Support Us

ކޮލަމް މާޒީ: މައްސަލައަކީ ނިޒާމުގެ މައްސަލައެއް ނޫނެވެ. ބަރުލަމާނީ ވެސް ގޯހެއް ނޫނެވެ.

އެއްވެސް ދައުލަތެއްގެ ދަށުގައި ދިރިއުޅޭ ރައްޔިތުން އުފާ ފާގަތިކަމުގައި ދިރިއުޅެނީ އެ ދައުލަތެއް ހިންގާ ނިޒާމެއްގެ ސަބަބަކުންނެއް ނޫނެވެ. ކޮންމެ ނަމެއް ކިޔާ ނިޒާމެއްގެ ދަށުން ވެރިކަން ހިންގިޔަސް އެ ވެރިކަން ހިންގާން ޙަވާލުވެ ތިބޭ ވެރީންގެ ޢަދުލުވެރިކަމާއި ތެދުވެރިކަމާއި އިޚުލާޞްތެރިކަން ނެތަމަ، އަދި އެ ބަޔަކު ޤަބޫލުކުރާ ޢަޤީދާއާއި ގައުމިއްޔަތަށް ކުލުނެއް ނެތް ނަމަ، އެ ޤައުމެއް ކުރިއަރައިގެންނެއް ނުދާނެއެވެ. ޢަދި ޢަމުދުން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެ ތާނގެ ވެރިކަމާ ކޮންމެ ގޮތަކުން ނަމަވެސް ޙަވާލުވާ ބަޔަކު، އެ ވެރިކަމަކީ ﷲގެ އަމާނާތެއްކަމަށް ގަބޫލުނުކޮށް ހަވާނަފުސުގެ މައްޗަށް ހެއްލި، އަމިއްލަ ފައިދާއަށް މަސައްކަތް ފަށައިފި ނަމަ، އެ ދައުލަތެއް ދާނީ ނާކާމިޔާބުގެ މަގަށެވެ.

މުސްލިމު އުންމަތެއްގައި ބަޔަކާ ވެރިކަން ޙަވާލުވެއްޖެ ނަމަ، އެ ވެރިކަމުގެ ފަރާތުން ޢަމަލުކުރާންޖެހޭ ގޮތް ބަޔާންކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ ﴿ٱلَّذِينَ إِن مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ أَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ وَأَمَرُواْ بِٱلۡمَعۡرُوفِ وَنَهَوۡاْ عَنِ ٱلۡمُنكَرِۗ وَلِلَّهِ عَٰقِبَةُ ٱلۡأُمُورِ٤١﴾ ("އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކޮށް އުޅޭ މީހުންނެވެ. ކަންކަމުގެ ނިމުން ވަނީ ﷲއަށެވެ.") (އަލްޙައްޖު:41) މި ފަދައިންނެވެ. ކީރިތިﷲ ބަޔާންކުރައްވައިފައި މި ވާ ގޮތަށް ބިމުގައި ވެރިކަން ކޮށްފި ނަމަ، އެ މުޖުތަމަޢަކުން ފެންނާނީ ޢަދުލުވެރިކަމެވެ. އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ތަނަވަސްކަމެވެ. ކުރިއެރުމެވެ. ތަރައްޤީއެވެ. މި ފަދަ މުޖުތަމަޢަކަށް ބޭނުންވަނީ ވަކި ނަމެއް ކިޔާ ނިޒާމެއް ނޫނެވެ. ބޭނުންވަނީ ﷲ އަންގަވައިފައިވާ ގޮތަށް އިޚުލާޞްތެރިކަމާއި ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު، ﷲއަށް ޓަކައި ވެރިކަން ކުރާ ވެރިކަމެކެވެ.

މި ޒަމާނުގެ ޑިމޮކްރެސީތަކުގައި ޑައިރެކްޓް ޑިމޮކްރެސީ، ރެޕްރެޒެންޓޭޓިވް ޑިމޮކްރެސީ، ސޯޝިއަލިޒަމް، ކޮމިޔުނިޒަމް، މޮނާކީ (ވިރާސީ ރަސްކަން)، އޮލެގާކީ، އޮޓޮކްރެސީ ފަދަ ތަފާތު ނިޒާމުތައް ހިމެނެއެވެ. މި ނިޒާމުތަކުގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ވެސް ހިމެނެއެވެ. ޖުމްހޫރިއްޔަތާއި ރަސްކަންތައް ވެސް ހިމެނެއެވެ. ކޮންމެ ނަމެއް ކިޔަސް، ކޮންމެ ނިޒާމެއް އޮތަސް އެ ނިޒާމަކުން ރައްޔިތުންނަށް ފައިދާ ވާނީ އިސްވެ ދެންނެވުނު ގޮތަށް ޢަމަލުކުރެވިގެންނެވެ.

މި ދުވަސްވަރު އެންމެ ޢާންމުކޮށް އިވޭ އަޑަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވިގެން ބަޔަކު އުޅޭ ވާހަކައެވެ. ރިޔާސީ ނިޒާމު ކަމުނުދާ ވާހަކައެވެ. ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ޢާންމު ވޯޓަކުން ދައުލަތުގެ އެންމެ އިސްވެރިޔާ ހޮވާ ނިޒާމެކެވެ. ޤާނޫނު ހަދާ މަޖުލިސްގެ މެންބަރުން އެ މެންބަރެއް ނިސްބަތްވެވަޑައިގަންނަވާ ދާއިރާއެއްގެ ޢާންމު ރައްޔިތުންގެ ވޯޓަކުން ހޮވާ ނިޒާމެކެވެ. މި ނިޒާމުގައި ދައުލަތުގެ ތިން ބާރު އޮންނަނީ ނަމުގައި ވަކިވެފައެވެ. ޢަދުލު އިންސާފުގެ ނިޒާމަށް ފަނޑިޔާރުން ޢައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުގެ ނިޒާމުގެ ތެރެއިންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، މިއީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމަކީ ސަރުކާރާއި ޤާނޫނު ހަދާ މަޖުލިސް އެކުވެފައިވާ އަދި ޢަދުލު އިންސާފުގެ ބާރު ވަކިވެފައިވާ ނިޒާމެކެވެ.

އިސްވެ ދެންނެވުނު ނިޒާމުތައް ހުރި ގައުމުތަކުގައި ވެސް ދެ ގައުމެއްގައި އެއް ގޮތަކަށް ކަންތަކެއް ނުހުރެއެވެ. މި ދެ ނިޒާމު މަސްހުނިވެފައި ހުންނަ ނިޒާމު ވެސް ހުރެއެވެ. ކުރީން ދެންނެވި ފަދައިން މި އިން ކޮންމެ ނިޒާމަކީ ވެސް އެ ނިޒާމެއްގައި ރަނގަޅު ކަންތައްތަކަކާއި އުނި ކަންތައްތަކެއް ވެސް ހުރި ނިޒާމެކެވެ. ރައްޔިތުންނަށް މަންފާކުރަނީ ނިޒާމުގެ ސަބަބަކުނެއް ނޫނެވެ. ވެރިކަންކުރައްވާ ބޭފުޅުންގެ އިޚުލާޞްތެރިކަމާއި ޢަދުލުވެރިކަމާއި ޤާބިލުކަމުގެ ސަބަބުންނެވެ.

ޕާލަމެންޓަރީ، ނުވަތަ ބަރުލަމާނީ ނިޒާމުގައި ވަޒީރުންނަށް ތިއްބަވާނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. އެހެންވީމާ، ރާއްޖޭގެ ޙާލަތަށް ބަލާއިރު، މި ނިޒާމު ރަނގަޅަސް ގޯހަސް، ހަމަ ގައިމު ވެސް މިއަދުގެ ޙާލަތަށް ބަލާއިރު ދިވެހިރާއްޖެ އަދި އެ ކަމަށް ތައްޔާރެއް ނުވެއެވެ. އެހެނީ، މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ދައުލަތް ހިންގުމުގެ ޒިންމާ އުފުއްލަވާން ގާބިލު ބޭފުޅުންކަމަކަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނާން ކޮންމެހެން ރައްޔިތުން ބޭނުންވެއްޖެ ނަމަ، އޭގެ ކުރީން ހަމަޖައްސާން ޖެހޭ ވަރަށް ގިނަ އިންތިޒާމުތައް އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލީހަށް އެކަށީގެންވާ ޤާބިލު ބޭފުޅުން ހޮވޭނެ ނިޒާމެއް ފުރަތަމަ ޤާއިމުކުރާން އެބަ ޖެހެއެވެ. މެންބަރުންގެ ތަޢުލީމީ ފެންވަރާއި ހިންގުމުގެ ޤާބިލުކަމާއި ތަޖުރިބާއަކީ ޝަރުޠެއް ކަމަށް ކަނޑައަޅައިގެން ވިޔަސްވެހެވެ. މިހެން ދެންނެވީމާ މި ވާހަކައިގެ ރައްދެއްގެ ގޮތުގައި ބައެއް ބޭފުޅުން ވިދާޅުވެދާނެ ވާހަކައެއް އަޅުގަނޑަށް ވިސްނެއެވެ. އެ ވާހަކައަކީ އެމެރިކާއާއި އިނގިރޭސިވިލާތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ތަޢުލީމީ ޝަރުޠެއް ކަނޑައަޅައިފައި ނެތް ވާހަކައެވެ. އެހެންވީމާ ނަމޫނާ ބަލާންޖެހޭނީ އެ ފަދަ ޑިމޮކްރެސީތަކުން ނޫންހެއްޔޭ ވިދާޅުވެދާނެ ވާހަކައެވެ. ނަމަވެސް ހަނދުމަފުޅުކޮށްލާން ޖެހޭ އެއް ކަމަކީ، އެ ގައުމުތަކަކީ ތަޞައްރަފު ފުދިފައިވާ ގައުމުތަކެއްކަމެވެ. ސިވިލައިޒްޑް މުޖުތަމަޢުތަކެއް ކަމެވެ. އެބޫޅޭ މިބޫޅޭ ޖާހިލު މީހުން އެ ފަދަ ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލާނެކަމެވެ. އަދި ކުރިމަތި ލިޔަސް އެ ތަންތާގެ ރައްޔިތުން، އެ ފަދަ ބަޔަކު ނުވެސް ހޮވާނޭކަމެވެ.

އަޅުގަނޑުމެން ހަނދާންކުރާން ޖެހޭ އަނެއް ކަމަކީ ތިންވަނަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ބޮޑެތި ޝަރުޠުތަކެއް ކަނަޑައަޅައިފައި ހުންނަކަމެވެ. މިސާލެއްގެ ގޮތުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ އިޤުތިޞާދީ ގޮތުން ކުރިއަރައިފައިވާ ތައިލެންޑްގައި ވެސް އަދި ދެކުނު އޭޝިއާގެ ފަގީރު ގައުމެއް ކަމުގައިވާ ބޫޓާންގައި ވެސް މި ފަދަ ޝަރުޠުތައް ކަނޑައަޅައިފައިވާ ކަމެވެ.

އެހެންކަމުން، ވެރިކަން ހިންގުމުގައި ކޮންމެ ނިޒާމަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ނިޒާމެއްކަމުގައި ވިޔަސް މި ރާއްޖޭގެ އަދުގެ ޙާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމު އެއް ގޮތަކަށް ވެސް ކަމުނުދާނެކަން ދަންނާން ޖެހޭނެއެވެ. މި ޙާލަތުގައި ރާއްޖެ އޮއްވައި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ތަޢާރަފުކޮށްފި ނަމަ، މިހާރަށްވުރެ ވެސް ނާގާބިލު މީހުން ދައުލަތުގެ ކަންކަމަށް އިސްވެ، ކޮރަޕްޝަނާއި ފަސާދަ މިހާރަށް ވުރެ ވެސް ބޮޑަށް ޢާންމުވުމުގެ ފުރުޞަތު މާ ބޮޑުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެހެންކަމުން، މި ރާއްޖޭގައި ވެރިކަންކުރާ ނިޒާމު މިހާރަށް އެންމެ ރަނގަޅީ ހަމަ ރިޔާސީ ނިޒާމެވެ. ބަރުލަމާނީ ނިޒާމެއް ކޮންމެހެން ގެނައުމުގެ ނިޔަތް އޮތް ނަމަ، ދައުލަތުގެ ހުރިހާ ނިޒާމަކާއި ގާނޫނީ އޮނިގަނޑު ވަރުގަދަކުރާން އެބަ ޖެހެއެވެ. ހަގީގަތުގައި މައްސަލައަކީ ނިޒާމުގެ މައްސަލައެއް ނޫނެވެ. ބަރުލަމާނީ ނިޒާމު ވެސް ގޯހެއް ނޫނެވެ. ނަމަވެސް މި ނިޒާމަށް ފައިހަމަކުރުމަށް ޓަކައި ދައުލަތުގެ ހިންގުމުގެ ކަންކަން މިހާރަށް ވުރެ ބޮޑަށް ފުރިހަމައަށް ތަންޒީމުކުރާންޖެހޭނެއެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކާން ޖެހޭނީ ވެސް އޭގެ ފަހުންނެވެ.