ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަގާ ވޯޓަކީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދުގައި އެކަނި ނެގޭ ވޯޓެއް ނޫން ކަމަށާއި "މިއީ އިންޑިއާ އާއި ދިވެހި ރައްޔިތުންނާ ދެމެދުގައި ނެގޭ ވޯޓެއް" ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ދަތުރުގައި ރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމު އިސްކުރަންޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށާއި ތާރީހު ބުނާ ގޮތުން މިހާރަށް ވުރެ ވަކި ބޮޑަށް ގައުމުގެ މިނިވަންކަމަށް ނުރައްކާވެފައިނުވާ ކަމަށެވެ. އަދި ގައުމު މިހާލަތުން އަރައިގަތުމަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތަކީ މި މަހު 30 ގައި ރައްޔިތުންގެ އަތަށް އަރާ ވޯޓް ކަރުދާސްކޮޅުގެ ބޭނުން ހިފައި ގައުމު ސަލާމަށް ކުރުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މީގައި (ރިޔާސީ އިންތިހާބުގައި) ވާދަކުރަނީ އިންޑިއާގެ ސަރުކާރު ހިންގާ ޕާޓީ ބީޖޭޕީގެ ކެންޑިޑޭޓަކާއި ދިވެހި ރައްޔިތުންގެ ކެންޑިޑޭޓެއް. އިންޑިއާގެ އަޅުވެތިކަމަށް ދިއުމާއި ދިވެހިންގެ މިނިވަންކަން ދެމިއޮތުމާ ދޭތެރޭގައި ބޭއްވޭ އިންތިހާބެއް މިއީ. އަޅުގަނޑުމެންގެ ސިޔާދަތާއި އިސްތިގުލާލް ރައްކާތެރިކޮށް ދެމެހެއްޓުމާއި އެ ނަގާލުމާ ދޭތެރޭގައި ބޭއްވޭ އިންތިހާބެއް މިއީ. ދިވެހިންގެ ދިވެހިވަންތަކަމާއި އަމިއްލަވަންތަކަމާއި މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމާއި ނުދިނުމާ ދޭތެރޭގައި އޮތް އިންތިހާބެއް މި އިންތިހާބަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ އަތްދަށަށް ރާއްޖެ ދާނީތޯ ނުވަތަ ދިވެހި ގައުމު މިނިވަންކުރާނީތޯ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމަންޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމު މިހާރު މިއޮތް ހާލަތަކީ ސަމާސާކުރަން ޖެހޭ ވަގުތެއް ނޫން ކަމަށާއި ލޯންޗަކުން ގެންނަ ކަޅު ފައިސާކޮޅަށް ވޯޓްކޮޅު ވިއްކާލައިގެން ނުވާނެ ކަމަށެވެ. އަދި ދުނިޔޭގެ އިސްލާމީ އެކިއެކި ދައުލަތްތައް ހަލާކުވެގެން ގޮސްފައިވާ ގޮތް ދުނިޔޭގެ ތާރީހުން ފެންނަން އެބަހުރި ކަމަށާއި ގައުމުތައް އަޅުވެތިކުރަން ބޭނުންވީމާ އަނިޔާވެރިއޭ ކޮރަޕްޝަނޭ ފަސާދައޭ ހުދުމުހްތާރޭ ކިޔައިގެން އެ ގައުމުތަކުގެ ވެރިކަން ބަދަލުކުރުމަކީ އަލަށް ހިނގާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ގައުމަކަށް ހަމަޖެހުން އައިސްފައިނުވާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ގައުމުތައް ވެސް ހަލާކުވެގެން ގޮސްފައިވަނީ ގައުމުގެ ރައްޔިތުންގެ ތެެރެއިން ބަޔަކު މަދު ފައިސާކޮޅަކަށް އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކަށް ވިކިގެން ދިއުމުގެ ސަބަބުން ކަމަށެވެ. ދިވެހި ރާއްޖެއަށް ވެސް މިހާރު އެފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ވަޒީފާގެ ބިރު ސަރުކާރުން ދައްކަމުން ގެންދާ ވާހަކަ ވަރަށް ގިނައިން އެބަ އަޑުއިވޭ ކަމަށާއި ބޮޑު ތަކުރުފާނުގެ ކިބައިން އިބުރަތް ހޯދައިގެން ހުރިހާ ދިވެހި ރައްޔިތުން ގައުމު ސަލާމަތްކުރަން ނުކުންނަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފެނަކައިގެ ވަޒީފާ ގެއްލިދާނެތީ ބިރު ގަންނާކަށް ނުޖެހޭ. އާރުޑީސީގެ ވަޒީފާ ގެއްލިދާނެތީ ބިރުގަންނާކަށް ނުޖެހޭ. ވަޒީފާ ސަލާމަތް ކުރެވޭނީ އަމިއްލަ ފަސްގަނޑު ސަލާމަތްކޮށްގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އައްދުއްރަހީމް ވާހަކަފުޅު ނިއްމާލައްވަމުން ވިދާޅުވީ ސަރުކާރުން ފައިސާ ވެސް ބަހާނެ ކަމެއް ނެތް ކަމަށާއި އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުއިއްޒު 60 އިންސައްތައިން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެއެންސީ ކުރިއަށް ގެންދަނީ ގައުމީ މަސައްކަތެއް ކަމަށާއި އެހެންކަމުން ސިޔާސީ އެހެން ލީޑަރުން ވެސް ގައުމު އިސްކޮށް "ގައުމީ ލަޝްކަރާ" ގުޅެންވީ އެއްވެސް އަމިއްލަ އެދުމެއް ނެތި، ޝަރުތަކާ ނުލައި ކަމަށް ވިދާޅުވި އެވެ. އަދި މޯލްޑިވިއަން ނޭޝާނަލް ޕާޓީ (އެމްއެންޕީ) އިން އެއްވެސް ޝަރުތަކާ ނުލާ ގައުމު ސަލާމަތް ކުރުމަށް އެ ކޯލިޝަނާ ގުޅިފައިވާތީ އެކަމަަށްޓަކައި އެ ޕާޓީގެ ލީޑަރޝިޕަށް އަބްދުއްރަހީމް ޝުކުރު އަދާކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment