Support Us

ރިޔާސީ އިންތިހާބު 2023

ޕެންޝަން ފަންޑުން އަމިއްލަ ބޭނުންތަކަށް ފައިސާ ނެގޭ ގޮތް ހަދާނަން: ޑރ. މުއިއްޒު

ފެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ނެގޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ދަތުރުގައި ރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ފެންޝަން ފަންޑުގައި މިހާރު ވެސް 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އަހަރަކު 100 މިލިއަން ރުފިޔާގެ ފައިދާ އެ ފަންޑަށް ޖަމާވާ ކަމަށެވެ. އަދި ޕެންޝަން ފަންޑުން މިހާރު މާ ބޮޑު ފައިދާއެއް ރައްޔިތުންނަށް ނުވާ ކަމަށާއި ނަމަވެސް ފަރުޟު ހައްޖު އަދާކުރުމަށާއި އެޕާޓްމަންޓް ގަތުމަށް ކޮންމެވެސް ވަރަކަށް މިހާރު ފައިސާ ލިބޭކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ފެންޝަން ފަންޑުގައި ހުރި ފައިސާ، އުމުރުން 65 އަހަރު ވީމާ، ނުވަތަ 50 އަހަރު ވެގެން ރިޓަޔާ ކުރާއިރު ލިބޭ ގޮތަށް އޮތުމުގެ ބަދަލުގައި ވަޒީފާ އަދާކުރާތާ 10 އަހަރު ވީމާ އެ ފަންޑުގައި ހުރި ފައިސާއިން ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ނެގޭނެ ގޮތަށް އެ ގާނޫނު ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

"ޕެންޝަން ފަންޑަށް ބަދަލު ގެނެސްގެން ގެދޮރު ބިނާކުރުމަށާއި ދަރިން ބޭރަށް ކިޔަވަން ފޮނުވުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަަކައި އިންވެސްޓެއްގެ ގޮތުގައި އެމީހާ އެ ޖަމާކޮށްފައި ހުރި ފައިސާއިން ކޮންމެވެސް ވަރެއް ނެގޭނެ ގޮތް އެބަ ހަދަންޖެހޭ. މިފަދަ ކަންކަން ކުރަން ފައިސާ ނެގޭނެ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަަހަޅާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *