Support Us

ރިޔާސީ އިންތިހާބު 2023:

ޑރ. މުއިއްޒާއެކު ކޯލިޝަން ހަދައިގެން ނިކުތީ އެއްވެސް ޝަރުތެެއް ނެތި، ގައުމު ސަލާމަތްކުރަން: ނާޒިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއެކު މަސައްކަތް ކުރުމަށް ނިންމީ އެއްވެސް ޝަރުތެއް ނެތި، ގައުމު ސަލާމަތްކުރުމުގެ ބޭނުމުގައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަތޮޅުތަކުގެ ރަށްތަކަށް ކުރަމުން ގެންދާ ދަތުރުގައި މިއަދު އއ. ފެރިދޫގައި ބޭއްވި ބައްދަލުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހަދައިގެން ނުކުމެވަޑައިގެންނެވީ ގައުމީ މަސައްކަތެއް ކުރެއްވުމަށް ކަމަށާއި އެންމެން އެކަތިގަނޑަކަށްވެގެން ގައުމު ސަލާމަތްކުރަން ޖެހިފައިވާތީ ކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭ ހާލަތު މިއަދު އޮތް ގޮތަށް ބަލާއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތެއް ނެތް ކަމަށާއި ރާއްޖޭން ފެންނަނީ ވަކި ގައުމެއްގެ މައްޗަށް އަޅުދާސްވެގެން އުޅޭ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ވަކި ގައުމަކަށް ބިނާކުރެވި ރައްޔިތުންނަށް ހަމަ ބަސްބުނުމުގެ ފުރުސަތު ނުލިބި، ބޭރު ގައުމެއްގެ ބަސް ހިނގާ ގޮތަށް ރާއްޖެ އޮވެގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމެއް ނެތޭ ދެންނެވިއަސް ކުށަކަށް ނުވާނެ. އަޅުގަނޑުމެން މިއައީ ގައުމު ސަލާމަތްކުރަން. އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރަން އެއްބަސްވުމެއް އެކުލަވާލިން. މި އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީއާ އެކު އެމްއެންޕީން ކޯލިޝަން ހެދީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ނުކުރުމަށް ޝަރުތުކޮށް ކަމަށް ދޭހަވާ ފަދަ ކޯލިޝަންގެ އެއްބަސްވުމެއް ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ބަޔަކު ދަނީ ފަތުރަމުންނެވެ. އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންކުރަން އެންމެ ބޮޑަށް ބޭނުންވަނީ އޭނާ ކަމަށާއި ތަފާތު ގޮތްގޮތަށް ވާހަކަތައް އެކިއެކި ފަރާތްތަކުން ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުން މިނިވަންވެގެން ވަޑައިގަންނަވާ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކުރަން. އަޅުގަނޑު ނޭދެން ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮންނާކަށް. ސެލެކްޓިވް ޖަސްޓިސްއެއް ކޮށްގެން ރައީސް ޔާމީންގެ މައްޗަށް ހަރާމްހުކުމެއްކޮށް ޖަލުގައި އޮންނާކަށް ބޭނުމެއްނުވޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުން މިއަދުވެސް ތިބީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ސެޕްޓެމްބަރު 30 ވަނަ ރައްޔިތުން ނުކުމެ ޑރ. މުއިއްޒަށް ދޭ ވޯޓުން ރައްޔިތުން ބޭނުންވާ ތަރައްގީއާއި ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ ސަރުކާރެއް އެކުލެވިގެންދާ މަންޒަރު މިހާރު ވެސް ފެންނަން އެބައޮތް ކަމަށެވެ.

"(ރައީސް ސޯލިހުގެ) މި ސަރުކާރަކަށް ހަގީގަތުގައި ތިބޭފުޅުން އެދޭ ކަންކަން ހާސިލެއްނުވި. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޖީބަށް ފައިސާ ވަންނަން. އަޅުގަނޑުމެން ބޭނުމެއްނުވޭ (ހަމައެކަނި) ފެނާއި ނަރުދަމާއާއި ބަނދަރުތައް ހަދައިގެން ތިބޭކަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކަފުޅުގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން އެމްއެންޕީން ކުރިއަށްގެންދާ ގައުމީ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް އެއްވެސް ބިރެއް ނެތި ބައިވެރިވުމަށާއި ސިޔާސީ ޕާޓީތަކުން ފަހަތަށް ޖެހިގެން ނުތިބުމަށެވެ. ވަކިން ހާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމް.އާރް.އެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނާއި އުމަރު ނަސީރު ފަދަ ސިޔާސީ ލީޑަރުން ޑރ. މުއިއްޒުގެ ކޯލިޝަނާ ގުޅިވަޑައިގެން ގައުމީވަންތަކަން ދައްކައިދިނުމަށް ވެސް ނާޒިމް ގޮވާލެއްވި އެވެ.

"އެހެން ނޫންނަމަ އެ ވެވެނީ ގައުމަށް ހަރާންކޯރު،" ނާޒިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *