Support Us

ކޮލަމް މާޒީ: ދެވަނަ ބުރުގައި ވޯޓުދޭންވީ ކޮން ބޭފުޅަކަށް؟

ސުރުޚީގައި އެ އޮތް ސުވާލުގެ ޖަވާބު ވަރަށް ސާދާއެވެ. ކޮންމެ ބޭފުޅަކު ވެސް ވޯޓުދެއްވާންވާނީ އެއްވެސް އެހެން މީހެއްގެ ނުފޫޒެއް ފިއްތުމެއް ނެތި، އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ކެންޑިޑޭޓަކަށެވެ. މިއީ ވަރަށް ސާފު ސީދާ ޖަވާބެކެވެ. އުނދަގޫވާނީ ރަނގަޅު ބޭފުޅަކީ ކޮބައިކަން ކަނޑައަޅުއްވާށެވެ. އެހެންކަމުން އެންމެ ރަނގަޅު ބޭފުޅަކު އިޚުތިޔާރުކުރެއްވުމުގައި ބައްލަވާނެ މިންގަނޑުތަކެއް އަޅުގަނޑު ހުށަހަޅައިލާނަމެވެ. އެއީ ތިޔަ ބޭފުޅުންނަށް ވޯޓުދެއްވާ ބޭފުޅަކު ކަނޑައެޅުއްވުމުގައި ތަންކޮޅެއް ފަސޭހަފުޅުވެދާނެކަމަށް ފެންނާތީއެވެ.

އެންމެ ފުރަތަމަ ކަމަކީ ތިމާ ވޯޓު މި ދެނީ ތިމާގެ މައްޗަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު އަމުރު މަޢުރޫފު ހިންގަވާނޭ ވެރިއެއްކަމަށް ގަބޫލުފުޅުކުރެއްވުމެވެ. މިއީ މި އުންމަތުގެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އިޖުތިމާޢީ ގޮތުންނާއި ޤައުމީ ގޮތުން އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން ގަބޫލުފުޅުކުރެއްވުމެވެ. އެހެނީ ރައްޔިތުން މި ހޮވަނީ، ބައިނަލްއަޤުވާމީ ދުނިޔޭގައި ދިވެހި ޤައުމުގެ ޝަރަފާއި ކަރާމާތާއި އަބުރު ޙިމާޔަތްކޮށް ދިވެހިރާއްޖެ ޝުހުރަތުކުރާނޭ ވެރިއެކެވެ. ގައުމުގެ ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ވެރިއެކެވެ. ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތްކުރާނޭ ވެރިއެކެވެ. މުޅި ރާއްޖޭގެ ބިނާރު ގާއިމުކޮށް ޤައުމު ތަރައްޤީކުރާނެ ވެރިއެކެވެ. އެހެންކަމުން ކޮންމެ ބޭފުޅަށް ވެސް ފެނިވަޑައިގަންނަވާ އެންމެ ތަޢުލީމީ، އެންމެ ހުނަރުވެރި، އެންމެ ތަޖުރިބާކާރު، އެންމެ ދީންދެކެ ލޯބިވާ، އެންމެ އިޚުލާޞްތެރި، އެންމެ ގާބިލު، ކެނޑިޑޭޓަކަށް ވޯޓުދެއްވީމާ އެ ނިމުނީއެވެ. އެއީ ކޮން ކެންޑިޑޭޓެއްކަން ކަނޑައަޅުއްވާނީ މީހަކު ބުނެގެންނެއް ނޫނެވެ. މާތް ﷲއަށް ޓަކައި އެ ބޭފުޅަކު އަމިއްލަފުޅަށެވެ. އިޚުލާޞްތެރިކަމާއެކީގައެވެ.

މި ނަޒަރުން ބަލާއިރު، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދެއްވާނެ ބޭފުޅެއް ކަނޑައަޅުއްވާން ވަރަށް ފަސޭހައެވެ. ވޯޓުދެއްވާން ތިއްބެވީ ދެ ޖޯޑެކެވެ. އެއް ޖޯޑަކީ މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމް.ޑީ.ޕީ. ރިޔާސީ ކެންޑިޑޭޓު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙާއި އެ މަނިކުފާނުގެ ނާއިބު (ރައްޔިތުންގެ މަޖިލީހުގެ މެންބަރު) މުޙަންމަދު އަސްލަމެވެ. އަނެއް ޖޯޑަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު, މާލޭގެ މޭޔަރ ޑރ. މުޙަންމަދު މުޢިއްޔާއި އެ މަނިކުފާނުގެ ނާއިބު (ރައްޔިތުންގެ މަޖިލީހުގެ މެންބަރު) އަލްއުސްތާޒު ޙުސައިން މުޙަންމަދު ލަޠީފެވެ.

އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމާއި އެ މަނިކުފާނާއިބުކަމަށް ވާދަކުރައްވާ ދެ ބޭފުޅުންނަށް ބަލާ އިރު، ރިޔާސީ ކެންޑިޑޭޓަކީ މަތީތަޢުލީމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ހިންގުމުގެ ދާއިރާގެ އެއްވެސް މަޤާމެއް ފުރުއްވައިފައިވާ ބޭފުޅެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ދެ ދަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވިޔަސް އެ ތާނގައި ވެސް ޢިލްމީ މަސައްކަތްޕުޅުތަކެއް ކުރެއްވުމުގެ ރެކޯޑެއް ނެތެވެ. ރަލުގެ ވިޔަފާރީގެ ނަހަމަ މުޢާމަލާތެއް ކުރެއްވުމުގެ ކުށުގެ ރެކޯޑެއް އެބަ އޮތެވެ. ފާހަގަކޮށްލެވޭ އެއްވެސް ހުނަރެއް ނެތެވެ.

އެ މަނިކުފާނުގެ ނާއިބު އަސްލަމް ވެސް ހަމަ މި ފަދައެވެ. ކޮންމެވެސް ދާއިރާއަކުން ޑިޕްލޮމާއެއް ހޯއްދަވައިފައި ވިޔަސް ފުރަތަމަ ޑިގްރީ ވެސް ޙާޞިލުކުރައްވައިފައެއް ނެތެވެ. އެއް ދަހަރަށް ވުރެ ގިނަ ދަހަރު ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވުން ފިޔަވައި ފާހަކަކޮށްލެވޭ އެހެން ރެކޯޑެއް ނެތެވެ. ކުށުގެ ރެކޯޑެއް ނެތެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާކަމާއި އެ މަނިކުފާނުގެ ނާއިބުކަމަށް ވާދަކުރައްވާ ދެ ބޭފުޅުންނަށް ބަލާ އިރު، ޑރ. މުޢިއްޒަކީ ތަޢުލީމީ އެންމެ މަތީ ސަނަދުކަމުގައިވާ ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ބެޗްލާރސް ޑިގްރީއާއި މާސްޓާސް ޑިގްރީ ޙާޞިލުކުރެއްވީ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގައެވެ. ޑޮކްޓަރ އޮފް ޕިލޯސަފީ ޙާޞިލުކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްގައެވެ. ޑރ. މުޢިއްޒަކީ ކުޅަދާނަ މިއުމާރެކެވެ. ބިނާރު ތަރައްގީކުރެއްވުމުގެ ދަންނީ ތަޖުރިބާކާރެކެވެ. ފަންނީ އަދި ދަންނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ޚިދުމަތްކުރައްވައިފައިވެއެވެ. ސަރުކާރުގެ ވަޒީރުކަމުގައި ހައެއްކަ އަށެއްކަ އަހަރު ނުހަނު ގާބިލުކަމާއެކު މަސައްކަތްޕުޅުކުރައްވައި ނަތީޖާ ދައްކަވައިފައިވެއެވެ. އޭޝިއަން އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭއައިޑީބީ)އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައިވާ ގަވަރުނަރުގެ މަޤާމު ވެސް ޑރ. މުޢިއްޒު ވަނީ އަދާކުރައްވައިފައެވެ. އެ މަނިކުފާނުގެ އެއްވެސް ކުށުގެ ރެކޯޑެއް ސުލޫކީ އަޚުލާޤީ މައްސަލައެއްގެ ރެކޯޑެއް ނެތެވެ.

އެ މަނިކުފާނުގެ ނާއިބު ޙުސައިން މުޙަންމަދު ލަޠީފަކީ ރާއްޖެއިން ޢަރަބިއްޔާއާއި މަޢުހަދުން ޢަރަބި މީޑިއަމުން ސާނަވީއާއި މަތީސާނަވީ ނިންމެވުމަށް ފަހު، މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ދަސްވެނިވެވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ. ޤާނޫނީ ވަކީލެއް ވެސް މެއެވެ. އަދި އެ މަނިކުފާނުވަނީ މެނޭޖްމަންޓް (ހިންގުމުގެ) ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވައިފައެވެ. ރައްޔިތުންގެ ރުހުމާއި ލޯތްބާއެކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ގެންދަވަނީ ދެވަނަ ފަސް އަހަރު ފުރިހަމަކުރައްވަމުންނެވެ. ސަރުކާރުގެ ފަންނީ މަގާމުތަކުގައި ވަނީ ޚިދުމަތްކުރައްވައިފައެވެ. ކުށުގެ ރެކޯޑެއް ނެތެވެ.

އިސްވެ މި ދަންނަވައިލެވުނު މަޢުލޫމާތަކީ ވޯޓުދެއްވާނެ ބޭފުޅަކު ކަނޑައަޅުއްވާން ފަސޭހަފުޅުވާނެ މަޢުލޫމާތަކަށް ވާނޭކަމަށް އުންމީދުކުރަމެވެ.

އެއްވެސް ޝައްކެއް ނެތެވެ. ޤައުމީ އިންތިޚާބެއްގައި ވޯޓު ދިނުމަކީ ސަމާސާ ކަމެއް ނޫނެވެ. އެއީ އަމާނާތެކެވެ. މާތްﷲއަށް ޓަކައި އަދާކުރާން ޖެހޭ އަމާނާތެކެވެ. ﷲއަށް ޓަކައި އިޚުލާޞްތެރިކަމާ އެކު، މި އަމާނާތް އަދާކުރައްވައިފި ނަމަ، ﷲގެ ރަޙުމަތްފުޅުން އެއީ ސަވާބު ލިބެވިނިވި ހެޔޮ ޢަމަލެއްކަމުގައި ވާނޭކަން ގަބޫލުކުރާން އެބަ ޖެހެއެވެ. އާމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް މާތްﷲ ވަނީ އަމުރުކުރައްވައިފައެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿۞إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تُؤَدُّواْ ٱلۡأَمَٰنَٰتِ إِلَىٰٓ أَهۡلِهَا ٥٨﴾ ("ހަމަކަށަވަރުން، އަމާނާތައް، އޭގެ އަހުލުވެރީންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ.") އަދި އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކަށް އަޅުގަނޑުމެން މަސްއޫލުވާން ޖެހޭނެ ދުވަހެއް އެބަ އޮތްކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ ٱلسَّمۡعَ وَٱلۡبَصَرَ وَٱلۡفُؤَادَ كُلُّ أُوْلَٰٓئِكَ كَانَ عَنۡهُ مَسۡ‍ُٔولٗا٣٦﴾ ("ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެކަމެއް ކަމުގައިވެއެވެ.") އެހެން ކަމުން ޤައުމުގެ ވެރިޔާ އިންތިޚާބުކުރުމަށް ޓަކައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު، މާތްﷲއަށް ޓަކައި ވޯޓުދެއްވުމަކީ ކޮންމެ ބޭފުޅަކުމެ އަދާކުރައްވާން ޖެހޭ އަމާނާތެއްކަމަށް ދެކެވަޑައިގަންނަވާށެވެ! އެއީ އަޅުގަނޑުމެން އުފުއްލާންޖެހޭ މަސްއޫލިއްޔަތެއްކަމަށް ގަބޫލުކުރައްވާށެވެ! މާތް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު މި ޤައުމީ މަސްއޫލިއްޔަތު އަދާކުރައްވާށެވެ! މި މަހު 30ވަނަ ދުވަހު ހެނދުނުހެނދުނާ ނުކުމެވަޑައިގެން އިޚުލާޞްތެރިކަމާއެކު އެންމެ ރަނގަޅު ކެންޑިޑޭޓަށް ވޯޓުދެއްވާށެވެ! މާތްﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤުދެއްވާށިއެވެ!