ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ރައްޔިތުންގެ އަތުން ހަރުދުވި އެވްރެޖް އަގެއްގެ ގޮތުގައި ފްލެޓަކަށ1 ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ އަނބުރާ ދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީއަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި، ހުޅުމާލޭ ފޭސް ދޭއްގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާ ޑރ. މުއިއްޒު މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއް މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނުވަ ހަފުތާގެ ތެރޭގައި ހިއްކާފައިވާ ތަނެއް ކަމަށާއި ފޭސް ދޭއްގެ ކޮންމެ ވެލިފުކެއް ރައީސް ޔާމީންގެ ތަރައްގީއަށް ހެކިވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައިސް ހިޔާ ފްލެޓްތައް ތަޅާލަން މަސައްކަތްކުރި ކަަމަށާއި އެ ކަންތައް އެގޮތަށް ނުވެގެން ހިޔާ ފްލެޓްތައް ރައްޔިތުންނާ ހަވާލުކުރީ ފިނިޝިން ވެސް ނުނިންމައި ވަރަށް ވެސް ނިޔަމެތި ގޮތަކަށް ކަމަށެވެ.
"(ފޭސް ދޭއްގައި) މިފެންނަ ހުރިހާ ޓަވަރެއް މި ސަރުކާރުން އައިސް ތަޅާލަން އުޅުނު. އުޅެއުޅެ ވެސް އެކަން ނުވެގެން އެތަންތަން ހަވާލުކޮށްފައި ވަނީ ފިނިޝިން މަސައްކަތް ނުނިންމާ. އަޅުގަނޑު ވާނީ ކުރިން ވެސް ބުނެފައި މި ފްލެޓްތަކަށް ވަންނަން ދިޔަ ހަރަދުގެ އެވްރެޖްް އަގެއް ދޭނެ ކަމަށް. އެއީ ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ފަސް ޑިޒައިނެއް ކަނޑައަޅައި ރައްޔިތުން ބޭނުންވާ ޑިޒައިނެއް ކަނޑައެޅީމަ އެ ޑިޒައިނަކަށް އެޗްޑީސީ (އާބަންކޯ) އިން ހަދައިދޭ ގޮތަށް ރޭވިފައިވާ މަޝްރޫއެއް ކަމަށެެެވެ. އެހެންކަމުން އާބަންކޯއިން ލޯނެއް ނަގައިގެން ރައްޔިތުންނަށް އެ ފައިސާ އަނބުރާ ލިބޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ބޭންކްތަކުން ލޯން ނަގައިގެން ހިޔާ ފްލެޓްތައް ގަނެފައި އެބަހުރި ކަމަށާއި ބޭންކްތަކާ ވާހަކަ ދައްކައިގެން ރަނގަޅު ގޮތްތަކެއް އެ ފަރާތްތަކަށް ވެސް ހަދައިދޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެއަކީ ރައީސް ޔާމީންގެ ސަރުކާރުން ޔޫތް ސިޓީއެއްގެ ގޮތުގައި ތަަަރައްގީ ކޮށްދެއްވުމަށް ކަނޑައަޅާފައިވާ ސިޓީއެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ހުޅުމާލޭ ފޭސް ދޭއް ހިތްގައިމުގެ ސަހަރެއްގެ ގޮތުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެެވަނަ ބުރުގައި، މި މަހު 30ގައި، ރައްޔިތުން ގޮތެއް ނިންމުމުގައި އެމްޑީޕީ ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރުން ފިލާވަޅުތައް ނަގައިގެން މުހިންމު ނިންމުންތަކެއް މުސްތަގުބަލަށްޓަކައި ނިންމާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ފޭކް އެގްރީމަންޓްތައް ހަދައިގެން ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތުގައި ނުޖެހި ދިވެއްސަަކަށް ވީތީ ފަހުރުވެރިވެ، ދަރިންގެ ދަރިންނަށްޓަކައި އަމާނާތްތެރިކަމާ އެކު ގައުމު ހަވާލުކޮށްދިނުމަށްޓަަކައި ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި ރައްޔިތުން ގައުމަށްޓަކައި ވިސްނާފައި ވޯޓްދިނުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment