...

Support Us

ކޮލަމް މާޒީ: ޕާޓީގެ ކެންޑިޑޭޓު ޕުރޮމޯޓު ކުރުމުގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓާ ދެކޮޅަށް އެންޓިކެންޕޭނު ކުރަނީ ކީއްވެ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގެ ވޯޓުލުން އޮންނަ ދުވަސް މިހާރު ވަނީ ފޮއިދުވަހަށް ވުރެ ވެސް ކުރުވެފައެވެ. މި ހިސާބަށް އައި އިރު ވެސް އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވެރިކަން ކުރާ ކޯލިޝަންގެ ފަރާތުން އެ މީހުންގެ ކެންޑިޑޭޓު ޕުރޮމޯޓުކުރުމުގެ ބަދަލުގައި ބޮޑަށް މަސައްކަތް ކޮށްފައިވަނީ އިދިކޮޅު ކެންޑިޑޭޓާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރައި އެ ބޭފުޅުންގެ ޢަބުރާ ބެހޭށެވެ. އެއީ ކީއްވެގެންތޯއެވެ! އިންތިޚާބު ކާމިޔާބުކުރުމުގެ ފޯމިއުލާއެއް އޮތްކަމަށް ވިދާޅުވާ އިރު، ޕާޓީގެ ކެންޑިޑޭޓު ޕްރޮމޯޓުކުރުމުގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓާ ދެ ކޮޅަށް އެންޓިކެންޕޭނުކުރަނީ ކީއްވެގެންހެއްޔެވެ؟ މިއީ އުފެދޭ ސުވާލެކެވެ. ޖަވާބަކީ ވެރިކަން ހިންގާ ކޯލިޝަންގެ ކެންޑިޑޭޓަށް އިދިކޮޅު ކެންޑިޑޭޓަށް ވުރެ، އިސްކަމެއް ލިބޭނެ އެއްވެސް މައިދާނެއް ނެތްކަމެވެ. ޢިލްމާއި މަޢުލޫމާތެވެ. ތަޢުލީމާއި ތަޖުރިބާއާއި ހުނަރާއި ނަތީޖާއެވެ. ދީންވެރިކަމާއި އަޚުލާޤާއި ސުލޫކެވެ. ޢާއިލީ ފަތިފުށެވެ. މިއިން އެއްވެސް ދާއިރާއަކުން ނުވަތަ އެއްވެސް މައިދާނެއްގައި ޑރ. މުހައްމަދު މުޢިއްޒާ އަރައި އަރަފޯދޭނޭ އެއްވެސް އިސްކަމެއް، މޮޅު ކަމެއް، ވެރިކަންކުރާ މައި ޕާޓީގެ ކެންޑިޑޭޓްގެ ކިބައިގައެއް ނެތެވެ. އެހެންވީމާ އަނެއް ކެންޑިޑޭޓްގެ ޢަބުރާ ބެހުން ނޫންކަމެއް ކުރާން ނޭނގެނީއެވެ. އިންތިޚާބު ކާމިޔާބުކުރުމުގައި އޮތްކަމަށް ވިދާޅުވާ ފޯމިއުލާއަކީ އެއީބާވައެވެ!

ތަފާތު ދޮގު ތުހުމަތުތައް ޑރ. މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވާ މީހުން ދައްކާ ދޮގު ވާހަކަތަކަށް ޑރ. މުޢިއްޒު ރައްދުދެއްވައި އެހެން ކެންޑިޑޭޓުންގެ ޢަބުރަށް އަރައިގަންނާކަށް ނޫޅުއްވައެވެ. އެއީ ކީއްވެގެންހެއްޔެވެ؟ ސަބަބަކީ ފުރިފައި ހުރި އެއްޗެއް ގުޑުގުޑު ނާޅާނެތީއެވެ. އެ މަނިކުފާނުގެ ނަފުސަށް އޮތް އިތުބާރު އެ މަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. އަނެއް ކޮޅުން ޑރ. މުޢިއްޒަށް ތަފާތު ދޮގު ތުހުމަތުތައް ކުރާ މީހުންނާ ބެހޭ ގޮތުން ހުރި، ނޭދެވޭ ހަގީގަތްތައް ހާމަކޮށްފި ނަމަ، ފިތްކަނޑައިގެން ދާ ވަރުގެ ކިތަންމެ ކަމެއް ހުރި އިރު ވެސް، އެ ވާހަކަތައް ހާމަކޮށް، މީހުންގެ ޢަބުރާ ބެހިވަޑައިގަންނަވާކަށް ޑރ. މުޢިއްޒެއް ނޫޅުއްވައެވެ. "ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ"ތާއެވެ.

ޑރ. މުޢިއްޒާ އަޅައި ބަލާ އިރު، ދެވަނަ ބުރުގެ ވާދަވެރި ކެންޑިޑޭޓު ޑރ. މުޢިއްޒަށް ވުރެ ރަނގަޅުކަމަށް، މޮޅުކަމަށް، ޤާބިލުކަމަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެއެވެ. ދެން ކުރެވޭން އޮންނާނެ ކަމަކީ ޑރ. މުޢިއްޒާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުންތާއެވެ. އެކަމަކު އެ މީހުން އެ ކުރާ ކަމަކީ "ބިއްލޫރި ގެއެއްގައި ތިބެ އަނެކާއާ ދިމާއަށް އޮށްގާ އުކުމެވެ." އެހެން މީހަކު އެއްލާ އެންމެ ގާބުރިއަކުން ތިމާ ހުރި ގެ މުޅިން ފުނޑުފުނޑުވެދާނެކަން ވެސް ނޭނގެނީއެވެ. ނަމަވެސް މުސްލިމެއްގެ ނަމުގައި ހުރި މީހަކު ފަޟީޙަތްކުރުމަކީ ޑރ. މުޢިއްޒު ކުރައްވާނެ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ، ޓްރޭޑް މިނިސްޓްރީގެ ވަޒީފާއެއްގައި އެ މީހަކު ހުރިއިރު، ނަމާދާ ބެހޭ ގޮތުން އިނިސްޕެކްޓަރުންނާ މުޚާޠަބުކޮށް ދެއްކި ވާހަކަ ވެސް ހާމަކޮށްލެވުނީސްތާއެވެ! ނަމަވެސް އެއަށް ވުރެ، އެ މަނިކުފާނުގެ އަމިއްލަ ނަފުސުގެ ފުދުންތެރިކަން މާ ބޮޑެވެ.

ޑރ. މުޢިއްޒު، އިދިކޮޅު ތަރުޖަމާނަށް ރައްދު ނުދެއްވައި ހުންނަވަނިކޮށް، އެ މީހުން އެ ކުރާ ކަންތަކުގެ ނުބައިކަން ހަނދާންކޮށްދީ އެ ފަދަ ދޮގު ވާހަގަ ނުފެތުރުމަށް މި ދިޔަ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވައިލައިފައެވެ. އެ މީހުން ކުރާ ނުބައި ކަންތަކުގެ ބޮޑުކަން ވަނީ ހަނދާންކޮށްދީފައެވެ. ސާބިތު ނުހިފޭ ޔޯލަ ވާހަކަދެއްކުން ޙަރާމްކުރައްވައިފައިވާކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَلَا تَقۡفُ مَا لَيۡسَ لَكَ بِهِۦ عِلۡمٌۚ إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡ‍ُٔولٗا٣٦﴾ ("އަދި ތިބާއަށް އެ ކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބަޢަނުވާށެވެ! ހަމަ ކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާ މެދު ސުވާލުކުރައްވާނެ ކަމެއްކަމުގައި ވިއެވެ.") (އަލްއިސްރާ:36). އަދި ދޮގު ޚަބަރު ފެތުރުމަކީ މީސްތަކުން ކަތިލުމަށް ވުރެ، މާ ނުބައިކަން ބޮޑު ކަމެއްކަން ވެސް މާތްﷲ ވަނީ މީސްތަކުންނަށް ހަނދާންކޮށްދެއްވައިފައެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿وَٱلۡفِتۡنَةُ أَشَدُّ مِنَ ٱلۡقَتۡلِۚ ١٩١﴾ ("އަދި ޤަތުލުކުރުމަށް ވުރެ، ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.") (އަލްބަގަރާ: 191). ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގައިވެއެވެ. "كفى بالمرء كذباً أن يحدث بكل ما سمع" ("އިވޭ ކޮންމެ ވާހަކައެއް ދެއްކުން ދޮގުހެދުމެއްކަމުގައި ވުމަށް ފުދެއެވެ.") މި ފަދަ ވަޢުޡާއި ނަޞޭޙަތުން ހުކުރު ޚުޠުބާގައި ވަނީ ދޮގު ވާހަކަ ހަދައި ފަތުރާ މީހުންނަށް އެކަމުގެ ނުބައިކަން ހަނދާންކޮށްދެއްވައިފައެވެ.

ކޮންމެއަކަސް ޑރ. މުޙަންމަދު މުޢިއްޒާ ބެހޭ ގޮތުން ދޮގު ވާހަކަ ހަދައި ފެތުރުމަކީ އިދިކޮޅު ކެންޑިޑޭޓުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ކެންޕޭނުކުރާން ބޭނުންކުރާ ހަމައެކަނި އިސްތިރާޖެވެ. މި ކަން މި މަގަށް ކުރަމުން ގެންދިޔަ އިރު، ގެންދާ އިރު ވެސް، ޑރ. މުޢިއްޒު އުޅުއްވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ސިޔާސަތު ރައްޔިތުންނަށް ވިއްކެވުމަށް ޓަކައި، ރައްޔިތުންގެ ގާތަށް ދަތުރުފުޅުކުރެއްވުމުގައެވެ. އެހެން މީހަކާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ނުދައްކަވައެވެ. އަދި ރައްދުދެއްވައެއް ވެސް ނުހައްދަވައެވެ. އެންމެ ފަހުން، ހުކުރު ޚުޠުބާގައި މި ވަނީ އެ ކަމަށް އެޑްރެސް ކުރައްވައިފައެވެ.

މި ކަންކަމުން ފެނި ސާބިތުވަނީ ކޮން ކަމެއްތޯއެވެ! މި ކަމުން ސާފުކޮށް ފެންނާން އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކުރެ، ޑރ. މުޢިއްޒުގެ ޤާބިލުކަމާއި ނަފުސީ ފުދުންތެރިކަމެވެ. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެކަމެވެ. އަނެއް ކެންޑިޑޭޓުގެ ހެވަތުގައި ދައްކާނެ ހެޔޮ ވާހަކައެއް ނެތްކަމެވެ. އެ މީހުންގެ ހަމައެކަނި ކެންޕޭނު އިސްތިރާޖަކީ ޑރ. މުޢިއްޒާ ބެހޭ ގޮތުން ދޮގު ވާހަކަ ހަދައި ފެތުރުން ކަމަށް ހަދައިފައިވަނީ އެހެންވެގެންނެވެ. ޕާޓީގެ ކެންޑިޑޭޓު ޕްރޮމޯޓުކުރުމަށް ޓަކައި ދައްކާނެ އެއްވެސް ހެޔޮ ވާހަކައެއް ނެތީމައެވެ. ޕާޓީގެ ކެންޑިޑޭޓު ޕްރޮމޯޓު ކުރުމުގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެންޕޭނު ކުރަނީ އެހެންވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.