނީ ނިންމައިފައެވެ. ގާސިމް މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމްޑީޕީއަށް އަދި އެއް ފަަހަރު ޕީޕީއެމަށް ތާއީދު ކުރައްވައިގެން ގަސިމް ވަނީ ވެރިކަން ހޯދައިދެއްވައިފަ އެވެ.
ގާސިމް މިއަދު ވިދާޅުވީ މި މަހު 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީން ތާއީދު ނުކުރުމަށް ނިންމާފައިވަނީ ވޭތުވެދިޔަ ތަނުގައި ކޯލިޝަަން ހަދައިގެން ތިން ފަހަރު މަތިން ލިބިވަޑައިގެންނެވި ހިތި ތަޖުރިބާއަށް ބެއްލެވުމަށް ފަހު ކަމަށެވެ. އަދި ކޯލިޝަން ނުހެދުމަށް ނިންމީ ޖޭޕީގެެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުން އެކަމާ މެދު ގޮތެއް ނިންމުގެ އިހްތިޔާރު ގާސިމަށް ދިނުމާ ގުޅިގެން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"(ޖޭޕީގެ) މި ނިންމުމުގެ ސަބަބުން މެމްބަރުންގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ ޕާޓީގެ ނަން ބޭނުންނުކޮށް އެ މެމްބަރަކަށް ފެންނަ ކެންޑިޑޭޓަކަށް ތާއީދު ކުރުމާ ވޯޓް ދިނުމަކީ ޖުމްހޫރީ ޕާޓީގެ ހަމަ ކޮންމެ މެމްބަރަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުންގެ ސަމާލުކަމަށް!
16 ސެޕްޓެމްބަރ 2023 ވަނަ ދުވަހު މެންދުރުފަހު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، ހިނގަމުން މިދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ތާއީދު ކުރާނީ ކޮންކެނޑިޑޭޓަކަށް ކަން ކަނޑައެޅުމާއި، ނުވަތަ އެއްވެސް…
— Qasim Ibrahim (@qasimibrahim) September 17, 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ދެވަނަ ބުރަށް ވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވެސް ކުރި އެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ގާސިމް ވަނީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ޒިޔާރަތްކުރައްވައިފަ އެވެ. އަދި "ގައުމީ ލީޑަރު"ގެ ނަމުގައި ގާސިމް ކުރެއްވި ކެންޕެއިންގައި އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވެފައިވާ ކަމުގެ ކަންބޮޑުވުންތަކާއި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެވެ. މީގެ އިތުރުން ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނީގެ ވާހަކަ ވެސް ގާސިމް ގެންދެވީ ވަރަށް ބޮޑަށް ދައްކަވަމުންނެވެ. އަދި އިންޑިއާއާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެެއްބަސްވުންތަކުގެ ހަގީގަތް ނޭނގޭތީ އެކަމުގެ ކަންބޮޑުވުންތައް ވެސްް ފާޅުކުރައްވަމުން ގެންދެވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައްޔިތުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް ބަޔަކު ވާހަކަ ދައްކާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށެވެ. ސިޔާސީ ލީޑަރުންނާއި މީޑިއާތަކުން ހާމަކޮށްދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔަ މޮރިޝަސް ސިޓީ ވަނީ، ރައީސް ސޯލިހް އެހެން ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް, މީސްމީޑިއާގައި ލީކްކޮށްލައިފަ އެވެ. އަދި އެއީ ސައްހަ ސިޓީއެއްކަން ސަރުކާރުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ބެހޭ ގޮތުން ދެކެވެމުން ގެންދާ ވާހަަކަތަކާ ގުޅިގެން ހަަމަ އެ ދުވަހު ދިވެހި ސިފައިން ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ މަރުކަޒެއް ނެތް ކަމަށް ބުނެފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment
One Response
ގާސިމް ދޭނީ 4 ނަންބަރަށްތާ